ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނ. އަތޮޅުގެ ރަށްރަށަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

ރައީސް މިދަތުރުފުޅުގައި ނ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ މާފަރަށެވެ.

Ad
rt

މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ކަމަށްވާ، ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫ ޒިޔާރަތްކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ރައީސް އެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، މީގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުން ރާއްވަވާފައިވާ ބައެއް ތަރައްޤީގެ މަޝްރޫޢުތައް، ފިޓްނަސް ސެންޓަރުތަކާއި ޕޮލިސް ޕޯސްޓުތައް އަދި ސްކޫލުތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ހިމެނޭގޮތަށް، ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލައްވައި ބުރާސްފަތި ދުވަހު މާލެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.