2027 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހައި ހައްޖާޖީންނަށް ހައްޖު ވިސާ ދޫކުރެވޭނީ ސިއްހީ މެޑިކަލް ޗެކަޕެއް ހަދައި، ސިއްހީ ރައްކާތެރިކަމުގެ ކްލިއަރެންސް ސެޓްފިކެޓެއް ހޯދުމުން ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ސެޓްފިކެޓް ދޫކުރުމުގެ މަރުހަލާތައް ކުރިއަށްދާނީ "ނުސުކް މަސާރު" ޕްލެޓްފޯމް މެދުވެރިކޮށެވެ.

Ad
rt

ސައޫދީގެ އިދާރާތަކުން ބުނި ގޮތުގައި، ގުނަވަންތައް ފެއިލްވުން ފަދަ ނުރައްކާތެރި އަދި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކާއި، މާބަނޑު އަންހެނުންނަށް ސިއްހީ ކްލިއަރެންސްއެއް ނުލިބޭނެއެވެ. އަދި މި މެޑިކަލް ކްލިއަރެންސް ހޯދުމަށް ފުރިހަމަކުރަންޖެހޭ ސާފު އުސޫލުތަކާއި ފިޔަވަޅުތަކުގެ ތަފްސީލު ހޯދުމަށް، އެ މީހަކު ނިސްބަތްވާ ގައުމެއްގެ ހައްޖު ކޮމިޓީ ނުވަތަ ކަމާބެހޭ އިދާރާތަކާ ގުޅުމަށް ސައޫދީން ވަނީ އިލްތިމާސްކޮށްފައެވެ.

2027 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން (1448 ހ.) ކުރިއަށްދާނެ ކަމަށް އަންދާޒާކުރެވެނީ މީލާދީ ގޮތުން 2027 މެއި 14 އިން މެއި 19 އަށެވެ. ނަމަވެސް މި ތާރީޚުތައް ޔަޤީން ވާނީ ހަނދު ފެންނަ ގޮތުގެ މައްޗަށް ބިނާކޮށެވެ. އަންދާޒާ ތާވަލުގައިވާ ގޮތުން މެއި 14 (8 ދުލްހިއްޖާ) އަކީ ޔައުމުއްތަރުވިއްޔާ (ހައްޖާޖީން މިނާއަށް ދާ ދުވަސް) އެވެ. މެއި 15 (9 ދުލްހިއްޖާ) އަކީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރާ އަރަފާތު ދުވަހެވެ. މެއި 16 (10 ދުލްހިއްޖާ) އަކީ އަޟްހާ އީދު ދުވަސް ނުވަތަ ކުރުބާނީ ކުރުމުގެ ފުރަތަމަ ދުވަހެވެ. އަދި މެއި 17 އިން 19 (11 އިން 13 ދުލްހިއްޖާ) އަށް ހަމަޖެހިފައިވަނީ އައްޔާމުއްތަޝްރީގުގެ ދުވަސްތަކުގެ ގޮތުގައެވެ.

ހައްޖަށް ރަޖިސްޓްރީވުމުގެ މަރުހަލާ ކުރިއަށްދާނީ ރަސްމީ "ނުސުކް މަސާރު" ޕްލެޓްފޯމް މެދުވެރިކޮށް ނުވަތަ އެ ގައުމެއްގެ ސަރުކާރުން ހުއްދަދީފައިވާ ބޯޑުތައް މެދުވެރިކޮށެވެ. ރަޖިސްޓްރޭޝަނާއި ގައުމުތަކަށް ކޯޓާ ކަނޑައެޅުން މި އަހަރުގެ ފަހުކޮޅު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، ޕެކޭޖުތައް ހިޔާރުކުރުމާއި އެއްބަސްވުންތައް ފައިނަލްކުރުން އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. މީގެއިތުރުން، 2027 ގެ ހައްޖު މޫސުމުގެ ކުރިން އުމްރާއަށް އެތެރެވުމުގެ އެންމެ ފަހު ތާރީޚަކީ 2027 މާޗު 23 ކަމަށްވާއިރު، އުމްރާވެރިން އެނބުރި ގައުމަށް ފުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 2027 އެޕްރީލް 7 އެވެ.

މި އިންތިޒާމުތަކުގެ އިތުރުން، ހައްޖުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ބާއްވާ 6 ވަނަ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން، 2026 ނޮވެމްބަރު 8 އިން 11 އަށް ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 95 އަށްވުރެ ގިނަ ގައުމުގެ ކަމާބެހޭ މަސްއޫލުވެރިންނާއި، ދާއިރާގެ އިސްވެރިން ބައިވެރިވާނެއެވެ.

ސައޫދީގެ "ވިޝަން 2030" ގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ އީޖާދީ ވަސީލަތްތަކާއި ދެމެހެއްޓެނިވި ގޮތްތައް ބޭނުންކޮށްގެން ހައްޖާޖީންގެ ތަޖުރިބާ ރަނގަޅު ކުރުމެވެ. މި ހަރަކާތުގައި ވަޒީރުންގެ ފެންވަރުގެ ޕެނަލް މަޝްވަރާތަކާއި، ގާބިލުކަން އިތުރުކުރުމުގެ ވަރކްޝޮޕްތަކާއި، ސްޓާޓްއަޕްތަކުގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން ލައިވް މެޗްމޭކިން ސެޝަންތައް ކުރިއަށްދާނެއެވެ.