ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026"ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ރޯނު އެފްސީން ހޯދައިފިއެވެ.
ރޯނު އެފްސީން މުބާރާތުގެ ތަށި އުފުލާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މޮޅު ރެކޯޑަކާ އެކުގައެވެ.
އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ރޯނު އެފްސީން ތަށި ކާމިޔާބުކުރީ ދަގަތަ އެސްސީއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެމި މެޗުގައި ރޯނު އެފްސީގެ ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 17 އަހްމަދު ނަޒީމް، ޖޯޒީ ނަންބަރު 30 މުހައްމަދު އިސާމް އަދި ޖޯޒީ ނަންބަރު 9 ޢަލީ ހާފިޒް އެވެ.
މާމަކުނުދޫ ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ތަށި ރޯނު އެފްސީ އުފުލާލުން، ފޮޓޯ: މަކުނުދޫ ކައުންސިލް
މި މެޗުގައި ދަގަތަ އެފްސީން ޖެހި ހަމައެކަނި ލަނޑަކީ ރޯނު އެފްސީގެ މުހައްމަދު އިސާމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޯނު އެފްސީގެ އަލީ ހާފިޒެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯރނަމެންޓް) ގެ މަގާމު ހޯދީ ރޯނު އެފްސީގެ އަލީ ހާފިޒެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ރޯނު އެފްސީގެ ޢަބްދުﷲ ނާސިފް ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޗެލެންޖާސް އެސްސީގެ ޖޯޒީ ނަންބަރު 10 އަޙްމަދު އަފްލާޒެވެ. މީގެއިތުރުން ސަޕޯޓަރުންގެ މަގްބޫލު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަގަތަ އެސްސީގެ ޖޯޒީ ނަންބަރު 12 އަޙްސަން އަޙްމަދެވެ.
މާމަކުނުދޫ ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ތަށި ރޯނު އެފްސީ އުފުލާލުން، ފޮޓޯ: މަކުނުދޫ ކައުންސިލް
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރޯނު އެފްސީގެ އަލީ އަލީ ހާފިޒާއި، ޗެލެންޖާސް އެސްސީގެ އަޙުމަދު އަފްލާޒާއި ރާޅުގެ ޢަލީ އަޙްސަންގެ އިތުރުން ރޯނު އެފްސީގެ މުޙައްމަދު އިސާމާއި ޔޫސުފް ވިޖްދާން ޢަބްދުއް ސައްތާރެވެ.
މި މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ރާޅެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމާއި ތައްޓާއި މެޑެލް ދީފަވެއެވެ. އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑެލް ދީފަވެއެވެ.
މަކުނުދޫ ކައުންސިލްގެ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ރާވާ އިންތިޒާމްކުރުމަށް މަކުނުދޫ ކައުންސިލުން ހަވާލުކުރީ ކިމްސް މޯލްޑިވްސްއާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!