މިއަހަރުގެ އޯލެވެލް އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުން ބައިވެރިވާ މި އިމްތިޙާނު މިއަދުން ފެށިގެން ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އިމްތިޙާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިންނެވެ.

Ad
rt

ތަޢުލީމާ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމްތިޙާނު ހެދުމުގެ ކަންކަން އިންތިޒާމު ކުރެވިފައިވާއިރު، މާލެ ސަރަޙައްދާއި އަތޮޅުތައް ހިމެނޭހެން 260 އަށްވުރެ ގިނަ ސެންޓަރުގައި އިމްތިޙާނު ކުރިއަށްދާނެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އިމްތިޙާނު ހަދަމުންދެއެވެ.

މީގެ އިތުރުން އަތޮޅުތަކުގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ 242 ސެންޓަރެއްގައި 2،869 ދަރިވަރުން އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމްތިޙާނުގެ އިންތިޒާމުތައް ވަނީ ފުރިހަމައަށް ހަމަޖައްސާފައެވެ.

އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް ސަރުކާރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެ ބަދަލާއެކު، އޯލެވެލް ހަދާ ހުރިހާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވާންޖެހެއެވެ. އަދި އެ މާއްދާތަކަށް ދަރިވަރުން ފުރިހަމައަށް ބައިވެރިވުމުން، އެ މާއްދާތަކުގެ އިމްތިޙާނު ފީ ދައްކައިދެނީ ސަރުކާރުގެ ޚަރަދުގައެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށްވެސް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ގެނެސްފައިވާ ބަދަލު އިސްލާޙުކޮށް، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށައި، އެ އަހަރެއްގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ވަނީ ބަދަލުކޮށްފައެވެ.