އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމަންޓުގައި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި ސެގްމަންޓުގައި ތާރު އެޅުމާއި މަގުގެ ނިޝާންތައް ކުރެހުން ފަދަ އެންމެ ފަހުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.
އެމްޓީސީސީން އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެ ކުންފުނިން ބުނީ އަމީނީ މަގު މަރާމާތު ކުރާއިރު ތާރު އަޅާނީ ދެ ފަށަލައަކަށް ކަމަށެވެ. ދެވަނަ ފަށަލަ އަޅައި ނިމުމުން، މަގުގެ ނިޝާންތައް ކުރެހުމުގެ އިތުރުން މަގުގައި ހުރި ޔޫޓިލިޓީ ޖަންކްޝަންތައް އުފުލުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާ ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިހާރު ތާރު އަޅަމުންދާ ފުރަތަމަ ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމުމަށްފަހު، ދެވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. ދެވަނަ ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތެވެ. އެމްޓީސީސީން ބުނި ގޮތުގައި، އަމީނީ މަގުގެ މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ ނޮވެންބަރު މަހަށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!