" ސޮރީ. ދެން ނުގުޅާނަން. ދެން އެއްވެސް ހަބަރެއް ނުވާނަން. ހުއްޓާލާ. ޕްލީޒް. ޕްލީޒް." ހުސެން ބުންޏެވެ.
ހުސެންގެ ވާހަކަ ނުނިމޭނިސް އަހަރެން ފޯނު ކަނޑާލީމެވެ. އަދި އޭނާގެ ނަންބަރު އަނެއްކާ ވެސް ބްލޮކް ކުރީމެވެ. އޭރު ވެސް އަހަރެންގެ ރުއިމެއް ނުހުއްޓެއެވެ.
ޖެހިގެން އައި ދުވަހެވެ. ރޭގައި ހުސެންއާ އެކު ކުރެވުނު ޒުވާބުގެ އަސަރުތައް އޭރު ވެސް އަހަރެންގެ މުޅި ހަށިގަނޑުގައި ދައުރުވަމުން ދެއެވެ. އިރުއިރުކޮޅުން އަހަންނަށް ރޮވެއެވެ. ހިތް އޮތީ ބަރުވެފައެވެ. ހަށިގަނޑު ލޮޑުވެއްޖެއެވެ. އެންމެ ފަހުން މަސައްކަތްތައް ނިންމާލުމަށްފަހު އަހަރެން ބޭނުންވީ އަނެއްކާ ވެސް ބޭރަށް ނިކުމެލާށެވެ. ނަމަވެސް އޭރު ވެސް ލިލީ އޮތީ މެންދުރު ނިންދެވި ގޮތަށެވެ. ލިލީ ހޭލާނެ އިރެއްގެ އިންތިޒާރުގައި އަހަރެން ސިޓިންރޫމްގައި އިށީނީމެވެ. ފޯނު ހުޅުވާލުމާއެކު ޒިޔާދު ގުޅަން ފެށިއެވެ. އޭނާގެ ނަން ފެނުމުން ވެސް އަހަރެންގެ ހިތަށް ވެރިވީ ފޫހިކަމުގެ އަސަރުތަކެވެ. ފޯނު ނުނެގިޔަސް ރުޅި އަންނާނެތީ، ލަސްނުކޮށް ޒިޔާދުގެ ކޯލަށް ޖަވާބު ދިނީމެވެ.
" އަަހަރެން ނުގުޅީމަ ވެސް އަހަންނަކަށް ނުގުޅައެއްނު." އިވުނީ ޒިޔާދުގެ ޝަކުވާގެ އަޑެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
" މާ ގިނައިން ޒުވާބު ކުރެވޭތީ ގުޅަން ބޭނުން ނުވީ." އަހަރެން ބުނީމެވެ.
" ބައެއް ފަހަރު ރަނގަޅުވާނެ ވާހަކަ ނުދައްކާ ތިއްބަސް. ކޮބާ ލިލީ؟" ޒިޔާދު އެހިއެވެ.
" ޒިޔާދަށް އޯކޭ ވާނެކަން އެނގޭތީއޭ ނުގުޅާ ހުރީ. އެހެން ނޫނަސް ގުޅިޔަސް އަބަދު ރުޅި އައިސް ހުންނަ މީހަކު، ކިޔާނީ ވެސް އެއްޗެއްސެއްނު." އަހަރެން ބުނީމެވެ.
" ދެން އަނެއްކާ ފެށީ؟ ލިލީ ކޮބާހޭ މި އަހަނީ." ޒިޔާދުގެ ހަރުކަށި އަޑު އިއްވާލިއެވެ.
" ނިދާފަ އޮތީ." އަހަރެން ބުނީމެވެ.
" ދެ ދުވަސް ފަހުން އަހަރެން ދާނެޔޭ ބުނާތި." ޒިޔާދު ބުންޏެވެ.
" ދެ ދުވަސް ފަހުން؟" އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
" އާނ، ކިހިނެއްވީ ހާދަ ފާޑަކަށް ތި އެހީ؟ ނުދާން ވީތަ؟ ހީވަނީ ވަރަށް ކަންބޮޑުވެއްޖެހެން." ޒިޔާދު ބުންޏެވެ.
" އުނހު. ކަންބޮޑެއް ނުވެ. ކުއްލިއަކަށް އެހެން ބުނީމަ އަހާލެވުނީ." އަހަރެން ބުނީމެވެ.
" އޯކޭ. ބޭއްވީ ދެން. ވަރަށް ބިޒީކޮށް މި އުޅެނީ. " ޒިޔާދުގެ ބުންޏެވެ.
ފޯނު ބޭއްވުމަށްފަހު ހިތަށް ހަމަޖެހުމެއް ލިބޭތޯ އަހަރެން ތެދުވީމެވެ. އަހަރެން ހިތް އޮތީ ހުސެންގެ ލޯބިން ފުރިފައެވެ. އަހަރެންގެ ހަޔާތުގައި ހުސެން ނެތަސް، ޒިޔާދަކަށް އަލުން އެ މަގާމު ދެވޭނެ ހެންނެއް ހިއެއް ނުވެއެވެ. ޒިޔާދުއަށް މުހިއްމުވާ އޭނާގެ އަމިއްލަ ކަންކަން އޭނާ އިސްކުރަމުން އެ ދަނީ އަދިވެސް އަހަންނާމެދު ފަރުވާލެއް ނުބަހައްޓާފަދައިންނެވެ.
އިސްތަށިގަނޑުގެ ތެރެއަށް ދެ އަތް ކޮއްޕާލަމުން އަހަރެން ސޯފާގައި އިށީނީމެވެ. އޭރު ކަރުނައިން ދެ ލޯ ތެމެމުންދެއެވެ. ކުއްލިއަކަށް އަހަރެން ސިހުނީ އަނެއްކާ ވެސް ފޯނު ރިންގްވާ އަޑަށެވެ.
" ނޫރާ؟" މި ދަނޑިވަޅުގައި ނޫރާ ގުޅުމަކީ އަހަރެންގެ ނަސީބޭ ހިތަށް އެރިއެވެ. ހިތްފުރި، ބަންޑުންވަމުންދާ އުދާސްތައް ނޫރާއަށް އިއްވައިދޭން ބޭނުންވިއެވެ.
" ހޭ؟ ތައިބާ؟ ރޮނީތަ؟" ފޯނު ނެގުމާއެކު ނޫރާއަށް އަހަރެން ރޯކަން އެނގުނެވެ.
" ކިހިނެއްވީ؟ ލިލީއަށް ކަމެއް ވީތަ؟" ނޫރާ ކަންބޮޑުވެފައި އެހިއެވެ.
" ނޫން! ލިލީ އޯކޭ. އެކަމަކު... އަހަރެން އޯކޭއެއް ނޫނޭ." އަހަރެން ބުނީމެވެ.
" އެނގެޔޭ ތައިބާ އޯކޭ ނޫންކަން. އަހަރެން ދުވަހަކުވެސް ތައިބާ ތިހެން ރޯ އަޑެއް ނާހަން. ބުނެބަަލަ! ކިހިނެއްވީ؟" ނޫރާ ސުވާލު ކުރީ އޯގާތެރިކަމާއެކީއެވެ.
" ވާހަކަ ވަރަށް ދިގު. އެކަމަކު އަހަރެން ބޭނުން ނޫރާއަށް ކިޔައިދޭން." އަހަރެން ބުނީމެވެ.
ނޫރާ އަހަންނަށް އެ ފުރުސަތު ދިނެވެ.
" ކައިވެނި ކުރީއްސުރެ ޒިޔާއަށް މުހިއްމުވީ އޭނަގެ ޖޮބް. އޭނަގެ ބޮސް. އޭނަ ބޭނުންވާ ކޮންމެ އަދަދަކަށް ބޮސް އޭނައަށް ލާރި ދޭ. އެހެންވެ، ޒިޔާއަށް ހުރީ ލާރި ފެނިފަ. އޭނައަށް މުހިއްމުވީ ވެސް ލާރި. ދެން ވީ ގޮތަކީ ވަޒީފާގެ އިތުރުން ވެސް ބޮސްގެ އަމިއްލަ ކަންތައްތައް ކުރަން އޭނަގެ އެހެން ހުރިހާ ވަގުތުތަކެއް އެ ހޭދަ ކުރަނީ ހަމަ ބޮސްއަށްޓަކާ. އަހަރެން އެއްޗެއް ބުންޏަސް ބުނަނީ އަހަރެމެންނަށް ހަރަދު ކުރަން އޭނަ ދުލުން ބުނެލާ ކޮންމެ އަދަދަކަށް ބޮސް އޭނައަށް ލާރިދޭ ކަމަށް. އެހެންވެ، ބޮސް ބުނާ ކޮންމެ ކަމެއް ޒިޔާ ކުރަން ޖެހޭ. އެ ގޮތް އިހްތިޔާރު ކުރީ ވެސް ޒިޔާ. އޭނަ ހުންނަނީ އުފަލުން." އަހަރެން ބުނީމެވެ.
ނޫރާ ދިޔައީ އަހަރެންގެ ވާހަކަ އަޑު އަަހަމުންނެވެ.
" ޒިޔާދުގެ ފަރާތުން އަހަރެމެންނަށް ލިބެންޖެހޭ އެއްވެސް ލޯތްބެއް، އަދި ޓަމެއް އޭނަ ނުދޭ. މިހާރު ވެސް ވީ ރާއްޖެތެރޭ ރަށެއްގަ. މަޑުމަޑުން އަހަރެމެންނާ އޭނަ ދުރުވަމުން ދުރުވަމުން ދިޔައީ. އަހަރެން ބުނާ ވަރަށް އޭނަ އަހަންނަށް ލާރި ދޭ. އަހަންނަށް ހުރިހާ ކަމެއް ވެސް ކޮއްދޭ. ދަތިވާ އެއްވެސް ކަމެއް ނޯވެ. ހަމައެކަނި މަދުވަނީ އޭނަގެ ލޯބި. ތެދަށް ބުނަންޏާ ޒިޔާއަށް އަހަރެން ހުންނަ ގޮތް ވެސް މިހާރަކު ނޭނގޭނެ. އެހާ ވެސް އޭނަ އަހަރެން ދުރުކޮއްފި. ނޫރާ ބުނެބަލަ! އަހަރެން ކެތްކުރަންވީތަ؟ " އަހަރެން އެހީމެވެ.
" އަހަރެން ވަރަށް ދެރަވެއްޖެ! ގިނަ ދިރިއުޅުންތައް ރޫޅެން މެދުވެރިވަނީ ވެސް ތި ކަހަލަ ސަބަބުތަކަށްޓަކައި. ގިނަ ފަހަރަށް ފިރިމީހާގެ ޖޮބްގެ ގޮތުން ޓައިމް ނުދެވިގެން އަނބިމީހާ ފިރިމީހާދެކެ ފޫހިވަނީ. އޭގެ އަނެއްކޮޅަށް ބަލަންޏާ އަނބިމީހާ ގޭތެރޭގައި، ދަރިންގެ ކަންކަމުގައި ބިޒީ ވެގެން ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދީގެން ބައެއް ފިރިހެނުން އެ މީހުންގެ އަނބިންދެކެ ވެސް ފޫހިވޭ. މި މުޖްތަމަޢުގައި އެންމެ ގިނަ އާއިލާތައް ރޫޅިގެން ދަނީ ތި ކަހަލަ ސަބަބުތަކަށްޓަކައި. އަހަރެން ތައިބާއަށް ދޭނެ ނަސޭހަތަކީ ކެތްތެރިވާށޭ. ޒިޔާދަކީ ކޮންކަހަލަ މީހެއްކަން ހަމަ އެނގޭނީ ތައިބާއަށް. އެކަމަކު ވެސް އަހަރެން ބުނާނީ ކެތްކުރާށޭ. ދުނިޔޭގައި ހުރިހާ އުފަލެއް ލިބިގެން އެއްވެސް މީހަކު ނޫޅޭނެ. ތައިބާއަށް ތި މަދުވަނީ ލޯތްބާއި އަޅާލުން. ބޭނުން ވަރަކަށް ފައިސާ ލިބޭ. އެކަަމަކު ބުނަންތަ؟ އަހަންނަށް މަދުވަނީ ފައިސާ. އަހަންނަށް ލޯތްބާއި އަޅާލުން މިހާރު އެބަ ލިބޭ. ބައެއް ފަހަރު ހިތަށް އަރާ ލޯބި ނުލިބުނަސް ފައިސާ ހުންނަންޏާ އުޅެވޭނެޔޭ. އަހަންނަށް މުހިއްމުވަނީ ތަނަވަސް ދިރިއުޅުމެއް. ތައިބާއަށް މުހިއްމުވަނީ ލޯބި." ނޫރާގެ އަސަރުގަދަ ބަސްތަކުން އަހަންނަށް ސިހުން ގެނުވިއެވެ.
އަހަރެންގެ އިހްސާސްތައް ހިއްސާ މި ކުރެވުނީ އަހަރެންގެ ވިސްނުމާއި މުޅިން ތަފާތު ވިސްނުމެއް ހުރި މީހަކާއެވެ. ފޯނު ބޭއްވި އިރު އަހަންނަށް ވިސްނުނު އެއްކަމެއް އޮތެވެ. މި ދުނިޔޭގައި ކޮންމެ މީހަކު ވެސް ކޮންމެވެސް ކަމެއް ތަޙައްމަލް ކުރާނެ ކަމެވެ. ލިބޭ ނިޢުމަތަށް ޝުކުރުވެރިވާން އެނގެނީ މަދު ބަޔަކަށް ކަމެވެ. އެންމެން ވެސް ދުވަނީ ނުލިބޭ އުފާ ހޯދަން ކަމެވެ.
ސޯފާގައި އޮށޯވެލުމަށްފަހު އަހަރެން ފުންކޮށް ވިސްނަން ފެށީމެވެ. ޒިޔާދާއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ ހިތްވަރު ކުރަން ބޭނުންވިއެވެ. ނޫރާގެ ވާހަކަތަކުން ހިތްވަރު ލިބެން ވެސް ލިބުނެވެ. އަހަރެންގެ ސިކުނޑީގައި ތަފާތު ހިޔާލުތައް ފުނިޖެހި، މަސްހުނިވަމުން ދިޔައެވެ. ނަމަވެސް ހިތުގެ ކަނެއްގައި ރައްކާކޮށްފައި އޮތް ހުސެންގެ ލޯތްބަށް ކުޑަވެސް ލޮޅުމެއް ނާރާ ކަހަލައެވެ. އެ ލޯބި ސާފުކަންމަތީ އޭރުވެސް އޮތެވެ. އެއީ ހިތާއި ސިކުނޑީގެ ބޮޑު ވާދަ ކުރުމެކެވެ. ނަމަވެސް ހިތާ ދެކޮޅަށް އަހަރެން ގޮތް ނިންމީމެވެ. ހުސެންދެކެ ކިތަންމެ ލޯބި ވިޔަސް، ޒިޔާދާއެކު މުޅި އުމުރު ހޭދަ ކުރުމަށެވެ. ޒިޔާދު އެދޭ ގޮތަކަށް، ރުހޭ ގޮތަކަށް އޭނާއާއެކު ދިރިއުޅުން ވޭތު ކުރުމަށެވެ. އަދި ކޮންމެ ކަމެއް ވަރިހަމައޭ ބުނާ އުސޫލުން ޒިޔާދުގެ ހުރިހާ ކަމެއް އޭނާގެ އަތްމައްޗަށް ދޫކޮށްލުމަށެވެ.
ފިކުރުތަކުން އެއްކިބާވާން ލިލީ ގޮވައިގެން އަހަރެން ބޭރަށް ނިކުތީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. ދާނެ މަންޒިލެއް، މިސްރާބެއް ނެތި އަހަރެން ދުއްވަމުން ދިޔައިރު ވެސް ހިޔާލުތައް އެނބުރެމުން ދެއެވެ. މަޑު ދުވެލީގައި ގޮސް ސައިކަލް މަޑުކޮއްލީ ކުޑަކުދިން ޕާކު ކައިރީގައެވެ. ޕާކު ތެރެއަށް ލިލީ ދޫކޮށްލައިގެން އަހަރެން އިނީ އޭނާއަށް ނަޒަރު ހުއްޓައިގެންނެވެ. އޭރު ގިނަ އަދަދެއްގެ މީހުން ނިކުންނަން ދެއެވެ.
" އެކަނިތަ؟" ކުއްލިއަކަށް ފަހަތުން އިވުނު އަޑަށް އަހަރެން ފަހަތް ބަލައިލީމެވެ.
ހުސެން ފެނުމާއެކު ފުންމައިގެން ތެދުވެވުނެވެ. ދެ ޖީބަށް އަތް ޖަހާލައިގެން އޭނާ ހުރީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.
" ކޮބާ ލިލީ؟" ހުސެން އެހިއެވެ.
" އެހުރީ އެތާ." އަހަރެން ބުނީމެވެ.
" ގެއަށް ދިޔައިރު ދަރިފުޅުގެ ބޭގް މިތާ ބަހައްޓާފައި ދެވުނީ. އެހެންވެ ބޭގް ނަގަން އައި އިރު ޔޫ ފެނުނީ." ހުސެން ބުންޏެވެ.
ލުއި ގޮތަކަށް އަހަރެން ހީލީމެވެ. ނަމަވެސް އަހަރެންގެ ޖަޒްބާތުތައް އޭރު ވެސް ހިފެހެއްޓެނީ ހަމަ ކިރިޔާއެވެ. ބުނާނެ އެއްޗެއް ނޭނގި ހުރެ، އަހަރެން ފަސްއެނބުރި ލިލީއަށް ބަލައިލީމެވެ.
" ހަމަ ބްލޮކް ކޮއްލީދޯ؟ ވަރަށް މިސްވޭ އެކަމު." ހުސެންގެ އަޑަށް އަހަރެން އިސްޖަހާލީމެވެ.
އަހަރެން އޭނާ މަތިން ހަނދާންވާ ވަރު ހުސެންއަށް އެނގޭނެ ނަމައޭ ހިތަށް އަރައެވެ. އިސްޖަހާލައިގެން ހުރީ ލޮލަށް ކަރުނަ ގިނަވާތީއެވެ. އިތުރަށް އެ މޫނަށް ބަލައިލައިފިނަމަ ބޭޒާރު ވެދާނެތީއެވެ.
" އަންބްލޮކް ކޮއްލަބަލަ." ހުސެން މަޑުމަޑުން ބުންޏެވެ.
" ކީއްކުރަން؟" އަހަރެން ވެސް ޖަވާބު ދިނީ އެހާމެ މަޑުންނެވެ.
" ވާހަކަ ދައްކާކަށްނު. އެ ދުވަހު ފޯނު ބާއްވަމުން ބުނި ޔޫ ބޭނުމީ އަހަންނަށް ނަފްރަތު ކުރާށޭ. ބުނެބަލަ! މިހާރު އަހަންނަށް ނަފްރަތު ކުރަންތަ؟" ހުސެން އެހިއެވެ.
އެއާއެކު އަހަންނަށް ހުސެންގެ މޫނަށް ބަލައިލެވުނެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ވަރަށް ހިތްވަރާއެކު އަހަރެން ވާހަކަ ދެއްކީމެވެ.
" ނޫން. އަހަރެން އެއްވެސް މީހަކަށް ނަފްރަތެއް ނުކުރަން." ހުސެން ދުރުކޮއްލިކަން އޭނާއަށް އިހްސާސްކޮއްދިނުމަށްޓަކައި އަހަރެން ބުނީމެވެ.
" އެއްވެސް މީހެކޭ! އަހަރެން މިއީ އެއްވެސް މީހެއްތަ؟" ހުސެން އެހިއެވެ.
" ޔޫއަށް އެނގެނީ ހަމައެކަނި އަހަރެންގެ ޖަޒްބާތުތަކާ ކުޅެން. މި ގުޅުން ދާން ޖެހެނީ ޔޫ ބޭނުންވާ ގޮތަކަށް. އަހަރެން އެއްޗެއް ބުނެއްފިއްޔާ އޭގެ އެންމެ ގޯސް ގޮތަށް ހުސެން އަބަދުވެސް ވިސްނަނީ. ތިއީ މީހެއްގެ ފިރިއެއްކަން އަބަދާއަބަދު އަހަންނަށް ވިސްނަ ނުދިނަސް އަހަންނަށް އެކަން އެނގެޔޭ. ހުސެންއަށް އެކަން، އަހަންނަށް ހަނދާންކޮއްދެވޭ! އެކަމަކު، އަހަންނާ ދުރަށް ދެވޭތަ؟ އަހަރެން ހުސެންއާ ދުރަށް ދާން މަސައްކަތް ކުރާ ވަރަކަށް ހުސެންވަނީ އަހަންނާ ކައިރި. އަހަރެންގެ ހަބަރެއް ނުވިއްޔާ މެއިލް ކޮއްގެން ވެސް ހުސެން އަހަންނާ ހަމައަށް އެބަ އާދޭ. " އެއްޗެއް ނުބުނެ ހުންނަން ބޭނުން ވިޔަސް އަހަރެންގެ ދުލަކަށް ކެތެއް ނުވިއެވެ.
" ދެން މިތާކު ނޫން. " ހުސެން ބުންޏެވެ.
" ބޭނުންތަ އަހަންނާ ވާހަކަ ދައްކަން." އަހަރެން އެހީމެވެ.
" މި ގުޅުން އެއްކޮށް ކަނޑާލައިގެން އުޅެން އަހަންނަށް ވެސް ފަސޭހައެއް ނުވެޔޭ." ހުސެން ބުންޏެވެ.
" މިރޭ ލިލީ ނިދީމަ އަހަރެން ގުޅާނަން. އާދެވޭނެތަ؟" އަހަރެން އެހީމެވެ.
" ވަރަށް ދާން ބޭނުން." ހުސެން ބުންޏެވެ.
އޭރު ވެސް އަހަރެން ހުރީ ހުސެންގެ މޫނަށް ބަލަހައްޓައިގެންނެވެ. ދުލުން ހާމަ ނުކުރިޔަސް އޭނާ އަހަރެންދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ.
ހުސެންއަށް ގެއަށް އައުމަށް އަހަރެން ދައުވަތު ދިނީ ހަމަ އެންމެ ބޭނުމަކަށްޓަކައެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!