ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ޤާނޫނަކުން ރައްކާތެރިކަން ލިބިފައިވާ، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އާރާސްތުކުރެވިފައިވާ ނިޒާމެއް ކަމަށާއި، ޒަކާތު ފައިސާ ބަލަހައްޓަމުންދަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025ވަނަ އަހަރު މުޅިއެކު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޒަކާތުން ލިބޭ ފައިސާ ހޭދަކުރަމުން ދަނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން، އެކުލަވާލައި ޢާންމުކޮށްފައިވާ ޝަރީޢާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މި ފައިސާއިން ޚަރަދުކުރެވެމުންދާ ގޮތް މަހުން މަހަށް ޢާންމުކޮށް ހާމަކުރަމުންދާ ކަމަށާއި، ޒަކާތުގެ ކަންކަމުގައި ޒަކާތު ކައުންސިލާއި ޝަރީޢާ ކޮމިޓީގެ ލަފާ ހޯއްދަވަމުން ގެންދަވާ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވުނު ދެ އަހަރުކަން ފާހަގަކުރައްވަމުން، އެ މަނިކުފާނު ވިދާޅުވީ އެ ދެ އަހަރަކީ ތާރީޚީ ގޮތުން އެންމެ ގިނައިން ޒަކާތް ލިބުނު ދެ އަހަރު ކަމަށެވެ. އަދި މިއަހަރަކީ ދިވެހިރާއްޖޭގެ މުޅި ތާރީޚުގައި ވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު ކަމަށާއި، އެންމެ ގިނައިން ފަޤީރުންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް ހޭދަކުރެވުނީ ވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ފަޤީރުންނަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން އެ ފަރާތްތަކުގެ ތަޢުލީމާއި ޞިއްޙަތަށް ވެސް ޒަކާތު ފައިސާއިން ހޭދަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޝަރީޢާ ހުއްދަކުރާ މަގުން ޒަކާތު ފަންޑު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، ޒަކާތަށް ވަކި ޚާއްޞަ އިދާރާއެއް ޤާއިމުކުރެވިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބަދަލުތަކާ ގުޅިގެން ރައްޔިތުން ޒަކާތުގެ ނިޒާމަށް ދެއްވާ އިތުބާރަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ޤާނޫނަކުން ޒަކާތުގެ ނިޒާމު ތަރައްޤީކޮށްދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވެސް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2026ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ސެޕްޓެންބަރު 30ގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 109,262,025.69 (އެއްސަތޭކަ ނުވަ މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް ފަންސަވީސް ރުފިޔާ ފަންސާސް ނުވަ ލާރި) ވަނީ ބަލައިގަނެފައެވެ. މިއީ ގާތްގަނޑަކަށް 109.26 މިލިއަން ދިވެހި ރުފިޔާއެވެ.
މި ޢަދަދަކީ 2025ވަނަ އަހަރު އެއްކޮށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 106,456,071.00 ރުފިޔާއާ އަޅާބަލާއިރު 2,805,954.69 ރުފިޔާގެ އިތުރުވުމެކެވެ. އެހެންކަމުން، މިދިޔަ އަހަރުގެ މުޅި ޖުމުލަ ޢާމްދަނީއަށް ވުރެ، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ލިބުނު ޢަދަދު މިހާރު ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ. ޒަކާތު ހައުސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ގާތްގަނޑަކަށް %2.64 ގެ ކުރިއެރުމެކެވެ.
މީގެއިތުރުން، ބަލައިގަތް ފައިސާގެ ތަފްޞީލަށް ބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު 30ގެ ނިޔަލަށް ދިވެހި ރުފިޔާއިން ޖުމުލަ 108,739,116.62 ރުފިޔާ ލިބިފައިވެއެވެ. އަދި ބޭރު ފައިސާގެ ގޮތުގައި މުދަލު ޒަކާތަށް ބަލައިގަނެފައިވަނީ 34,021.41 ޔޫއެސް ޑޮލަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!