ބެލެނިވެރިއަކާ ނުވަތަ ބަލަދުވެރި ފަރާތަކާ ނުލައި، އެއްވެސް ބޭނުމެއްނެތި ރޭގަނޑު 9:00 ގެ ފަހުން ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ދަރިވަރުން ރަށުތެރޭގައި އުޅުން ހއ. ބާރަށު ކައުންސިލުން މަނާކޮށްފިއެވެ.

ބާރަށު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ، 24 ސެޕްޓެމްބަރ 2026 ވީ ބުރާސްފަތި ދުވަހުން ފެށިގެން ދުރާލާ އެއްވެސް ބޭނުމެއްނެތި 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ކުދިން ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރި ފަރާތެއް، ނުވަތަ އެކުއްޖެއްގެ ބަލަދުވެރި ފަރާތަކާއެކު ނޫނީ ރަށުތެރޭގައި ޙަރަކާތްތެރިވެ އުޅުމަކީ މަނާކަމެއް ކަމަށެވެ.

Ad
rt

އެ ކައުންސިލުން ބުނި ގޮތުގައި، މިހާރަކަށް އައިސް ބާރަށުގައި ޢުމުރުން 18 އަހަރުން ދަށުގެ ކުދިން، ޚާއްޞަކޮށް ސްކޫލް ދަރިވަރުން ރަށުގެ ގޮނޑުދޮށްތަކާއި، ފިނިމައިޒާންތަކާއި، ހޮޅުއަށިތަކުގައާއި، މީހުންނާ އެކަހެރި ސަރަޙައްދުތަކުގައި ރޭގަނޑު ވަރަށް ދަންވަންދެންވެސް އެއްވެސް ބޭނުމެއްނެތި، މުޖުތަމަޢު ބަލައިނުގަނެވޭފަދަ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ބޭރުގައި އުޅޭކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.

ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް

ޤައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ޤައުމާއި ރަށުގެ އަންނަން އޮތް ޖީލުތަކުގެ ދައުރު ފުރިހަމަކަމަށް ޤަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަކީ މުހިންމު ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފުސާނީ، ރޫޙާނީ، ފިކުރީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ރައްކާތެރިކޮށް ދަމަހައްޓައި ތަރައްޤީކުރުމަށް ބާރުއެޅުމަކީ އެންމެންގެވެސް ނުހަނު ފުރިހަމަ ފަރުދީ ބޮޑު ޒިންމާއެއް ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މިފަދަ ކަންކަމަކީ އިޖުތިމާއީ ގޮތުން އެކަމުގެ ނޭދެވޭ އަސަރުތައްކޮށް، އަޚުލާޤީ އެތައް މައްސަލަތަކެއް ކުރިމަތިވާނޭ ކަންކަމަށްވާތީ، ރަށުގައި ހުރި މަދަނީ ޖަމުޢިއްޔާތަކާއި، ބާރަށު ސްކޫލާއި، މުއައްސަސާތަކުގެ އިތުރުން 18 އަހަރުން ދަށުގެ ކުދިން ހިމަނައިގެން ޙަރަކާތްތައް ރާވައި ހިންގާ ކުޅިވަރު އެކެޑަމީތަކުންވެސް މިކަންކަމަށް ސަމާލުކަން ދެއްވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ބުނީ މިކަން ފާސްކޮށް ޢާންމުކޮށް އިޢުލާނުކުރީ، މިއީ ކަމާ ގުޅުންހުރި މުއައްސަސާތަކަށާއި، ރައްޔިތުންނާއި، ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި އަންގައި ހާމަކުރި ނިންމުމެއް ކަމަށްވާތީ ކަމަށެވެ.

ފާހަގަކޮށްލެވޭގޮތުގައި މި މަހުގެ 12 ވަނަ ދުވަހު ހއ. ދިއްދޫ ކައުންސިލުން ވެސް ވަނީ މިފަދަ ފިޔަވަޅެއް އަޅާފައެވެ. އެކައުންސިލުން ވަނީ މުޙިއްމު ބޭނުމެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި ރަށުތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް، އެ ކުދިން ބެލެހެއްޓުމަށް ރަށުގެ ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.