އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ޑޮނަލްޑް ޖޭ ޓްރަމްޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި ވަނީ މީހުން ސަލާމަތްކުރުމަށާއި، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މި ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުޞަތެއްގައި ކުރީގެ ދިރިއުޅުން އިޢާދަކުރެވޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވެ މިހާތަނަށް 67 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެތައް ބަޔަކު ގެއްލިފައިވުމުން އެމީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހާދިސާއަކީ ބޮޑު ކާރިސާއެއްކަމަށް އިޢުލާނުކުރައްވާފައެވެ. މިއާ ގުޅިގެން ފެޑެރަލް އިމަރޖެންސީ މެނޭޖްމަންޓް އޭޖެންސީ (ފެމާ) އާދީއްތަ ދުވަހު އެކްޓިވޭޓްކޮށް، ޓެކްސަސްގެ ފުރަތަމަ އިޖާބަދޭ ފަރާތްތަކަށް ވަސީލަތްތައް ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ބަޔާނެއްގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!