ރާއްޖެއިން ބޭރުގެ ބުކިން ވެބްސައިޓެއްގެ ނަމާ ވައްތަރު ނަމެއްގައި ރާއްޖޭގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ މައްސަލާގައި ބޭރުގެ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.
މެލޭޝިއާގައި ރަޖިސްޓްރީކޮށްގެން ދުނިޔޭގައި ހިންގާ ބުކިން ވެބްސައިޓެއް ކަަމަށްވާ މައިއެންޒެޑްޓްރިޕް.ކޮމްއަކީ އެކި ގައުމުތަކަށް ދަތުރުކުރާ ފްލައިޓްތަކާއި ހޮޓެލް ބުކިންތައް ހެދޭ ވެބްސައިޓެކެވެ.
މައިއެންޒެޑްޓްރިޕް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރާއްޖޭގައި ކުންފުންޏެއް ރަޖިސްޓްރީކޮށްގެން ހިންގާތީ މެލޭޝިއާ ކުންފުނިން ވަނީ އެ ނަމުގައި އެހެން ބަޔަކަށް ރާއްޖޭގައި ވިޔަފާރިއެއް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީއަށް ޝަކުވާ ހުށަހަޅައިފަ އެވެ. ނަމަވެސް އެ މިިނިސްޓްރީން ނިންމީ ދިވެހި ކުންފުނީގެ ނަން ބަދަލުކުރަން ނޭންގޭނެ ކަމަށެވެ.
އެ މައްސަލަ މެލޭޝިއާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ނަމެއް ރަޖިސްޓްރީކޮށް ނުދެވޭނީ އެ ނަމަކީ މަޝްހޫރު އަދި އެ ނަން ތިން ވަނަ ފަރާތަކުން ބޭނުންކޮށްފިނަމަ އޮޅުން އަރާނެ ހާލަތެއް އޮތްނަމަ ކަމަށެވެ. ނަމަވެސް މެލޭޝިއާ ކުންފުނިން ހުށަހެޅި ލިޔުންތަކަށް ބަލާއިރު އެފަދަ އޮޅުމެއް އާންމުންނަށް އަރާނެ ހާލަތެއް އޮތް ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ދިވެހި ކުންފުނީގެ ނަން ބަދަލު ނުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!