" އަހަރެން ބިރު ގަންނަނީ މަންމަމެންގެ އެ ނަފްރަތަށް މި ދަރިފުޅަށް ކަމެއް ވެދާނެތީ. ސާމި ހިނގާ އަހަރެމެން ދާން. އަހަރެން ވަރަށް ކަންބޮޑުވެޔޭ." ރައުދާ ސާމިހްގެ އަތުގައި ހިފަމުން ބުންޏެވެ.
" އިންޝާﷲ ނުވާނެ. އެކަމަކު ރައު ތިހާ ހާސްވަންޏާ އަހަރެން ވެސް ދާނީ ދެން. " ސާމިހް ބުންޏެވެ.
އެއާއެކު ރައުދާ ހިނިތުންވެލިއެވެ.
" އާނ ދެން އަސްލު ވަރަށް އުނދަގޫ މިހެން އުޅެން. ސްޓްރެސްވީމަ ކަމަކު ނުދާނެ އެއްނު. މާދަމާއަށް ޓިކެޓް ނަގަން ހިނގާ." ރައުދާ އަވަސް އަރުވާލުމަށްފަހު ބުންޏެވެ.
" މާދަމާއޭ. އަހަރެން ހިތަށް އަރަނީ މަންމަ ދެރަވާނެޔޭ އެހާ އަވަހަށް ދާތީވެ." ސާމިހް ހުރީ ނުތަނަވަސްވެފައެވެ.
" ދެން އަހަރެމެން އޮފީހަށް ވެސް ދާން ޖެހޭނެއެއްނު. ބައްޕަގެ އޮފީހަށް ވިޔަސް އަހަރެމެންނަށް ހަވާލުކުރި ޒިންމާތައް އަދާކުރަން ޖެހޭނެ ދޯ. މިހެން އައިސް ތިބެވޭނީ އޭސީގަނޑެއް ވެސް ކޮޓަރީގައި ހުންނަ ނަމަތާ." ރައުދާގެ ރާގުގައި ހުރީ ނުރުހުންތެރިކަމެވެ.
" ދެން އޯކޭވާނެޔޭ. އަހަރެން ޓިކެޓް ނަގާނަން. " ސާމިހް ބުނެލިއެވެ.
ސާމިހްއާއި ރައުދާ ގެއަށް އައި އިރު ހަސަންއާއި މަރިޔަމްގެ އިތުރުން ސާޔާ އިނީ ބޭރު ގަސްދޮށުގައެވެ.
" ކޮއްކޯ ކޮބާ ރާމިޒް؟" ސާމިހް އެހިއެވެ.
" ނޭނގެ އޭނަ ވެއްޖެ ބޭރަށް ގޮސް. އޭނަ ނުހުރެއެއްނު ގެއަކު. ނޭނގެ މިހާރު ރައްޓެހިން ނުހޯދާ ކަމެއް ވެސް." ސާޔާ ބުންޏެވެ.
ސާޔާއާއި މައްސަލަޖެހި އަރާރުންވާ ކޮންމެ ފަހަރަކު އޭނާ ގެއިން ނިކުމެގެން ދެއެވެ. އަދި އެނބުރި އަންނާނީ ވެސް އެހާ އިރުންނެވެ. މާލޭގައި ވެސް އޭނާ ކަންކުރަނީ ހަމަ އެފަދައިންނެވެ.
" މާދަމާ ފުރަން ވެގެން." ސާމިހް އެހެން ބުނެ ރައުދާއަށް ބަލައިލިއެވެ.
" މާދަމާއޭ. ހާދަ އަވަހަކަށް؟" ހަސަންއަށް ބުނެވުނީ ނުހަނު ބާރަށެވެ.
އެއާއެކު ސާމިހްގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނަށް ބަލައިލުމަށްފަހު ހިނިތުންވަމުން ސާމިހް ފޯނު ނެގީ، ރައުދާގާތު ގޮނޑީގައި އިށީނުމަށް އިޝާރާތް ކުރަމުންނެވެ.
ސާމިހް ސްޕީކަރަށް ލުމާއެކު އިވިގެން ދިޔައީ ހާނިމްގެ އަޑެވެ. ހާނިމްގެ އަޑުން މަރިޔަމްގެ މޯޅިވެފައިވާ މޫނަށް ހިނިތުންވުން ވެރިވިއެވެ. އެތައް ދުވަހަކަށްފަހު ހާނިމްގެ އަޑު ޖެހުމުން މަރިޔަމްއާއި ހަސަން ވެސް ތިބީ އުފަލުންނެވެ.
" މަޖާ ކުރާއިރު އަހަރެން މަތިން ހަނދާން ވެސް ނުވޭދޯ." ހާނިމް އެހިއެވެ.
" ނޫން. ކޮއްކޮ ނެތީމަ ވަރަށް ފަޅޭ. މިތާ އެބަތިބި މަންމަމެން އެންމެން." ސާމިހް ބުންޏެވެ.
އެއާއެކު މަރިޔަމް ތައްޔާރުވެލީ ހާނިމްއާ އަނގައިން ބުނެލާ ހިތުންނެވެ. އޭނާ ހަސަންއަށް ބަލައިލަމުން ނިތް ވެސް ހިއްލާލިއެވެ.
" އެހެންތަ؟ އާނ މަންމަމެންނަށް ސަލާމް ބުނައްޗޭ. ބުނޭ މަގޭ އިއްޔެ މީހަކާ އިނދެފިއޭ. ފަހަރެއްގައި މި އަހަރު ނިންމާފައި ދެވޭނީ." ހާނިމް ބުންޏެވެ.
" އޯހް . ސައިދޭންވާނެ އިނގޭ ތިއްތި. ތިހެން ފިލައިގެން ނޫޅެވޭނެ." ސާޔާ ގޮވާލިއެވެ.
" އާނ އެކަން ކުރާނަން ގޮސް. މިހާރު މި ބާއްވަނީ ތަނަކަށް ނައްޓާލަން ޖެހިގެން." ހާނިމް ބުންޏެވެ.
" އެ ބޭއްވީއެއްނު. އެއްޗެއް ދޭން ބުނިއްޔާ ނިކަން އަވަހަށް ފިލާނެ." ހެމުންހެމުން ސާމިހް ބުންޏެވެ.
އޭރު މަރިޔަމްއާއި ހަސަން ތިބީ މުޅިން މާޔޫސްވެފައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު އިތުރަށް ވާހަކަ ނުދައްކާ ފުއްދާލީއެވެ.
" ދެން ފުރަން ތައްޔާރުވާންވީއޭ. " ސާމިހް ބުންޏެވެ.
" ކީއްވެތަ އެހާ އަވަހަށް ދަނީ؟" ސާޔާ އެހީ ޝަކުވާގެ ރާގުގައެވެ.
" އެއީ ދެން އޮފީހަށް ވެސް ދާން ޖެހޭނެއެއްނު. ދެން އަބަދު ނުތިބެވޭނެއެއްނު. " ސާމިހް ބުންޏެވެ.
" އެކަމަކު މާދަމާއަކީ މަންމަ އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދާން ޖެހޭ ދުވަހޭ. އަހަރެމެން ތިއްބާ ދައްކާލީމަ ފަސޭހަވާނެ އެއްނު. " ސާޔާ ބުންޏެވެ.
" ދެން އަހަރެމެން ތިބޭނީ ހަމައެކަނި މި މަހު ދޯ. މީގެ ކުރިން ވެސް މަންމަމެން އެކަނިތާ ދަނީ. ބައްޕައަށް އެނގޭނެ އެތާ އުޅެން ދޯ؟" ސާމިހް ހަސަންއަށް ބަލައިލަމުން ބުންޏެވެ.
" އާނ ދެން ތި ކުދިން ވަޒީފާގައި އުޅޭއިރު ބޭނުންހާ ދުވަހަކު ނުތިބެވޭނެއެއްނު." ހަސަން ބުނެލިއެވެ. އެއާއެކު ސާމިހް ހިނިތުންވަމުން އާނއެކޭ ބުންޏެވެ.
ފެން ޖަގެއް ހިފައިގެން ކޮޓަރިއަށް ވަތް ހަސަން ހައިރާންވީ، ނަމާދަށް އެރި ގޮތަށް މަރިޔަމް ގޮނޑިން ނުތެދުވެ އިނުމުންނެވެ.
" އަދިވެސް އިނީތަ؟ ނަމާދުކޮށް ނިމިއްޖެއެއްނު." ހަސަން އެހިއެވެ.
" އެ ސޮރު އަހަރެމެންނާ އަނގައިން ބުނެ ނުލިޔޭ. ކައިވެންޏެއްކޮށް ދިރިއުޅުމެއް ފެށި އިރު އަހަރެމެން މަތިން ހަނދާންވެސް ނުވި. މަންމަމެން ތިއްބޭ ބުނީމަ ވެސް ފޯނު ދޭށޭ ވެސް ނުބުނެ. އަހަރެމެންނާ މެދު އެ ސޮރުގެ ހިތުގައި ގަދަރެއް، ލޯތްބެއް އަދި ކުލުނެއް ވެސް ނެތް ދޯ؟" ހަރަކާތް ހުއްޓިފައި އިން މަރިޔަމް ބުނެލިއެވެ.
" އަނެއްކާ އެއްކަލަ ކަހަލަ ވާހަކަ ދައްކަން ފެށީ. އަހަރެމެން ތިހެން ވާހަކަ ދެއްކިޔަސް އެއީ ދެން ބަދަލުވާނެ ކަންކަމެއް ނޫނެއްނު." ހަސަން ބުންޏެވެ.
" ސާމިހުވެސް ހަމަ ކުއްލިއަކަށް އެ ފުރަނީ. އަހަރެން މި ހުރީ މި ފަހަރު ދަރިންކޮޅު ޑޮކްޓަރަށް ފެންނާނެތީ ވަރަށް އުފަލުން. އެކަނިތޯ އައީ ކޮންމެ ފަހަރަކު ޑޮކްޓަރު ވެސް އަހާނެ." މަރިޔަމް ބުންޏެވެ.
ފެން ތައްޓެއް ބޯލުަމަށްފަހު ހަސަން ގޮސް އެނދުގައި އިށީނދެލީ ވަރުބަލިކަމާއެކުއެވެ. އޭރު ވެސް މަރިޔަމް ގޮނޑީގައި އިން ގޮތަށް އިނީއެވެ.
" އާނ ދެން މާ ރަނގަޅުވާނެ ދިޔަޔަސް. މިތާ ތިބެގެން އިތުރަށް އަހަރެމެން ހިތްދަތިވަނީ ދޯ. އަހަރެން ވަރަށް ކަންބޮޑުވޭ މަރިޔަން އެކަމާ ވިސްނާތީ. ގައިމު ދަރިންނާ މެދު ވިސްނާ ފިކުރު ކުރުން ނޫން ކަމެއް ނުކުރޭ މިހާރު. " ހަސަން ބުންޏެވެ.
މަރިޔަމް މަޑުމަޑުން ތެދުވިއެވެ. އަދި ބޮލުގައި އޮތް ނަމާދުދޮޅި ބޭލުމަށްފަހު ގޮސް ހަސަންއާ ދާދި ގާތުގައި އިށީނދެލިއެވެ.
" ދެން އަހަރެމެން ކުރާނީ ކޮން ކަމެއް؟ ބުނެބަލަ. ގައިބާރު ދެރަވެއްޖެ. އަމިއްލައަށް ކައްކާލާނެ ވަރު ނެތް. މިއަދު އަހަރެމެންނަށް ލޯތްބާއި އަޅާލުން ދޭންވީ ކުދިން އަހަރެމެން މަތިން ހަނދާން ވެސް ނުހުރެ. " މަރިޔަމް ބުންޏެވެ.
ހަސަން މަޑުމަޑުން މަރިޔަމްގެ ބޮލުގައި ފިރުމާލަމުން ބޯ ޖަހާލިއެވެ.
" އަޅާނުލާ. މަދަމާ ވެސް ލޯމަރާލަން ޖެހިދާނެ. މާ ވާހަކަ ގިނަ ކުރާނެ ކަމެއް ނެތް. އަހަރެން މި ހުރީނު އަބަދުވެސް މަރިޔަންގެ ގާތުގަ." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމް ހަސަންގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.
ޖެހިގެން އައި ދުވަހެވެ. ފުރަން ތައްޔާރު ވެގެން ފޮށިތައް ހިފައިގެން ސާމިހް ނިކުމެއްޖެއެވެ. އޭރު މަރިޔަމްއާއި ހަސަން ވެސް ބަދިގެ ފެންޑާގައި ތިއްބެވެ.
" ސާޔާ ނުނިކުމޭތަ؟" ސާމިހް އަހާލިއެވެ.
" ދެން މިހާރު ވަރަށް ލަސްވެއްޖެޔޭ. ގޮވާލަން ދޭބަލަ." ރައުދާ ބުނެލީ ރުންކުރު ރާގަކަށެވެ.
ހަމަ އެ ވަގުތެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން ރާމިޒް ނިކުތީ ރުޅި އައިސް ރަތް ވެގެންނެވެ. ބޭރުގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން ރާމިޒްއަށް ބަލައިލެވުނެވެ. ރާމިޒްގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ.
" ކޮބާ ކޮއްކޮ؟" ސާމިހް އެހިއެވެ.
" ނުދާނަމޯ. މަޑުކުރާނިއްޔޯ." ރުޅި އައިސް ހުރި ވަރުން ރާމިޒް ބުނެލީ ނުހަނު ބާރަށެވެ.
އެ ވަގުތު މަރިޔަމްގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ.
" އެ ކީއްވެ؟ " މަރިޔަމްއަށް ސުވާލު ކުރެވުނީ ވެސް އެހާމެ އަވަހަށެވެ.
" އަހަރެން އެބަ އަންނަން ސާޔާ ގޮވައިގެން." ސާމިހް ބުންޏެވެ.
" ނާންނާނެ. އެއީ އެއަށް ވުރެ ގޮތްދޫ ނުކުރާ އަންހެނެއް." ރާމިޒް ބުންޏެވެ.
ސާޔާގެ އަތުގައި ހިފައިގެން އައިސް ސާމިހް އޭނާއާ ވާހަކަ ދައްކަން ފެށީ އެންމެންގެ ކުރިމަތީގައެވެ. އޭރު ސާމިހްގެ މޫނުމަތިން ވެސް ފެންނަނީ ރުޅިވެރިކަމެވެ.
" ޓިކެޓް ވެސް ނަގާފަ އެ އޮތީ. ކޮންމެހެން ދާން ޖެހުނީމަ ދަތުރު އަވަސް ކޮށްލީއޭ. ރާމިޒްއަކަށް ވެސް މި ތާކު ނުހުރެވޭނެއެއްނު އަބަދަކު." ސާމިހް ބުންޏެވެ.
" އަހަރެންގެ މައިންބަފައިން ކައިރީ ނުހުރެވެންޏާ ރާމިޒް ދޭ." ސާޔާ ބުނެލިއެވެ.
އެ އަޑު އިވި ރާމިޒްގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ސާޔާ އެކަނި ހުރި ނަމަ މޫނުމަތިން ތަނެއް ފަޅާލީމުހޭ ވެސް އޭނާގެ ހިތަށް އެރިއެވެ. " މަންމަމެން ބަލި ހާލުގައި އުޅެން އެކަނި ދޫކޮށްލާފަ މަށެއް ނުދާނަން. ހެޔޮ ވަރިކުރިޔަސް." ސާޔާ އަޑަށް ބާރުލައިފައި ބުންޏެވެ.
" އެހެންތަ؟ މަގޭ މަޑުކުރާނެ ކަމަަށް ހިތުން މާ މޮޅު އެއްޗެއްތަ ތި ބުނީ؟ ތި ހުރީ ވަރިކޮށްފައި. ދެން ހުރޭ މިތާ." ރާމިޒް އެހެން ބުނެ ބާރުބާރަށް ހިނގައިގަތެވެ.
" ގޮތްދޫނުކުރިޔަސް ތިއީ ބޮޑުވަރު. މަންމަމެން ބަލިހާލު ބޮޑުވެގެން ހޮސްޕިޓަލަކު ނޫނިއްޔަ އޮތީ. ދިރިއުޅުން ރޫޅާލަން ވިޔަސް ސާޔާ ހުންނާނީ ސާޔާގެ ގޮތުގައި." ތިރީގައި ހުރި ފޮށި ނަގަމުން ސާމިހް ބުންޏެވެ.
" އާނ. އަހަންނަށް މުހިއްމުވަނީ ދިރިއުޅުމެއް ނޫން. އެއީ ދިރިއުޅުމެއްތަ؟ އަނިޔާކޮށް ޒުވާބުކުރާ ފިރިހެނަކީ ފިރިހެނެއްތަ؟ އެހެން ނޫނަސް މަގޭ މަންމައާއި ބައްޕައަށް ރަނގަޅު ނޫން މީހަކާ އެއްކޮށް މަށެއް ނޫޅޭނަން. ރާމިޒް އައީ މަގޭ ދިރިއުޅުމަށް މާ ފަހުން. މަންމއާއި ބައްޕައަކީ ކާކުކަން ދޮންބެ ހަނދާންނެތުނަސް އަހަރެން ހަނދާނެއް ނުނެތެޔޭ. " ސާޔާ އެހެން ބުނެ ދުވެފައި ގޮސް މަރިޔަމް ގައިގައި ބައްދައިގަތެވެ.
އޭރު މަރިޔަމްގެ ދެ ލޮލުން ކަރުނަ އޮހޮރެމުން ދެއެވެ.
" އަހަަންނަށް ވެސް އެނގެޔޭ މަންމަމެންނަކީ ކޮންބައެއްކަން. އެކަމަކު އަހަރެމެން ވެސް ދިރިއުޅެން ޖެހޭނެދޯ. މައިންބަފައިން، ދަރިން ބަލާ ބޮޑުކުރަނީ ހަމައެކަނި މައިންބަފައިންނަށް ކަމޭހިތާކަށް ނޫނޭ. އެ މީހުންނަށް ހަރަދުކުރާކަށް ވެސް ނޫން. އެ މީހުން ބަލާކަށް ވެސް ނޫން. އަހަރެމެންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަކީ އެ މީހުންގެ ޒިންމާއެއް. އެއީ އަހަރެމެން ދުނިޔޭގައި އުޅުމަށްޓަކާ، އަހަރެމެންނަށް އެ މީހުން ކޮށްދޭންޖެހޭ ކަމެއް. ދަރިންނަކީ އަމާނާތެކޭ." ސާމިހް ދެއްކި ވާހަކަތަކުން ހަސަންއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ތެދެއް ތި ބުނީ. އަހަރެމެން ތި ކުދިން ބެލީ، ތި ކުދިން އަހަރެމެން ބަލާނެ ކަމަކަށް ނޫނޭ. މާތްﷲއަށްޓަކައި އަހަރެމެންގެ ހިތުގައި ދަރިންނަށްޓަކައި ލޯތްބާއި ކުލުނު އޮތީމަ. ތި ހުރިހާ ދަރިން ވެސް އައީ އަހަރެމެން ދެ މީހުންގެ ފަރާތުން. އެހެންވީމަ އަހަރެމެން ތި ކުދިންދެކެ ވާ ލޯބި ދެނެވޮޑިގެންވާނީ އެ ފަރާތުން. ދަރިފުޅުމެން ދުނިޔޭގައި އުޅޭނެގޮތް ދަސްކޮށްދޭން ބައްޕަމެން ނުކުރަނީ ކޮންކަމެއް؟ ހަށީގައި ފުރާނަ ހުރި ކޮންމެ ދުވަހަކީ ދަރިފުޅުމެންގެ ހައްގުގައި އެތައް ގުރުބާނީއެއް އެތައް ބުރައެއް އުފުލި ދުވަސްތަކެކޭ. ބަދަލުގައި ދަރިފުޅުމެންގެ ފަރާތުން އެއްވެސް އެއްޗެއް އޭރު ވެސް ބޭނުމެއް ނުވެ. މިއަދު ސާމިހްއަށް ތިހެން ވާހަކަ ދައްކަން ކެރުނީތީ ބައްޕަ ވަރަށް ދެރަވެއްޖައިން. ދެން ދޭ! އަންހެނުން ގޮވައިގެން ގޮސް އުފަލުން ދިރިއުޅޭ. މަންމައާއި ބައްޕަ ދުވަހަކު ވެސް ދަރިންނަކަށް ދެރަގޮތެއް ނޭދޭނެ." ހަސަން އެހެން ބުނެ، ބާރުބާރަށް ހިނގާފައި ގޮސް ގެއަށް ވަދެއްޖެއެވެ.
އޭރު ސާޔާގެ މޭގައި ބޯ އަޅާލައިގެން އޮވެ މަރިޔަމް ރޮމުން ދިޔައެވެ. ނުތަނަވަސްވެފައި ހުރި ރައުދާ، ސާމިހްއަށް ވުރެ މާ ކުރިން ހިނގައިގަތެވެ.
ސާމިހް ނުސީދާ ގޮތަކަށް މަރިޔަމްގެ މޫނަށް ބަލައިލިއެވެ. އޭރު ވެސް ކަރުނައިން ފުރިގެންވާ ލޮލަކުން މަރިޔަމް ހުރީ ސާމިހްއަށް ބަލާށެވެ.
" ދަނީ މަންމާ." މަޑުމަޑުން ސާމިހް ބުނެލިއެވެ.
މަރިޔަމް އެއްވެސް އެއްޗެއް ނުބުންޏެވެ. ސާމިހް ކީ އެއްޗެހިން އޭނާ ހުރީ އިންތިހާއަށް ދެރަވެ، އަސަރުކޮށްފައެވެ. މަރިޔަމްގެ މޫނަށް ދެ ފަހަރަކު ބަލައިލުމަށްފަހު އޭނާ ނިކުންނަން ހިނގައިގަތެވެ.
" އަޅާނުލާ މަންމާ. އެ މީހުންނަށް އަދި ވިސްނޭނެ. ހުއްޓާލާ. " ސާޔާ މަރިޔަމްގެ މޫނުގައި ފިރުމާލިއެވެ.
އަދި މަރިޔަމް ގޮވައިގެން ގޮސް ސާޔާ ޖޯލިފަތީގައި އިށީނެވެ.
" ދަރިފުޅުގެ ދިރިއުޅުން މަންމަމެންނާ ހެދި ތި ހަލާކުވީ." މަރިޔަމް ބުންޏެވެ.
" ނޫނެކޭ މަންމާ. ދެން އެހެން ހިތަށް ނާރުވާތި. އަހަރެން މި ހުރީ އޭނަ ކައިރިން ސަލާމަތް ނުވެވިފައ. ބަލާބަލަ އަހަރެން ދެރަވޭތަ އެބަ. އަހަންނަށް އޭނައަށް ވުރެ މަންމަމެން މާ މުހިއްމު. މާ ބޮޑަށް ވެސް މުހިއްމު." ސާޔާ އެހެން ބުނެ އަނެއްކާ ވެސް މަރިޔަމްގެ ބޮލުގައި މޫނު ޖައްސާލިއެވެ.
" ދޮންބެ ކީ އެއްޗެހި ވެސް އަޑު އިވުނެއްނު. އެހާ ބަސްމަދު ކުއްޖަކު އެ ދަރަޖައަށް ވެއްޓިދާނެ ކަމަކަށް މަންމަ ހިއެއް ނުކުރަމޭ." މަރިޔަމް ބުންޏެވެ.
" މަންމަ އެއްވެސް ކަމަކާ ވިސްނަން އަހަރެން ބޭނުމެއް ނުވެޔޭ. ދެން މަންމަމެން ބަލާނީ އަހަރެން. އެ މީހުންނަކަށް ދެން ނުޖައްސާނަން އެއްވެސް ކަމެއް. އަހަންނަށް ވާނެ އިރާދަކުރެއްވިއްޔާ." ސާޔާ ބުންޏެވެ.
މަންމަ ރުއްސަން އޭނާ އެތައް ވާހަކަތަކެއް ދެއްކިއެވެ. ހިތްހަމަޖައްސައި ދިނުމަށް އެތައް ކަމެއް ރޭވިއެވެ. އެކަނިވެރިކަން އިހްސާސް ނުވާނެ ވަރަށް އޭނާ މަންމައަށް ވަގުތު ދިނެވެ. އަދި ސާޔާގެ ހިތުގެ ރިހުމާއި ވޭންތައް ފޮރުވަން އޭނާ ލައްކަ މަސައްކަތް ކުރިއެވެ.
" ދެން ހިނގާ ގެއަށް ވަންނަން. ބައްޕަ ވެސް ދެރަވެގެން އެތެރެއަށް ދިޔަ ގޮތަށް ނުވެސް އައެއްނު. ހިނގާ ބައްޕަ ކައިރިއަށް ދާން. ބައްޕައާ ވެސް ދެން އަހަރެން ގޮސް ވާހަކަ ދެއްކީމަ ހަމައަކަށް އެޅިދާނެ. " ސާޔާ ތެދުވީ މަރިޔަމްގެ އަތުގައި ހިފައިގެންނެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!