ގައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި މަސައްކަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ފުލުހުންގެ ހިދުމަތުގެ ހަނދާންތައް އާކޮށް، އެ ފުލުހުންގެ ޒިކުރާއާކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ''ޕޮލިސް މެމޯރިއަލް ޑޭ'' ގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރަމުން އަންނައިރު، މިއަދަކީ އަމިއްލަ ނަފުސުގެ ސަލާމަތަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ފުލުހުން ދައްކުވައިދީފައިވާ ހިތްވަރާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެވެ.

މި ދުވަސް ޖުލައި 23 ގައި ފާހަގަކުރަން ކަނޑައެޅުނީ 2012 ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ޝަހީދުވި ޕޮލިސް ސަރޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. އޭނާ ވަކިވެދިއުމަކީ މުޅި ފުލުހުންގެ މުއައްސަސާއަށާއި ގައުމަށް ލިބުނު ބޮޑު ހިތާމައަކަށް ވާއިރު، މިއަދަކީ ހިދުމަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ހުރިހާ ފުލުހުންގެ ޒިކުރާއާކުރާ ރަސްމީ ދުވަހެވެ.

Ad
rt

މި ދުވަހުގެ ތެރެއިން ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި 2013 ވަނަ އަހަރު ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުންނަވަނިކޮށް އެކްސިޑެންޓެއްގައި ޝަހީދުވި ޕޮލިސް ކޯޕްރަލް މިޞްބާޙް ޢަބްދުﷲ އާއި، 2007 ވަނަ އަހަރު ދޫނިދޫ ފެރީ އެކްސިޑެންޓެއްގައި ނިޔާވި ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޟަމީރު ހިމެނެއެވެ. މީގެ އިތުރުން 2006 ވަނަ އަހަރު ހާލުގައި ޖެހުނު ދޯންޏެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ނިޔާވި ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް އާއި، ތަމްރީނު ފުރިހަމަކުރައްވަމުން ގެންދަވަނިކޮށް ނިޔާވި ޕޮލިސް ކޮންސްޓަބަލް އަޙްމަދު ވިފާޤް ގެ ހަނދާންތައް ވެސް އާކުރެވުނެވެ.

ޕޮލިސް މެމޯރިއަލް ޑޭގެ ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިސަރުން ބައިވެރި ވަނީ، ފޮޓޯ: ޕޮލިސް

މި އަހަރުގެ މެމޯރިއަލް ޑޭގައި އަލަށް ޒިކުރާ އާކުރެވުނު ބޭފުޅަކީ 2026 ޖޫން 11 ވަނަ ދުވަހު ޑިއުޓީގައި އުޅުއްވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް އެވެ. މީގެ އިތުރުން ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ނަންފުޅުތައް ފާހަގަކޮށް، އެ ބޭފުޅުންގެ ގައުމީ ހިދުމަތުގެ އަގު ވަނީ ވަޒަންކޮށްފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ފުލުހުންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. އަދި މާލެއާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި ސުކޫތެއް ގެނައުމާއި، ވަކިވެދިޔަ ފަރާތްތަކުގެ ފުރާނައަށް ހެޔޮ ދުޢާކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ ހަމައެކަނި ރަސްމިއްޔާތެއް ނޫން ކަމަށާއި، މިއީ އެ ބޭފުޅުންގެ އާއިލާތަކުން ވެފައިވާ ބޮޑު ގުރުބާނީގެ އަގުވަޒަންކޮށް، އެ އާއިލާތަކަކީ ފުލުހުންގެ އާއިލާގެ މުހިންމު ބައެއްކަން ހަނދާންކޮށްދޭ ދުވަހެއްކަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ.

ޕޮލިސް މެމޯރިއަލް ޑޭ ނިންމާލީ، ވަކިވެދިޔަ ފުލުހުން ދެއްކެވި މަތިވެރި ނަމޫނާގައި ހިފަހައްޓައި، ރައްޔިތުންނަށް އޯގާތެރި އަދި އިހުލާސްތެރި ހިދުމަތެއް ދިނުމުގެ އަޒުމު އާކުރަމުންނެވެ. ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ ގޮތުގައި އެ ފުލުހުންގެ ޒިކުރާ ދިރުވޭނީ މިއަދު ހިދުމަތުގައި ތިއްބެވި ފުލުހުންގެ ސުލޫކާއި އަމަލުތަކުންނެވެ.