" އޭރާ މިހާރު ތަފާތު ވެއްޖެ ދޯ." ސާޔާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ.
" އަދި މޫނުމަތީ އެހެން ވިހެލިޔަކަސް އެއީ ލޯބި ނުވަނީކީ ނޫން ދޯ؟" ފަސޭހަ ކަމާއެކު ރާމިޒް ބުންޏެވެ.
އެ ވަގުތު ސާޔާއަށް ހިންދިރުވާލެވުނެވެ. އަނިޔާކުރުމަކީ ރާމިޒްއަށް ވަރަށް ފަސޭހަ ކަމެއްކަން ސާޔާއަށް އެނގުނެވެ. އަދި އެކަމާ ފަހުން އޭނާ ދެރަ ނުވާކަން ވެސް ސާޔާއަށް އެނގުނެވެ. ސާޔާގެ ހިތުގައި ރާމިޒްއަށްޓަކައި އިތުރު ފޫހިކަމެއް އުފެދިއްޖެއެވެ. އަޖައިބުވެފައި ހުރެ އޭނާއަށް ރާމިޒްގެ މޫނަށް ބަލަން ފެށުނެވެ.
" ކީއްވެ މާ ފާޑަކަށް ތި ބަލަނީ؟" ރާމިޒް އެހިއެވެ.
އެ ވަގުތު ސާޔާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. މާލެ އައިއްސުރެން ލޯބިވެގެން ކައިވެންޏާ ހަމައަށް އޭނާ ދިޔައީ ރާމިޒްއަށް ވަރަށް އިތުބާރު ކޮށްފައެވެ. ނަމަވެސް އެންމެ މަހެއްގެ ތެރޭގައި އޭނާގެ އަސްލު ސޫރަ ދައްކާލުމުން، ސާޔާގެ ހިތް މުޅިން ވަނދު ވެއްޖެއެވެ.
" ދެން އަހަރެން ގައިގައި ނުޖަހައްޗޭ." އަސަރާއެކު ސާޔާ ބުންޏެވެ.
އެއާއެކު އެއް މިޔަކަނުން ހީލަމުން ރާމިޒް ގޮސް އެނދުގައި އިށީނެވެ.
" ކިހިނެއްވީ؟ ބުނެފީމެއްނު އެއީ ކަމެއް ނޫނޭ. ދެވަނަ ފަހަރަކަށް އަހަރެން ނުރުހޭ ކަމެއް އޭރުން ނުކުރާނެ. ހަނދާން ހުންނަވަރު ކުރުމަކީ ފިރިންގެ ވާޖިބެކޭ." ރާމިޒް ބުންޏެވެ.
ދެ އަތް އުރާލުމަަށްފަހު ސާޔާ ގޮސް އަލަމާރީގައި ލެނގިލިއެވެ. އަދި ދެރަވެ ހުރެ ރާމިޒްއަށް ބަލަން ފެށިއެވެ.
" އަހަންނަށް ތަދުވެޔޭ. އަހަރެން ބިރު ވެސް ގަނެޔޭ. ރާމިޒް. ލޯބިވާ މީހުންނަކަށް އަނިޔާއެއް ނުކުރާނެ. އަނިޔާ ނުކުރިޔަސް އަހަރެން ރާމިޒް ބުނާ ގޮތް ހަދާނަމޭ. " ސާޔާ ބުންޏެވެ.
އަނެއްކާ ވެސް ރާމިޒް ހިނިގަނޑެއް ޖަހާލިއެވެ.
" މާ ބޮޑަށޭ ތި ވިސްނަނީ. ދެން ބަލާނަން އަތް އިސް ނުކުރެވޭތޯ. އެކަމަކު އަހަރެން ރުޅި ނާރުވައްޗޭ." ރާމިޒް ބުންޏެވެ.
ރާމިޒް އެހެން ބުނުމުން ސާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަހަލައެވެ. ކައިވެންޏަކީ ކިހާ މާތް ގުޅުމެއްކަން ސާޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެންމެ ތުއްތުއިރުއްސުރެ މަންމަ، ބައްޕައާމެދު ހެޔޮކޮށް ހިތިގޮތް އޭނާއަށް ހުރީ ފެނިފައެވެ. ހުދު ސާޔާ ވެސް އެ ފަދައިން އުޅެން ބޭނުންވެއެވެ. ނަމަވެސް އޭނާއަށް އެ ނަސީބު ލިބިފައި ނެތްކަން މިހާރު އޭނާއަށް ގަބޫލު ކުރެވިއްޖެއެވެ.
ގަސްދޮށުގައި މަޑުކޮށްގެން މަރިޔަމް ހުރީ ހަސަން ނިކުންނަން ދެނެވެ. އިރުއިރުކޮޅުން އަންނަ ފިނި ވައިރޯޅިތަކުން އޭނާގެ ހަށިގަނޑާއެކު ހިތަށް ވެސް ފިނިވާ ކަހަލައެވެ. އެތައް ދުވަހަކަށް ފަހު، ޕާޓީއަކަށް ދާން ފުރުސަތު ލިބުމުން އޭނާ ހުރީ ނުހަނު އުފާވެފައެވެ.
" ވިހި ރުފިޔާ " ހަސަންގެ އަޑަށް މަރިޔަމް ފަހަތް ބަލައިލިއެވެ.
އޭރު ހަސަން ހުރީ މަރިޔަމްއާ ދިމާލަށް ސިޓީއުރަ ދިއްކޮށްގެންނެވެ. މަރިޔަމްއަށް އެ ސިޓީ އުރައަށް ބަލައިލެވުނީ މާޔޫސްވެފައެވެ.
" އެންމެ ވިިހި ރުފިޔާތަ؟ އެ މީހުންނަށް އެނގުނިއްޔާޔޯ. އަހަންނަކަށް ނުކެރޭނެ ވިހި ރުފިޔާ ހިފައިގެން ދާކަށް." މަރިޔަމް ބުނެލީ އަސަރާއެކުއެވެ.
" ދެން؟ އެންމެ ސަތޭކަ ރުފިޔާއޭ އޮތީ. އެ މީހުންނަކަށް ނޭނގޭނެ. ބައިވަރު މީހުން ސިޓީއުރަ ގެންދާނެ ދޯ." ހަަސަން ބުންޏެވެ.
އަނެއްކާ ވެސް މަރިޔަމްއަށް ބަލައިލެވުނީ އެ ސިޓީ އުރައާ ދިމާލަށެވެ. މަރިޔަމްގެ ހިތުގައި ހިނގަމުންދާ ޖަޒްބާތުތައް ހަސަންއަށް އެނގޭ ކަހަލައެވެ.
" ދެން ރަނގަޅުވާނެޔޭ. ހިނގާ ދާން. މިހާރު ގަޑި ވެސް ޖެހިއްޖެއެއްނު." ހަސަން އެހެން ބުނެ ހިނގައިގަތީ މަރިޔަމްގެ އަތުގައި ހިފަމުންނެވެ.
" ވަރަށް ދުވަސްކޮށްފައި ދޯ ކައިވެނި ހަފްލާއަކަށް މި ދެވެނީ. " މަރިޔަމް ބުންޏެވެ.
އެއާއެކު މަރިޔަމް އުފަލުން ހުރިކަން ހަސަންއަށް އެނގުނެވެ. ހަސަން ވެސް އާނއެކޭ ބުނެ ހިނިތުންވެލިއެވެ.
ޕާޓީ ތެރެއިން މަރިޔަމްއާއި ހަސަންއަށް މުޅިން ވެސް ފެންނަމުން ދިޔައީ އުފާވެރި މަންޒަރުތަކެވެ. އާއިލާތަކުގެ ބަދަހި ގުޅުންތަކެވެ. މައިންނާއި ދަރިން އެކުގައި ކާން ތިބި މަންޒަރެވެ. މައިންބަފައިން މޭޒު ކައިރީ ބައިތިއްބާފައި ދަރިން ގޮސް ކާއެއްޗެހި އަޅައިދޭ ތަނެވެ.
މަރިޔަމްއާއި ހަސަން ތިބީ ދުރުގައި ހުރި މޭޒެއް ކައިރީ އެކަނިމާއެކަންޏެވެ. އެހެން މީހުން އުޅޭ ގޮތް ބެލުން ނޫން ކަމެއް އެ މީހުންނަކަށް ނުކުރެވެއެވެ.
" ކީކޭ ތި ހިތަށް އަރަނީ؟" ކުއްލިއަކަށް މަރިޔަމް ސިހުނީ ހަސަންގެ އަޑަށެވެ.
" ނާރަ. " މަރިޔަމް ދިނީ ކުރު ޖަވާބެކެވެ.
" ހޫމް. އެއްޗެއް ހިތަށް ނާރަންޏާ ރަނގަޅު. އެކަމަކު ތި މޫނުމަތިން އަހަރެން އެބަ ވަރަށް ވާހަކަ ކިޔަން." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމް ފެންކަޅިވެއްޖެއެވެ.
" ހިނގާ ދާން މި ތަނުން." ދެރަވެލާފައި މަރިޔަމް ބުނެލިއެވެ.
" ހިނގާ. އަހަރެން ވެސް މި އިނީ ދާން ބޭނުންވެފައޭ. ފާހާނާއަކަށް ދާން ޖެހިގެން." ހަމަޖެހޭ ގޮތް ދައްކަމުން ހަސަން ބުނެލިއެވެ.
" ވަރަށް އުފަލުން އަހަރެން މި އައީ. މީރުކޮށް ކާން ވެސް ލިބޭނެޔޭ ހިތަށް އެރީ. އެކަމަކު މި ފެންނަމުންދާ މަންޒަރު ތަކުން ބަނޑު ފުރިއްޖެ." ގޭޓުން ނިކުމެނިކުމެ ހުރެ މަރިޔަމް ބުންޏެވެ.
އޭނާއަށް ކޮއްފައި ހުރި އަސަރު އޭނާގެ އަޑުން ވެސް ހަސަންއަށް އިހްސާސް ކުރެވުނެވެ. ހަސަން ކުޑަކޮށް މަރިޔަމް އޭނާއާ ކައިރިކޮށްލިއެވެ.
" ހިތްވަރުކުރޭ. އެހާ ބޮޑަށް ނުވިސްނަބަލަ. އަހަރެން މަރިޔަން ކައިރީ ހުރިއްޔާ އިތުރު ކަންކަމާ ވިސްނާނެ ކަމެއް ނެތޭ." ހަސަން ބުނެލީ ބާރަށެވެ.
" އޭ މަރިޔަން. އެބަ އުޅެންތަ އައިސްގެން؟" ފަހަތުން އިވުނީ ފަރީދާގެ އަޑެވެ.
އެއާއެކު މަރިޔަމްއާއި ހަސަންއަށް އެއްފަހަރާ ފަހަތް ބަލައިލެވުނެވެ. އޭރު ހެވިފައި ހުރެ ފަރީދާ އައިސް އެ މީހުންނާ އަރާ ހަމަކޮށްފިއެވެ.
" މިހާރު ރަނގަޅުތަ؟ އަހަރެން އަޑުއެހިން ބަލިވެ މާލެ ބަދަލުވި ވާހަކަ." ފަރީދާ އެހިއެވެ.
" ދެން އެކަހަލަ ގޮތެއް." މަރިޔަމް ދިނީ ކުރު ޖަވާބެކެވެ.
" ދެން ތި އުމުރަށް އެޅުނީމަ އެކަނި އުޅެވޭނެތަ؟ ދެ މީހުން އެކަނިމާއެކަނި ދޯ ގޭގައި ވެސް ތި އުޅެނީ؟ އަބަދުވެސް ކޮންމެވެސް އެއް ދަރިޔަކު ވާނެ މައިންބަފައިން ކައިރީ ގޭގައި މަޑުކުރަން. ކަމެއްދަމެއް ބޮޑުވިޔަސް ކިހިނެއް ހަދާނީ. ހަސަނު ވާހަކަ ދައްކަބަލަ ކޮންމެވެސް ދަރިޔަކާ. ދަރިންނާ ނުލައި ނޫޅެވޭނެ." ފަރީދާ ބުނެލިއެވެ.
އެއާއެކު ހަސަން ހީލަމުން އޭނާގެ ދަރިން ދިފާއު ކުރަން މަސައްކަތް ކުރިއެވެ.
" އެ ކުދިން އުޅެނީ ވަޒީފާގައި. ސާޔާ ވެސް ކިޔަވަނީ. ރަށަށް އައިސްގެން ކޮން ވަޒީފާއެއް ލިބޭނީ؟ ލާރި ހޯދައިގެން ތާ އުޅެވޭނީ." ހަސަން ބުންޏެވެ.
އެއާއެކު ފަރީދާ ހިނިގަނޑެއް ޖަހާލިއެވެ.
" ބައެއް ގޭގޭ ކުދިން ތިހެން ވިސްނާތީއޭ މައްސަލައަކީ. އެންމެން ވެސް ވިސްނަނީ އެ މީހެއްގެ އަމިއްލަ ދިރިއުޅުމަށް. އެ ކުދިންގެ ދިރިއުޅުމަށް މައިންބަފައިން ވެސް ހިއްސާކޮށްގެން ވިސްނާ ކުއްޖަކު ވަރަށް މަދު. ހަސަނު ބަލާބަލަ ފަރީދައިތައަށް. ދެ ދަރިން މާލޭގައި އުޅެނީ. އެކަަމަކު އެންމެ ދޮށީ މީހާ އެ ހުރީ ރަށުގައި. މަންމަމެން އެކަނިވާނެތީ ނުދެވޭނެޔޭ ބުނީ. އޭނަ ދަރިން ގޮވައިގެން އެ އުޅެނީ އަހަރެމެންގެ ގޭގައި. މިއަދު އެ ދަރި ނެތްނަމަ އަހަންނާ ސުލެއިމާނު ކިހާ އެކަނިވާނެ. " ފަރީދާ ބުންޏެވެ.
ހަސަނުގެ އަތުގެ ތެރޭގައި އޮތް މަރިޔަމްގެ އަތް އޭރު ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އޭނާއަށް އުނދަގޫތަކެއް ވާކަން ހަސަންއަށް ޔަގީން ކުރެވުނެވެ.
" އަދި މާލޭގައި އުޅޭ ދަރިން ވަރަށް ހެޔޮވާނެ. ޗުއްޓީއަށް ރަށަށް އަޔަސް ނަން ހުސްކޮށް ސާމާނު ގެންނާނެ. ގިނަ ފަހަރު ހަމަ ބޯޓުން ވެސް ގެއަށް އެއްޗެހި ފޮނުވާނެ. ދަރިން ރަނގަޅިއްޔާ މި އުމުރުގައި ދެން ކުރަންޖެހޭނެ ހިތާމައެއް ނޯންނާނެ. އަޅުކަން ކޮށްކޮށް ތިބެންވީ." ފަރީދާ ބުނެލިއެވެ.
"އާނ ވަރަށް ރަނގަޅު ވާހަކައެއް. ފަރީދައިތާ އަހަރެމެން ދަނީއޭ ދެން. ފަހުން އަދި ދިމާވާނެ." ހަސަން ހިނގައިގަތީ މަރިޔަމްގެ އަތުން ދޫ ނުކޮށް ހުރެއެވެ.
އޭރު މަރިޔަމް ކޮންމެވެސް ވަރަކަށް ތުރުތުރުއަޅަމުން ދާކަން ހަސަންއަށް ފާހަގަ ކުރެވުނެވެ.އެހެންވެ ހަސަން ބޭނުންވީ މަރިޔަމް ހަމައަކަށް އަޅުވަން އޭނާއާ ވާހަކަ ދައްކާށެވެ.
" އެ ވާހަކަތަކަށް ނުވިސްނާ. ފަރީދައިތައަކީ ފެށުނީއްސުރެން ވަރަށް ފުދިގެން އުޅޭ މީހެއްނު. އަހަރެމެންނާ އެ މީހުން އެކަށީގެން ވެސް ނުވާނެ އަޅާކިޔަން." ހަސަން ބުންޏެވެ.
އެއާއެކު ހުރި ފިޔަވަޅުމަތީ މަރިޔަމް ހުއްޓުނެވެ. އަދި ހަސަންގެ ދެ ލޮލަށް އޭނާ ބަލަން ފެށިއެވެ. ކަންބޮޑުވެފައި ހުރެ ހަސަން ވެސް މަރިޔަމްގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
" ފަރީދައިތަ އަޅާ ކީ އަހަރެމެންގެ ފެންވަރަކަށް ނޫނޭ. އަހަރެމެންގެ ދަރިންނާއޭ. އަހަރެމެންގެ ދަރިން، އަހަރެމެންނާ މެދު ނުވިސްނާ ވާހަކައޭ އެ ބުނީ. ތިން ކުދިން ތިބި އިރު އެންމެ ކުއްޖެއް ވެސް މިތާ ހުންނާކަށް ނޫޅުނު. ތެދެއް އެ ބުނީ. އަހަރެމެންގެ ދަރިންގެ ދިރިއުޅުމުގައި އަހަރެމެންގެ އެއްވެސް އަގެއް ނެތް." މަރިޔަމް ބުންޏެވެ.
" ދެން މަރިޔަން. ވިސްނީމަ ކީއްތަ ވަނީ؟ ދަރިން ކުޑައިރު ވެސް އަދި މިހާރު ވެސް އަހަރެމެންނަށް އެކަނި އެބަ އުޅެވެޔޭ. " ހަސަން ބުންޏެވެ.
" އެކަމަކު އަހަރެން ހާދަ ވިސްނަމޭ. ހާދަ ހިތަށް ތަދުވެޔޭ. އަހަރެން ހާދަ އިންތިޒާރެއް ކުރަމޭ. ހާދަ އުއްމީދެއް ކުރަމޭ. އަހަރެން ދެކޭ ހުވަފެންތައް ހަސަންއަށް އެނގޭތަ؟" މަރިޔަމް ވާހަކަ ދެއްކީ ތުރުތުރުއަޅާ އަޑަކުންނެވެ.
އެ އަނދިރި މަގުގައި އެ ދެ މީހުން ފިޔަވައި އެކަކު ވެސް ނެތެވެ. މަގުގެ ދެ ކޮޅު ބަލައިލަމުން މަރިޔަމް ހަސަންގެ އަތުން ދޫކޮށްލިއެވެ.
" ހެނދުނު ހޭލަން ބޭނުންވަނީ ސާޔާ އައިސް މަންމާ ސައިބޯން ތެދުވާށޭ ބުނާއަޑަށް. އެކަމަކު ކިތަންމެ ބަލިވިޔަސް، ގައިގައި ވަރެއް ނެތަސް، ތަންތާ ރިއްސިޔަސް ސައިބޯން މި ޖެހެނީ އަމިއްލައަށް ހެދުނު އެއްޗެއް ހަދައިގެން. ސާޔާ ކުޑައިރު ކިހިއްޔަށް ޖަހައިގެން ސައިކައްކައިގެން އެ ކުދިންނަށް ސައިދިން ހަނދާން އަދިވެސް އެބަހުރި." މަރިޔަމް ބުނެލިއެވެ.
" ދެން ތިހެން ވާހަކަ ނުދައްކާ." އަސަރާއެކު ހަސަން ބުންޏެވެ.
ނަމަވެސް މަރިޔަމް ދެ ފަރާތަށް ބޯ ހޫރާލަމުން ކުޑަކޮށް ކުރިއަށް ހިނގައިގަތެވެ.
" ސާމިހްގެ އަތުގައި ހިފައިގެން ޑޮކްޓަރަށް ދާން ބޭނުން. ހާނިމް ގެއަށް އައީމަ ކާން ހަދައިގެން އެ މަޖާ ސަކަރާތުގެ ވާހަކަތައް އަޑު އަހަމުން ކާން އިންނަން ބޭނުން. އެންމެ ކުޑައިރުއްސުރެން ހާނިމްއަކީ އެންމެ ލާނެތް، އެންމެ މަޖާ ދަރި. އެކަމަކު އަމިއްލައަށް އުޅެވޭވަރުވީމަ ރަށް ދޫކޮށް ދިޔަ ގޮތަށް ގައުމު ދޫކޮށް އެ ދިޔައީ އަހަރެމެންނަށް އެއްވެސް މުހިއްމުކަމެއް ނުދީ. އެންމެ ކުޑަމިނުން އަހަރެމެން ދެކިލަން އަންނާނެ ވަގުތެއް ވެސް އެ ސޮރަކަށް ނުވި." މަރިޔަމް ބުނެލިއެވެ.
ގޮތް ހުސްވެފައި ހުރި ފަދަ ގޮތަކަށް ހަސަން މަޑުމަޑުން ގޮސް މަރިޔަމްގެ ކުރިމަތީގައި ހުއްޓުނެވެ. އަދި އޭނާގެ ދެ ކޮނޑުގައި ހިފުމަށްފަހު ގެނެސް ހަސަންގެ މޭގައި ޖައްސާލިއެވެ.
" ދެން... ދެން އިތުރަށް ވާހަކަ ނުދައްކާ. ހިނގާ ގެއަށް." ކެނޑެމުންދާ އަޑަކުން އަސަރުން ފުރިފައިވާ ގޮތަކަށް ހަސަން ބުނެލިއެވެ.
ހަސަންގެ އެހީގައި މަރިޔަމް ގެއާ ދިމާލަށް ހިނގައިގަތެވެ. މަރިޔަމްއަށް ކޮއްފައިވާ އަސަރުން ހުދު ހަސަން ވެސް ހުރީ ފެންކަޅިވެފައެވެ. އޭނާގެ ދެ ލޮލަށް ގިނަވަމުންދާ ކަރުނަތައް އަނދިރީގެ ތެރެއިން މަރިޔަމްއަށް އޭނާ ސިއްރު ކުރިއެވެ. އޭނާގެ އިހްސާސްތަކާއި ޖަޒްބާތުތައް ހާމަ ކުރާނަމަ މަރިޔަމް މާ ދެރަވާނެކަން ހަސަންއަށް އެނގެއެވެ. މަރިޔަމްގެ ހާލަތު އެކަމަށް ތަންނުދޭކަން ވެސް ހަސަންއަށް ހަމަ ރަނގަޅަށް އެނގެއެވެ.
ސާޔާ ގޮވައިގެން ދާ ހިތުން، ސާޔާއާއި ރާމިޒްއަށް ވެސް ޓިކެޓް ދިނީ ސާމިހުއެވެ.
" އަޅެ ދޮންބެ ހާދަ ރަނގަޅޭ. މާދަމާ ފުރަންޖެހޭނެއެއްނު." ހެވިފައި ހުރެ ސާޔާ ބުންޏެވެ.
" އާނ. ރެޑީ ވައްޗޭ. " ސާމިހް ބުންޏެވެ.
" ދޮންބެ... މަންމަމެންނަށް މޭވާއާއި ތަރުކާރީ ގަންނަންވީނު. " ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް ސާޔާ ބުނެލިއެވެ.
" ބަރުވާނެ އޭރުން. މަތިން ދާއިރު މާ ގިނަ އެއްޗެއްސެއް ނުގެންދެވޭނެއެއްނު. ދެން ރަށަށް ގޮސް ގަންނާނީ. ރަށުގައި ވެސް ހުންނާނީ މާލޭގައި ހުންނަ އެއްޗެއްސެއްނު." ސާމިހް ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ.
ސާމިހްގެ ވާހަކަ ހުރި ގޮތުން ސާޔާ ދެރަވިއެވެ. މަންމަމެން އުފާކޮށްލަން އެއްވެސް ކަމެއް ކުރުމުގެ ހިޔާލެއް ސާމިހްގެ ނެތްކަން އޭނާއަށް އެނގުނެވެ.
" އެކަމަކު ދެން... މާލެއިން ދާއިރު ކޮންމެވެސް އެއްޗެއް ގެންދަން ވާނެއެއްނު. ރާމިޒް ވަރަށް ޑައުން ވީމަ. ރުފިޔާއެއް ނެތޭ ބުނީ." ސާޔާ ބުނެލީ ޖެހިލުންވެ ހުރެއެވެ.
" އަހަރެމެން ދިޔައީމަ މަންމަ މާ އުފާވާނެ. ދެން ވަދޭ ގެއަށް. ދޮންބެ މި ދަނީ ގެއަށް ދާން. ރައު އިންނާނެ ނުކެވިފައި." ސާމިހް އެހެން ބުނެ ސައިކަލް ސްޓާޓް ކޮށްލިއެވެ.
އަތުގައި އޮތް ޓިކެޓަށް ބަލައިލަމުން ސާޔާ ގެއަށް ވަންނަން ހިނގައިގަތީ ނުތަނަވަސް ހިތަކައިގެންނެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!