" ދެން ބުނެބަލަ! އަރޫއަށް ކަމެއް ވީތަ؟" ދާއިން އެހިއެވެ.
ކަންބޮޑުވެފައި ހުރެ ދާއިން ސުވާލު ކުރި އިރު އަރޫޝާ ހުރީ ފެންކަޅިވެފައެވެ.
" އަރޫ. ދެން އަވަހަށް ބުނެބަލަ." ދާއިން އެހިއެވެ.
އެއާއެކު އަރޫޝާ ދާއިންގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު ދާއިން ހުރީ ސީދާ އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެންވެ، އަރޫޝާ ހުރީ ވާހަކަ ދައްކަން ވަރަށް ބޮޑަށް ޖެހިލުންވެފައެވެ.
" ދާއިން. ސްކޭން ރިޕޯޓް ބެއްލެވުމަށްފަހު ޑޮކްޓަރ ދެއްކެވި ވާހަކަތައް ދާއިންއަށް ކިޔައިދޭން ބޭނުން." އަރޫޝާ ބުނެލިއެވެ.
އިތުރަށް އެއްޗެއް ނުބުނެ، ދާއިން އަރޫޝާއަށް ބަލަހައްޓައިގެން ހުރީއެވެ. ހަމަޖެހިލުމަށް މަސައްކަތް ކުރަމުން އަރޫޝާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.
" ދާއިން. އަހަރެން ބަލިވެ އިނީ ޓްވިންސަކަށް. އެބޯޝަން ހެދުމުގެ ތެރޭގައި ރަހިމަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނުކަމަށް ޑޮކްޓަރ ވިދާޅުވި. އެކަމަކު އެކަމުގެ ސަބަބުން ދެ ވަނަ ފަހަރަށް ބަލިވެ އިނުމަކަށް ހުރަހެއް ނެތޯ. އެކަމަކު... " އަރޫޝާގެ ވާހަކަ އެ ހިސާބަށް ދިޔައިރު އޭނާ އަނެއްކާ ވެސް ފެންކަޅި ވެއްޖެއެވެ. ޖެހިލުންވެ ހުރެ އަޑުއަހަން ހުރި ދާއިން އިތުރަށް ހާސްވީ އަރޫޝާއަށް ޖުމްލަ ފުރިހަމަ ނުކޮށް ރޮވުނީމައެވެ.
" އަރޫ... ޕްރެގް ވާން އުނދަގުލެއް ނެތިއްޔާ ދެން ކޮބާ މައްސަލައަކީ؟" ދާއިންއަށް ސުވާލު ކުރެވުނީ ނުހަނު އަވަހަށެވެ.
" ދެން ވެސް އެބޯޓް ވުމުގެ ފުރުސަތު އޮންނާނެޔޯ ބުނީ. ރަހިމަށް ލިބުނު ގެއްލުމުގެ ސަބަބުން ރަހިމުގެ ޖާގަ ކުޑަވެދާނެޔޯ. އެހެންވެ ދުވަސް ނުފުރާ ވިހެއުމާއި ބްލީޑްވުން ކަހަލަ ކަންތައްތައް ވެދާނެޔޯ." އަރޫޝާ ބުންޏެވެ.
އެއާއެކު ދާއިން އަރޫޝާގެ ގައިގައި އަތް ޖައްސާލިއެވެ.
" އަހަރެން ބޭނުމެއް ނޫން އެ ވާހަކަތައް ދާއިންއަށް ސިއްރު ކުރާކަށް. އަހަރެން މި ގޮތުގައި ދާއިން ގަބޫލު ކުރާނަންތަ؟" އަރޫޝާ އަހާލިއެވެ.
" އަރޫ. މީހެއްގެ އަނތްބެއްގެ ގޮތުގައި އަރޫ ހުރި އިރު ވެސް އަހަރެން އަރޫއަށްޓަކައި މުޅި އުމުރު ހުސްކޮށްލިން. ވީ އިރު މިހާރު އަހަރެން އަރޫ ދޫކޮށްލާނެތަ؟ ޑޮކްޓަރ އެ ބުނުއްވީ ވެދާނެ ކަންތައްތަކުގެ ވާހަކަ. އެކަމާ މިހާރު ވިސްނައިގެން ދެރަވުމުގެ އެއްވެސް މާނައެއް ނެތެއްނު." ދާއިން ބުނެލިއެވެ.
ދެ ލޮލުން ކަރުނަ ފުހެލަމުން އަރޫޝާ ބޯޖަހާލީ ދާއިންގެ ވާހަކަތައް ގަބޫލު ކުރާ ހާލުގައެވެ.
" ދާއިން މިރޭ މަޑުކޮށްލަން ވީނު. އަހަންނަކަށް އެކަނި ހުންނާކަށް ނުކެރޭނެ." އަރޫޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
" އަހަރެން ނޫޅެމޭ ދާކަށެއް. އަހަރެން އޭރު އެހެން ބުނީ ހިތްހަމަ ނުޖެހިގެން. " ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ތާޒާކަމެއް ދާއިންއަށް ފެނުނެވެ.
" ދެން ދޭ ފެންވަރާލަން. އަދި އާބިދުއާ ވެސް މީޓްކޮށްލަން އެބަ ޖެހެޔޭ. އެހެންވެ އަހަރެން އަންނާނަން އޭނައާއެކު ކޮފީއަކަށް ގޮސްލާފައި. އެކަމަކު އަރޫ ގަބޫލިއްޔާ އަހަރެން ދާނީ." ދާއިން ބުންޏެވެ.
" އޯކޭވާނެ. އަހަރެން ދެން ފެންވަރާލާނީ. އެކަމަކު ތަންކޮޅެއް އަވަހަށް އަންނައްޗޭ." އަރޫޝާ ބުންޏެވެ.
" ހޫމް. އެހާ ލަހެއް ނުވާނެ. އަރޫ ފެންވަރައިގެން ނިކުމެފަ ގުޅާލާ އިނގޭ. އޭރުން އަހަރެން އަންނާނަން." ދާއިން ބުންޏެވެ.
އެ ވަގުތު އަރޫޝާ ހީލަމުން ދާއިންގެ އަތުގައި ހިފާލިއެވެ.
" ދެން އެހެން ބުނީމަ އެހާ އަވަހަށް ނަޔަސް އޯކޭއޭ. އަހަރެން އޮށޯންނަން ވީމަ ގުޅާނަން." އަރޫޝާ ބުނެލިއެވެ.
އެ ވަގުތު ދާއިން އަރޫޝާގެ މޫނުގައި އަތް ޖައްސާލުމަށްފަހު، ހިނިތުންވެލިއެވެ. ނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ބޯ ޖަހާލުމަށްފަހު އޭނާ ނިކުންނަން ހިނގައިގަތެވެ.
ބޭރަށް ނިކުމެ، ދާއިން ގުޅާލުމާއެކު އާބިދު އައިސް، ކޮފީ ޝޮޕަށް ވަނެވެ. އޭރު ދާއިން އިނީ އާބިދުގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އާބިދު ފެނުމާއެކު ދާއިން ދެ ކޮފީއަށް އޯޑަރ ދިނެވެ.
" ކަލޭ ހާދަ މޫޑު ގޯސްހެން ހީވެޔޭ. އަދިވެސް ދެ މީހުން އޯކޭ ނުވަނީތަ؟" ރަނގަޅަށް ނުވެސް އިށީނދެ ހުރެ އާބިދު ސުވާލު ކުރިއެވެ.
" އަހަރެމެން ދެ މީހުން އޯކޭ އޭ. އެކަމަކު އަރޫ ދިން ހަބަރަކުން ވަރަށް ބޮޑަށް މާޔޫސްވެފައި މި ހުންނަނީ." ދާއިންގެ އަޑުން ވެސް އޭނާ ދެރަވެފައި ހުރި ވަރު އާބިދުއަށް ފާހަގަ ކުރެވުނެވެ.
" ކޮން ހަބަރެއް؟ އަނެއްކާ ނަދީމްއަށް އަރޫޝާ ބަލިވެ އިންކަން އެނގުނީތަ؟" އާބިދު އެހިއެވެ.
އެ ވަގުތު ދެފަރާތަށް ބޯ ހޫރާލަމުން ދާއިން އާބިދުގެ މޫނަށް ބަލައިލިއެވެ.
" ނޫނޭ. އޭނައަށް އެނގުނަކަސް ދެން ވާނެ ކަމެއް ނޯންނާނެއެއްނު. އެއީ މިހާރު އާއިލާ މަތިން ހަނދާންވާ މީހެއް ވެސް ނޫނެއްނު." ދާއިން ބުންޏެވެ.
އެއާއެކު އާބިދު ދެވަނަ ފަހަރަށް ވެސް ސުވާލު ކުރިއެވެ.މި ފަހަރު ދާއިން ހިތްވަރުކޮށްފައި އާބިދުގާތު އެ ވާހަކަތައް ދެއްކޭތޯ މަސައްކަތް ކުރިއެވެ.
" އަރޫ އިތުރަށް ޕްރެގްވަންޏާ ރިސްކަކަށް ދަނީ. ބޭބީ ސަލާމަތްކުރުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެޔޯ ބުންޏޯ." ދާއިން ކުރު ގޮތަކަށް ކިޔައިދިނެވެ.
" އޯހް. އެހެންތަ؟ އެކަމަކު ތިޔައީ ހަމަ ޑޮކްޓަރުން ބުނާ އެއްޗެއް. މި ޒަމާނުގައި ވަސީލަތްތައް މޮޅެތިކަމުން ދުވަސް ނުފުރާ ވިހާ ކުދިން ވެސް ސަލާމަތް ކުރެއެއްނު. މިހާރު ދެން އެކަމާ ވިސްނާނެ ކަމެއް ނެތް. މާ ކުރިން ތިޔަ ކަހަލަ އެއްޗެހި ހިތުލައިގެން ބިރުން އުޅެންޏާ މުޅި ދިރިއުޅުން އޮންނާނީ ބިރުވެރިކަމެއްގެ ތެރޭގައި. " އާބިދު ބުންޏެވެ.
" އަސްލު މަ އާބިދުއާ މީޓްކުރަން ބޭނުންވަނީ ވެސް އެހެންވެގެން. އަހަންނަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބެނީ ކަލެޔާ ވާހަަކަ ދެއްކީމަ." ދާއިން ކޮފީތަށި ގިރާލަމުން ބުނެލުއެވެ.
" ހޫމް. ދެން މާ އަހަރެން ވެގެން އުޅޭނެ ކަމެއް ނެތޭ. ދެން ބުނެބަލަ! އަރޫޝާ އަދިވެސް ކިޔައެއް ނުދޭތަ ނަދީމްއާއެކު އެ ގަނޑެއް ގަތް ވާހަކައެއް." އާބިދު ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ.
" އަހަރެން އަރޫ ބިރުގަންނަވާލީ. މިރޭ ފުރައިގެން ދަނީއޭ ކިޔާފަ. އެ ހިސާބުން ކިޔައިދީފި ހުރިހާ ވާހަކައެއް. ނަދީމްބެ ގަދަކަމުން ކުރިކަމެކޭ ބުނީ. އަސްލު އަރޫ ކުރިން ވެސް ބުނި ނަދީމްބެ އެކި ގޮތްގޮތަށް އިޝާރާތް ކުރާ ވާހަކަ. އެކަމަކު އަރޫ އިންކާރު ކުރާ ވާހަކަ ބުނާތީ އަހަރެން ހިއެއް ނުކުރަން ނަދީމްބެ އެކަން ކާމިޔާބު ކުރިކަމަކަށް. އަރޫއަށް އަަހަރެންގާތު ބުނަން ނުކެރުނިއްޔޭ ބުނީ." ދާއިން ބުނެލިއެވެ.
އެއާއެކު އާބިދު އަނެއްކާ ވެސް ލާނެތް ހިނިގަނޑެއް ޖަހާލިއެވެ.
" ބުނަން ނުކެރޭނެތާ ބޭބެއާ ކޮއްކޮ ވިއްޔަ މި އުޅެނީ. އެ ފަކީރު ރަނގަޅު ގެއިން ނުނިކުމެ އުޅުނުކަން ވެސް. ހަމަ އަސްލުވެސް މި ބުނީ." އާބިދު ބުންޏެވެ.
އެއްޗެއް ނުބުނެ ދާއިން އިންނަން ފެށުމުން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ އާބިދުއެވެ.
" ކަލޭ ކައިރީ މަ އަހާލަންތަ އަދި ވާހަކައެއް؟" އާބިދު ބުންޏެވެ.
އެއާއެކު ދާއިންއަށް އާބިދުގެ މޫނަށް ބަލައިލެވުނެވެ.
" އަސްލު މިހާރު އަރޫދެކެ ކުރިން ވީ ލޯބި ހަމަ އެ ގޮތަށް ވޭތަ؟ މި ބުނީ... މިހާރު ކޮންމެ ގޮތެއް ވިޔަސް އަރޫއަކީ އާ ކުއްޖެއް ނޫނެއްނު. " އާބިދު އެހެން ބުނެލީ ޖެހިލުންވެ ހުރެއެވެ.
" ލޯބި ދޯ؟ ލޯތްބަކީ ފާޑެއްގެ އެއްޗެކެއްނު. އަހަރެން ވެސް ބައެއް ފަހަރު ހިތަށް އަރައޭ ތިހެން. އަހަންނަށް އަރޫ އެ ގޮތުގައި ގަބޫލު ކުރެވެނީ ކީއްވެބާވައޭ؟ އަސްލު ހަމަ ކުރިން އަހަރެން އަރޫދެކެ ވީ ލޯތްބަށް ކޮންމެވެސް ވަރެއްގެ އުނިކަމެއް އަތުވެއްޖެހެން ހީވަނީ. އަރޫ ފެންނަ ކޮންމެ ފަހަރަކު ވަރަށް އުނދަގޫވޭ." ދާއިން ބުންޏެވެ.
ބޯޖަހާލަޖަހާލާ އާބިދު އިނެވެ.
" އެކަމަކު ވެސް އަރޫ އެކަމާ ވާ ދެރައާއި ކުރާ ހިތާމަތައް ކިޔައިދިނީމަ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހޭ." ދާއިން އަނެއްކާ ވެސް ބުނެލިއެވެ.
" އަސްލު ދާއިން، އަރޫއާއެކު އުޅެން ބޭނުން ވަންޏާ ދާއިން ޖެހޭނީ ތި ވިސްނުން ދޫކޮށްލަން. މި ބުނީ ނަދީމް ކަންތައްކުރިގޮތުގެ ވާހަކަ. އަރޫއަކީ ކުރިން ވެސް ދާއިން ލޯބިވީ އަރޫކަމުގައި ދެކިގެން ނޫނީ އުފަލަކު ނޫޅެވޭނެ. " އާބިދު ބުނެލިއެވެ.
" އަހަރެން ވަރަށް ވިސްނަން ތިކަމާ. ސިކުނޑި ހަމައަކަށް އަޅުވާލެވޭތޯ މި ބަލަނީ. " ދާއިން ބުނެލިއެވެ.
ދެ މީހުން ވާހަކައިގައި ތިބެ، އާބިދު ގަޑި ބަލައިލިއެވެ.
" އޯހް ވަރަށް ލަސްވެއްޖެ ދޯ! މާދަމާ އަދި ތަންކޮޅެއް ކުރިން އޮފީހަށް ދާން ވެސް ޖެހޭނެ. ހިނގާ ދަމާ." އާބިދު ބުނެލިއެވެ.
" އޯކޭ. ކަލޭ ދޭ ސައިކަލް ނެރެން. މަ މި ދަނީ ބިލް ކަނޑާފަ." ދާއިން ތެދުވަމުން ބުނެލިއެވެ.
އާބިދު ގޮސް ސައިކަލް މަތީގައި އިށީނދެ އިނީ ދާއިން އަންނަންދެނެވެ. މަގުގެ ކަންމަތީގައި ހުރި ކޮފީޝޮޕުން ދާއިން ނިކުމެ، އާބިދުއާ ދިމާލަށް ހިނގައިގަތީ ޖީބުގައި އޮތް ފޯނު ނަގަމުންނެވެ. އެއާއެކު އާބިދުވެސް ޕާކިންޒޯނުން ސައިކަލް ނެރެން މަސައްކަތް ކުރިއެވެ.
ސައިކަލާ ދިމާލަށް ދިޔުމަށްޓަކައި ދާއިން މަގު ހުރަސްކޮށްލި ވަގުތަކީ ބާރު ސްޕީޑްގައި ކޮންޓްރޯލެއް ނެތި ބޮޑު ޕިކަޕެއް އެ މަގަށް ވަތް ވަގުތެވެ. ލޮލަށް އަލި އެޅުމާއެކު ދާއިން ޕިކަޕްގައި ޖެހި ވިއްސައިގެން ދިޔަ މަންޒަރު ރީތިކޮށް އާބިދުއަށް ފެނުނެވެ. އެ ވަގުތު އާބިދުގެ ބޮލަށް ވެސް އެނބުރުން އަރައިފިއެވެ. ރޭގަނޑުގެ ދަން ވަގުތެއް ކަމުން އެ ވަގުތު އެ މަގުގައި ދުއްވާ އެއްޗެހި ވަރަށް ވެސް މަދެވެ. ނަމަވެސް އެކްސިޑެންޓް ވުމާއެކު އެ ސަރަހައްދުގައި ތިބި އެންމެން އެ ތަނަށް ޖަމާވެއްޖެއެވެ. ސައިކަލް ދޫކޮށްލާފައި އާބިދު ވެސް ދާއިންއާ ދިމާލަށް ދުއްވައިގަތީ ހަޅޭއްލަވަމުންނެވެ. އޭރު ދާއިން އޮތް ސަރަހައްދުން ލޭގެ ނިޝާންތައް ފެންނަން ހުއްޓެވެ.
" ދަރިފުޅަށް ލިބޭނެ އެއްވެސް ދެރައެއް ނޯންނާނެ. މި ހުރިހާ އެއްޗެއްސަކީ ހަމައެކަނި ދަރިފުޅުގެ އެއްޗެހި. މިތާ ނަދީމްއަށް ވެސް އުޅެވޭނެ. ކޮންމެހެން އޭނައަށް އެހާ ބައިވަރު ޑޮލަރުތަކެއް ދޭކަށް ނުޖެހޭނެ. އަހަރެމެން ދޯ ނަދީމްއާ ދަރިފުޅުގެ ހުރިހާ ކަމެއް ވެސް މި ބަލަހައްޓަނީ؟ ދެން ބައްޕައަށްޓަކައި ނަދީމްއަށް އެ މަސައްކަތްތައް ކޮށެއް ނުދެވޭނެތަ؟" މަހުދީ ބުނެލިއެވެ.
މަހުދީގެ ކޮޓަރި ކައިރީ ހުއްޓުނު ނަދީމްއަށް އެ ޖުމްލަތައް ރީތިކޮށް އަޑު އިވުނެވެ. ނަދީމް އައީ ޒައިނާ ހޯދާށެވެ. ނަމަވެސް މަހުދީ ދައްކަމުންދާ ވާހަކަ އިވި، ބޭރުގައި މަޑުކުރުމަށް ނަދީމްގެ ހިތް މަޖުބޫރު ކުރުވި ކަހަލައެވެ.
" އެކަމަކު ބައްޕާ. ނަދީމް މުސާރަ ބޭނުންވާނެއެއްނު. ތިހެން ނަހައްދަވާ ބައްޕާ. އޭނައަށް ކޮންމެވެސް އެއްޗެއް ދީ." ޒައިނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
އެއާއެކު ނަދީމްއަށް ދެ ލޯ ކުޑަކޮށްލެވުނެވެ. ހިތްހަމަ ނުޖެހި، ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. ޒައިނާގެ އެ ޖުމްލައިން ނަދީމްއަށް އޭނާގެ ދަރަޖަ އަންދާޒާ ވެސް ކޮށްލެވުނެވެ.
" ކޮންމެވެސް އެއްޗެއް ދޭށޭ؟ ޒައިނާ ތިހެން ބުނާއިރު ވެސް އެނގެއެއްނު އާދައިގެ ދެރަ މީހަކަށް އެމެރިކާގައި އައިސް ނޫޅެވޭނެކަން. ނަދީމްގެ ގޭގައި ޒައިނާ އުޅެފައި ތިއައީ ކޮންފަދަ ހާލެއްގައިތަ؟ މިއަދު ޒައިނާއާއެކު ނަދީމް އެ އުޅެނީ ދުވަހަކުވެސް އޭނަ ލޮލުން ވެސް ނުދެކޭ ފަދަ އަރާމުކަމެއްގައޭ. ބަލަ އެއީ ހަމަ މި ބައްޕަ ދީގެން ނޫންތަ؟ " މަހުދީގެ އަޑު ބާރުވެއްޖެއެވެ.
" ބައްޕާ. އެހާ ބާރަށް ނުކިޔުއްވާ. މިއިން އެއްވެސް ވާހަކައެއް މި ކޮޓަރި ތެރެއިން ބޭރުވާކަށް އަޅުގަނޑު ބޭނުމެއް ނޫން." ޒައިނާ ބުނެލިއެވެ.
" އެެހެންވިއްޔާ، ބައްޕަ ބުނާ ގޮތަކަށް އެއްބަސް ވެގެން މަޑުން ހުރޭ. ބައްޕަ ހުރިހާ ކަމެއް ވެސް ކުރާނީ ހަމައެކަނި ދަރިފުޅަށްޓަކައިކަން ހަނދާން ކުރާތި. ނަދީމްއަށް ވެސް ދެރައެއް ނުދޭނަމޭ. އެކަމަކު ނަދީމް އެ ކުރާ މަސައްކަތުން އަހަރެމެންނަށް ލިބޭ އާމްދަނީގެ އަދަދު ދަރިފުޅު ނަދީމް ގާތު ބުނެގެން ނުވާނެ. އޭނައަކަށް މުސާރަ ދޭކަށެއް ނުވެސް ޖެހޭނެ. އެއީ މި އާއިލާގެ މީހެއްތާ." މަހުދީ އެހެން ބުނުމާއެކު ނަދީމްއަށް ދަތްތައް ބާރުކޮށްލެވުނެވެ. އަތަށް ބާރުލައިފައި ކޮޓަރީގެ ދޮރު ހުޅުވާނަމޭ ހިތައި އަތް އުފުލައިލެވުނު ނަމަވެސް އޭނާ އިސްކުރީ ކެތްތެރިކަމެވެ. މަޑުމަޑުން އައިކޮޅަށް އޭނާ ހިނގައިގަތީ އަވަސް ނޭވާތަކެއް ދޫކުރަމުންނެވެ.
ވަރުބަލިވެ، ނިދި އަންނަން ފެށުމުން އަރޫޝާ ދާއިންގެ ފޯނަށް ގުޅަން ފެށިއެވެ. ނަމަވެސް ދާއިން ފޯނެއް ނުނަގައެވެ. އެތައް އިރެއް ވީ އިރު ވެސް ދާއިން އަރޫޝާއަކަށް ނުވެސް ގުޅިއެވެ. އެ ހިސާބުން އަރޫޝާ ނިންމީ އާބިދުއަށް ގުޅާށެވެ. ދާއިން ދިޔައީ އާބިދުއާ އެކުގައިކަން އަރޫޝާއަށް އެނގެއެވެ.
އަތުގައި އޮތް ފޯނުން އަރޫޝާގެ ނަން ފެނުމާއެކު އާބިދު ތުރުތުރު އަޅައިގަތެވެ. އަރޫޝާއަށް އެ ހަބަރު ދޭނެ ގޮތެއް ނޭނގި ފޯނު ސްކްރީނަށް ބަލަހައްޓައިގެން ހުއްޓާ، ފޯނު ކެނޑިއްޖެއެވެ. ނަމަވެސް އަރޫޝާއަށް ގުޅާލާނެ ހިތްވަރު ވެސް އާބިދުގެ ގައިގައި ނެތް ކަހަލައެވެ.
އައިޖީއެމްއެޗްގެ އިމަރޖެންސީ ބައިގެ ކުރިމަތީގައި އާބިދު ހުރީ ވަރުދޫވެފައިވާ ހާލުގައެވެ. ހާސްވެފައި ހުއްޓާ އަނެއްކާ ވެސް އަރޫޝާ ގުޅައިފިއެވެ. މި ފަހަރު ނުނަގާ ހުންނާކަށް އޭނާއަކަށް ނުކެރުނެވެ.
" އާބިދް؟ ދާއިން އެބަހުރިތަ؟ " އަރޫޝާ އަހާލީ ސާދާ ގޮތަކަށެވެ.
އާބިދުއަށް ޖަވާބު ދޭން އުނދަގޫވެއްޖެއެވެ. އެއްޗެއް ނުބުނެ ހުންނަން ފެށުމުން އަރޫޝާ ދެ ފަހަރަކު ހަލޯއޭ ބުނެލިއެވެ.
" ދާއިން ފޯނު ނުނަގާތީވެ މި ގުޅީ. އާބިދު ގުޅައިގެން ކޮފީއަކަށް ދާ ވާހަކަ ބުނީމަ އާބިދުއަށް މި ގުޅާލީ. ވަރަށް އިރުވެއްޖެ ދާއިންއަށް އަހަރެން ގުޅާތާ ވެސް." އަރޫޝާ ބުންޏެވެ.
" އަ...އަރޫ" އާބިދު ގޮވާލީ ވަރުބަލިވެފައިވާ އަޑަކުންނެވެ.
އާބިދުގެ އަޑުން އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ. އެ އަޑުގައި ރިހުމެއް އެކުލެވިފައިވާކަން އަރޫޝާއަށް ފާހަގަ ކުރެވުނެވެ.
" އާބިދް؟ ދާއިން އާބިދުގެ ކައިރިއަކަށް ނުދޭތަ؟" އަރޫޝާ ސުވާލު ކުރިއެވެ.
" އަރޫ... ދާއިން... ދާއިން އައީ އަހަރެން ކައިރިއަށް. އެކަމަކު މިހާރު..." އާބިދު އެހެން ބުނުމާއެކު އޭނާއަށް ގިސްލެވިއްޖެއެވެ.
އަރޫޝާއަށް އެނދުން ވެސް ފޭބިއްޖެއެވެ. އޭނާ ހާސްވެގެން ކޮޓަރީގެ ދެ ކޮޅަށް ހިނގަން ފެށީ ވަރަށް ބާރަށް ވާހަކަ ދައްކަމުންނެވެ.
" މިހާރު؟ މިހާރު ކޮބައިތަ ދާއިން؟ އާބިދު އަހަރެން ވަރަށް ބިރުގަނެޔޭ އެބަ. އާބިދު ކީއްވެތަ ތި ރޮނީ؟ އާބިދު ހަމަ އަސްލުވެސް ރޮނީތަ؟ " އަރޫޝާ ބުންޏެވެ.
އާބިދު އަކަށް ޖަވާބެއް ނުދެވުނެވެ. ދެ ތުންފަތް ފިއްތައިގެން އޭނާއަށް ހުރެވުނީއެވެ.
" ބުނެބަލަ. ކޮންތާކު ތި ހުރީ؟ ދާއިންގެ އަތަށް ފޯނު ދީބަލަ. ދާއިން ބުނެގެން އަހަރެން ބިރުގަންނަވަނީތަ؟ އާބިދޫ. ޕްލީޒް ދެން ދާއިންގެ އަތަށް ދީ ފޯނު." މަޖާ ރާގެއްގައި އަރޫޝާ އެހެން ބުނެލި ނަމަވެސް އޭނާގެ ހިތަށް ބިރުވެރިކަން ވަދެ ފުރިއްޖެއެވެ.
އާބިދަކީ ދުވަހަކުވެސް އޭނާއާ ސަމާސާ ކުރި މީހެއް ނޫނެވެ. އަދި، އޭނާ އެކަނި ކޮޓަރީގައި ބަހައްޓާފައި ގޮސް ދާއިން ފޯނު ނުނަގާ ނުހުންނާނެކަން ވެސް އަރޫޝާއަށް ރަނގަޅަށް އެނގެއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!