ކުރީގެ އަދަދާއިގުޅޭ:

ދެ މީހުން އެކުގައި ގޮސް ކޮޓަރިއަށް ވަތް އިރު ހަސަން އޮތީ އޮށޯވެލައިގެންނެވެ. ބިއްދޮށަށް އެނބުރި އޮތުމުން އޭނާ ވަރަށް ބޮޑަށް ދެރަވެއްޖެކަން މަރިޔަމްއަށް އެނގުނެވެ.

Ad
rt

" ހަސަން. ސާޔާ މި ހުރީ ވާހަކަ ދައްކާލަން އައިސް." މަރިޔަމް ބުންޏެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ މަރިޔަމް ސާޔާއަށް ނިތް އެއްލީ ބައްޕައާ ވާހަކަ ދެއްކުމަށް އިޝާާރާތް ކުރަމުންނެވެ.

" ބައްޕަ މާ ދެރަވީތަ؟ " ސާޔާ ގޮސް އެނދުގެ މަގަތުގައި އިށީންނަމުން އެހިއެވެ. ނަމަވެސް ހަސަން އެއްވެސް އެއްޗެއް ނުބުންޏެވެ.

" ދޮންބެ ކީ އެއްޗެއްސާމެދު ނުވިސްނާ." އެހެން ބުނެ ސާޔާ ހަސަންގެ ގައިގައި އަތް ޖައްސާލުމަށްފަހު ކުޑަކޮށް ކައިރިވެލަމުން ހަސަންގެ މޫނަށް ބަލައިލިއެވެ.

" ބައްޕާ؟" ސާޔާއަށް ގޮވާލެވުނީ ލަސްލަހުންނެވެ. އޭރު އޭނާގެ ހިތުގައި އާދަޔާ ހިލާފު ބިރުވެރިކަމެއް އުފެދިއްޖެއެވެ. ސާޔާ ދެއްކި އެއްވެސް ވާހަކައަކަށް ހަސަން ރައްދެއް ނުދިނެވެ.

" ބައްޕާ؟" ސާޔާ ތެދުވުމަށްފަހު ހަސަންގެ ގައިގައި ހިފައި، ތެދުކޮށްލަން މަސައްކަތް ކުރިއެވެ. މަރިޔަމް ވެސް ތެދުވެ އެނދު ކައިރީ ހުއްޓުނީ ހައިރާންކަމާއެކުއެވެ.

އެ ވަގުތު ހަސަން ހޭ ވެރިކަން ނެތްކަން ސާޔާއަށް އެނގުނެވެ. އޭނާއަށް ބާރަށް ރޮއިގަނެވުމާއެކު، މަރިޔަމްއަށް ވެސް އަޑުން އަޑު ނަގައި ރޮއިގަނެވިއްޖެއެވެ.

" ބައްޕާ؟ ބައްޕާ؟" ހަސަންގެ މޫނުގައި ފިރުމަމުން ސާޔާ ގޮވަމުން ދިޔައެވެ.

މަރިޔަމް ވެސް ބާރުބާރަށް ހަސަންއަށް ގޮވަން ފެށިއެވެ.

" ދަރިފުޅު ދޭބަލަ ބޭރަށް މީހަކު ފެނޭތޯ ބަލަން. ބައްޕައަށް ކިހިނެއްތަ މި ވީ؟" މަރިޔަމްއަށް ބުނެވުނީ ނުހަނު ބާރަށެވެ.

އެއާއެކު ސާޔާ ބޭރަށް ދުއްވައިގަތެވެ. އޭރު އޭނާގެ ނޭވާ ހުރީ އަވަސްވެފައެވެ. ހިތަށްވަނީ ބިރުވެރިކަން ވަދެ ފުރިފައެވެ. ހިތުގައި ޖަހަނީ ވެސް ބިރުވެރިކަމުގެ ވިންދެވެ. ހިތަށް އަރާ ފައިބަމުންދާ ވާހަކަތައް އޭނާ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ފައިވާނަށް ވެސް ނާރާ އޭނާ ބާރަށް ދުވަމުން ދިޔައެވެ. ވަގުތުގެ ގޮތުން މަގުމަތީގައި އެއްވެސް މީހަކު ނެތެވެ. ހާސްވެފައި ހުރި ވަރުން ގެއަކަށް ވަންނާކަށް ވެސް ސާޔާގެ ހިތަކަށް ނޭރިއެވެ. ސިކުނޑީގައި އޮތީ މަންމަ ބުނި ޖުމްލައެވެ. މަގުމަތިން މީހަކު ފެނޭތޯ ބަލާށެވެ.

ގޯޅިއަކަށް އަޅާލުމާއެކު ބާރުބާރަށް ސާޔާ ލައިގަތީ މީހެއްގެ ގައިގައެވެ. އެއާއެކު ރޮވިފައި ހުރި ސާޔާއަށް އޭނާގެ އަތުގައި ހިފުނެވެ. އެއީ ކާކުކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެ ޒުވާނާގެ ހައިރާންވެފައި ހުރި މޫނަށް ބަލަހައްޓައިގެން ހުރެ ސާޔާ ދެ ފަރާތަށް ބޯ ހޫރަމުން ދިޔައެވެ.

އޭނާގެ އަތުން ދޫކޮށްނުލައި ހުރެ، ސާޔާ އައިކޮޅަށް ދުއްވައި ގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އަތް ފޮޅުވާލުމުން ސާޔާ ފަސްއެނބުރި ބަލައިލީ ދެ ލޯ ބޮޑުކޮށްގެން ހުރެއެވެ.

" ޕްލީޒް. އަހަންނާއެކު އާދެބެލަ. ޕްލީޒް." ރޮމުންރޮމުން ސާޔާ ބުންޏެވެ.

އޭރު ވެސް އެ ޒުވާނާ ހުރީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ.

" ކާކުކަން ނޭނގޭ ކުއްޖެއްގެ ފަހަތުން އަހަރެން ކިހިނެއް ދާނީ؟" އޭނާ ބުނެލިއެވެ.

އެއާއެކު ސާޔާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އައިކޮޅަށް ދުއްވައިގަތީ އެ ޒުވާނާއަށް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. ވަރުބަލިކަމާއެކު އޭނާ ގޮސް ގޯތި ތެރެއަށް ވަތް އިރު މީހުންތައް އޮތީ ޖަމާވެފައެވެ.

ތޮއްޖެހިފައި އޮތް މީހުންގަނޑު ފަޅަމުން ސާޔާ އެތެރެއަށްވަނީ ދެ ލޯ ބޮޑުކޮށްގެން ހުރެއެވެ. އޭރު އޭނާގެ މޫނުމަތީގެ ހުރިހާ ހަރަކާތެއް ހުއްޓިފައި ހުރި ކަހަލައެވެ.

" މަންމާ؟ " ސާޔާ ގޮސް ދެ އަތުން މަންމަ ވަށާލިއެވެ.

ހުއްޓުން އަރާފައި އިން މަރިޔަމްގެ ކުރިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތް ހަސަން ފެނުމާއެކު ސާޔާއަށް އަނެއް ފަރާތަށް މޫނު އަނބުރާލެވުނެވެ.

އޭރު ގޭތެރޭގައި ބައިވަރު މީހުންތައް ހަރަކާތްތެރިވަމުން ދިޔައެވެ.

" ނިޔާވީ ބައްޕަ." ސާޔާގެ މޫނުގައި ވަސްގަންނަމުން މަރިޔަމް ބުނެލީ މަޑުމަޑުންނެވެ.

" މަންމާ. މަންމާ. އަހަންނަކަށް ނުކެރޭނެ އެ ދިމާލަށް ބަލާކަށް." ސާޔާ ރޮމުން ރޮމުން ގޮވަމުން ދިޔައެވެ.

އެ ވަގުތު އަންހެނަކު އައިސް ސާޔާގެ ގައިގައި ހިފައި ނެގިއެވެ. އަދި އޭނާ ގެއިން ބޭރަށް ނެރުނެވެ.

" ދަރިފުޅާ ސާޔާ. ހިތްވަރުކުރޭ. މަންމައަކީ ބަލި މީހެއް. މަންމަ މާ ދެރަވާނެ ސާޔާ ރޮންޏާ. ދައްތައަށް އެނގޭ ކެތްނުވާނެކަން. އެކަމަކު ވެސް މަންމައަށްޓަކައި ހިތްވަރުކުރޭ." އެ ދައްތަގެ ވާހަކަތަކުން ސާޔާއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ.

ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ މުޅި އުމުރަށް ދުނިޔެއިން ވަކިވެ އެ ދިޔައީ އޭނާގެ ފުރާނަ ފަދަ ލޯބިވާ ބައްޕައެވެ. މަންމަގެ ހަޔާތަށް ލިބޭނެ ފަޅުކަން ވެސް ސާޔާގެ ހިތަށް އެ ވަގުތު ވެރިވެއްޖެއެވެ. ބޭރުގައި ހުރެގެން ސާޔާ ގިސްލަމުން ދިޔައެވެ. ބައެއް އަންހެން ވެރިން ސާޔާއަށް ނަސޭހަތް ދިނުމުގައި އުޅުނެވެ.

" ސާޔާ. ބައްޕަ ހިނަވާގެއަށް ގެންދަން އެމްބިޔުލަންސް އެ އައީ. ހިނގާ ދާން." އެ އަޑަށް ސާޔާއަށް ބަލައިލެވުނީ ގޭ ދޮރާ ދިމާލަށެވެ. އޭރު ބައްޕަގެ ހަށިގަނޑު އަށިގަނޑަށް ލައިގެން ގެއިން ނެރެނީއެވެ. މަންމަ އަތުލަފިކޮށްގެން އެހެން ބަޔަކު ތިއްބެވެ. އެ މަންޒަރު ދެކެން ސާޔާއަށް ނުހަނު އަސަރު ކުރުވިއެވެ.

ފްލައިޓް ޖެއްސުމާއެކު ފުރަތަމަ ކޯލް ލިބުނީ ރާމިޒަށެވެ. އެއީ އެ ރަށުން ރާމިޒް އަލަށް ހޯދި ރަހުމަތްތެރިޔާގެ ކޯލެވެ.

" ކީކޭ؟ ހަމަ ތެދެއްތަ؟" ރާމިޒްއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

ކަންފަތުން ފޯނު ނައްޓާލުމަށްފަހު ރާމިޒް ފަހަތް ބަލައިލީ ސާމިހްއާއި ރައުދާއަށް އެ ހަަބަރު ލިބުނުތޯ ޔަގީންކޮށްލާށެވެ. ނަމަވެސް އެ މީހުން އޭރު ވެސް ތިބީ ހެވިފައި ވާހަކަ ދައްކާށެވެ.

" އަހަރެން ނުބުނާނަން. އަހަންނަކަށް އަލަކުން ނުދެވޭނެ." ރާމިޒްއަށް ހިތާހިތުން ބުނެވުނެވެ.

ހިނަވާގެ ކައިރީ ގޮނޑިއެއްގައި މަރިޔަމް އިނީ ގަބުވެފައެވެ. ކައިރީގައި ސާޔާ ވެސް އިނެވެ. ހަމަ އެ ފަދަ ގޮތަކަށެވެ.

" ދަރިންނަށް ގުޅާލަން ވީނު. މޫނު ބަލައިލަން އަންނަން. ކަށުނަމާދުކުރަން އަންނަން." މަރިޔަމްގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު އޭނާ އިސްއުފުލައިލުމަށްފަހު މުދިންބެގެ މޫނަށް ބަލައިލިއެވެ. އޭރު ވެސް އޭނާއާ ދާދި ގާތުގައި ބައިވަރު މީހުން ތިއްބެވެ.

ތެމިފައިވާ މަރިޔަމްގެ އެސްފިޔަަކުގެ ދަށުން އޭރު ވެސް ކަރުނަތައް ފައިބަމުން ދެއެވެ.

" އަސްރު ފަހުން ނޫނީ މަޣްރިބްގެ ފަހުން ވެސް ވަޅުލެވޭނީ އޭރުން." މުދިންބެ އަނެއްކާ ވެސް ބުނެލިއެވެ.

އަސަރުން ފުރިގެންވާ ފަދަ ބެލުމަކުން އޭނާ ސާޔާއަށް ބަލައިލިއެވެ. އޭރު ވެސް ސާޔާ އިނީ މަޑުމަޑުން ގިސްލަގިސްލައެވެ.

" ބައްޕަގެ މޫނު ފެންނަން މިންވަރު ކުރެއްވި ދަރިޔަކަށް މިންވަރު ކުރައްވާނެ. އެ މޫނު ދެކެން ގުޅައިގެން ގެންނަންޖެހޭވަރުގެ އެއްވެސް ދަރިޔަކު އަހަރެންގެ ނެތް. އަސްރު ނަމާދުފަހުން ކަށުނަމާދު ކުރާނީ." ތުރުތުރުއަޅާ އަޑަކުން މަރިޔަމް ބުނެލިއެވެ.

އެއާއެކު ވަރުބަލިކަމާއެކު ސާޔާ ބޯ ޖަހާލީ މަންމައާ އެއްބައިވުމުގެ ގޮތުންނެވެ. މަންމަގެ ގައިގައި ބައްދާލަމުން ސާޔާ އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ މިއަދު އޭނާއާ ބައްދަލްވި ޒުވާނާއެވެ. މިސްކިތުގެ ފާރުގައި ލެނގިލައިގެން ދެ އަތް އުރާލައިގެން އޭނާ ހުރީ ސީދާ ސާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން އެތައް ވާހަކަތަކެއް ސާޔާއަށް ފެނުނު ކަހަލައެވެ. އަވަސް އަވަހަށް އޭނާ ނަޒަރު ބަދަލުކޮށްލިއެވެ.

މަރިޔަމްގެ ގައިގައި ހިފަހައްޓައިގެން ސާޔާ ގޮސް ބައްޕައާ ދާދި ގާތުގައި ހުއްޓުނެވެ. އެއާއެކު ސާޔާގެ ގައިން ބާރު ދާ ކަހަލަ އިހްސާސެއް ކުރެވެން ފެށުނެވެ. ނަމަވެސް މަންމައަށްޓަކައި ކެތްކުރަން އޭނާއަށް މަޖުބޫރުވީ ކަހަލައެވެ. ކޮޅަށް ހުންނާނެ ވަރު ފައިގައި ނެތް ނަމަވެސް، އޭނާ އެ ބާރު ބަޔަށް ދޫކޮށްލީ ހިތުންނެވެ. ހިތްވަރު ނެރުނީ ވެސް ހަމަ އެ ހިތުންނެވެ.

އެތައް އިރެއް ވަންދެން މަރިޔަމް ހަސަންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޅަ އުމުރުގައި ލޯބީގެ ގޮތުން ގުޅީ، ގައިވެނީގެ މާތް ގޮށުން ބަނދެވި މުޅި އުމުރު ހޭދަކުރި ލޯބިވާ ބައިވެރިޔާ މުޅި އުމުރަށް އޭނާ ދޫކޮށްލިކަން ޔަގީން ކުރެވުނީ އަދި ކިރިޔާއެވެ. އެ ދެ ލޯ ހުޅުވައި ދެން އެ މޫނަށް ނުބަލާނެކަން މަރިޔަމްއަށް އެނގެއެވެ. އެ ދެއަތް އުފުލައި އޭނާގެ ގައިގައި ފިރުމާ ނުލާނެކަން އެނގެއެވެ. ލޯބިވެތި ވާހަކަތައް ދައްކައި އޭނާ ހެއްވާލަން ނުތެދުވާނެކަން ވެސް އެނގެއެވެ.

" އަހަރެން އަދިވެސް ހަސަން ބޭނުން. ބަލިހާލުގައި އަހަރެން ހުއްޓާ، ހަސަން ތި ދިޔައީ ކީއްވެ؟ އަހަރެމެން ދެ މީހުންގެ ދިރިއުޅުން މި ހިސާބުން މި ނިމުނީތަ؟ މުޅި އުމުރު ހުސްވީތަ؟ ފަސްގަނޑުދަށަށް ވަޅުލެވެން ދަނީތަ؟ އެނބުރި ދެން ދުވަހަކު ވެސް ނާންނާނެތަ؟ އަހަރެން ނިދަންވީ އެކަނިތަ؟ ކާން ވީ އެކަނިތަ؟ ދެން ހަސަން އަހަންނަށް ގޮވައިވެސް ނުލާނަންތަ؟ ބަލައި ނުލާނަންތަ؟ މިއީތަ މި ދުނިޔޭގެ ނިމުމަކީ؟ " ހިތާހިތުން މަރިޔަމް ދިޔައީ ހަޅޭއްލަވަމުންނެވެ. ނަމަވެސް ތުރުތުރުއަޅާ ހާލު އޭނާ ކެތްކުރީ ބާރަށް ނުރޮއިވޭތޯއެވެ.

އެންމެ ފަހު ފަހަރަށް ހަސަންގެ މައުސޫމް މޫނަށް މަރިޔަމް ބަލައިލިއެވެ. އަދި ތުރުތުރުއަޅާ އަތަކުން ހަސަންގެ މޭގައި އަތް ޖައްސާލިއެވެ. ބާކީ އޮތީ ހަމަ ކުޑަކުޑަ ހިނދުކޮޅެއްކަން އޭނާއަށް އެނގެއެވެ. އެ ތަނުން ނިކުތުމަށްފަހު މުޅި އުމުރަށް އެ ސޫރަ އޭނާގެ ލޯމަތިން ގެއްލުނީކަން އެނގެއެވެ. އެހެންވެ، އެ ތަނުން ނުނިކުމެ ވޭތޯ އޭނާ ލައްކަ އިރު ހުއްޓެވެ.

" މަންމާ. ދެން ހިނގާ ދާން." ބައްޕަގެ މޫނަށް ބަލައިލަމުން ސާޔާ އެދުނެވެ.

" ބައްޕަ އެކަނި ބާއްވާފައި މަންމަ ދާން ވާނެތަ؟" މަރިޔަމްއަށް ބުނެވުނެވެ. އެއާއެކު ސާޔާއަށް ތެޅިގަނެވުނެވެ.

މަންމަގެ ހާލަތު ގޯސްވަނީކަން އޭނާއަށް ޔަގީން ކުރެވުނެވެ. ނަމަވެސް ނަސޭހަަތެއް ދެވޭ ވަރަށް ވުރެ އޭނާގެ ހާލަތު ގޯހެވެ.

" މަންމާ. ހިނގާ ދާން. އިލާހީ ގާނޫނާ އަހަރެމެންނަށް ދެ ކޮޅެއް ނެހެދޭނެއެއްނު. އަހަރެން މި ހުރީއެއްނު މަންމާ." ސާޔާ މަރިޔަމްގެ ގައިގައި ބައްދައިގެން ހުރެ ބުންޏެވެ.

އެ ވަގުތު ސާޔާގެ އަޑު އަހައި، މަރިޔަމް އެ ތަނުން ނިކުތެވެ. އެވަރުން ވެސް އޭނާ ފަސްއެނބުރި ހަސަންއަށް ދެ ފަހަރަކު ބަލައިލީ ރޮމުންނެވެ.

ޖަނާޒާ ގެ ކަންތައްތައް ނިމުމުން ގެއަށް އައިސް މަރިޔަމް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. އޭރު ވެސް އޭނާއާ ދާދި ގާތުގައި ސާޔާ ހުއްޓެވެ.

" މަންމަ އޮވެލާ. އަހަރެން މި އަންނަނީ އެއްޗެއް ކާލަން ހިފައިގެން. މަންމަ ބޭސް ކާން ޖެހޭނެ އެއްނު." ސާޔާ ބުންޏެވެ.

ބޭރަށް ނިކުމެ ސާޔާ ފާރުގައި ލެނގިލިއެވެ. އަދި މޫނުގައި ދެ އަތުން އަތް އެޅުމަށްފަހު ގިސްލާން ފެށިއެވެ. ވަރުބަލި ވަންދެން އޭނާ އެހެން ހުރެ ރުޔެވެ.

" ދެން ނުރޮއި. ކޮންމެ މީހަކަށް ވެސް އެ ދުވަސް އަންނާނެ." ނުދަންނަ އަޑެއް އިވުމާއެކު ސާޔާ ސިހިފައި ބަލައިލިއެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ އޭނާއާ ދިމާލަށް ބަލަހައްޓައިގެން އެ ހުރީ ކުރިން ވެސް އޭނާއާ ދިމާވި ޒުވާނާއެވެ. ހައިރާންވެފައި ސާޔާ އޭނާއަށް ބަލަން ފެށުމާއެކު އޭނާ ސާޔާއާ ދިމާލަށް އަންނަން ފެށިއެވެ.

" ތި ކުއްޖާ އޭރު އައި ގޮތުން އަހަރެން ބިރުގަތީ. ކިހިނެއްވީ ކަމެއް ނޭނގޭތީ ފަހަތުން ނުދިޔައީ. އަހަންނަކީ ބީރައްޓެއްސެއް. ކަށުނަމާދަށް ދިޔައީމަ އެ ތަނުން ފެނިގެން އަހަންނަށް އެނގުނީ. ސޮރީ. ފަހުން ވަރަށް ދެރަވި. ހިތަށް އެރި ތީނަ ފަހަތުން ދެވުނު ނަމައޭ." އޭނާ ބުންޏެވެ.

އެ ވަގުތު ސާޔާ އަވަސް އަވަހަށް މޫނުމަތިން ކަރުނަތައް ފުހެން ފެށިއެވެ.

" އަހަންނަށް މައާފެއް ނުކުރާނަންތަ؟" އޭނާ އަނެއްކާ ވެސް ބުންޏެވެ.

ސާޔާ އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" މައާފް ކުރާނަން. މައާފް ކުރިޔަސް، ނުކުރިޔަސް ވަގުތު ޖެހުމުން ގެންދަވާނެ. ގެންދެވޭނީ ކުރި ހެޔޮކަމެއް." ސާޔާ ބުންޏެވެ.

" އަހަންނަކީ އާދިލް. އެ ތަނުން އިވުނު ސާޔާއާ މީހުން ވާހަކަ ދައްކާ އަޑު. އެހެންވެ ނަން ވެސް އެނގުނު." އޭނާ ބުންޏެވެ.

" އަހަންނަށް މި ވަގުތު ވާހަކަ ދައްކަން އެހާ ފަސޭހައެއް ނޫން. " އިސްޖަހާލަމުން ސާޔާ ބުންޏެވެ.

" ދެން... ސާޔާގެ މަންމައާއި ދެ މީހުން އެކަނި ތިހެން އުޅެންޏާ ތި ހިތާމައިން އަރައިގަނެވޭތަ؟" އާދިލް އެހިއެވެ.

" އެކަމަކު... ދެން އިތުރު ބަޔަކު ނެތޭ. އަހަންނާ މަންމައަކީ އެކަނިވެރިން. ކޮންމެ ހާލެއްގައި ވެސް އަހަރެން މަންމަ ބަލަން ޖެހޭނެ." އެހެން ބުނެ ސާޔާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

" ހޭ... ސާޔާ! ހުއްޓާލާ. ބައްޕައަށް ހެޔޮދުއާ ކުރަންޖެހޭނެ. ކަށްވަޅުގައި ސާބިތުކަން ދެއްވުން އެދި މި ވަގުތު ހެޔޮދުއާ ކުރަން ވާނެ. އަހަރެން މި އަންނަނީ ސާޔާއާއި މަންމައަށް ކޮންމެވެސް އެއްޗެއް ހިފައިގެން. އަރާމުކޮށްލަން ދޭ." އާދިލް ބުންޏެވެ.

ސާޔާ ދެ ފަރާތަށް ބޯ ހޫރާލުމުން ވެސް އޭނާ އަޑެއް ނޭހިއެވެ. ސާޔާއަށް ބަލަމުން ބަލަމުން އިތުރަށް މަޑުނުކޮށް އޭނާ ނިކުމެގެން ދިޔައެވެ.

އާދިލް ނިކުމެގެން ދިޔުމުން ވެސް ސާޔާ ހުރީ އެ ތަނުގައެވެ. ކުއްލިއަކަށް ސާޔާގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. އަވަސް އަވަހަށް ފޯނު ނަގައި ބަލައިލި އިރު ގުޅަނީ ސާމިހްއެވެ. ސާމިހްގެ މަތިން އޭނާ ހަނދާންވީ ވެސް ދެނެވެ.

" ކޮއްކޯ. ކޮއްކޯ.. މީހުން އަހަންނަށް ތައުޒިޔާ ފޮނުވާފައި އޮތްތަން މި ފެނުނީ ދެންމެ. ގެއަށް އައިގޮތަށް ފޯނު އޮފްކޮށްގެން ނިދީ. ބުނެބަލަ އެއީ ދޮގެއް ދޯ؟ ސާޔާ! އެއީ ދޮގެއް ހޭ؟" ބާރުބާރަށް ސާމިހް ބުންޏެވެ.

އެއާއެކު ސާޔާއަށް ބާރަށް ރޮވިއްޖެއެވެ.

" އެއީ ތެދެއް. އެއީ ދޮގެއް ނޫން. މަގޭ ބައްޕަ ނިޔާވެއްޖެ. ޖަނާޒާ ވެސް ނިމިއްޖެ. ބައްޕައެއް ދެން ދުވަހަކުވެސް ނުފެންނާނެ." ސާޔާ ބާރުބާރަށް ބުންޏެވެ.

" ކީއްވެ މަށަށް ނުގުޅީ؟ ކޮންމެވެސް ގޮތެއް އޮތީސް ދޯ. އަހަރެން ވެސް ބައްޕަގެ މޫނު ދެކެން ބޭނުންވާނެ ދޯ." ސާމިހް ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ.

" މަންމައޭ ބޭނުން ނުވީ ތި މީހުން ގެންނަން." ސާޔާ ހަޅޭއްލަވައިގަތުމުން ސާމިހް މައިތިރިވިއެވެ.

" ދުނިޔޭގައި ހުއްޓާ އަޅާނުލި ބަޔަކު، އެ ބައްޕަ ދުނިޔެއިން ވަކިވީމަ، ފުރާނަނެތް މަސްގަނޑު ދެކެން އައުމުގެ ބޭނުމެއް އެބައޮތްތަ؟ ބޭނުން ވަރަކަށް ބައްޕައާއެކު ސަކަރާތްޖަހާ، ބައްޕަ ގޮވައިގެން ދަތުރުގޮސް، ޑިންގީ ދުއްވަން ގޮސް، ބައްޕަ ގޮވައިގެން ކެފޭއަށް ގޮސް މީރު އެއްޗެއް ކާލަން ދީ، އަހަރެމެންނާއެކު ބޭރަށް ހިނގާލަން ގެންގޮސް، އަހަރެމެންނާއެކު ރޭގަނޑު ޖެޓީއަށް ގެންގޮސް ހީ ސަމާސާކުރަން ބައްޕަގެ ވަގުތު ދެމި އޮތް އިރު، އެ ބައްޕަ އެ ކަންކަމުގައި ހިއްސާ ނުކުރި މީހަކު މިއަދު ބައްޕަ ދެކެން އައުމުގެ ބޭނުމެއް އޮތިއްޔާ މަގޭ ކައިރީ ދޮންބެ ބުނެބަލަ." ސާޔާ އެހެން ބުނެ ކުޑަކަކޫ މައްޗަށް ތިރިވީ ރޮމުންނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)