ކުޅުދުއްފުށީ ސިޓީގައި ބާއްވާ "ޑަބްލިޔުޑީސީ އެކްސްޕޯ 2026"ގެ ތެރެއިން ޝައުގުވެރި އުފެއްދުންތަކަކާއި ވިޔަފާރިތަކެއް ފެނިގެންދާނެކަން ޔަގީންކުރަށްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ.

މި އެކްސްޕޯއަކީ ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ.

Ad
rt

މި އެކްސްޕޯއާއި ގުޅިގެން މޭޔަރު އާތިފް ދެއްވި މެސެޖެއްގައި ވިދާޅުވީ، މި އެކްސްޕޯ ގެ މަގުސަދަކީ ކުޅުދުއްފުށީ ވިޔަފާރިތަކާއި އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް، ވަކިން ހާއްސަކޮށް އަންހެނުންގެ މަސައްކަތްތައް ދައްކާލުންކަމަށެވެ. ނަމަވެސް މިފަހަރުގެ އެކްސްޕޯގައި ފިރިހެން ދެ ބޭފުޅަކުވެސް ބައިވެރިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

''އަޅުގަނޑުމެން ޝައުގުވެރިވާ ގިނަ ޕްރޮޑަކްޓްތަކެއް، ވިޔަފާރިތަކެއް މި އެކްސްޕޯގެ ތެރެއިން ފެނިގެންދާނެކަން ޔަގީންކުރަން، އަޅުގަނޑުގެ އެދުމަކީ އެންމެހާ ބޭފުޅުންވެސް، ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުން ވެސް އަދި ހޮނިހިރު ދުވަހަކަށްވުމާއެކު މި ސަރަހައްދުގެ ރަށްރަށުގެ ހުރިހާ ރައްޔިތުން ވެސް ކުޅުދުއްފުއްޓަށް ޖެނުއަރީ 10 ވަނަ ދުވަހު ވަޑައިގެން މި އެކްސްޕޯ ތަޖުރިބާކޮށްލެއްވުން'' މޭޔަރު ވިދާޅުވެފަވެއެވެ.

މި އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:30 އިން ރޭގަނޑު 22:00 އަށް ކުޅުދުއްފުށީ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތު ނެގުމެއް އޮންނާނެކަމަށާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ދޭގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުންޏެވެ.

މި އެކްސްޕޯގައި 26 ފަރާތަކުން ބައިވެރިވެފައިވާއިރު ކޮންމެ ސްޓޯލަކުން ވެސް ތަފާތު ވިޔަފާރި ފެނިގެންދާނެކަމަށް ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބުނެފައެވެ.

ޑަބްލިޔުޑީސީ އެކްސްޕޯ ގެ މަގުސަދަކީ ކުޅުދުއްފުށީގެ ހުނަރުވެރި މަސައްކަތްތެރިންނަށާއި އަމިއްލަ ވިޔަފާރިތައް ކުރައްވަމުން އަންނަ އަންހެން އަދި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން، އެފަދަ މަސައްކަތްތަކާއި ވިޔަފާރިތައް އިސްތިހާރުކުރުމުގެ މަގު ފަހިކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތައް އެއްތަނަކުން ދައްކާލެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.