ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026" ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޔުނިކް ބޯއީސް ހޯދައިފިއެވެ.

ޖުމްލަ ހަ ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލްގައި އެފްސީ ޔުނިކް ބޯއީސްއާ ވާދަކޮށް ރަނަރަޕްކަން ހޯދާފައިވަނީ ޔުނިޓީ ރިކްރިއޭޝަން ކްލަބެވެ.

Ad
rt

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް ލިބުނީ 12،500 ރުފިޔާ އަދި ޓްރޮފީއެވެ.

ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް ޗެމްޕިއަން ޔުނިކް ބޯއީސް، ފޮޓޯ: ގޮއިދޫ ކައުންސިލް

ޤައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ފެނިގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ދަ ޓޯނަމެންޓް" ގެ މަޤާމު ހޯދީ އެފްސީ ޔުނިކް ބޯއީސްގެ ޢަބްދުﷲ ރިޒާންއެވެ.

ކިންގް އޮފް ދަ ޓޯނަމެންޓް އެފްސީ ޔުނިކް ބޯއީސްގެ ޢަބްދުﷲ ރިޒާން، ފޮޓޯ: ގޮއިދޫ ކައުންސިލް

މީގެއިތުރުން ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އެ ޓީމުގެ މުޙައްމަދު މިސްބާޙް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ވެސް އެފްސީ ޔުނިކް ބޯއީސްގެ ކޯޗު ޒުހައިރު އާދަމެވެ.

ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް ރަނަރަޕް ޔުނިޓޯ ރިކްރިއޭޝަން ކްލަބް، ފޮޓޯ: ގޮއިދޫ ކައުންސިލް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެފްސީ ޔުނިކް ބޯއީސްގެ ޢަބްދުﷲ ރިޒާން އާއި ޒިޔާންގެ އިތުރުން ޔުނިޓީ ރިކްރިއޭޝަން ކްލަބުގެ ހުޝާމް، ޝައިހާން އަދި ޝާންއެވެ. މުބާރާތުގައި ޖުމްލަ 9 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ރޯޔަލް ޗެލެންޖަރސް ސްޕޯޓްސް ކްލަބުގެ އިބްރާހީމް އައިމަން ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް ބައިސާގެ އަޙްމަދު އަޠޫފެވެ. އަދި ފެއަރޕްލޭ ޓީމުގެ މަޤާމު ހާސިލްކުރީ އެފްޓީ ކިންގްސްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ގޮއިދޫ ކައުންސިލް

ގޮއިދޫ ކައުންސިލްގެ ރައީސް ޙުސައިން ޒިޔާދު "ތިލަދުން"އަށް ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު ފެށި މި ފިއެސްޓާގައި ހިމެނެނީ ފިރިހެނުންނަށް ޚާއްޞަކޮށް ބޭއްވި ފުޓްސަލް މުބާރާތާއި އަންހެނުންނަށް ޚާއްޞަކޮށް ބާއްވާ ބަށި މުބާރާތް ކަމަށެވެ. ފުޓްސަލް މުބާރާތް ނިމުނު ނަމަވެސް، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ބަށި މުބާރާތް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތާވަލުކުރެވިފައިވާ ގޮތުން ބަށި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ހުކުރު ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖުމްލަ 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދިނެވެ.