އެމެރިކާގެ ދެކުނު އެރިޒޯނާގެ މަރާނާ ރީޖަނަލް އެއަރޕޯޓްގައި ބުދަ ދުވަހު ހެނދުނު ކުޑަ ދެ މަތިންދާބޯޓު ޖެހި ހިނގި ޙާދިޘާގައި ދެމީހަކު މަރުވެއްޖެއެވެ.
އެމެރިކާގެ ޤައުމީ ދަތުރުފަތުރު ސަލާމަތީ ބޯޑުން (އެންޓީއެސްބީ) ހާމަކުރި ގޮތުގައި ކޮންމެ މަތިންދާބޯޓެއްގައިވެސް ދެ މީހުން ތިބެއެވެ.
މަރާނާ ޕޮލިސް ޑިޕާޓްމަންޓުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި ދެމީހުންނަކީ އެތަނުން އެއް މަތިންދާބޯޓުގައި ތިބި މީހުންނެވެ. އަނެއް މަތިންދާބޯޓުގައި ތިބި ދެމީހުންނަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. އެއް މަތިންދާބޯޓަށް އެއްވެސް ގެއްލުމެއް ނުވާއިރު، އަނެއް މަތިންދާބޯޓު ވަނީ ރަންވޭއާ ކައިރިން ބިންމައްޗަށް ވެއްޓި އަލިފާން ރޯވެފައެވެ.
މި ޙާދިޘާގައި އެކުސިޑެންޓްވި ދެ ބޯޓަކީވެސް އެ ވައިގެބަނދަރުން ޢާޢްމުކޮށް ދަތުކުރާ ބޯޓު ނޫންކަން މަރާނާ ސިޓީން ހާމަކޮށްފައިވެއެވެ. މި ޙާދިޘާގެ ތަޙުޤީޤު އެންޓީއެސްބީއިން ދަނީ ކުރިއަށް ގެންދަމުންނެވެ.
މަރާނާ ރީޖަނަލް އެއަރޕޯޓަކީ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ނެތް ވައިގެބަނދަރެކެވެ. މިފަދަ ވައިގެބަނދަރުތަކުގައި ބޯޓް ޖެއްސުމާއި، ފުރުން ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ ރޭޑިއޯ ޗެނަލްއެއް މެދުވެރިކޮށް މުއާޞަލާތުކޮށްގެންނެވެ.
މި ޙާދިޘާއަކީ ޓުކްސަންގެ ބޭރުގައި އޮންނަ މަރާނާގައި ހިނގި ޙާދިޘާއަކަށް ވާއިރު، މިއީ ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި އުތުރު އެމެރިކާގައި ހިނގާފައިވާ ގިނަ ވައިގެ ދަތުރުފަތުރުގެ ޙާދިޘާތަކުގެ ތެރެއިން އެއް ޙާދިޘާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!