ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ހުސެން މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ.
ނައިބު ރައީސްގެ ބަޔާނުގައި، މީގެ ގާތްގަނޑަކަށް ހަތަރު ދަހަރު ކުރިން، 1989 ވަނަ އަހަރު ބޭއްވި "މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް" ގައި ދިވެހިރާއްޖެއިން މި ކާރިސާގެ ވާހަކަ އދ. ގެ ޢާންމު މަޖިލީހުގެ ސަމާލުކަމަށް ގެނައިކަން ހަނދުމަފުޅުކޮށްއަރުވާފައިވެއެވެ. އަދި އޭރު ދެއްކި އިންޒާރުގެ ވާހަކަތައް މިހާރު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި މައްސަލައަކަށް ވެފައިވާކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ބިނާރަށާއި، ރައްޔިތުންގެ ދިރިއުޅުމަށާއި، މައިގަނޑު އިޤްތިޞާދީ ދާއިރާތަކުގެ އިތުރުން ފުޅާ ދާއިރާއެއްގައި ތަރައްޤީއަށް ހުރަސްއެޅެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކަންކަމަށް ޙައްލު ހޯދުމަށް މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވަމުން، ފުރަތަމަ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަކުރެއްވީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ބޮޑު މިންވަރެއް ހަމަޖައްސައިދިނުމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، ފަސޭހައިން ލިބޭ، ހިލޭ އެހީގެ ގޮތުގައި އަދި ލުއި ޝަރުތުތަކާއެކު ދެވޭ އެހީއަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ބުނުއްވިއެވެ. މީގެއިތުރުން، ނުރައްކާތައް ކުޑަކުރުމަށް އެހީގެ ފައިސާ އަވަހަށް ލިބެންޖެހޭ ކަމަށާއި، މިންނުކުރެވޭ ކަމަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޙައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މޮނިޓަރކުރާނެ ޚާއްޞަ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ޤާނޫނީ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން މިކަންކަމަށް ޔަޤީންކަން ލިބިދޭންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ބޭސްލައިންތަކާއި، ކަނޑުގެ ސަރަޙައްދުތަކާއި، ނުވަތަ ދައުލަތްތަކަށް ލިބިދޭ ޙައްޤުތަކަށް އުނިކަން އަތުވެގެން ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބިމުގެ ޖިއޮގްރަފީއަށް ބަދަލު އަޔަސް ދައުލަތެއްގެ ދަރަޖައާއި، ސިޔާދަތާއި، އދ. ގެ މެންބަރުކަމާ މެދު ސުވާލު ނުއުފެއްދޭނެ ކަމަށާއި، ޤާނޫނީ ހައިސިއްޔަތަށް ބަދަލު އައިސްގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީގެ ޕްލޭންތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި، އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުން ފެށިގެން އިޤްތިޞާދީ އިސްތިރާޖީތަކާ ހަމައަށް، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ވިލުންތެރިކަން ސީދާ ހިމެނުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެންޑީސީ) ގެ ތެރެއިން ރާއްޖެއިން މިފަދަ ފިޔަވަޅުތައް މިހާރުވެސް ތަންފީޒުކުރަމުންދާކަން ފާހަގަކުރައްވައި، މިފަދަ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ތަރައްޤީގެ ބައިވެރިން އެހީތެރިވެދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ބަޔާން ނިންމަވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މެދުކެނޑުމެއްނެތި ދުނިޔޭގެ ސަމާލުކަން ބޭނުންވާ ކަމެއްކަން ނައިބު ރައީސް ހުސެން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ޤައުމުތަކުން ވެފައިވާ ވަޢުދުތައް ޢަމަލުތަކަށް ބަދަލުކޮށް، ވިލުންތެރިކަން ވަރުގަދަކޮށް، މުސްތަޤްބަލް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!