ފަތިސް ނަމާދު ބަންގީގެ އަޑާއެކު މަރިޔަމް ގެއަށް ވަނީ އިރުއަރާ އިރަށް ރާބިއާ އާ ބައްދަލްކުރަން ދާން ނިންމައިގެންނެވެ.

ދަރިންނަށް ސައި ދިނުމަށްފަހު، ދޮށީ ދަރިފުޅު ސާމިހް ޤުރުއާން ކިޔަވާގެއަށް ފޮނުވާލުމަށްފަހު މަރިޔަމް ނިކުތީ ހާނިމް އިނގިލި ކުރީގައި ހިފައިގެންނެވެ. އޭރު ވެސް އޭނާގެ ހިތް ނުހަނު ބާރަށް ތެޅެއެވެ. ދުވަހަކު ވެސް މީހަކާ ދިމާލަށް އެއްޗެހި ކިޔުމުގެ ނިޔަތެއް އޭނާގެ ހިތަކު ނުވެއެވެ. ނަމަވެސް މިއަދު ރާބިއާ އާ މެދު ހިތުގައި އުފެދިފައި އޮތް ޝައްކުތައް، ރާބިއާގެ ކުރިމަތީގައި ފިލުވާލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.

Ad
rt

ރާބިއާގެ ގެ ހުންނަ މަގަށް އެރި އިރު، މަގުމަތި ކުނިކަހަން އޮތް ރާބިއާ، މާދުރުން މަރިޔަމްގެ ލޮލުގައި އަޅައިގަތެވެ. އެ ވަގުތު އޭނާގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ކުރިއަށް ހިނގާލާނެ ހިތްވަރު ގައިގައި ނެތް ކަހަލައެވެ. ނަމަވެސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަރިޔަމް އަނެއްކާ ވެސް ހިނގައިގަތީއެވެ.

އިލޮށިފަތި ހިފައިގެން އޮތް ރާބިއާ ތެދުވީ ، މަރިޔަމް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމުންނެވެ. ދެ މީހުންގެ ހަތަރުކަޅި ހަމަވުމާއެކު ރާބިއާއަށް އުނދަގޫ ވެއްޖެއެވެ. ނަމަވެސް މަރިޔަމްގެ ބެލުމުގައިވާ އާދަޔާ ހިލާފް އަސަރުތަކުން ރާބިއާ ކޮންމެވެސް ވަރަކަށް ޖެހިލުން ވެއްޖެއެވެ. އޭނާއަށް ހިންދިރުވާލެވުނެވެ.

" ދަރިފުޅު ދޭބަލަ އެ ދޫނި ކޮށި ކައިރިއަށް. " މަރިޔަމް ބުންޏެވެ.

ހާނިމްގެ އަތުން ދޫކޮށްލުމަށްފަހު ، ރާބިއާގެ ގޭގައި ހުރި ދޫނިކޮށްޓާ ދިމާލަށް އޭނާ ހާނިމް ފޮނުވާލިއެވެ. އެއަށްފަހު މަރިޔަމް އަނެއްކާ ވެސް ރާބިއާގެ މޫނަށް ބަލައިލިއެވެ. އެ ވަގުތު ރާބިއާއަށް އިލޮށިފަތީގައި ބާރަށް ހިފަހައްޓާލެވުނެވެ.

" އަހަރެން ފެނުނީމަ ހާދަ ހައިރާންވީ؟" މަރިޔަމް ސުވާލު ކުރިއެވެ.

އެއާއެކު ރާބިއާއަށް މޫނު އަނބުރައިލެވުނެވެ.

" އަހަރެން މި އައި ސަބަބު، ރާބިއާއަށް އެނގޭހެން އަހަންނަށް ހީވަނީ." އަނެއްކާ ވެސް ވާހަކަ ދެއްކީ މަރިޔަމްއެވެ.

" ނޭނގެ އަހަންނަކަށް." ރާބިއާ ބުނެލީ އާދައިގެ ގޮތަކަށެވެ.

" ނޭންގެންޏާ ބުނެދީފާނަން." މަރިޔަމް ބުންޏެވެ.

އެއާއެކު ރާބިއާއަށް އަނެއްކާ ވެސް ހިންދިރުވާލެވުނެވެ. އަދި މަރިޔަމްގެ މޫނަށް އޭނާއަށް ބަލައިލެވުނީ ކޮންމެވެސް ވަރަކަށް ބިރުގެންފައި ހުރެއެވެ.

" އަހަރެންގެ ފިރިމީހާއޭ ކިޔައިގެން އެ ދައްކާ ވާހަކަތަކަކީ ތެދެއްތަ؟" މަރިޔަމް އެހިއެވެ.

" ކޮން؟ ކޮން ވާހަކައެއް؟" ރާބިއާ ނުދެނަހުރިކަމަށް ހެދިއެވެ.

" ރާބިއާގެ މޫނުމަތިން އަހަންނަށް އެނގޭ ކަމެއް ސިއްރު ކުރާކަން. ދަންވަރު ގަޑީގައި ރާބިއާ ކައިރިއަށް ހަސަން ވަންނަނީއޭ ކިޔާ އަޑު އިވިގެން އަހަރެން މި އައީ. އަހަރެންގެ ފިރިމީހާއަށް އަހަރެން ވަރަށް އިތުބާރު ކުރަން. އަހަރެން މި ހާލުގައި އިންދާ، އޭނަ ރާބިއާ ކައިރިއަކަށް ނާންނާނެ." މަރިޔަމް ބުންޏެވެ.

އެއާއެކު ރާބިއާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ.

" ސާބަހޭ މަރިޔަމް. އެއީ އަހަރެން ޒުލޭހާއްތަ ކައިރީ މަޖަލަކަށް ބުނި އެއްޗެއް. އެހާ އަވަހަށް އޭނަ އެ ވާހަކަ ބުނީތަ؟" ރާބިއާ ބުނެލިއެވެ.

އެ ވަގުތު މަރިޔަމްއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އޭނާ އިތުރަށް ރުޅި ވެސް ގަދަވި ކަހަލައެވެ.

" މަޖަލަކަށޭ؟ މަޖަލަކަށް ކީއްވެ ހަސަންގެ ވާހަކަ ބުނަންވީ؟ މަޖަލަކަށް ހަދާފައި މީހުންގެ އަބުރު ކަތިލަން ޖެހޭތަ؟" މަރިޔަމްއަށް ބުނެވުނީ ބާރަށެވެ.

" މި ގެއަށް އަރުވާލި ޖައުފަރު މަހަށް ދޭތޯ ޒުލޭހައްތަ އެހީމަ މަ ބުނީ ހަސަން ޖައުފަރަށް ގޮވަން އައިސް މަށަށް ވެސް ގޮވާފައޭ ދަނީ. އެހެން އެކަނި ބުނީ. އަހަރެން މަޖަލަކަށް އެހެން ބުނީ." ރާބިއާ ބުންޏެވެ.

އޭރު ވެސް މަރިޔަމް ހުރީ ނުތަނަވަސްކަމާއެކު ރާބިއާގެ މޫނަށް ބަލަހައްޓައިގެންނެވެ.

" ހަމަ ތެދެއް މި ބުނީ." މަރިޔަމްގެ ގައިގައި އަތް ޖައްސާލަމުން އަނެއްކާ ވެސް ރާބިއާ ވާހަކަ ދެއްކިއެވެ.

" ޒުލޭހާ ބަހައްޓައިގެން ވެސް އަހަރެން މަރިޔަމް ކައިރީ މި ވާހަކަ ދައްކަފާނަން." ރާބިއާ މަސައްކަތް ކުރީ ޔަގީންކަން ދޭށެވެ.

" ނޫނޭ. އަހަންނަކީ ތިން ހަމައަށް ދާ މީހެއް ނޫން. އަހަރެން ހީކުރީ ހަސަންއޭ ކިޔާފަ އެ ވާހަކަތައް ރަށުތެރޭގައި ފަތުރަނީ ރާބިއާކަމަށް." މަރިޔަމް އެހެން ބުނެ އަވަސް އަވަހަށް ދޫނިކޮށްޓާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ.

ޒުލޭހާ އޭނާ ގާތު ދެއްކި ވާހަކަތައް ކަންފަތުގައި އޭރު ވެސް ގުގުމަމުން ދާ ކަހަލައެވެ. ހާނިމް އުރާލައިގެން އޭނާ ބާރު ހިނގުމުގައި ގޮސް ގެއަށް ވަދެ ބޮޑާށީގައި އިށީނދެލިއެވެ. އެއާއެކު ހާނިމް އޭނާގެ އުނގުން ފައިބައިފިއެވެ.

" މާތް ރަސްކަލާކޯ. އަހަރެންގެ ފިރިމީހާއާމެދު މި ހިތުގައި އުފެދުނު ވަސްވާސްތެރިކަން ފިއްލަވައިދެއްވާށި." މަރިޔަމްއަށް ބުނެލެވުނެވެ. އެ ވަގުތު އޭނާޢަށް ރޮވެން ވެސް ރޮވުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މަރިޔަމްގެ ބަނޑަށް ދުވަސް ފުރެން ވަރަށް ކައިރި ވެއްޖެއެވެ. ހަސަންއާއި މަރިޔަމްގެ ގުޅުމަށް ބުރޫ އަރާ އެއްވެސް ކަމެއް ނުވެއެވެ. މަރިޔަމްއަށް ހަސަންގެ ފަރާތުން ލިބޭ އަޅާލުމާއި ލޯބިން މަރިޔަމް އަބަދުވެސް އިންނަނީ އުފަލުންނެވެ. އެހެން ފަހަރު ތަކޭ ހިލާފަށް މި ފަހަރު މަރިޔަމްގެ ބަނޑު އިންތިހާ ދަރަޖައަށް ބޮޑެވެ. އެހެންވެ، ހެލިފެލިވެ އުޅެން މަރިޔަމްއަށް ނުހަނު އުނދަގުލެވެ.

" މި ފަހަރު ތަންކޮޅެއް އަވަހަށް މަހަށް ދިޔުން މި ހުއްޓާލީ ވެސް މަރިޔަމްއަށް އުނދަގޫވާނެތީ." ހަސަން ބުންޏެވެ.

އޭރު ހަސަން އިނީ މަރިޔަމްގެ ދެ ފައިގައި ޒައިތޫނި ތެޔޮ ދަމާށެވެ. ހަނދުވަރުގެ ރިހި އަލީގައި ބޭރު ފަތްޖެހިއެނދުގައި ދެ މީހުން ތިބީ ނުހަނު އުފަލުންނެވެ.

" އާނ. ވަރަށް ބޮޑަށް އުނދަގޫ. މިހެން އިންނަ އިރު ވެސް ހީވަނީ ދަރިފުޅު ނިކުންނަން އުޅޭހެން." މަރިޔަމް ބުންޏެވެ. އެވަގުތު ހަސަން ހީލިއެވެ.

" ދެން މާ ގިނަ ދުވަހެއް ނެތޭ. ކެތްކޮށްލާ. މިހާރު ވިހޭގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހަމަ ވާނެ." ހަސަން ބުންޏެވެ.

އެއާއެކު މަރިޔަމްއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. އުނަގަނޑުގައި ތަދެއް ހުންނަތާ މިއަދަށް ތިން ދުވަސް ވެއްޖެއެވެ. ބަނޑުގައި ރިއްސަން އުޅޭކަން އޭނާއަށް އޭރުއްސުރެން އެނގެއެވެ.

" ހަސަން. އަހަންނަށް ހީވަނީ ..." މަރިޔަމްއަށް އެހެން ބުނެވުމާއެކު ވަރަށް ބާރަށް އޭނާ ބަނޑުގައި ރިއްސައިގަތެވެ.

" ބޭކެނބިދައިތައަށް ގޮވަން ދާންވީތަ؟ ގެއަށް ވަންނަން ހިނގާ." ހަސަންއަށް ވާހަކަ ދެއްކުނީ ހާސްކަމާއެކުއެވެ.

" ނޫން... ހަސަން ދޭ ދައިތަ ބަލާ. އަހަރެން މިތާ އޮންނާނަން. " މަރިޔަމް ބުންޏެވެ.

ވަގުތު ބޭކާރު ނުކޮށް ހަސަން ދުއްވައިގަތީ މަގުމައްޗާ ދިމާލަށެވެ. އޭރު ވެސް އޭނާ ގެ ހިތް ނުހަނު ބާރަށް ތެޅެމުން ދެއެވެ. މި ދުވަސް އޭނާ ދެކޭ މިއީ ތިން ވަނަ ފަހަރެވެ. ނަމަވެސް ލޯބިވާ އަނބިމީހާގެ ގައިގައި އަޅާ ވޭން ދެކެން އޭނާއަކަށް ކެތެއް ނުވެއެވެ. އެހެން މީހުންނަށް ވުރެ ބޮޑަށް ހަސަންގެ ހިތުގައިވާ ނުތަނަވަސްކަން ބޮޑެވެ. ކަމެއް ދިމާ ވިޔަސް، ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ހަސަންއަށް އެނގެއެވެ. މަރިޔަމް ބަލިވެ އިނީއްސުރެ އޭނާގެ ހިތުގެ ކަނެއްގައި އެ ބިރުވެރިކަން އޮވެއެވެ. މަރިޔަމްއަށް އަނިޔާއެއް ވެދާނެ ކަމުގެ ބިރެވެ. އަދި މަރިޔަމް އޭނާ ދޫކޮށް ހިނގައިދާނެ ކަމުގެ ބިރެވެ.

ހަސަންގެ ހިތުގައިވާ ހުރިހާ ބިރުވެރިކަމެއް ފިލައިގެން ދަނީ ތުއްތު ދަރިފުޅު އޭނާގެ އަތަށް ލިބި، މަރިޔަމްގެ މޫނުމަތިން ހިނިތުންވުން ފެންނަ ހިސާބުންނެވެ. މި ފަހަރު ވެސް ހަސަންގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނީ އެ ފަދައިންނެވެ.

" އަންހެން ކުއްޖެއް." ހަސަން ބުނެލިއެވެ. މަރިޔަމް ވަރުބަލިވެފައި އޮތް ނަމަވެސް އެ ވަގުތު އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔަކަން މަރިޔަމްއަށް އެނގުނެވެ.

ހަސަންއާއި މަރިޔަމްގެ ކުޑަކުޑަ އާއިލާއަށް އިތުރުވި ތުއްތު ސާޔާއަކީ އެ އާއިލާގެ އުފާވެރިކަމަށް ވެއްޖެއެވެ. ސާމިހްއާއި ހާނިމް ވެސް ތާއަބަދުމެ ތިބެނީ ސާޔާގެ ހީލާތޯ ބަލަބަލައެެވެ.

ސާޔާ އޮތީ ބޭރު ފަތްޖެހި އެނދުގައެވެ. މަރިޔަމް ސާޔާ މަދިރިން ސަލާމަތް ކުރުމަށްޓަކައި ގޮށި ޖަހާފައެވެ. ނަމަވެސް އިރުއިރުކޮޅުން ހާނިމް ގޮސް އެ ގޮށީގައި ޖަހާލައެވެ. އޭރު މަރިޔަމް އުޅެނީ މެންދުރަށް ކައްކާށެވެ. މަރިޔަމްއަށް އެ މަންޒަރު ފެނި ހިތަށް އުނދަގޫ ވެއެވެ. ނަމަވެސް ހާނިމް ރޮއްވާ ދެރަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވެ ކޮންމެ ފަހަރަކު ވެސް އޭނާ ހާނިމްއަށް ތަންކޮޅެއް ބާރަށް ގޮވާލައެވެ.

" ދަރިފުޅާ ކޮއްކޮ ހޭލަފާނެ." މަރިޔަމް ގޮވާލިއެވެ.

އޭރު ހާނިމް އިނީ ފަތްޖެހި އެނދަށް އަރައެވެ. ފައިވާނަށް ނާރާ އުޅުމުގެ ސަބަބުން ހާނިމްގެ ދެ ފައި ހުރީ ކިލައިން ތަތްތެޅިފައެވެ.

" އާދޭ މަންމަ ކައިރިއަށް ފައި ދޮވެލަން. ދަރިފުޅު ފެންފައިވާން ކޮބާތަ؟" މަރިޔަމް ބުންޏެވެ.

އޭނާ ފަރާތް ފަރާތް ހޯދާލި އިރު، ދަރުބަދިގެއާ ދިމާލުގައި ފައިވާނުގެ އެއްކިބަ އޮތެވެ. އަނެއްކިބައެއް އޭނާއަކަށް ނުފެނުނެވެ.

" ދަރިފުޅު ފައިވާނަށް އަރައިގެން އުޅޭށޭ މަންމަ ބުނީމެއްނު. އަނހަ އެ އައީ ދޮންބެ ވެސް ކިޔަވައިގެން. ސާމިހް އާދޭ ޖޫސް ބޯން. މިއަދު މަންމައަށް ތަންކޮޅެއް ލަހުން ބަދިގެއަށް ވަދެވުނީ." މަރިޔަމް ބުންޏެވެ.

އަތުގައި އޮތް ފޮތް ކޮތަޅު ގެއަށް ލައިފައި ސާމިހް އައިސް ފުރަތަމަ ވެސް އުރާލީ ހާނިމްއެވެ. އެއާއެކު ހާނިމް ސާމިހްގެ މޫނުގައި ވަސްގަތެވެ. އެ ދެ ދަރިންގެ މެދުގައި އުފެދިފައި އޮތް ލޯބި ފެނި މަރިޔަމް އަބަދުވެސް އުފާ ކުރެއެވެ.

" ބައްޕަ ކޮބާ؟" ސާމިހް އަހާލިއެވެ. އޭނާއަކީ ނުހަނު މަޑުމައިތިރި އަދި އެހާމެ ބަސްމަދު ކުއްޖެކެވެ. ބޮޑުވަމުން އަންނަ ވަރަކަށް އެބައި މާ ބޮޑުވެއްޖެކަން މަރިޔަމްއަށް ފާހަގަ ކުރެވެން ފެށިއެވެ. އެހެންކަމުން މަރިޔަމް އަބަދުވެސް ބަލަނީ ސާމިހްއާ ގިނައިން ވާހަކަ ދެއްކޭތޯއެވެ.

" އަތިރިމައްޗަށޭ ކިޔާފައި ދިޔައީ." މަރިޔަމް ބުނެލިއެވެ.

އެއާއެކު ބާރުބާރަށް މީހަކު މަރިޔަމްއަށް ގޮވަމުން އަންނަ އަޑު އިވިއްޖެއެވެ. އެ އަޑުގައިވާ ހާސްކަމާއި ނުތަނަވަސްކަން މަރިޔަމްގެ އިތުރުން ސާމިހްއާއި ހާނިމްއަށް ވެސް އިހްސާސް ވީ ކަހަލައެވެ. އެންމެންގެ މޫނުމަތިން ވެސް އެ ވަގުތު ހާސްކަން ފެނިގެން ދިޔައެވެ.

" މަރިޔަމް! އެކޮއި މަރިޔަމް!" އެ ގޭ ގޯތި ތެރެއަށް ވަންނަމުން އަލިފުޅު ބުންޏެވެ.

އޭނާގެ ވަރުބަލިކަމާއި އެ މޫނުމަތީގެ އަސަރުތަކުން ކަމެއް ގޯސްވެއްޖެކަން މަރިޔަމްއަށް އެނގުނެވެ. ދެ ލޯ ބޮޑުކޮށްގެން ހުރެ މަރިޔަމް އަލިފުޅުގެ މޫނަށް ބަލަމުން ދިޔައެވެ.

" ހަސަނު... ހަސަނު..." އަލިފުޅަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް މަރިޔަމް ރޮއިގަތެވެ.

" މަގޭ ހަސަނަށް ކިހިނެއް ވީ؟ އަލިފުޅުބޭ!" މަރިޔަމް ރޯން ފެށުމުން ހާނިމް ވެސް ރޯން ފަށައިފިއެވެ. އޭރު ސާމިހް ވެސް ބިރުގެންފައި ހުރެ، އަލިފުޅުގެ މޫނަށް ބަލަމުން ދިޔައެވެ.

ނުނިމޭ

ވާހަކަ ގެނެސްދޭ ދުވަސްތަކަށް ބަދަލެއް: މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.

(ނިމުނީ)