ކުރީގެ އަދަދާއިގުޅޭ:

" ވަރަށް ދާން ބޭނުން." ހުސެން ބުންޏެވެ.

Ad
rt

އޭރު ވެސް އަހަރެން ހުރީ ހުސެންގެ މޫނަށް ބަލަހައްޓައިގެންނެވެ. ދުލުން ހާމަ ނުކުރިޔަސް އޭނާ އަހަރެންދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ.

ހުސެންއަށް ގެއަށް އައުމަށް އަހަރެން ދައުވަތު ދިނީ ހަމަ އެންމެ ބޭނުމަކަށްޓަކައެވެ.

" އަހަރެން އިންތިޒާރު ކުރާނަން." އަހަރެން ބުނީމެވެ.

" ގުޅާ. ނިމުނީމަ." ހުސެން ބުންޏެވެ.

އަހަރެން ބޯ ޖަހާލަމުން ހީލީމެވެ. އެ އާއެކު އަހަންނަށް ބަލަހައްޓައިގެން ހުރެ ފަހަތަށް ޖެހިލުމަށްފަހު ހުސެން ގޭޓާ ދިމާލަށް ހިނގައިގަތެވެ.

އޭރު އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދާ ކަހަލައެވެ. ހުސެން ފެނުމުން އަހަންނަށް ކުރެވޭ އާދަޔާ ހިލާފް އިހްސާސްތައް އަދިވެސް އެހާމެ ތާޒާއެވެ. އަހަރެންގެ ހިތުގައި އުފެދިފައި އޮތް ލޯބި، ފަނޑުވުމެއް ނެތް ކަހަލައެވެ. ސިކުނޑީގައި އެނބުމުންދާ ހިޔާލުތަކަށް ހުއްޓުމެއް ގެނުވީ މަޣްރިބް ނަމާދުގެ ބަންގީގެ އަޑުންނެވެ. އެ ވަގުތު އަހަރެން އަވަސް އަވަހަށް ލިލީއާ ދިމާލަށް ހިނގައިގަތީމެވެ.

އެހެން ރޭރެޔާ ހިލާފަށް މިރޭ އަހަރެންގެ އަތްމަތި ހަލުވި ވެފައި އަވަހެވެ. ލިލީ ނިންދަވަން އޮތް އިރު ވެސް ހިތް ތެޅޭވަރު ބާރު ކަމުން ހީވަނީ ނެއްޓިގެން ހިނގައިދާނެހެންނެވެ. އިރުކޮޅެއް ވަންދެން ހުސެންގެ ނަންބަރަށް ބަލަހައްޓައިގެން އޮވެ އަހަރެން އޭނާއަށް މެސެޖް ކުރީމެވެ. އެއާއެކު އަހަރެންގެ ފިކުރުތައް އިތުރުވާން ފެށިއެވެ. ހުސެންއާ އެކަހެރި ގޮތެއްގައި ބައްދަލް ނުކުރުމަށް މީގެ އެތައް ދުވަހެއްގެ ކުރިން އަހަރެންގެ ހިތް އަޒުމްކަނޑައެޅިކަން އަހަރެން ހަނދާން އެބަހުއްޓެވެ. ކިތަންމެ ލޯބި ވިޔަސް، އަހަންނަށް ހަލާލު ނުވާ ކަމަކާ ގާތް ނުވާން މާތްﷲއަށް ވީ ވަޢުދުވެސް ހަނދާން އެބަހުއްޓެވެ. ޔަޤީނެވެ. އަހަރެންގެ އަމިއްލަ ނަފުސުގެ މައްޗަށް އަހަރެން ގަދަވާނަމެވެ.

އޭރު ގަޑިން 10 ޖަހައިފިއެވެ. ތުރުތުރުއަޅާ އަތަކުން ދޮރުގެ ތަޅުގައި ހިފީ، ހުސެން އައިސް މެސެޖް ކޮއްލުމުންނެވެ. ހުސެން އެތެރެއަށް ވަދެ، އަހަންނަށް ބަލައިލުމާއެކު އަހަރެން ދުރަށް ބަލައިލީމެވެ. އެއީ އެ ދެ ލޮލުގެ ނަޒަރު އަހަރެންގެ ލޮލާ ސީދާ ވެއްޖެނަމަ، އަހަރެންގެ ހިތް އޮޔާލައިފާނެތީއެވެ. މީގެ ކުރިން ވެސް އޭނާއާ ބައްދަލްވި މަދު ފަހަރުތަކުގައި އަހަންނަށް ވަނީ އެހެންނެވެ.

ހުސެންއަށް ވުރެ ކުރިން އަހަރެން ހިނގައިގަތީމެވެ. ފަހަތުން އޭނާ ވެސް އައެވެ. ސޯފާގައި ހުސެން އިށީން އިރު ވެސް އަހަންނަށް ހުރެވުނީ ކޮޅަށެވެ. ވާހަކަ ދައްކަން ފަށާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގުނެވެ. އޭރު މީހާ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ.

" ހަނދާންވޭތަ އަހަރެމެން އެންމެ ފަހުން މި ތަނުން ބައްދަލްވި ރޭ؟" ހުސެން އެހިއެވެ.

އަހަރެން ބޯ ޖަހާލީމެވެ.

" އެރޭ އަހަރެން ގެއަށް ގޮސް ހިތަށް އެރި ދެން ދުވަހަކު ވެސް މި ގެއަކަށް ނާންނާނަމޭ." އަނެއްކާ ވެސް ވާހަކަ ދެއްކީ ހުސެންއެވެ.

އަހަރެން ކުރު ހިނިގަނޑެއް ޖަހާލީމެވެ.

" އެއީ ކީއްވެ؟ " ހުސެން ބުނާ އެއްޗެއް ބަލަން ބޭނުން ވެގެން އަހަރެން އެހީމެވެ.

" އެއީ އަހަރެމެން މިހެން ބައްދަލްވީމަ، ޝައިތާނާ އަހަރެމެންގެ ދެމެދަށް ފާވާތީވެ. އެ ވަސްވާސްތަކުން އަހަރެމެންނަށް މަޑުމަޑުން ނުތިބެވުނީމަ. ބައެއް ކަންކަމަކީ ކިތަންމެ ބޭނުންވިޔަސް ނުކުރެވޭނެ ކަންތައްތައްކަން އަހަރެން ގަބޫލު ކުރާތީ." ހުސެން ބުންޏެވެ.

" އަހަރެން ވެސް ތިކަން ގަބޫލު ކުރަން. އެކަމަކު ހަޔާތުގެ ވަކި ހިސާބަކުން އަހަންނާ ހުސެން ބައްދަލްވީ ސަބަބެއް ނެތީމައެއް ނޫން ކަންނޭނގެ ދޯ! އެ ދުވަހު އަހަންނަކީ ފުރާނަ ނެތް މަސްގަނޑެއްފަދަ މީހެއް. ދިރިހުރީ ލިލީއަށްޓަކައޭ ބުންޏަސް ދޮގަކަށް ނުވާނެ. އެކަމަކު ހުސެން އަހަރެންގެ ހަޔާތަށް، އައި ހިސާބުން ގެއްލިފައި ވީ އަހަރެންގެ ހިނިތުންވުން އަލުން އަނބުރާ އަހަންނަށް ލިބުނު. ދިރިއުޅުމަށް މަދުވަމުން ދިޔަ އެތައް ކަމެއް ހުސެން އަހަންނަށް ފުރިހަމަ ކޮއްދިން. އަހަރެންގެ ކޮންމެ އިހުސާސަކަށް ހުސެން އިހްތިރާމްކުރި. ވަރުބަލިކަމެއް، ފޫހިކަމެއް ނެތި އަހަރެންގެ ހުރިހާ ވާހަަކަތަކެއް އަޑުއެހި. އަހަންނަށް ހިތްވަރު ދިން. ދިރިހުންނަށް ލިބުނު އިތުރު ހިތްވަރަކަށް ވީ ހަމައެކަނި ހުސެން. " އެ ހިސާބަށް ވާހަކަ ދިޔުމާއެކު އަހަންނަށް ރޮވެން ފެށުނެވެ.

" ލޯބިވުމަކީ ކުށެއް ނޫން. ކުށަކަށްވަނީ އެއަށް އަމަލު ކުރީމަ. ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ބައެއް ފަހަރު އެހެން ދިމަދިމާލަށް ހިތް ދޫވެދާނެކަން އަހަރެން ގަބޫލު ކުރަން. ހިތަކީ ލޯތްބާއި ހިތްހަމަޖެހުމާ ދިމާލަށް ދަތުރުކުރާ އެއްޗެއް. އަހަންނަށް އެނގޭ ޔޫއަށް ވީ އެހެންކަން. އަދި އަހަންނަށް ވެސް ވީ ހަމަ އެހެން." ހުސެން ބުންޏެވެ.

ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އަހަރެން ހުސެންއަށް ބަލައިލީ ގަދަކަމުން ހީލުމަށް ފަހުގައެވެ.

" ހުސެން އަހަރެން ދެކެ ލޯބިވޭތަ؟" އަހަރެން އެހީމެވެ.

އެ ވަގުތު އޭނާ ކޮޅަށް ތެދުވިއެވެ. އަދި މަޑުމަޑުން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ.

" ވޭ! ވަރަށް ލޯބިވޭ." ހުސެން ބުންޏެވެ.

އެ ވަގުތު އަހަންނަށް ހީވީ ހިތުގެ ވޭނާއި ރިހުމަށް އެއްފަހަރާ ފަރުވާ ލިބުނު ހެންނެވެ. އަހަރެންގެ ހަށިގަނޑުގައި ހުރި ތަދުތައް ވެސް ފިލައިގެން ދިޔަ ކަހަލައެވެ. ހުސެންގެ ދުލުން އެހެން ބުނެލާ އަޑު އަހާލަން އަހަރެން ކެތްމަދުވެފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. ހުސެންގެ ގައިގައި ވަރަށް ބާރަށް ބައްދާލާ ހިތްވިއެވެ. އެ މޭގައި މޫނު ޖައްސާލައިގެން ހުރެ ރޮއިލަން ބޭނުންވިއެވެ. އަދި އަހަރެންގެ ހިތުގެ ތެރޭގައި އެ ހިތް ފޮރުވާލަން ބޭނުންވިއެވެ.

" ޔޫ ބޭނުންވަނީ އަހަރެން ފިރިއަކަށް ހަދަންތަ؟ ނޫނީ ބޯއީ ފްރެންޑެއްގެ ގޮތަށް ނޫނީ ފްރެންޑެއްގެ ގޮތުގައި ބަހައްޓަންތަ؟" ހުސެންގެ ޖުމްލައިން އަހަންނަށް ތެޅިގަނެވުނެވެ.

ކިތަންމެ ފަސޭހަކަމާއެކު އެ ސުވާލުތައް ބުނެލި ނަމަވެސް އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އޭގެ އަސަރު ކުރުވިއެވެ. ސަބަބަކީ ހުސެންދެކެ އަހަރެން ވާ ލޯބި، ރައްކާކޮއްފައި އޮތީ އެތާ ކަމަށް ވާތީއެވެ. އަހަރެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟

" އަހަރެން ބޭނުންވަނީ ފިރިއަކަށް ހަދަން. " މަޑުމަޑުން އަހަރެންގެ ދެ ތުންފަތް ހަރަކާތް ކޮއްލިއެވެ.

" ރީތިކޮށް ތި ކަން ހަނދާން ނައްތާލާ! ތިކަން ދުވަހަކު ވެސް ނުވާނެއެއްނު." އަސަރާއެކު ހުސެން ބުންޏެވެ.

އެ ވަގުތު އަހަރެންގެ ތުންފަތްމައްޗަށް ވޭނީ ހިނިތުންވުމެއް ވެރިވިއެވެ.

" ތިއީ ކަން އޮތް ގޮތެއްނު. އަހަރެން މި ބުނީ އަހަރެން ބޭނުންވާ ގޮތޭ." އަހަރެން ބުނީ ގަދަކަމުން ހީލަމުންނެވެ.

" މުޅި އުމުރަށް ވެސް ފްރެންޑެއްގެ ގޮތުގައި އަހަރެން ހުރެދޭނަން." ހުސެން ބުންޏެވެ.

އަހަރެން އޭނާއަށް ފުރަގަސްދިނީމެވެ. އިންތިހާއަށް ހުސެންދެކެ ލޯބިވާއިރު، ރަހްމަތްތެރިއެއްގެ ހައިސިއްޔަތުން އަހަރެން ހުސެންއާމެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" ނޫން. ތި ގޮތަށް ވުރެ އަހަންނަށް މާ ރަނގަޅު ހުސެން އަހަރެންގެ ލައިފްއިން އެއްކޮށް ދިޔަސް. އެ ނަޒަރުން އަހަންނަކަށް ނުދެކެވޭނެ. ހުސެންގެ ހިތަށް ވަޒަން ވެސް ނުކުރެވޭ ވަރަށް އަހަރެން ހުސެންދެކެ ލޯބިވަން." އަހަރެން ބުނީމެވެ.

" އާނ! އެނގޭ ލޯބިވާކަން. ލޯބި ވެގެން ގޮސް ޔޫ ހުންނަނީ އޯވަރ ވެފައި. އޯވަރ ލަވް، އޯވަރ ކެއަރ، ހުރިހާ ކަމަކުން ހައްދުފަހަނައަޅާފައި. " ހުސެން ބުނީ ބާރަށެވެ.އަހަރެންގެ ހަޔާތުން އެއްކޮށް ދުރަށް ދާން ބުނީމަ ހިތްހަމަ ނުޖެހުނީކަމަށް ވެދާނެއެވެ. އެއީ މީގެ ކުރިން ހުސެންއަކީ އެހާ ބާރަށް އަހަންނާ ވާހަކަ ދައްކާ މީހެއް ނޫނެވެ.

" ހައްދުފަހަނައަޅާ މިންވަރަށް ވެސް ހުސެންދެކެ ކޮންމެ މީހަކު ވެސް ލޯބިވެދާނެ. ތިއީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިއެއް. ދަރިޔަކަށް ލިބޭނެ އެންމެ ހެޔޮ ބައްޕައެއް. " އަހަރެން ބުނީމެވެ.

" ތިއީ ތައިބާ ދެކޭ ގޮތް. ތައިބާއަށް ތި ފެންނަނީ އަހަރެންގެ އަސްލު! އެކަމަކު އަހަރެންގެ ދިރިއުޅުމުގައި ބައެއް ފަހަރު މި ސިފަ، މީގެ އިދިކޮޅަށް ބަދަލު ކުރަން އަހަންނަށް މަޖޫބުރުވޭ. ބައެއް ކަންކަމަކީ ވަގުތާ ހާލަތުގެ ގޮތުން ބަދަލުވާނެ ކަންކަން." ހުސެން އަސަރާއެކު ބުންޏެވެ.

" އަހަރެން ވެސް ގޮތެއް ނިންމައިފިން." އަހަރެން ބުނީމެވެ.

އެ ވަގުތު ހުސެން އަހަންނާ ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. މިރޭ ހުސެންއާ ބައްދަލް ކުރަން އަހަރެން އެދުނު އަސްލު މަޤްޞަދާ ދިމާލަށް އަހަރެން ދިޔައީމެވެ.

" ކޮންމެ ހާލެއްގައި ވެސް ޒިޔާދާއެކު އުޅެން އަހަރެން ބޭނުމީ. އަދި ޒިޔާ ވެސް ބަދަލު ވެދާނެ. އަހަރެން ބޭނުންވާ ކަހަލަ މީހަކަށް އޭނަ ވެދާނެ. އޭނަ އެހެން އުޅުނަސް އަހަރެންދެކެ ލޯބިވާނެ." އަހަރެން ބުނީމެވެ.

އެހެން ބުނުމާއެކު ކުއްލިއަކަށް ހުސެން އަހަރެންގެ އަތުގައި ހިފިއެވެ. ސިހިފައި އަހަރެން ހުސެންއަށް ބަލައިލުމާއެކު އޭނާ އަހަރެންގެ އަތަށް ބޮސްދިނެވެ. ފަނޑުއަލީގެ ތެރެއިން އަހަންނަށް އެ ދެ ލޮލުން ވިދަމުންދާ ކަރުނަތައް ފާހަގަ ކުރެވުނެވެ.

" ހިތާ ދެކޮޅަށް އަހަރެން ދޭނެ ނަސޭހަތަކީ ވެސް ތީ. މީހަކަށް ލިބޭނެ އެންމެ އޯގާތެރި އަނތްބަކަށް ޔޫ ވާނެކަން އަހަންނަށް އެނގޭ. ކެތްކުރައްޗޭ! އަހަރެމެން ދެ މީހުންގެ ގުޅުން މި ހިސާބުން ނިންމާލަންވީތަ؟" ހުސެން އެހެން ބުނެލަމުން އަހަރެންގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.

އެއާއެކު އަހަރެންގެ ތުން ފިތެން ފެށިއެވެ. ބާރަށް ރޮއިލަން ބޭނުންވިއެވެ. ހިތާ ދެކޮޅަށް އަހަރެން ވެސް އާނއެކޭ ބުނުމުގެ ގޮތުން ބާރަށް ބޯ ޖަހަން ފެށީމެވެ.

" ނިންމާލަންވީ! ގުޅުން އެއްކޮށް ކަނޑާލަންވީ! ދެ މީހުން ދެ ދިމާލަށް، ދެ މިސްރާބަށް، ދެ މަންޒިލަކަށް ދަތުރު ކުރަން ވީ! އެ ނޫން ގޮތެއް އަހަރެމެންގެ ތަޤްދީރަކު ރޭވިފައެއް ނުވޭ ހުސެން." އެހެން ބުނެ އަހަރެން ހުސެންގެ މޭގައި މޫނު ޖައްސާލީމެވެ.

ހަމަ އެ ވަގުތެވެ. ސޯފާމަތީ އޮތް އަހަރެންގެ ފޯނު ރިންގްވާން ފެށި އަޑަށް ސިހިފައި އަހަންނަށް ހުސެންގެ ގައިން ދޫކޮށްލެވުނެވެ. ފޯނު ސްކްރީނުން ފެންނަން އޮތް ޒިޔާދުގެ ފޮޓޯ ފެނި، އަހަރެންގެ ހިތަށް ހާސްކަން ވެރިވިއެވެ. ބާރުބާރަށް ގޮސް ފޯނު ނަގައި، ހުސެންއަށް ބަލައިލީމެވެ.

" ހަލޯ! " އަހަރެން ބުނެލީ މަޑުމަޑުންނެވެ.

" ނިދަނީތަ؟" ޒިޔާދު އެހިއެވެ.

" ނޫން." އަހަރެން ބުނީމެވެ. އޭރު ވެސް އަހަންނަށް ހުރެވުނީ ހުސެންއަށް ބަލާށެވެ.

" ދޮރު ހުޅުވާލަބަލަ! މި ހުރީ އެޕާޓްމަންޓް ދޮރުމަތީ. ސަޕްރައިޒް!" ޒިޔާދު ބުންޏެވެ.

އަހަރެން ތުރުތުރު އަޅައިގަތެވެ. ދެ ލޯ ބޮޑުކޮށްގެން ދޮރާ ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ހުސެން ވެސް އައިސް އަހަންނާ ދާދި ގާތުގައި ހުއްޓުނެވެ. ކަމެއް ގޯސް ވެއްޖެކަން ހުސެންއަށް ވެސް އެނގުނު ކަހަލައެވެ.

" ޒިޔާދު! " ފޯނު ކަނޑާލުމަށްފަހު އަހަރެން ބުނީ ދޮރާ ދިމާލަށް ބަލައިލަމުންނެވެ.

( ނުނިމޭ )

(ނިމުނީ)