ކުރީގެ އަދަދާއި ގުޅޭ:

އާބިދަކީ ދުވަހަކުވެސް އޭނާއާ ސަމާސާ ކުރި މީހެއް ނޫނެވެ. އަދި، އޭނާ އެކަނި ކޮޓަރީގައި ބަހައްޓާފައި ގޮސް ދާއިން ފޯނު ނުނަގާ ނުހުންނާނެކަން ވެސް އަރޫޝާއަށް ރަނގަޅަށް އެނގެއެވެ.

Ad
rt

" އަރޫ... އާދެބަ އައިޖީއެމްއެޗްއަށް. " އާބިދުއަށް އެހެން ބުނެވުނީ ލައްކަ ހިތްވަރުލައިގެންނެވެ.

" އައި..ޖީ...؟ ދާއިންއަށް ކިހިނެއްވީ އާބިދު؟ " އަރޫޝާ ވާހަކަ ދެއްކީ ބާރަށެވެ. އޭރު އޭނާގެ ހިތް ވެސް އިންތިހާއަށް އަވަހަށް ތެޅެމުން ދެއެވެ.

ފޯނު ކަންފަތުގައި ޖަހައިގެން ހުރެ، އަރޫޝާ ދުވަމުން ގޮސް ބޭރަށް ނިކުތް އިރު ވެސް އާބިދު ފޯނު ކަނޑައެއް ނުލައެވެ.

" ދާއިން އެކްސިޑެންޓްވީ! އީ.އާރުގައި މިހާރު މިއޮތީ. އަހަރެން މި ހުރީ އެތާ ދޮރުމަތީ." ތަންކޮޅެއް އަވަހަށް އާބިދު ބުންޏެވެ.

އާބިދުގެ ޖުމްލަ ނިމުމާއެކު އަރޫޝާ ފޯނު ކަނޑާލިއެވެ. ދާއިންގެ ހާލެއް ނޭނގޭތީ އަރޫޝާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

ޒައިނާ އައިސް ކޮޓަރިއަށް ވަތް އިރު ނަދީމް އޮތީ އެނދުގައި ހަމަޖެހިލައިގެންނެވެ. ޒައިނާގެ މޫނުމަތީގެ ޝުއޫރުތައް މިހާރު ނަދީމްއަށް ފާހަގަ ކުރެވެނީ މުޅިން އެހެން ސިފައެއްގައެވެ. މަކަރުވެރިކަމާއި އޮޅުވާލުން ފިޔަވައި އެ މޫނުން އިތުރު އެއްވެސް ޖަޒްބާތެއް ނަދީމްއަކަށް ނުފެނެއެވެ.

" ކޮންތާކުން ތި އައީ؟" ނަދީމް އަހާލީ އާދައިގެ ރާގެއްގައެވެ.

އޭރު ޒައިނާ ހުރީ ލޯގަނޑު ކުރިމަތީގައެވެ. ބޮލުގައި ޖަހާފައި ހުރި ރަބަރުތައް މަޑުމަޑުން ނައްޓަމުން، އޭނާ ނަދީމްއަށް ބަލައިލީ ލޯގަނޑުންނެވެ.

" އަހަރެންތަ؟ އަހަރެން... މިއައީ މަންމަގެ ކޮޓަރިއަށް ވަދެލާފައި." ޒައިނާ ބުންޏެވެ.

" އަހަރެންގެ މުސާރަ ނުލިބި ލަސްވާތީ ބައްޕަ ކައިރީ އެ ވާހަކަ އަހައެއް ނުލަންތަ؟" ނަދީމް ބުނެލިއެވެ.

ޒައިނާގެ މޫނަށް ނުސީދާ ގޮތަކަށް ބަލަހައްޓައިގެން ހުރެ އޭނާ ވާހަކަ ދެއްކީ ހަގީގަތް އެނގި ހުރެއެވެ.

" ނަދީމްއަށް މުސާރަ ދިނުން ލަސްވާތީ އަހަރެން ނަދީމް ކައިރީ އެކަމާ ކަންބޮޑުވުން ފާޅު ކުރީމަ ނަދީމް ބުނި އެތި މިހާރު ހަނދާން ނެތުނީތަ؟" ޒައިނާ އެނބުރިލަމުން ނަދީމްއަށް ބަލައިލިއެވެ.

" އަހަރެން ބުނީ ކީކޭ؟" ނަދީމް އަހާލީ ހައިރާންކަމާއެކުއެވެ.

" ބައްޕަ ބުނުއްވިއޭ އެކައުންޓް ފްރީޒްކުރި ވާހަކަ. ދެން އެކަން ހައްލުވީމަ މުސާރަ ދެއްވާނެޔޭ ބުނީމެއްނު. އެހެންވެ އަހަރެން ވެސް ދެން މި ހުންނަނީ އަޅައިނުލާން." ޒައިނާ ބުންޏެވެ.

އެއާއެކު ނަދީމް މަޑުމަޑުން ބޯ ޖަހާލިއެވެ.

" އިއްޔެއެއްނު ނަދީމް އެހެން ބުނީ؟ ބޭންކްގެ މައްސަލަތަކަކީ އެހާ އަވަހަށް ހައްލުވާނެ ކަންކަމެއް ވެސް ނޫނެއްނު. އެހެން ނޫނަސް މުސާރަ ނުލިބިގެން ނަދީމްއަކަށް އަދި އަހަންނަކަށް ވެސް އެއްވެސް ކަމަކަށް ދައްޗެއް ނުވެއެއްނު. ނަދީމް ލާރި ބޭނުންވަންޏާ ބައްޕަ ކައިރީ ބުނީމަ ބޭނުންވާ ކަމެއް ކޮށްދެއްވާނެޔޭ." ޒައިނާ ބުންޏެވެ.

އެއާއެކު ނަދީމް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެއެވެ. ޒައިނާގެ ވާހަކަތަކަކީ ސީދާ މަހުދީގެ ވިސްނުން ހުރި ގޮތްކަން ނަދީމްއަށް ޔަގީން ކުރެވުނެވެ.

" އަހަންނަށް މިހާރު އިހްސާސް ކުރެވެނީ އަހަރެމެން ކުޑައިރު އުޅުނު ގޮތް. އެއްޗަކަށް ބޭނުންވީމަ މަންމައާއި ބައްޕަ ކައިރީ ރުފިޔާއަށް ރޮއިގެން އެ އެއްޗެއް ގަންނަ ހަނދާން ވަނީ. " ނަދީމް ބުނެލީ މަލާމާތުގެ ރާގުގައެވެ.

އެއާއެކު ޒައިނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެއެވެ. ހިތްހަމަ ނުޖެހި ހުރެ އޭނާ އައިސް އެނދުގެ އަނެއް ފަރާތުގައި އިށީންނަމުން ނަދީމްއަށް ބަލައިލިއެވެ.

" ނަދީމް ހާދަ ފާޑެއްގެ ވާހަކަތަކެއް ތި ދައްކަނީ؟ ހީވަނީ ކަމަކާ ހިތްހަމަ ނުޖެހި، ރުޅިއައިސް ހުރި ހެން." ޒައިނާ ބުންޏެވެ.

އެ ވަގުތު ނަދީމް އެއްމިޔަކަނުން ހީލަމުން ދުރަށް ބަލައިލިއެވެ.

" އަހަރެން ރުޅި އަންނަވަރުގެ ކަމެއް ޒައިއަށް ކުރެވުނިއްޔާ ޒައިއަށް އެނގޭނެތަ؟" ނަދީމް އެހިއެވެ. އެއާއެކު ޒައިނާ ތެދުވިއެވެ. ނަދީމްގެ ވާހަކަތައް ހުރި ގޮތުން މިހާރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. ނަމަވެސް މަހުދީގެ ރޭވުން ނަދީމްއަށް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ޔަގީންވާ ހާލު ޒައިނާ ހަމަޖެހިލިއެވެ.

" ނަދީމްއަށް ދެރަވާ ކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރާނެކަން ނަދީމްއަށް އެނގެއެއްނު." ޒައިނާ ބުނެލީ ނަދީމްގެ ކުރިމަތީގައި ހުއްޓެމުންނެވެ.

" އަހަންނަށް ދެރަވާ ގޮތަކަށް އެހެން މީހަކު ކަމެއް ކުރާކަން ޒައިއަށް އެނގުނިއްޔާ އެކަމެއް ހުއްޓުވާނަންތަ؟" ނަދީމް އެހިއެވެ. ނަދީމް އެ ސުވާލު ކުރީ ޒައިނާގެ އަތުގައި ހިފާލަމުންނެވެ. އެ ވަގުތު ޖަވާބު ދިނުމުގެ ބަދަލުގައި ޒައިނާއަށް ބަލައިލެވުނީ ވެސް ނަދީމްގެ އަތަށެވެ.

" ބުނެބަލަ! " ނަދީމް އަނެއްކާ ވެސް އެހިއެވެ.

" އަހަރެން ނަދީމްދެކެ ވަރަށް ލޯބިވޭ. ބިރުގަނޭ ގެއްލިދާނެތީ ވެސް. އެހެންވީމަ ނަދީމްއަށް ދެރަވާ ގޮތަކަށް މީހަކު ކަމެއް ކުރަންޏާ އަހަރެން ނުބުނެއެއް ނުހުންނާނެއެއްނު." ޒައިނާ ބުންޏެވެ.

އޭނާއަށް ހިންދިރުވާލެވުނީ ވެސް ނުހަނު އުނދަގުލުންނެވެ. ނަދީމްއަށް ދޮގު ހަދައި، އޮޅުވާލެވޭތީ އޭނާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުން ވެފައެވެ. ނަދީމްއަށް ފަޅާއަރާފާނެތީ، ބިރުގެންފައެވެ.

ފިކުރުތަކުން މިންޖު ނުވެވި އުޅެނިކޮށް، އޭނާ ސިހުނީ ނަދީމް އޭނާގެ އަތުން ދޫކޮށްލުމުންނެވެ.

" ތިއީ އަހަރެންގެ އުއްމީދަކީ ވެސް. " ނަދީމް ބުނެލިއެވެ.

ނަދީމްގެ އެ ކުރު ޖުމްލައިން ޒައިނާގެ ހިތަށް ތަސައްލީއެއް ލިބުނު ކަހަލައެވެ. އިތުރަށް އެއްޗެއް ނުބުނެ ނަދީމް ތެދުވެގެން ފާހާނާއަށް ދާން ހިނގައިގަތުމާއެކު ޒައިނާ ވާހަކަ ދައްކަން ފެށިއެވެ.

" ކާނަންތަ؟" ޒައިނާ އެހިއެވެ.

" ނޫން. ނުވޭ ބަނޑުހައެއް." ނަދީމް އެހެން ބުނެ ފާހާނާއަށް ވަދެއްޖެއެވެ. އެ އާއެކު ޒައިނާ އެނދުމަތީގައި އަނެއްކާ ވެސް އިށީނދެލިއެވެ.

ތެޅެމުން ފޮޅެމުން ގޮސް އަރޫޝާ ހުއްޓުނީ ސީދާ އާބިދުގެ ކުރިމަތީގައެވެ. އޭރު އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުންދެއެވެ.

" އާބިދު؟ ކޮބާ ދާއިން؟ " އަވަސް އަވަހަށް އަރޫޝާ ސުވާލު ކުރިއެވެ.

އެ ވަގުތު އާބިދުއަށް ބަލައިލެވުނީ އިމަރޖެންސީ ރޫމާ ދިމާލަށެވެ.

" އަރޫ! ދެންމެ ހަމަ އަހަރެން މި ނިކުތީ. " އާބިދު ބުންޏެވެ.

އަވަސް އަވަހަށް އޭނާ އެހެން ބުނެލީ، އަރޫޝާ އެ ތަނަށް ވަންނަން އުޅުމުންނެވެ. އެއާއެކު އަރޫޝާ ވަގުތުން ހުއްޓުނެވެ. އޭރު އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވެސް އޮތީ އެގޮތް މިގޮތަށް ހޭވިފައެވެ. މޫނުމަތީގައި ތަތްވެފައި ހުރި އިސްތަށިތައް ދެ އަތުން އެއްފަރާތް ކޮށްލަމުން އަރޫޝާ ބޯ ޖަހަމުން ދިޔައީ އަނގައިން ނުބުނެވިގެންނެވެ.

" ދާއިން މިހާރު ހޭވެރިކަން ވެއްޖެ. އެކަމަކު އަދި ވާހަކަ ދެއްކޭ ގޮތެއް ނުވެ. ޑޮކްޓަރ ވިދާޅުވީ މިހާރު ބޮލުގެ ޓެސްޓްތަކެއް ހަދަމުން ދާކަމަށް. ނަތީޖާ ލިބުނީމަ ދެން ވާންވީ ގޮތެއް އެނގޭނީ؟ " އާބިދު ކިޔައިދިނެވެ.

" އާބިދު ދުށިންތަ ދާއިން؟ ބޮލަށް ގެއްލުމެއް ލިބުނީތަ؟ އަނިޔާ ވީތަ؟" އަރޫޝާއަށް އޭރު ވެސް ރޮވެނީއެވެ.

" އަރޫ ހަމަޖެހިލަބަލަ. އަރޫއަށް ތި ހާލުގައި ހުރެގެން އެތާކަށް ނުވަދެވޭނެ. އަރޫ ހަމަޖެހުނީމަ، ރުއިން ހުއްޓީމަ، އަހަރެން އަރޫ އެތަނަށް ވައްދާނަން. ހުއްޓާލާ! ޕްލީޒް" އާބިދު ބުންޏެވެ.

އެއާއެކު އަރޫޝާ ދެ ލޮލުން ކަރުނަތައް ފުހެން ފެށިއެވެ. އެ މަންޒަރު ބަލަން ހުރި އާބިދުގެ ހިތަށް ވެސް މި ފަހަރު އަސަރުކުރުވިއެވެ.

" އަހަރެން ދުށިން ދާއިން. ބޯ ފަޅައިގެން ގޮސް ހުރީމަ ބޮލުގައި ބޭސްއަޅާފައި އޮތީ. ދާއިން ފެނުނީމަ އަހަރެން ވެސް ވަރަށް ދެރަވި. އެކަމަކު އަރޫ ނުވާނެ ދާއިން ފެނުނީމަ ރޮއިގެންނެއް. އޭރުން ދާއިން މާ ދެރަވާނެ." އާބިދު ބުންޏެވެ.

" އާބިދް. ދާއިން ވާހަކަ ދެއްކިތަ؟" އަރޫޝާ އަހާލިއެވެ. އޭރު ވެސް އޭނާގެ އަޑު ދަނީ ކެނޑެމުންނެވެ.

" ނޫން. ލޯ ހުޅުވައިގެން އޮތީ. އެކަމަކު... އަހަރެން ގޮވާލީމަ ވެސް އެއްޗެކޭ ނުބުނެ. " އާބިދު ބުންޏެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އަރޫޝާ އެތެރެއަށް ވަދެއްޖެއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. ދާއިން ފެންނަ ވަގުތު، ކެތްކުރެވިދާނެބާވައޭ ހިތުގައި ސުވާލު އުފައްދަމުން އޭނާ ކުރިއަށް ދިޔައީ މަޑުމަޑުންނެވެ.

އެންމެ ބިއްދަށު އެނދުގައި އޮތް ދާއިން ފެނުމާއެކު އަރޫޝާގެ ދެ ލޯ ކަރުނައިން ތެމޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. ނަމަވެސް އޭނާ ނޭވާ ހިފަހައްޓާލުމަށްފަހު، އަވަސް އަވަހަށް ދެ ލޯ ފުހެލީ، ދާއިންގެ ކުރިމަތީގައި ރޯން ބޭނުން ނުވާތީއެވެ.

މުޅި ބޮލުގައި ގޯޒްފޮތި އޮޅާފައި އޮތް ދާއިންގެ ހާލު ފެނި އަރޫޝާގެ ހިތަށް ކެތްކުރެވުނީ ކިރިޔާއެވެ. ދާއިންގެ މޫނުމަތީގައި ވެސް ކުދިކުދި ޒަޙަމްތައް ހުއްޓެވެ. އެ ޒަހަމް ފެނުމުން އިތުރަށް އަރޫޝާގެ ހިތްވެސް ޒަހަަމްވީ ކަހަލައެވެ. އޭނާ މަޑުމަޑުން ގޮސް ދާއިންގެ އަތުގައި އަތް ޖައްސާލީ ގުދުވެލަމުންނެވެ. އެއާއެކު ދާއިންއަށް މަޑުމަޑުން ދެ ލޯ ހުޅުވާލެވުނެވެ. އަރޫޝާ މަސައްކަތް ކުރީ ހިނިތުންވެލާށެވެ. ނަމަވެސް އޭނާއަށް ވުރެ ކުރިން ދާއިން ހީލިއެވެ. އެ އާއެކު ދާއިންގެ ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ކަންފަތާ ދިމާލަށް ފާއްދާލިތަން އަރޫޝާއަށް ފެނުނެވެ.

" ދާއިން. " އަރޫޝާ ގޮވާލިއެވެ.

ނަމަވެސް ލޯ މަރާލި ގޮތަށް ދާއިން އަލުން ލޮލެއް ނުހުޅުވިއެވެ. އޭނާ އޮތް ގޮތަށް ހަމަ އޮތީއެވެ. އެކަމާ ކަންބޮޑުވެގެން އަރޫޝާ ދެވަނަ ފަހަރަށް ވެސް ދާއިންއަށް ގޮވާލިއެވެ.

" ދާއިން. ލޯ ހުޅުވާލަބަލަ. އަހަންނަށް ބަލައިލަބަލަ. ޕްލީޒް." އަރޫޝާ ބުނެލިއެވެ.

ނަމަވެސް ދާއިންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ. އޭނާގެ އަތުގައި ހިފާ، ބާރުކޮށްލަމުން އަރޫޝާ އަނެއްކާ ވެސް ގޮވާލިއެވެ.

އެއާއެކު ދާއިންގެ އަތުގައި އެއްވެސް ބާރެއް ނެތްކަން އަރޫޝާއަށް ފާހަގަ ކުރެވުނެވެ. ބިރުން ހުރެ، ދުރަށް ޖެހިލީ ދާއިންއަށް ބަލަން ހުރެއެވެ. ދާއިންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ.

ވަގުތަކީ އާބިދުއާއެކު ނަރުހެއް އެ ތަނަށް އައި ވަގުތެވެ.

" އާބިދު.. ދާއިންއަށް ކޮންމެވެސް ކަމެއް ވެއްޖެ. " އަރޫޝާއަށް ރޮވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ނަރުސް ކުއްޖާ އަވަސް އަވަހަށް ދާއިން ކައިރިއަށް ދިޔައެވެ.

ހާލަތުގެ ގޮތުން އަރޫޝާގެ އިތުރުން އާބިދު ވެސް ބޭރުގައި މަޑުކުރުމަށް ނަރުސް އިރުޝާދު ދެއްވިއެވެ.

އާބިދުއަށް އަރޫޝާ އެތަނުން ނެރެވުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.

" ދާއިންއަށް ކަމެއް ވެއްޖެޔޭ. އަހަރެން ބޭނުން އެތާ ހުންނަން؟ ކީއްކުރަންތަ އަހަރެމެން ނެރުނީ؟" ރޮމުން ރޮމުން އަރޫޝާ ބުންޏެވެ.

" އަރޫ ޕްލީޒް. އަހަންނަށް އެނގޭ އަރޫ މި ވަގުތު ވަރަށް ދެރަވާނެކަން. އެކަމަކު.. އަހަރެމެންނަށް ވުރެ ބޮޑަށް ސިއްހީ މާހިރުންނަށް އެކަންތައްތައް އެނގޭނީ. އެ މީހުން ފަރުވާ ދޭން އަހަރެމެން ޖެހޭނެ ފުރުސަތު ދޭން." އާބިދު ބުންޏެވެ.

ކުއްލިއަކަށް ދާއިންގެ ނަމުން ގޮވާލި އަޑަށް އާބިދުއާއި އަރޫޝާއަށް އެ ދިމާލަށް އަވަސް އަވަހަށް ދުއްވައިގަނެވުނެވެ. އެ ދެ މީހުން އެތެރެއަށް ވަނުމާއެކު ފޯމްތަކެއްގައި ސޮއިކުރަން ދިނެވެ. ސުވާލު އުފެދިފައި އަރޫޝާ ހުއްޓާ، ނަރުސް ކުއްޖާ ވާހަކަ ދައްކަން ފެށީ ނުހަނު އަވަހަށެވެ.

" ޕޭޝަންޓް ފިޓް ޖެހުނީ. އެކްސިޑެންޓްގައި ސިކުނޑިއަށް ގެއްލުމެއް ލިބިފައި ހުރިކަން ޓެސްޓްތަކުން ދައްކާ. އެއާއެކު ފިޓް ޖެހުނީމަ އެމެޖެންސީކޮށް ސާޖަރީއަކަށް ވައްދަން ޖެހުނީ." ނަރުސް ކުއްޖާ ކިޔައިދިނެވެ.

ފޯމްތަކުގައި ސޮއި ކުރީ އަރޫޝާއެވެ. އަރޫޝާގެ އަތުން ފޯމްތައް ހިފައިގެން ނަރުސް ކުއްޖާ ދިޔުމާއެކު އަރޫޝާއާއި އާބިދު އޮޕަރޭޝަން ތިއޭޓަރާ ދިމާލަށް ދާން އަވަސް އަވަހަށް ނިކުތެވެ.

" އަރޫ އަދި ބައްޕަ ކައިރީ ނުބުނައްޗޭ. ބައްޕަ އެކަނި ގޭގައި ހުންނާނީ ވެސް. " އާބިދު ބުނެލިއެވެ.

ބައްޕަގެ މަތިން އޭރު އަރޫޝާ ހަނދާންވެސް ނެތް ކަހަލައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ހަމައެކަނި ދާއިންއެވެ. ހިތުން ދުއާކޮށްލަކޮށްލާ އަރޫޝާ އިނީ އޮޕަރޭޝަން ތިއޭޓަރުގެ ދޮރަށް ބަލަހައްޓައިގެންނެވެ. ލޮލުގެ އެސްފިޔަތައް ތެމި، އިރުއިރުކޮޅުން ދެ އަތުން އޭނާ ލޯ ސާފުކޮށްލައެވެ. ކުއްލިއަކަށް މި ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ދާއިންއަށް ވާނީ ކިހިނެއްބާވައޭ އަބަދާއަބަދު ހިތާ ސުވާލު ކުރެވެނީއެވެ. ދާއިން އޭނާއަށް އަދި އެއްފަހަރު ދެއްވުމަށް އެދި އެތައް ފަހަރަކު އޭނާގެ ހިތް ބާރަށް ގޮވަމުން ދިޔައެވެ.

އޮޕަރޭޝަން ތިން ގަޑިއިރަށް ދެމިގެން ދިޔައެވެ. ކުއްލިއަކަށް ދާއިންގެ ނަމުން ގޮވާލި އަޑަށް މި ފަހަރު ވެސް އަރޫޝާއާއި އާބިދުއަށް އެ ދިމާލަށް ދެވުނީ އެއްފަހަރާއެވެ.

ޑޮކްޓަރާ ވާހަކަ ދެއްކުމަށްފަހު، އެނބުރި އެތަނުން ނިކުތް ގޮތަށް އަރޫޝާއަށް ރޮވެނީއެވެ. ކައިރީގައި ހިތްވަރުދޭން އާބިދު ހުރި ނަމަވެސް އޭނާގެ އެއްވެސް އަޑެއް އަރޫޝާއަށް ނީވޭ ކަހަލައެވެ. ގިސްލަ ގިސްލާފައި އަރޫޝާ ރޮމުން ދިޔައީ ހިތަށް ކުޅަދާނަ ނުވެގެންނެވެ.

" ދާއިންއަކީ ބަލި މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން. " އަރޫޝާއަށް ބުނެވުނެވެ.

" އަރޫ. ކެތްތެރިވޭ. ޑޮކްޓަރުންނަށް ވުރެ މަތީ ފަރާތެއް ވާކަން އަރޫ ގަބޫލު ކުރަމެއްނު. އެ މީހުން އެހެން ބުންޏަސް، އަހަރެމެން ދުޢާ ކުރީމަ އެކަންތައް ބަދަލުވެދާނެ. އެގޮތަށް ޔަގީންކުރޭ،" އާބިދު ބުންޏެވެ.

އެއާއެކު ފާރުގައި ލެނގިލަމުން އަރޫޝާ ބޯ ޖަހާލިއެވެ.

ދާއިންގެ އޮޕަރޭޝަން ކާމިޔާބުވީ ނަމަވެސް، އޭނާއަކީ މިހާރު ސިކުނޑީގެ ބަލި ހުންނަ މީހެކެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް ފިޓް ޖެހިދާނެކަމަށް ޑޮކްޓަރ ވިދާޅުވުމުން އަރޫޝާގެ ހިތް ހުއްޓުނު ކަހަލައެވެ.

" އަލިފާނާ، މޫދާވެސް އޭނަ ކައިރި ކޮށްގެން ނުވާނެ. އެއްވެސް ދުއްވާ އެއްޗަކަށް ވެސް އެކަނި އަރައިގެން ނުވާނެ. އަދި މި ނޫނަސް، އޭނައަށް ނުރައްކަލެއް ދިމާވެދާނެ ފަދަ އެއްވެސް ކަމަކާ ކައިރިކޮށްގެން ނުވާނެ. ފިޓް ޖެހިދާނެ ކޮންމެ ފަދަ ތަނަކު، ހުއްޓަސް. މި ކަންކަމަށް ވިސްނައިގެން، ނޯމަލް ލައިފެއް އޭނައަށް އުޅެވޭނެ. ދާއިމީ ގޮތެއްގައި ބޭސްކާން ޖެހޭނީ." ޑޮކްޓަރގެ ވާހަކަތައް އަރޫޝާގެ ކަންފަތުގައި އޭރު ވެސް ގުގުމަމުން ދެއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)