" އަހަރެން ކީއްކުރީތަ؟ " ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ހަސަން ސުވާލު ކުރިއެވެ.
ނަމަވެސް މަރިޔަމް އޮތީ ހަސަންގެ ސުވާލުތަކަށް ޖަވާބު ނުދޭން ނިންމައިގެންނެވެ. އެއްޗެއް ނުބުނުމުން ހަސަން މަރިޔަމްގެ ގައިގައި ކޮއްޓާލިއެވެ.
" އަހަރެން ދެކެ މަރިޔަން ރުޅި އައިސްފަ ހުރިކަން އަހަންނަށް އެނގެޔޭ. މިރޭ ކަންތައް ތި ކުރަނީ މީގެ ކުރިން ދުވަހަކު ވެސް މަރިޔަން ކަންތައް ކުރި ގޮތަކަށް ނޫން." ހަސަން ބުންޏެވެ.
" ބައެއް ކަންތައްތަކަކީ ވަގުތާ ހާލަތު ބަދަލު ވުމުގެ ސަބަބުން ވެސް ބަދަލުވާނެ ކަންތައްތައް. ބައެއް މީހުންނަކީ ވެސް ނޭނގި ހުއްޓާ ބަދަލުވާ މީހުން." ބެދިފައިވާ އަޑަކުން މަރިޔަމް ބުންޏެވެ.
ހަސަން އަނެއްކާ ވެސް ބޯ ހިއްލާލަމުން މަރިޔަމްގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
" އޭ! ކީކޭތަ ތި ކިޔަނީ؟" ހަސަން އެހިއެވެ.
މަރިޔަމް އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންވެ، ހަަސަން ވެސް ނިންމީ މަރިޔަމްއާ އިތުރަށް އެއްވެސް ސުވާލެެއް ނުކުރުމަށެވެ. ނިތްމަތީގައި އަތް ބާއްވާލުމަށްފަހު، ހަސަން ހަމަޖެހިލިއެވެ. ނިދި އަޔަސް، ހިތުގައިވާ ތަކުލީފްތަކުގެ ސަބަބުން އޭނާގެ ނިދި އޭނާއާ މާ ދުރަށް ގޮއްސިއެވެ. ބިއްދޮށަށް އެނބުރި އޮތް މަރިޔަމްއާ ދިމާލަށް އިރުއިރުކޮޅުން ހަސަންއަށް ބަލައިލެވެއެވެ.
ކުއްލިއަަކަށް މަރިޔަމްއަށް ލޯ ހުޅުވާލެވުނު އިރު، މަހަށް ދާ އެއްޗެހި ލައިގެން ހަސަން ނިކުންނަނީއެވެ. މިރޭ ހަސަންއަށް ކޮއްތު ތައްޔާރު ނުކުރެވޭކަން ވެސް އޭނާ ހަނދާން ވީ ދެނެވެ. ހަސަން ގޭ ދޮރު ލައްޕާލުމާއެކު މަރިޔަމްއަށް ގަޑި ބަލައިލެވުނެވެ. އޭރު ގަޑިން ތިން ގަޑި ބައިވަނީއެވެ. އޭނާ ފުންމައިގެން ތެދުވެއްޖެއެވެ.
މަރިޔަމް ބޭރަށް ނިކުތް އިރު، ހަސަން ހުރީ މަގުމަތީގައެވެ. މޯޅިއަކަށް ދެމިލުމަށްފަހު ހަސަން ހިނގައިގަތްތަން ފެނި، ފަހަތުން މަރިޔަމް ވެސް ހިނގައިގަތެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ހަސަން ކުރިއަށް ދަނީ ނުހަނު ބާރަށެވެ. މަރިޔަމް ފާރަލަމުން ދަނީ ނުހަނު ދުރުދުރުންނެވެ. ހަސަން ދާ ތަނެއް ބަލާހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ. އޭނާ މަޑުމަޑުން ކުރިއަށް ދިޔައެވެ. ރެޔަކީ ހަނދުވަރުގެ އަލިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދުނިޔެއަށް ވެރިވެފައިވާ ރެއެއްކަން ވެސް ނަސީބޭ މަރިޔަމްގެ ހިތަށް އެރިއެވެ.
ނަމަވެސް ރާބިއާގެ ގެއާ ދިމާލަށް ހަސަން ދާ ތަން ފެނުމާއެކު މަރިޔަމްގެ ދެ ފައިގައި ކަސްތޮޅު އެޅިއްޖެއެވެ. ކައިރީގައި ހުރި ގެ އެއްގެ ފާރުގައި އަތް ޖައްސާލައިގެން މަރިޔަމް ހުރީ ބަލަހައްޓައިގެންނެވެ. ހަސަން ދިޔަ ގޮތަށް ގޮސް ހުއްޓުނީ އެ ގޭ ކުޑަ ދޮރެއް ކައިރީގައެވެ. އަދި އެ ކުޑަ ދޮރުގައި ޖަހާލިތަން އޭނާއަށް ފެނުނެވެ. އެއާއެކު މަރިޔަމްއަށް ވަގުތުން ފުރަގަސް ދެވިއްޖެއެވެ. އަދި އަނގަމަތީ އަތް އަޅައިގެން ހުރެ އޭނާ އައިކޮޅަށް ހިނގައިގަތެވެ. އެ ގޭ ދޮަށަށް ދިޔުމަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. އެހެންވެ އަނބުރާ މަރިޔަމް އައީ ގެއަށެވެ.
ފުރަތަމަ ވެސް އޭނާއަށް ވަދެވުނީ، އެތެރެ ގޭގައި ނިދާފައި ތިބި ދެ ކުދިން ކައިރިއަށެވެ. އެ ދެ ކުދިންނާ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ރޮވިފައެވެ. ބަނޑުގައި އަތް ޖައްސާލައިގެން ހުރެ، މަރިޔަމް ނިކުމެ މެދު ގޭގައި ހުރި ބޮޑާށީގައި އިށީނދެލިއެވެ. ހަސަން އެފަދަ ކަމެއް ކޮއްފާނެކަމަށް އޭނާ ފަހަރެއްގައި ވެސް ހިތަކަށް ނާރައެވެ. ހަސަންގެ ފަރާތުން ދުވަހަކު ވެސް އެ ފަދަ ކަމެއް ވެފައެއް ނެތެވެ. އަދި އެހެން އަންހެނަކާމެދު އޭނާ ވިސްނާކަމެއް ވެސް މަރިޔަމްއަށް އިހްސާސް ވެސް ނުވެއެވެ.
ބޭރުގައި ހުރި އައްޓެއް މަތީ ބަންޑުން ޖަހާފައި ހުރި ތެލިތައް ފައިބައި ގަތް އަޑަށް މަރިޔަމް ދިޔައީ ސިހިގެންނެވެ. ތެލިތައް މައްޗަށް ބުޅަލެއް ފުންމައިގަތީކަން އޭނާއަށް ޔަގީން ކުރެވުނެވެ. އެހެންވެ އެކަމާ އަޅައިނުލާ ހުއްޓާ، އަނެއްކާ ވެސް އިވުނީ ތެލިތައް ގުއްޑާ އަޑެވެ. އެ ވަގުތު މަރިޔަމްގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. މަޑުމަޑުން ތެދުވެ ގޮސް އޭނާ ކުޑަދޮރު ހުޅުވާލީ ހާސް ހިތަކައިގެންނެވެ.
އެ ތަނުން ހަސަން ފެނުމުން މަރިޔަމްއަށް ތެޅިގަނެވުނެވެ. އެއްފަހަރާ އެތައް އެއްޗެއް ހިތަށް އަރާ ފައިބަން ފެށިއެވެ. އެންމެ ފަހުން އޭނާގެ ޟަމީރު އެއްބަސް ވީ ހަސަންއާ ކުރިމަތިލާށެވެ. އަދި މުޅި ދުވަހު ހިތާމަ ކުރަން އިނުމުގެ ހައްގެއް މަރިޔަމްއަކަށް ނޯންނާނެކަމަށެވެ. މެދުގޭގައި ދިއްލާފައި ހުރި ފުޅި ބައްތި ހިފައިގެން މަރިޔަމް ދޮރާ ދިމާލަށް ހިނގައިގަތެވެ.
މަރިޔަމް ގޭ ދޮރު ހުޅުވާލިއެވެ. އެ ވަގުތު އެލުމިނިއަމް ބޮޑު ލޯތައްޓެއް ހިފައިގެން ހުރި ހަސަން ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް މަރިޔަމް ފެނުމާއެކު އޭނާ ހިނިތުންވެލިއެވެ.
" ހާދަ އަވަހަކަށް ހޭލާ ތި އުޅެނީ؟ އަދި ބަންގި ވެސް ނުގޮވައެއްނު." ހަސަން ބުންޏެވެ.
އަދިވެސް މަރިޔަމް ހުރީ ރުޅި އައިސްފައިތޯ ބަލައިލަން އޭނާ ހުރީ ނުހަނު ބޭނުން ވެފައެވެ.
" އަހަރެން ހޭލާ އުޅުނީމަ ހާސްވީތަ؟" މަރިޔަމް އެހިއެވެ.
އެއާއެކު އެ އަޑުގައި ރުއިމުގެ އަސަރު ހުރިކަން އެނގި ހަސަން ކަންބޮޑު ވެއްޖެއެވެ. އަތުގައި އޮތް ލޯތަށި ބިންމަތީގައި ބޭއްވުމަށްފަހު އޭނާ ގޮސް މަރިޔަމްގެ އަތުގައި ހުރި ފާނޫޒުގައި ހިފިއެވެ. އޭރު މަރިޔަމްއަށް ރޮވެން ފަށައިފިއެވެ.
ފާނޫޒު ވެސް ބިންމަތީގައި ބެހެއްޓުމަށްފަހު ހަސަން މަރިޔަމްއަށް ބަލައިލިއެވެ. އަދި މަރިޔަމްގެ ގައިގައި އަތް ޖައްސާލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ވެގެން އުޅޭ ގޮތެއް..." ހަސަންއަށް އެ ހިސާބަށް ބުނެވުމާއެކު މަރިޔަމް ދުރަށް ޖެހިލިއެވެ.
" ވެގެން އުޅެނީ ކީއްކަން ފުރަތަމަ ހަސަން އަހަންނަށް ކިޔައިދީބަަލަ. އަހަރެން ބަލިވެ އިނީމަ ހިލޭ އަންހެނެއް ކައިރިއަށް ކޮންމެ ރެޔަކު ތި ދަނީ ކީއްވެ ކަން ހަސަން އަހަންނަށް ކިޔައިދީބަލަ." ބާރުބާރަށް މަރިޔަމް ބުންޏެވެ.
އެއާއެކު ހަސަންއަށް ދެ ލޯ ބޮޑު ކޮށްލެވުނެވެ.
" ކީކޭ؟ އަހަރެން؟" ހަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމް އަަވަސް އަވަހަށް ދެ ފަހަރަކު ބޯ ޖަހާލިއެވެ.
" އާނ ތި ހަސަން ހަމަ. އަހަރެން މިރޭ މި އައީ އެ މީހުން އެ ދެއްކި ވާހަކަތަކަކީ ތެދެއް ތޯ ޔަގީން ކުރަން ހަސަންގެ ފަސް ފަހަތުން ގޮއްސަ. އަހަރެންގެ ދެ ލޮލުން ފެނުނީމަ އަހަރެން މި ގަބޫލު ކުރީ. ހަސަން އިތުރަށް އަހަންނަށް ދޮގު ހަދަން މަސައްކަތް ނުކުރައްޗޭ." މަރިޔަމް ބުންޏެވެ.
ހަސަންއާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ އޭނާ ވާހަކަ ދައްކަމުން ދިޔައިރު ހަސަންގެ ދެ ލޮލުން ފެންނަނީ ނުތަނަވަސްކަމެވެ.
" ކީކޭ ތި ކިޔަނީ؟" ހަސަން ބުނެލީ ބާރަށެވެ.
" މި ދައްކަނީ މިރަށު ރާބިއާ ކައިރަށް ހަސަން ވަންނަ ވާހަކަ. " މަރިޔަމް ބުންޏެވެ.
" ކީކޭ؟ ރާބިއާއޭ؟" ހަސަންއަށް ބުނެވުނީ އަވަސް އަވަހަށެވެ.
" މީހުން، މީހުން ކައިރިއަށް ވަންނަ އަޑު އަހަރެން ވެސް އަހަން. އެކަމަކު އަހަރެންގެ ފިރިމީހާ މީހެއްގެ ކައިރިއަށް ވަންނާނެކަމަށް ފަހަރެއްގައި ވެސް ހިއެއް ނުކުރަން." މަރިޔަމް ބުންޏެވެ.
އެއާއެކު ހަސަން އެކަމަށް އިންކާރު ކުރަން ފެށިއެވެ.
" ތި ކިހިނެއް ވާނެ ކަމެއް؟ އަހަރެން ރާބިއާ ކައިރިއަކަށް ނުދަން. އެ ވާހަކަ އެ ގޮތަކަށް މީހުންނަކަށް ނުދެއްކޭނެ. ދެއްކިގެން ނުވާނެ. އަހަންނަކީ ދުވަހަކު ވެސް ތި ބުނާ ގޮތަކަށް އުޅެން ހިޔާލު ވެސް ކުރި މީހެއް ނޫން." ހަސަން ބުންޏެވެ.
" އަހަރެން ވެސް ކުރިން ތިހެން ހީކުރީމޭ. އެކަމަކު... މިރޭ އަހަރެންގެ ދެ ލޮލުން ދުށިން ހަސަން ރާބިއާގެ ގެއަށް ގޮސް ޖާލީގައި ޓަކި ޖެހި ތަން. އަހަރެން ދިޔައިން ހަސަންގެ ފަހަތުން. އެ މަންޒަރު ފެނުނީމަ މި ހިތަށް ކެތްވާނެހެން ހަސަންއަށް ހީވޭތަ؟ އަހަރެން ރޮމުން ރޮމުން އައީ ގެއަށް." މަރިޔަމް ކިޔައިދިނެވެ.
އެއާއެކު ހަސަންއަށް އެއް އަތުން ނިތްމަތީގައި ހިފަހައްޓާލެވުނެވެ.
" ކުޑަ ވަގުތުކޮޅަކަށް ބަލަހައްޓައިގެން އެތާ މަޑުކޮށްލިނަމަ ހަގީގަތް މަރިޔަމްއަށް ސާފުވީސް." ހަސަން ބުންޏެވެ.
ހަސަން އެހެން ބުނުމުން މަރިޔަމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
" އަހަރެން ދިޔައީ މަހަށް ގޮވަން." ހަސަން ބުންޏެވެ.
" އެ ގޭގައި މަހަށް ދާ އެކަކު ވެސް ނޫޅޭނެ. އޭނަ ބައްޕައަކީ ބަލި އެނދުގައި އޮންނަ މީހެއް. ހަސަން ކީއްކުރަން ތި ދޮގު ހަދަނީ؟" މަރިޔަމް އެހިއެވެ.
އެއާއެކު ހަސަން މަރިޔަމްއާ ދިމާލަށް އަންނަން ފެށިއެވެ. ނަމަވެސް މަރިޔަމް ހަސަންގެ އަތު ޖެހެން ބޭނުން ނުވެގެން މަޑުމަޑުން ފަހަތަށް ޖެހިލިއެވެ.
" ނޫން. އަހަރެންގެ ގައިގައި ތި މުޑުދާރު އަތުން އަތް ނުލާތި." މަރިޔަމް ބުނެލީ ބާރަށެވެ.
" ކޮންމެވެސް ކުށެއް ކޮށްގެން ރަށަކުން އަރުވާލި މީހަކު މިހާރު އެ ގޭގައި އުޅޭ. އެ މީހާ މަހަށް ދަނީ އަހަރެމެން ދޯނިން. ކެޔޮޅު ބުނާ ރޭރޭ މީހުންނަށް ގޮވަން އަހަރެން ދަން. ރާބިއާގޭ ކުޑަ ދޮރު ހުޅުވާފަ އެ މީހާ އަހަންނާ ވާހަކަ ދެއްކިތަން މިރޭ މަރިޔަންއަކަށް ނުފެނޭތަ؟ ދެން އަހަރެން ގެއަށް މި އައީ އޭނަ ބުނެގެން ލޯތައްޓެއް ހޯދަން. އޭނަ މިއަދު ފާރޮށި މޮޑޭނެ ވާހަކަ ބުނީމަ. " ހަސަން ބުންޏެވެ.
ހަސަންގެ ވާހަކަތަކުން ވެސް މަރިޔަމްގެ ހިތަކަށް މާ ބޮޑު ލުޔެއް ނުލިބުނެވެ. ރަށު ތެރޭގައި އެ ފަދަ ވާހަކައެއް ފެތުރެން ވީ ކީއްވެތޯ އަދި ވެސް އޭނާގެ ހިތުގައި އޮތީ ސުވާލު އުފެދިފައެވެ.
" ކީއްވެ އެއްޗެއް ނުބުނީ؟ އަހަރެން މަރިޔަމްއަށް އެންމެ ދޮގެއް ވެސް ހަދާފައި އޮތް ނަމަ ރަނގަޅު މަރިޔަމް ތިހެން ހުންނަން." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
" އަހަރެން ހިއެއް ނުކުރަން މީހަކު ބުނާހާ އެއްޗެއް އެހާ އަވަހަށް މަރިޔަން ގަބޫލު ކޮށްފާނެކަމަކަށް. އަހަންނަކީ އެހެން އުޅޭ ވެސް މީހެއް ނޫނޭ. މި ރަށުގައި އެހެން އުޅޭ މީހުން އަހަރެން ވެސް ދަންނަމޭ. އެކަމަކު އެއީ އަހަންނާ ބެހޭ ކަމެއް ވެސް ނޫން. މަހަށް ގޮވަން ނިކުމެ އުޅޭ އިރު، ކިތައް ރޭ އަހަންނަށް ވެސް އެ ކަހަލަ މަންޒަރުތައް ފެންނާނީ؟ އަހަރެން ނުދައްކަމެއްނު. އަހަންނަކަށް ނޭނގެ އަހަންނޭ ކިޔައިގެން މި ރަށުގައި ވާހަކަ ފަތުރަން ވީ ކީއްވެ ކަމެއް؟" ހަސަން ބުންޏެވެ.
މިހާރު މަރިޔަމް ހުރީ އިންތިހާއަށް ލަދުގަނެ، ދެރަވެފައެވެ. ހަސަންއަށް ޝައްކު ކުރެވުނީތީ އޭނާ ހުރީ ހަސަންގެ މޫނަށް ބަލައިލާން ވެސް ނުކެރިފައެވެ. ބަނޑުގައި އަތް ޖައްސާލައިގެން ހުރެވުނީ ކުރެވުނު ކަންތަކާ މޮޔަ ހީވެފައެވެ.
" ދެން ވަދޭ އެތެރެއަށް. އަހަރެން މި ދަނީ." ހަސަން ބުންޏެވެ.
ފަރުވާލެއް ނެތި ހަސަން ހިނގައިގަތުމުން މަރިޔަމް މާ ދެރަވެއްޖެއެވެ. އޭނާއަށް ތަންކޮޅެއް ބާރަށް ހަސަންއަށް ގޮވާލެވުނެވެ. އެއާއެކު ހަސަން ހުއްޓި ފަހަތް ބަލައިލިއެވެ.
" އަހަރެން ބިރުގަތީއޭ." ވަރަށް އުނދަގުލުން މަރިޔަމް ބުނެލިއެވެ.
" ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ކުރިމަތިލާން ދަސްކުރޭ." ހަސަން ބުންޏެވެ.
އޭނާ އެނބުރި މަރިޔަމް ކައިރިއަށް ނައިސް ނިކުމެގެން ދިޔައީއެވެ. އެކަމާ މަރިޔަމް ހުރީ ނުހަނު ދެރަވެފައެވެ. ކުއްލިއަކަށް މަރިޔަމްގެ ހިތުގައި ރާބިއާގެ ނަން ފަވައިލެވުނެވެ. ހަސަންގެ ނަމަށް ހުތުރުވާ ފަދަ ވާހަކަތަކެއް ފެތުރުމުގައި ރާބިއާގެ ދައުރެއް އޮންނާނެކަން މަރިޔަމްއަށް ޔަގީން ކުރެވުނެވެ.
ފަތިސް ނަމާދު ބަންގީގެ އަޑާއެކު މަރިޔަމް ގެއަށް ވަނީ އިރުއަރާ އިރަށް ރާބިއާ އާ ބައްދަލްކުރަން ދާން ނިންމައިގެންނެވެ.
ނުނިމޭ
ވާހަކަ ގެނެސްދޭ ދުވަސްތަކަށް ބަދަލެއް: މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!