"މާ ވާހަކަ ގިނަ ވެއްޖެ. ފިރިމީހާ ކުރިމަތީގައި ތިހާ އަނގަގަދަ ކުރަންޏާ ވާނީ ތި ހެން." ރާމިޒް އެހެން ބުނެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ވީ ތަދުން އޭރު ވެސް ސާޔާ ހުރީ މޫނުގައި އަތް އެޅި ގޮތަށް ހުއްޓުން އަރާފައެވެ.
ކައިވެންޏާމެދު ކުރި އުއްމީދުތަކާމެދު ފުރަތަމަ ފަހަރަށް އޭނާ މާޔޫސްވެއްޖެއެވެ. ކުޑަކަމެއްގައި ރާމިޒް އަތް އިސްކުރުމުން ސާޔާ އިންތިހާއަށް ދެރަވެއްޖެއެވެ. އަދި ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ. ކުރިއަށް އޮތް ދުވަސްތައް ހޭދަ ކުރަން ޖެހޭނެ ގޮތާމެދު ހިތުގައި ސުވާލު އުފެދުނެވެ. ރާމިޒްއާ ދެވަަނަ ފަހަރަށް ކުރިމަތިލާން ވެސް އޭނާ ފޫހިވެއްޖެއެވެ.
އޭރު ވެސް އޭނާގެ މޫނުމަތީގައި ދިލައިގެ އަސަރު ހުއްޓުނެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް މިހާރު އޭނާގެ ހިތް ނުތަނަވަސް ވެފައި ވަނީ މަންމައަށް ފައިސާ ދޭނެ ގޮތެއް ނޭނގިގެންނެވެ. އިސް ޖަހާލައިގެން ހުރެ ސާޔާ ގޮސް އެނދުގައި އިށީނުމާއެކު އަތުގައި އޮތް ފޯން ރިންގް ވާން ފެށިއެވެ.
" ދޮންބެ؟" ސާޔާއަށް ބުނެވުނެވެ. ސާމިހް އެ ގަޑީގައި ގުޅަން ފެށުމުން ސާޔާގެ ހިތުގައި އުފެދެމުންދާ ހާސްކަން ކޮންމެވެސް ވަރަކަށް ފިލަން ފަށައިފިއެވެ.
" ދޮންބެ ރާއްޖެ އައީތަ؟" ސާޔާ ސުވާލު ކުރީ ހަމަޖެހޭ ގޮތް ދައްކަމުންނެވެ.
" ކޮއްކޮ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން މި ގުޅީ." ސާމިހްގެ އަޑުގައި ހުރި އުފާވެރިކަން ސާޔާއަށް ފާހަގަ ކުރެވުނެވެ.
" އެނގޭތަ؟ ރައު ޕްރެގް. ދޮންބެ ބައްޕައަކަށް ވަނީއެއްނު." ސާމިހް ބުންޏެވެ.
އެއާއެކު ސާޔާއަށް ވެސް އުފަލުން ހިނިތުންވެވުނެވެ.
" އަސްލުތަ؟ އަޅެ މަންމަމެން ކައިރީ ބުނެފިންތަ؟" ސާޔާ އެހިއެވެ.
" ރައު ބޭނުންވަނީ މަންމަމެން ކައިރީ ނުބުނެ، ސަޕްރައިޒަކަށް އެ ރަށަށް ގޮސް ބުނަން. ކޮއްކޮ ވެސް ދާން ހިނގާ." ސާމިހް ބުންޏެވެ.
އެއާއެކު ސާޔާއަށް ބަލައިލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ކަލަންޑަރަށެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކަލަންޑަރަށް ނަޒަރު ހިންގާލިއެވެ.
" ދެވިދާނެ މި ވީކް ނިންމާފައި. އޭރުން އެބަ ލިބޭ ބްރޭކެއް. އަދި ރާމިޒްއާ ވެސް ވާހަކަ ދައްކާލަން ޖެހޭނީ. " ސާޔާ ބުންޏެވެ.
" އޯކޭއޭ. އެހާއިރަށް ރަނގަޅުވާނެ އެއްނު. " ސާމިހް ބުންޏެވެ.
" ދޮންބެ... އަދި ވާހަކައެއް ބުނަން ވެފައި އެބައޮތް. މީ... މަންމައަށް ރުފިޔާއެއް ނުދެންތަ؟ މަންމަމެން އަތުގައި ރުފިޔާއެއް ނުހުންނާނެ އެއްނު." ސާޔާ ވާހަކަ ދެއްކީ ޖެހިލުންވެފައި ހުރެއެވެ.
" ރުފިޔާ ދޯ. މިހާރު ފްލެޓެއް ގަންނަން ވެގެން ވަރަށް އެބަ ސޭވް ކުރަމޭ. އެހެންވެ ދޮންބެ މުސާރަ ނުނަގާ ރައުގެ ބައްޕަގެ އަތުގައި ބަހައްޓާފައި ހުންނާނީ. ރައުގެ މުސާރަ އެކަނި ބޭނުން ކުރަނީ. ދޮންބެ މެން ވެސް އެހެންވެ ވަރަށް ޑައުންކޮށް މި އުޅެނީ. އަނެއްކާ ވިހަން ވާއިރަށް ސޭވް ވެސް ކުރަން ޖެހޭނެއެއްނު." ސާމިހް ބުންޏެވެ.
ސާމިހްގެ ވާހަކަ ހުރި ގޮތުން ސާޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
" މަންމައާއި ބައްޕައަށް ދެން ކޮން ހަރަދުތަކެއް ދާނީ. އެންމެ ދެ މީހުންނެއްނު. " ސާމިހް އިތުރު ކޮށްލިއެވެ.
ސާޔާއަށް ދެ ބުމަ ކައިރިކޮށްލެވުނީ ހިތްހަމަ ނުޖެހުނު ވަރުންނެވެ. ދޮންބެއާމެދު ހިތުގައި ބައިވަރު ޝަކުވާތައް އަމުނާލެވުނެވެ. ފޯނު ބޭއްވި އިރު ވެސް ސާޔާ އިނީ ގަބޫލުކުރަން ދަތިވެފައެވެ.
" އެންމެ ދެ މީހުންނޯ؟ ދެ މީހުންނަށް ވިޔަސް ކިހާ ބައިވަރު ކަންކަމެއް ހުންނާނެ؟ އަހަރެން ހިއެއް ނުކުރަން ދޮންބެ އެހާ ދަހި ވާނެ ކަމަކަށް. އާނ އެހެން ދޯ ވާނީ؟ އަނބިމީހާއާ ހެދި ހޭބަލިވަނީ. އަނެއްކާ އިތުރަށް ހޭބަލި ވާ ގޮތް އެ ވީ. އަހަރެން ދެން އެކްސައިޓެއް ވެސް ނުވާނެ. ވަރަށް ފޫހި ވެއްޖެ ދޮންބެ ދެކެ." ސާޔާއަށް ކުދި ކިޔެން ފެށިއެވެ.
ސާމިހްދެކެ އިންތިހާއަށް ރުޅި ގަދަވެފައި ސާޔާ އިންދާ، ކުއްލިއަކަށް ރާމިޒް އައިސް ވަނެވެ. އެއާއެކު ސާޔާގެ މޫނުމަތީގައި ހުރި ރުޅިވެރިކަން ފެނި، ރާމިޒް އަނެއްކާ ވެސް ރުޅި ގަދަވެއްޖެއެވެ.
" އަހަރެން ހީކުރީ އަހަންނަށް އެހެން ހެދުނީމަ ދެރަވެގެން ސާޔާ އޮންނާނީ ރޯން ކަމަށް. ރުޅި މައިތިރިވީމަ އަހަރެން މި އައީ މަޢާފަށް އެދެން. އެކަމަކު ބަލާބަލަ ސާޔާގެ މޫނު. ހީވަނީ ރުޅި އައިސް ފުފިފައި ހުރި ބުޅަލެއް ހެން." ރާމިޒް ބުނެލިއެވެ.
ރާމިޒް އެހެން ބުނުމުން ސާޔާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ބުނާނެ އެއްވެސް އެއްޗެއް ވެސް ނޭނގުނެވެ. ރާމިޒްއަކީ އޭނާއަށް އެކަށީގެންވާ މީހެއް ނޫންކަން ހަމަ އެ ވަގުތު އޭނާ ނިންމިއެވެ. ނަމަވެސް މި ފަހަރު ރައްދެއް ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް ސާޔާ ހުރީ ރާމިޒްދެކެ ފޫހި ވެފައެވެ.
" ފިރިމީހާ ޖެހީމަ ދެރަވެގެން އެހެން އަންހެނުން ރޯނީ. މައާފަށް ވެސް އެދޭނެ. ތިއީ ކޮންކަހަލަ އަންހެނެއް؟ އަދި މަ ދެކެ ތަ ރުޅި އަންނަން ވީ؟ ސާޔާއާ ހެދި ދޯ މަށަށް ޖެހުނީ." ރާމިޒް ބުނެލިއެވެ.
" ހެޔޮނުވާނެ ރާމިޒް. އަހަރެން ޝަކުވާއެއް ނުުކުރަމެއްނު. އަހަރެން މިހާރު އެކަމެއް ހަނދާނެއް ނެތޭ. މަގޭ ދިރިއުޅުމުގައި ވިސްނަން ޖެހެނީ ހަމައެކަނި ރާމިޒް ކުރާ ކަންކަމަކަށް ނޫނޭ. " ސާޔާ އެހެން ބުނެ، ނިކުންނަން ދާން ހިނގައިގަތެވެ.
އެއާއެކު ރާމިޒް އޭނާ ހިފަހައްޓައިފިއެވެ. އަދި ސާޔާގެ އަތް ފަހަތަށް އަނބުރާލަމުން ރުޅި ގަދަވެފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ތަންކޮޅެއް މަތީގައި އަދި ތި އުޅުއްވަނީ. ހަމަ ބިމަށް ފައިބަން އުޅޭ ދެން. މަގޭ ގޮތް ނޭނގިގެން ތި އުޅެނީ. ތިހެން ފުއްޕާފައި ނުދެވޭނެ. ހިތަށް އައިހާ އެއްޗެއް ނުވެސް ގޮވޭނެ މަށާ ދިމާލަކަށް." ރާމިޒް ބުންޏެވެ.
" ތަދުވެޔޭ ރާމިޒޫ. ދޫކޮށްލާ." ސާޔާ ބުނެލީ ރޮވިފައި ހުރެއެވެ.
" ތަދެއް ނުވާނެ. ސާޔާ ވިސްނަން ޖެހޭނީ ހަމައެކަނި މަށާ މެދު. މަގޭ ކަމަކު ކަލެޔާ އިނީ. ބުނި އަގެއް ދީފައި ތި އިނީ ގެނެސް. މަންމަމެން ކައިފިތޯ ލާރި ހުރިތޯ ބަލާކަށް ނުޖެހޭނެ. އެކަމާ ބޯ ގޮައްވަން އިނދެ މަށަށް ކުރަން ޖެހޭ ހިދުމަތްތަކަށް ބުރޫ އަރާކަށް މަ ބޭނުމެއް ނޫން. މީގެ ފަހުން ކަލޭ އަމަޔަށް ގުޅައިގެން ނުވާނެ. ފޯނު ފުނޑުކޮށް ނުލަނީސް އެ ނަންބަރު ބްލޮކް ކުރޭ. " ރާމިޒް އެހެން ބުނެ، ސާޔާ ދުރަށް ކޮއްޕާލިއެވެ.
ރާމިޒްއަށް ފަސްދީގެން ހުރެ ސާޔާ މަޑުމަޑުން ގިސްލަމުން ދިޔައެވެ. އޭނާގެ މައިންބަފައިންނަށް ރާމިޒްގެ ދުލުން ބޭރު ކުރި ބަސްތަކާމެދު އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ.
" އަހަރެން ހިއެއް ނުކުރަން ތިއީ ތިހާ ނުލަފާ މީހެއް ކަމަކަށް. އަހަރެން ހިތަކަށް ވެސް ނާރާ ރާމިޒް ބަދަލު ވާނެ ކަމަކަށް." ސާޔާ ބުނެލިއެވެ.
" މިހާރު އެނގިއްޖެއެއްނު. ދެން ދޭ! ދޭ މަށަށް ކުކުޅު އަޅައިގެން ދެ ޕެކެޓް ނޫޑްލްސް ކައްކަން. ތިން ސޮސެޖު ވެސް ތެލުލާތި. ޕާޕަރު ވެސް، ބިސްގަނޑު ވެސް މަ ބޭނުންވާނެ. އޭ އަދި ބުނަންތަ؟ މަގޭ މަންމަމެން ތިބީ ނިދާފަ. އެ މީހުން ނުހޭލާ ގޮތަށް މަޑުމަޑުން އުޅޭތި." ރާމިޒް ބުންޏެވެ.
އޭނާގެ ޖުމްލަތައް ސާޔާގެ ކަންފަތަށް އިވުނީ ބިރުވެރި ގޮތަކަށެވެ. ރާމިޒް ހުންނަ ހިސާބެއްގައި ވެސް ހުންނާކަށް ސާޔާ ބޭނުމެއް ނުވިއެެވެ. ބާރުބާރަށް ގޮސް ސިޓިންރޫމަށް ނިކުތް އިރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.
ހެނދުނުހެނދުނާ ހަސަން ގެއަށް އައީ ރިއްމަސް ފައްޗެއް ހިފައިގެންނެވެ. އޭރު މަރިޔަމް ހުރީ ދަތްގަނޑުން ކުނި ކަހާށެވެ. މަރިޔަމް ފެނި ހަސަން ހައިރާންކަމާއެކު އޭނާއާ ވާހަކަ ދައްކަން ފެށިއެވެ.
" މަރިޔަން؟ ތިއީ ކޮންކަމެއް؟ ހިރަފުސްއަރާނެއެއްނު. ބަހައްޓާ. އަހަރެން މި އަންނަނިއްޔޭ ތި ފަތްކޮޅު އެއްކޮއްލަން." ހަސަން ބުނެލިއެވެ.
" އަހަރެން ވަރަށް މަޑުމަޑުންނޭ މި ކަހަނީ." މަރިޔަމް ބުނީ ނުހަނު ހެވިފައި ހުރެއެވެ.
" އެހެން ވިޔަސް، ތިއީ މަނާކަމެކޭ. " ހަސަން ބުންޏެވެ.
ތެއްޔަކަށް ރިއްމަސްފަތި ވައްޓާލުމާއެކު މަރިޔަމް، ހަސަންއާ ވާހަކަ ދައްކަން ފެށިއެވެ.
" މިއަދު ހާދަ ބައިވަރު ގެއަށް ގެނައީ؟" މަރިޔަމް ބުންޏެވެ.
" އާނ. ދެ ތިން ފަތި ވިއްކާލެވުނީ. ސަތޭކަ ރުފިޔާ ލިބުނު. ދެން މާ ގިނައިރު އެތާ ނުހުންނަން ވެގެން މި އައީ. ގިނައްޔާ ކައިރި ގެ ތަކަށް ބަހާލެވިދާނެއެއްނު." ހަސަން ބުނެލިއެވެ.
" ހޫމް. ބަހާލާ. ހިނގާ ސައިބޯން ދާން. މުރަނަ ރޮއްޓާ ތެލުލި ރިހާކުރު ހުންނާނެ. " މަރިޔަމް ބުންޏެވެ.
" އަހަރެން މަސްހުނި ލައިފާނަން. ރިހާކުރު އަބަދު ކާން ވީމަ އަހަރެން ވަރަށް ފޫހިވޭ. މަރިޔަން ގަބޫލެއް ނުވޭ މަ ބަދިގެއަށް ވަންނާކަށް ވެސް. އަހަރެން އެންމެ ފަހަރަކު ރިހަ ގަނޑެއް ހަދާލަން ފުރުސަތު ދީބަލަ." ހެމުން ހެމުން ހަސަން ބުންޏެވެ.
" އަހަރެން އެއްވެސް އިރެއްގައި ހަސަން ލައްވާ ބަދިގެ މަސައްކަތެއް ނުކުރުވަމެއްނު. " މަރިޔަން ބުންޏެވެ.
" އެކަމަކު... މި ހާލަތުގައި އަަހަންނޭ ކުރަންޖެހޭނީ." ހަސަން ބުނެލިއެވެ.
އެއާއެކު މަރިޔަމް އިސްޖަހާލިއެވެ. މަރިޔަމްއަށް ލިބުނު ހަމަހިމޭންކަމުގެ ސަބަބުން ހަސަން އިންތިހާއަށް ދެރަވެއްޖެއެވެ.
" އަހަންނަކީ ބަލި މީހެއްކަން އަހަންނަށް އިހްސާސްކޮށް ނުދީބަލަ. " މަރިޔަމް ބުންޏެވެ.
މަރިޔަމް އެފަދަ އެއްޗެއް ބުނުމުން ހަސަންއަކަށް ވެސް މަޑަކުން ނުހުރެވުނެވެ. އޭނާ އަވަސް އަވަހަށް މަރިޔަމްއާ ދާދި ގާތުގައި ހުއްޓުނެވެ.
" އަހަރެން އެހެން މި ބުނީ ތި ކަހަލަ އެއްޗެއް ވިސްނާފައެއް ނޫނޭ. މަރިޔަންއަށް ކޮންމެ ހާލަތެއް މެދުވެރި ވިޔަސް އަހަރެން އަބަދުވެސް މަރިޔަން ކައިރީ ހުންނާނަން. އަހަރެން މަރިޔަންދެކެ ވާ ލޯބި ހައްތަހާ ވަނީ އިތުރު. ދުރަށް ދާން ބިރުގަނޭ. އެކަނި ބަހައްޓާފައި ބޭރަށް ނިކުންނަން ބޭނުމެއް ނުވޭ. އަބަދުވެސް ފެންނަ ހިސާބުގައި ހުންނަން ބޭނުންވަނީ." ހަސަން އަސަރާއެކު ބުނެލިއެވެ.
އެ ވަގުތު މަރިޔަމްއަށް ހަސަންގެ ގައިގައި ލެނގިލެވުނެވެ.
" ދެރަނުވޭ. އަހަންނާމެދު ހިތްބަރު ނުކުރައްޗޭ. އަހަރެންގެ ހިތްވަރަކީ ހަމައެކަނި މަރިޔަން." ހަސަން ބުނެލިއެވެ.
" އަހަރެން ދެރައެއް ނުވެޔޭ. ހަސަން އަހަރެން ގާތު މުޅި އުމުރަށް ވެސް ހުންނާނެކަން އަހަންނަށް އެނގޭ." މަރިޔަމް އެހެން ބުނެ ހަސަންއަށް ބަލައިލިއެވެ.
ލުއި ހިނިތުންވެލުމަކުން ހަސަން މަރިޔަމްގެ މޫނަށް ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ސާޔާގެ ހަބަރެއް ނުވޭތަ؟ ބުންޏެއްނު ލާރި ފޮނުވާނަމޭ." ހަސަން އެހިއެވެ.
" ނުވޭ. އަހަރެން ހޭލާފައި ގުޅިން. އެކަމަކު އެ ފޯނަކަށް ނުވެއް ގުޅޭ. ރާމިޒްގެ ނަންބަރަކަށް ވެސް ނުގުޅޭ." މަރިޔަމް ބުންޏެވެ.
" އެހެންތަ؟ ވެދާނެ ނިދާފަ ތިބީމަ ކަމަށް ވެސް. އަދި އެ މަންޖެ ގުޅާނެ. " ހަސަން ބުންޏެވެ.
މަރިޔަމް ވެސް އެކަމަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ނަމަވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ސާޔާއަށް ކޮންމެވެސް ކަމެއް ވެއްޖެޔޭ އޭނާގެ ހިތް ބުނާ ކަހަލައެވެ.
" އަދި ވާނެ ފަހުން ގުޅާލަން." މަރިޔަމްއަށް ބުނެވުނެވެ.
ސާޔާ ހުރީ ކޮޓަރީގެ ދެ ކޮޅަށް ހިނގާލަހިނގާލައެވެ. ރަށަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ރާމިޒް ބުނާނެ އެއްޗެއް ނޭނގޭތީ އޭނާ ހުރީ އެކަމާ ފިކުރު ބޮޑުވެފައެވެ. އަނިޔާ ކުރާނެތީ ބިރުގެންފައެވެ. ޒުވާބު ކުރާނެތީ ޖެހިލުންވެފައެވެ. ނަމަވެސް އެ ދަތުރު އޭނާ ކޮންމެހެން ވެސް ދާން ބޭނުންވިއެވެ.
ސާޔާގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ ބޭރުން އައިސް ވަތް ރާމިޒްގެ އަޑުންނެވެ.
" ކީއްވެ ކޮޓަރި މެދުގައި ތި ހުރީ؟" ރާމިޒް އެހިއެވެ.
އެއާއެކު ގަދަކަމުން ސާޔާ ހިނިތުންވެލިއެވެ.
" މިހާރު އަހަންނަށް މައާފް ކުރީތަ؟" ރާމިޒް އަހާލީ ފަރުވާކުޑަ ގޮތަކަށެވެ.
ސާޔާ އެއްޗެއް ނުބުނެ އަނެއްކާ ވެސް ހީލިއެވެ.
" ދެމަފިރިން ވިއްޔާ އެކަހަލަ ކަންކަން ވެސް ވާނެ. އަޅާލާނެ ކަމެއް ނެތޭ. " ރާމިޒް އައިސް އެނދުމައްޗަށް ޖެހިގަތެވެ.
ބިރުން ހުރެ ސާޔާ ގޮސް އެނދުމަތީ އިށީދެލުމާއެކު ރާމިޒް ބޯ ހިއްލާލިއެވެ. ސާޔާ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވާކަން ރާމިޒްއަށް އެނގުނެވެ.
" ބުނެބަލަ. ހަމަ އެ ރުފިޔާ ހިތުން؟" ރާމިޒް ބުނެލީ މަލާމާތުގެ ރާގުގައެވެ. ސާޔާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ.
" ނޫން. އަންނަ ހަފްތާ ކޮލެޖް ބަންދުވޭ. އެހެންވެ، އެހެންވެ، ދޮންބެމެން ރަށަށް ދާތީ ދާ ހިތުން. " ޖުމްލަ ބޭރުކޮށްލުމަށްފަހު ސާޔާ ކުއްލިއަކަށް އެނދުން ތެދުވީ، ރާމިޒްގެ ހަމަލާއެއް އަތުވެދާނެތީ ބިރުންނެވެ.
" ކީއްވެ ކޮޅަށް ތި ތެދުވީ؟" ރާމިޒް އެހިއެވެ.
ދެ އަތް ދެ އަތާ ލައި ފިއްތަމުން ސާޔާ ހިންދިރުވާލިއެވެ. އޭރު ރާމިޒް ހުރީ ނުސީދާ ގޮތަކަށް ސާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ފޮނުވާނަންތަ؟" ސާޔާ އެހިއެވެ.
" ސާޔާ އެކަނިތަ ދަނީ؟ އަހަންނެއް ނުގެންދާނަން؟" ރާމިޒް ތެދުވަމުން ސުވާލު ކުރިއެވެ.
ރާމިޒް އެހެން ބުނެފާނެ ކަމަކަށް ސާޔާއަކަށް ގަބޫލެއް ވެސް ނުކުރެވުނެވެ. އެހެންވެ، ހުއްޓުން އަރާފައި އޭނާއަށް ހުރެވުނީ ރާމިޒްގެ މޫނަށް ބަލާށެވެ..
" ސާމިހު ކައިރީ ބުނޭ ދެ މީހުންނަށް ޓިކެޓް ނަގާށޭ. އަހަރެމެން ވަރަށް ޑައުންނޭ. އޭރުން ދެވިދާނެ." ރާމިޒް ބުންޏެވެ.
އެ ވަގުތު ސާޔާއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ.
" އަހަރެން އޯކޭ ދިނީމަ އުފަލެއް ވެސް ނުވޭތަ؟ ގައިމު ހަނީމޫނުގައި އުޅުނު އިރު މަ ކިރިޔާ ޗޮކްލެޓެއް ދިނަސް، ހީވާނީ ބައްދައިގަންނައިރު މަ ވައްޓާލަފާނެހެން." ރާމިޒް ބުންޏެވެ.
އެއާއެކު އެ އުފާވެރި ދުވަސްތައް ސާޔާ ހަނދާންވިއެވެ. ރާމިޒް އެ ބުނީ ތެދެކެވެ. ނަމަވެސް މިހާރު އެއީ އެ ދުވަސްތަކުގައި އޭނާއާ އެކު އުޅުނު ރާމިޒެއް ނޫނެވެ. މީހަކު ބަދަލުވާން ސިކުންތެއް ވެސް ނަގާފާނެކަން ސާޔާއަށް މިއަދު ވިސްނިއްޖެއެވެ.
" އޭރާ މިހާރު ތަފާތު ވެއްޖެ ދޯ." ސާޔާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ.
" އަދި މޫނުމަތީ އެހެން ވިހެލިޔަކަސް އެއީ ލޯބި ނުވަނީކީ ނޫން ދޯ؟" ފަސޭހަ ކަމާއެކު ރާމިޒް ބުންޏެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!