ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ ދިވެހި ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ.
މި ޒިޔާރަތުފގެ ތެރެއިން، ލަންކާގައި ދިރިއުޅޭ ދެ ދިވެއްސަކަށް ޕާސްޕޯޓާއި އައިޑީކާޑު ހަވާލުކޮށްދެއްވައި، އެ ޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، ސްރީލަންކާގެ ކޮލަމްބޯއިން މިހާރު ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖެއިން ބޭރުގައި، ވަކިން ޚާއްޞަކޮށް ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ޕާސްޕޯޓުގެ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ޤައުމެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ދޭން ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން، އޭޕްރީލް 28، 2024 ގައި މެލޭޝިޔާގައެވެ.
ގިނަ ދިވެހިން ދިރިއުޅޭ ޤައުމުތަކުން މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މެލޭޝިއާ އަކީ މިވަގުރު އެންމެ ގިނަ ދިވެހިން އުޅޭ ބޭރު ގައުމެވެ. އަދި ލަންކާ އަކީ މިވަގުތު ދިވެހިން އެންމެ ގިނައިން އުޅޭ ބޭރުގެ ދެވަނަ ގައުމެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!