2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް އައިއިރު، އީރާނަށް ވަނީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ދާޚިލީ އަދި ޖިއޯޕޮލިޓިކަލް ކާރިސާއާ ކުރިމަތިލާން ޖެހިފައެވެ. މި ހާލަތު ބޮޑަށް ފާހަގަކުރެވެނީ މުޅި ގައުމުގައި ކުރިއަށްދާ މުޒާހަރާތަކާއި، ދަތިކުރުމުގެ ދިގުދެމިގެންދާ ފިޔަވަޅުތަކުގެ ސަބަބުން އިނދަޖެހެމުންދާ އިގްތިސާދާއި، އަދި ކުރު ނަމަވެސް ނުރައްކާތެރި ހަނގުރާމައަކަށްފަހު ކުރިމަތިވެފައިވާ ނަތީޖާތަކުގެ ސަބަބުންކަމަށް ދިރާސާވެރިން ދެކެއެވެ.
މުޅި ގައުމުގައި ކުރިއަށްދާ މުޒާހަރާތަކާއި ވަލީއަހުދުގެ ގޮވާލުން
2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އީރާނުގެ 31 ޕްރޮވިންސެއްގައި ވަނީ މުޒާހަރާތައް ފެށިފައެވެ. މި މުޒާހަރާތައް ފުރަތަމަ ފެށުނީ އިގްތިސާދީ ދަތިކަމުގެ ސަބަބުން ކަމަށްވީ ނަމަވެސް، މިހާރު މިއީ ދީނީ އިލްމުވެރިންގެ ވެރިކަމުގެ ނިޒާމަށް ސީދާ ގޮތުން ކުރިމަތިލާ ގޮންޖެހުމަކަށް ވަނީ ބަދަލުވެފައެވެ.
ޖެނުއަރީ 8 ގެ އުތުރިއެރުން
އަރުވާލެވިފައިވާ ވަލީއަހުދު ރިޒާ ޕަހްލަވީގެ ގޮވާލުމަކާ ގުޅިގެން، 2026 ޖެނުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޮޑެތި މުޒާހަރާތަކެއް ވަނީ ފެށިފައެވެ. ތެހެރާނާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި މުޒާހަރާގެ ބައިވެރިން އަލިފާންގަނޑުތައް ޖަހައި، ސަރުކާރާ ދެކޮޅު ޝިއާރުތައް ގޮވަމުންދިޔަ މަންޒަރު ފެނިފައިވެއެވެ.
މަރުވި މީހުންނާއި ހައްޔަރުކުރި މީހުން
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރިޕޯޓްކުރާ ގޮތުގައި، މި މުޒާހަރާތައް ފެށުނު ފަހުން މަދުވެގެން 42 އާއި 45 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެ، 2،200 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އިންޓަނެޓް ކަނޑާލުން
ޖެނުއަރީ 8 ވިލޭރޭ، މުޒާހަރާތައް ރޭވުމާއި ވިލަރެސްކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ މުޅި ގައުމުން ކަހަލަ ގޮތަކަށް އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައި، ބައިނަލްއަގުވާމީ ފޯނު ލައިންތައްވެސް ކަނޑާލާފައެވެ.
ލަންޑަނުގައި ގާއިމުވެފައިވާ އިންޓަނެޓް މޮނިޓަރ ކުރާ ގްރޫޕެއް ކަމަށްވާ ނެޓްބްލޮކްސްއިން ހާމަކުރި ގޮތުގައި މި ހާދިސާއަކީ މުޅި ގައުމުގައި ކުރިއަށްދާ މުޒާހަރާތަކަށް އަމާޒުކޮށް، ޑިޖިޓަލް ސެންސަރޝިޕް ވަރުގަދަކުރުމަށް އަޅަމުންދާ ފިޔަވަޅެކެވެ. މި ހާދިސާ ފެށުނީ، ޕްރިންސް ރެޒާ ޕަހްލަވީ ރޭގަނޑު 8 ޖަހާއިރު މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ގޮވާލެއްވި ގޮވާލުމަށް އިޖާބަދީ، ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުތްތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
ކުރީގެ ހަމަނުޖެހުންތަކާއި އިންޓަނެޓް ބަންދުކުރުން
މީގެ ކުރިން 2022، 2019 އަދި 2009 ވަނަ އަހަރު ހިނގި ބޮޑެތި ހަމަނުޖެހުންތަކުގައި ވެސް އިރާނުން ވަނީ އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. އެ ފަހަރުތަކުގައި އިންޓަނެޓް ކަނޑާލުމާ ދިމާވީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތަކާއެވެ. އެ ހަމަލާތަކުގެ ސަބަބުން އެންމެ ފަހުން މުޒާހަރާތައް ވަނީ ހުއްޓުވާފައެވެ.
އާންމު ހާލަތްތަކުގައި ވެސް އިރާނުގެ ރައްޔިތުންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމަކީ އުނދަގޫ ކަމެކެވެ. ސަރުކާރުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، ގިނަ ބަޔަކު ސެންސަރޝިޕް ފަހަނައަޅައި ދިއުމަށްޓަކައި ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ނުވަތަ ވީ.ޕީ.އެން ބޭނުންކުރެއެވެ. ނަމަވެސް މިފަހަރުގެ ބްލެކްއައުޓާއެކު މުޅި ގައުމު ވަނީ ދުނިޔެއާ އެކަހެރިވެފައެވެ.
އަދުއްވުންގެ އުންމީދެއް
އީރާނަކީ މިހާތަނަށް އެމެރިކާ، އިސްރާއީލް ހިމެނޭހެން އީރާނުގެ އަދުއްވު ގައުމުތައް އަތްދަށުލުމަށް ބޭނުންވެ އެކަން ނުވެ އޮތް ގައުމެކެވެ. އީރާނު އަތްދޮށުލުމަށް އިސްރާއީލާ އެމެރިކާއިން ދާދިފަހުން ކުރި ހަނގުރާމައިން އެބައިމީހުން ބަލިވެފައިވާއިރު، ދެން އޮތް ގޮތަކީ އީރާނުގެ އެތެރެގޯސްކޮށް ވެރިކަމާ ތޮޅުންކަމަށް ދެކޭތީ، މިހާރު ހިނގަމުންދާކަންކަމަކީ އިސްރާއީލާއި އެމެރިކާގެ ވާގިވެރިވުމާއެކު އެބައި މީހުން އަޑީގައި ތިބިގެން ހިންގާކަންކަން ކަމަށް ދިރާސާކުރާ މިނިވަން މީހުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!