ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ހުޅުވަން ނިންމާފައިވާއިރު، އެކަމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހަނިމާދޫ ކައުންސިލުން އެދިއްޖެއެވެ.
މި ރަސްމިއްޔާތު ފަށަން ނިންމާފައި ވަނީ މިރޭ 19:30 ގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި
މިދިޔަ 2024 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ވައިގެބަނދަރުގެ ރަންވޭ ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި ރަންވޭ އިފްތިތާޙްކޮށްދެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި 7 އޮކްޓޯބަރު 2024 ގައި ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ގެންނަ ތަރައްގީއާއިއެކު އެ ވައިގެ ބަނދަރުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!