ށ. ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ރެޖިސްޓަރވުމުގެ ފުރުޞަތު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން އިއްޔެ ހުޅުވާލައިފިއެވެ.
"އިސްނަގައިގެން – ސިޔާސީ މައިދާނުގައި އަންހެނުން" ނަމުގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 18 އިން 20 އަށެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ މިންވަރު އިތުރުކުރުމެވެ. އަދި ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މުހިންމު ހުނަރާއި އިތުބާރު ބައިވެރިންގެ ކިބައިގައި އަށަގަންނުވައިދިނުމަކީ ވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.
މި ތަމްރީނަކީ މުޅި ރާއްޖޭގައި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދޭނެއެވެ.
ތަމްރީނުގައި ހިމެނޭ މުހިންމު ބައިތައް
މި ޕްރޮގްރާމްގެ ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.
ސަރުކާރުގެ އަމާޒަކީ އަންހެނުންގެ އަމިއްލަ އަދި ފަންނީ ކުރިއެރުމަށް އެހީތެރިވެދީ، ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމެވެ. ށ. ފުނަދޫގައި ބާއްވާ މި ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭ ހަތަރުވަނަ ޕްރޮގްރާމެވެ. މީގެ ކުރިން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހއ. ދިއްދޫ، އަދި އދ. މަހިބަދޫގައި ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!