މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިއަހަރުގެ މުޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.

Ad
rt

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވަނީ 373 މިލިއަން ރުފިޔާއެވެ. ނަމަވެސް އޮގަސްޓް މަހުގެ ނިޔަލަށް ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 252.4 މިލިއަން ރުފިޔާއަށްވުރެ ވެސް އިތުރުވެފައެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 6.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިއަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ޓެކްސް އާމްދަނީ ވަނީ 20.61 ބިލިއަން ރުފިޔާއިން 22.35 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 8.5 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ ޖުމްލަ ޚަރަދަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި 30.86 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 26.38 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 18.6 އިންސައްތަ އިތުރުވެ، 22.75 ބިލިއަން ރުފިޔާއިން 26.98 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 6.9 އިންސައްތަ އިތުރުވެ 3.63 ބިލިއަން ރުފިޔާއިން 3.88 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.

ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ނުވަތަ ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، އާމްދަނީއާއި ހިލޭ އެހީ ޚަރަދަށްވުރެ އިތުރުވި މިންވަރު ހުރީ 1.27 ބިލިއަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު 68.6 އިންސައްތަ ދަށް އަދަދެކެވެ. އަދި ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން 2.13 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ދައްކާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ބަޖެޓުން ދެއްކީ 658.8 މިލިއަން ރުފިޔާގެ ސާޕްލަސްއެކެވެ.