" ދާއިން! ވިސްނާކަށް އަހަރެން ދާއިންއަކަށް ވަގުތެއް ނުދޭނަން. މިރޭ، ހަމަ މި ވަގުތު ދާއިން ގޮތެއް ނިންމާ! ދާާއިންއަށް ވިސްނައިދޭން އަހަރެން އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް. އަހަންނާ ދުރަށް ދާން ބޭނުން ވަންޏާ، އަހަރެންގެ ކުރިމައްޗަށް ނައިސް ތި ހުރިގޮތަށް ނިކުމެގެން ދޭ. އެ ހިސާބުން އަހަރެން ވެސް، އަހަންނަކީ ކުށްވެރިއެއްކަން އަހަރެންގެ ނަފްސަށް ވިސްނައިދޭނަން. " އަރޫޝާ ބުންޏެވެ.
ފުރަގަސްދީގެން ހުރި އަރޫޝާއަށް ބަލަހައްޓައިގެން ހުރި ދާއިންއަށް އެ ވަގުތު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ކުއްލިއަކަށް އަރޫޝާއަށް ދެ ލޯ މަރާލެވުނީ ދާއިން އައިސް ފަހަތުން އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ. އެ ވަގުތު މަޑުމަޑުން ދާއިންގެ މޭގައި އަރޫޝާއަށް ބުރަކަށި ޖައްސާލެވުނެވެ.
" އަރޫ..." ދާއިން ގޮވާލީ މަޑުމަޑުންނެވެ.
" މްމް." އަރޫޝާއަށް ހޫނ އަޅުވާލެވުނެވެ.
" ކީއްވެތަ އަސްލު އަހަންނަށް މިހާ އަނިޔާވެރިވެވުނީ؟ ކީއްވެތަ އަރޫއަށް އިތުބާރު ނުކުރެވުނީ؟ އަހަރެން އަރޫ ދެކެ އެހާ ލޯބިވާއިރު ކީއްވެތަ އަރޫއާ ދުރަށް ދާން މި ހިތް ބޭނުން ވީ؟ " ދާއިން ވާހަކަ ދެއްކީ އަސަރާއެކުއެވެ.
އެ ވަގުތު އަރޫޝާ މަޑުމަޑުން ދާއިންއާ ދިމާލަށް އެނބުރިލިއެވެ. އަދި ލުއި ހިނިތުންވުމެއްގައި ހުރެ ދާއިންގެ މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.
" އެއީ އަހަރެންދެކެ ދާއިން ލޯބިވާތީއެއްނު. ލޯބިވާ މީހާ، އެހެން މީހަކު ހާސިލްކުރާތަން ދެކެން ކާކަށް ކެތްކުރެވޭނީ؟ އަހަރެން ބުނީމެއްނު އެއީ އަހަންނަށް ބިރުވެރިކަމުން ފުރިގެންވީ ނާމާން ރެޔެކޭ. އަހަރެން ނަދީމްދެކެ ދުވަހަކު ވެސް ލޯތްބެއް ނުވަން. މިއީ ހަގީގަތަކީ " އަރޫޝާ ބުންޏެވެ.
" އަރޫ! އަރޫ ބުނީމަ އަހަރެން ތި ހުރިހާ ވާހަކައެއް ވެސް ގަބޫލު ކޮށްފީމޭ. ދެން އަހަންނަށް މަޢާފް ކުރާނަންތަ؟ " ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާ ބޯ ޖަހާލިއެވެ. ނަމަވެސް އޭރު ވެސް ދާއިންގެ ހިތަށް އުނދަގޫވާ ކަހަލަ އަސަރުތަކެއް އަރޫޝާގެ މޫނުމަތިން އޭނާއަށް ފެނުނެވެ.
ޒައިނާ ސިޑިން ފޭބީ ނަދީމްއަށްޓަކައި އެ ގޭގައި ހަދާފައި ހުރި އޮފީހަށް ދާށެވެ. ނަމަވެސް އޭނާގެ މަންމައާއި ބައްޕަ ބޭރުގައި ތިއްބާ ފެނި، ޒައިނާ އެ ދިމާލަށް މިސްރާބު ޖެހިއެވެ.
" އަހަރެން އޭނައަށް ހަ ހާސް ޑޮލަރު ދޭނެތަ؟ ނުދޭނަން. އަހަންނަކީ އެހާ ބޮޑު މޮޔައެއް ނޫނޭ. " މަހުދީ ހިނިގަނޑެއް ޖަހާލަމުން ބުނެލި ޖުމްލައިގެ އަޑު ޒައިނާގެ ކަންފަތަށް ފޯރައިފިއެވެ. އެއާއެކު ޒައިނާއަށް ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ.
" އެކަމަކު އޭނަ މުސާރަ ނުދީގެން ޝަކުވާ ކުރާނެ އެއްނު. " ޒައިނާގެ މަންމަ ޒުހުދާ ބުނެލިއެވެ.
" ޒައިނާއާ ނަދީމް ކައިވެނި ކުރަން އަހަރެން ގަބޫލު ވީ ވެސް ނަދީމް، މި ދާއިރާއިން ކިޔަވާ ނިމުންކަން އެނގުނީމަ. އެ މަސައްކަތް ކުރާ މީހުން މިތާ ވެސް މަސައްކަތްކުރާނީ ވަރަށް ބޮޑު އަގުގައި. ވަރަށް ބޮޑު މުސާރައެއް އެ މީހުންނަށް ދޭން ޖެހޭނެ. އެކަމަކު ނަދީމްއަށް ފައިސާ ނުދީ އަހަރެން މި މަސައްކަތްތައް އޭނާ ލައްވާ ކުރުވީމަ 100 ޕަސެންޓް ފައިދާ އަހަންނަށް ލިބޭނެ." މަހުދީ ބުނެލިއެވެ.
ދުރުގައި އަޑުއަހަން ހުރި ޒައިނާގެ ނޭވާ އަވަސް ވެއްޖެއެވެ. އެ ވަގުތު މީހެއްގެ ހިލަމެއް ވީހެން ހީވެ، މަހުދީއާއި ޒުހުދާއަށް ފަހަތް ބަލައިލެވުނީ އެކުއެކީގައެވެ. އެއާއެކު އެ މީހުންނާ މާ ދުރު ނޫން ހިސާބެއްގައި ހުރި ޒައިނާ ފެނި، މަހުދީއަށް ކޮޅަށް ތެދުވެވުނެވެ. ޒައިނާގެ މޫނުމަތީގައިވާ ކަންބޮޑުވުން ފެނި، މަހުދީގެ އިތުރުން ޒުހުދާއަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ.
" ދަ..ދަރިފުޅާ." މަހުދީ ގޮވާލިއެވެ.
ދެ ޖީބަށް އަތް ޖަހާލަމުން، އޭނާ ހަމަޖެހޭ ގޮތް ދައްކާލިއެވެ. އަދި ގަދަކަމުން ހިނިތުންވެލިއެވެ.
" އަޅުގަނޑަށް މި އިވުނީ ކޮންކަހަލަ ވާހަކަތަކެއްތޯ ބައްޕާ؟" ޒައިނާ ސުވާލު ކުރިއެވެ.
" ކޮން؟ ކޮ..ކޮން ވާހަކައެއް؟" މަހުދީ ބުނެލީ ޒުހުދާގެ މޫނަށް ބަލައިލަމުންނެވެ.
" ބައްޕާ! ބައްޕަ ދެއްކެވި ހުރިހާ ވާހަކައެއް ވެސް އަޅުގަނޑަށް ވަރަށް ސާފުކޮށް އިވުނު. އިތުރަށް ދޮގު ނަހައްދަވާ ބައްޕާ." ޒައިނާ އެހެން ބުނި އިރު އޭނާ ހުރީ ފެންކަޅި ވެފައެވެ.
އަވަސް އަވަހަށް ޒުހުދާ އައިސް ޒައިނާގެ ގައިގައި އަތް ޖައްސާލިއެވެ. އަދި ލޯތްބާއެކު ފިރުމަމުން ވާހަކަ ދައްކަން ފެށިއެވެ.
" ދަރިފުޅު ހިނގާބަލަ އެތެރެއަށް ދާން. ފަހަރެއްގައި ދަރިފުޅަށް އަޑު އިވުނު ގޮތް ރަނގަޅު ނޫންކަމުގައި ވެސް ވެދާނެ. އެތެރެއަށް ގޮސް ހަމަޖެހިގެން މި ވާހަކަ ދައްކާލަން ދާންވީ އެއްނު." ޒުހުދާ ބުންޏެވެ.
އިންކާރު ކުރުމެއްނެތި ޒުހުދާއާއެކު ޒައިނާ ހިނގައިގަތެވެ. އެ މީހުންގެ ފަހަތުން މަހުދީ ހިނގައިގަތް އިރު އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.
" ބައްޕަ ނަދީމްއަށް އޮޅުވާލެއްވީ ކީއްވެ؟" ޒައިނާ ބުންޏެވެ.
ވަގުތަކީ ކޮޓަރިއަށް ވަދެ، މަހުދީ ދޮރު ތަޅުލީ ވަގުތެވެ. އިރުކޮޅަކު ޒައިނާއަށް ފުރަގަސްދީގެން ހުރެ، މަހުދީ އެނބުރިލިއެވެ.
" ބައްޕާ! އަޅުގަނޑު ވާހަކަ މި ދައްކަނީ ބައްޕަޔާ. ނަދީމްއަށް މުސާރަ ދޭނަމޭ ބުނެ، ބައްޕަގެ މަސައްކަތްތައް ކުރުވަންތޯ އަޅުގަނޑުމެން މި ތަނަށް ތި ގެނައީ؟" ޒައިނާގެ ރާގުގައި ރުޅިވެރިކަން އެކުލެވިއްޖެއެވެ. އޭނާގެ މޫނުމަތިން ވެސް މިހާރު ފެންނަނީ ނުރުހުމުގެ އަސަރުތަކެވެ.
" ހާދަ އަވަހަކަށް ދަރިފުޅު ތި ރުޅި އަންނަނީ؟ ނަދީމްއަށް ފައިސާ ނުދިނަސް، ނަދީމް ހާލަކު ނުޖެހޭނެޔޭ. ބައްޕަގެ އެކައުންޓުގައި ފައިސާ ހުރިހާ ހިނދަކު ތި ދެ ކުދިން އުޅޭނީ އުފަލުގައޭ." މަހުދީ ބޭނުންވީ ޒައިނާއަށް ވިސްނައިދޭށެވެ.
" އެހެން ނޫނަސް ޒައިނާ ބޭނުންވީ ނަދީމްއާއެކު އެމެރިކާއަށް ބަދަލުވާކަށްނު. މަންމައާއި ބައްޕަ އެކަން ކޮށްދިނީމަ ވެސް އަހަރެމެންދެކެ ޒައިނާ ރުޅި އަންނަނީތަ؟ ނަދީމްއާއެކު އުފަލުގައި މިތާ އުޅޭކަށްނު ޒައިނާ ބޭނުންވީ؟" ޒުހުދާއަކަށް މަޑަކުން ނުހުރެވުނެވެ. އޭނާ ރުޅިވެރި ރާގެއްގައި ވާހަކަ ދައްކަން ފެށުމުން، ވާހަކަ ހުއްޓާލުމަށް އެދި މަހުދީ ލޮލުން އިޝާރާތް ކޮށްލިއެވެ.
" ލައްބަ. އެއީ އޭ އަޅުގަނޑު ހަމައެކަނި ކުރި ޕްލޭންއަކީ. އަޅުގަނޑާ ނަދީމް މި ތަނަށް ބަދަލުވުން. އެކަމަކު މަންމަމެންގެ ޕްލޭން މާ ތަފާތު. މަންމައާއި ބައްޕަ ތި ރާއްވަވަނީ ނަދީމްއަށް އޮޅުވާލަން. ނޭނގުމެއްގެ ތެރޭގައި އޭނަ ބަހައްޓައިގެން އޭނަ ލައްވާ މަސައްކަތްކުރުވާފައި އޭގެ އުޖޫރަ ނުދީ ހިފަހައްޓަން. އެކަމުގެ ފައިދާ ނަހަމަ ގޮތުގައި ލިބިގަންނާނީ ބައްޕަ." ޒައިނާ އެހެން ބުނެ ނުނިމެނީސް ޒުހުދާ، އޭނާގެ މޫނުމަތީގައި ޖަހައިފިއެވެ.
އެއާއެކު ޒައިނާއަށް މޫނުގައި އަތް ޖައްސާލެވުނެވެ. އޭރު ޒައިނާގެ ލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ހިލިއްޖެއެވެ.
" ޒުހުދާ!" ރުޅި އައިސް ހުރެ މަހުދީއަށް ބާރުބާރަށް ޒުހުދާއާ ދިމާލަށް ހަޅޭއްލަވައިގަނެވުނެވެ.
" މި ކަމުގައި އަޅުގަނޑު މަންމައާއި ބައްޕަ ވެސް ކުއްވެރިކުރާނަން. ބައްޕަ ދެއްކެވި ވާހަކަތައް ސާފުކޮށް އިވުނު. ބައްޕަގެ ނިޔަތް ވެސް އަޅުގަނޑަށް މިހާރު އެނގިއްޖެ. އަޅުގަނޑު ދުވަހަކު ވެސް ހިއެއް ނުކުރަން އަޅުގަނޑުގެ ފިރިމީހާއާމެދު ތިހާ ދަށްކޮށް ކަންތައް ކޮށްފާނެކަމަކަށް. " ޒައިނާ އެހެން ބުނެ ނިކުންނަން ހިނގައިގަތް ވަގުތު މަހުދީ، އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
" ފިރިމީހާދެކެ ކިތަންމެ ލޯބިވިޔަސް، އޭނާގެ ކުރިމަތީގައި މައިންބަފައިންގެ އަގު ހިފަހައްޓާނެކަމަށް ހީކުރަން." މަހުދީ ބުނެލިއެވެ.
އެހެން ބުނެ އޭނާ ޒައިނާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު ޒައިނާ އިތުރަށް އެންމެ ހިނދުކޮޅެއްގައި ވެސް މަޑުކުރުމެއްނެތި ދުވެފައި ނިކުމެއްޖެއެވެ. އޭރު އޭނާ ހުރީ އިންތިހާއަށް ހިތުގައިޖެހި ދެރަވެފައެވެ.
ދެ އަތުން މޫނު ސާފުކޮށްލުމަށްފަހު ޒައިނާ ކޮޓަރިއަށް ވަނެވެ. އެއާއެކު ޒައިނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ހަމަޖެހިލައިގެން އޮތް ނަދީމެވެ. އޭނާ ފެނުމުން، ކޮންމެވެސް ފިކުރެއްގައި އޮތްކަން ޒައިނާއަށް އެނގުނެވެ. އަނގައިން ބަހެއް ބުނުމެއް ނެތި ޒައިނާ ގޮސް އެނދުގައި އިށީނދެލިއެވެ. ނަދީމް ފެނުމުން ވެސް އޭނާ، އިތުރަށް ދެރަވާގޮތް ވިއެވެ.
" ކޮންތާކުން ތި އައީ؟ ޒައި ފެންނަން ނެތީމަ އަހަރެން ހީކުރީ މަންމައާއެކު ބޭރަށް ދިޔައީކަމަށް." ނަދީމް ބުންޏެވެ.
" ނޫން. ނުދަން. މަންމައާއެކު މަންމަގެ ކޮޓަރީގައި ހުރީ. ކިހިނެއްވީ؟ މިއަދު މާ އަވަހަށް މަސައްކަތް ނިމުނީތަ؟" ޒައިނާ އެހިއެވެ. ވާހަކަ ދައްކާއިރު ނަދީމްގެ މޫނަށް ނުބަލާ އިނދެވޭތޯ ޒައިނާ މަސައްކަތް ކުރިއެވެ.
" މި އައީ މަސައްކަތް ނިމިގެންނެއް ނޫން. ބޯ ގޮވައިގެން މި އައީ." ނަދީމް ބުނެލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.
އެއާއެކު ހައިރާންވެފައި ޒައިނާއަށް ނަދީމްއަށް ބަލައިލެވުނެވެ.
" އެންމެ ފަހުން ބައްޕަމެންނަށް ލިބުނު ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބޮޑު. ޑިޒައިންކުރަންޖެހޭ ގޮތާ، ބަޖެޓާ މި ހުރިހާ ކަމެއް ކުރަން ޖެހެނީ އެކަނި ވީމަ އަސްލު ކުޑަކޮށް އުނދަގޫ ވެއްޖެ. އިތުރު މީހަކު ހޯދަން ބައްޕަ ކައިރީ ބުނީ މި ޕްރޮޖެކްޓް ބޮޑުކަމުން." ނަދީމް ބުނެލިއެވެ.
" ދެން ކީކޯ ބައްޕަ ބުނުއްވީ؟" ކެތްމަދުވެފައި އިނދެ އަވަސް އަވަހަށް ޒައިނާއަށް ސުވާލު ކުރެވުނެވެ.
" ބައްޕަ ބުނުއްވީ އަހަރެންގެ އެބަހުއްޓޭ މި ޕްރޮޖެކްޓް ނިންމޭނެހާ ގާބިލްކަން. އަހަރެން އެކަންޏަށް ވެސް ވާނެޔޭ ބުނުއްވީ. މުސާރަ ވެސް އިތުރު ކުރާނަމޯ." ނަދީމް އިސްޖަހާލަމުން ބުންޏެވެ.
ޒައިނާއަށް ހިންދިރުވާލެވުނެވެ. ނަދީމްއާމެދު އޭނާ ވަރަށް ބޮޑަށް ހަމްދަރުވީވެވި ބައްޕަދެކެ ރުޅި އަންނަން ފެށިއެވެ.
" ތެދެއް. އަހަރެން އެކަންޏަށް ވެސް އެކަން ވެދާނެ. އެކަމަކު ރެޔާ ދުވާލު، ނުނިދާ ކުރަން ޖެހޭނީ. އިތުރު މީހަކު ނެގިއްޔާ ބައްޕަ އަތުން މާ ގިނަ ލާރި ދާނެތީ ކަންނޭނގެ އަސްލު މީހަކު ނުނަގަން އެ އުޅެނީ. ޒައިއަށް އެނގޭތަ ބައްޕައަށް މި ޕްރޮޖެކްޓުން ވެސް ލިބޭނެ ދެ މިލިއަނެއްހާ ރުފިޔާ " ނަދީމް ބުންޏެވެ.
ނަދީމްގެ ޖުމްލަތަކާއެކު ޒައިނާގެ ކަންފަތުގައި އަނެއްކާ ވެސް ގުގުމާލީ، މަހުދީ ދެއްކި ވާހަކަތަކެވެ. ނަދީމް ލައްވާ މަސައްކަތް ކުރުވައިގެން ހުރިހާ ފައިދާއެއް ނަގަން އޭނާ ރާވާ ރޭވުންތަކެވެ.
ޒައިނާ މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ނަދީމްގެ މަގަތުގައި އިށީނެވެ. އަދި ފަރުވާތެރިކަމާއެކު ނަދީމްގެ ވަރުބަލިވެފައިވާ މޫނަށް ބަލައިލިއެވެ.
" ހިނގާ އަހަރެމެން ރާއްޖެ ބަދަލުވާން." ޒައިނާ ބުނެލީ މަޑުމަޑުންނެވެ.
އެ ވަގުތު ނަދީމް ކުރު ހިނިގަނޑެއް ޖަހާލަމުން ދެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ.
" މިހާ ބައިވަރު ލާރި ލިބެން އޮއްވާ ކީއްކުރަން ރާއްޖެ ދަނީ؟ އެެހެން ނޫނަސް ޒައިއަށް މިތާ މާ އަރާމުގައި އުޅެވޭނެއެއްނު." ނަދީމް ބުންޏެވެ.
" ތިބުނާ ލާރި މި މަހަކު ވެސް ނުލިބެއެއްނު." ޒައިނާ ބޭނުންވީ ނަދީމް ދެކޭ ގޮތެއް ބަލައިލާށެވެ.
" ނުލިބުނީ ބައްޕަގެ އެކައުންޓް ފްރީޒް ކުރީމައެއްނު. ބައްޕަ ބުނުއްވިއޭ އެއްފަހަރާ ވިޔަސް ދޭނަމޭ." ނަދީމް ބުންޏެވެ.
ޒައިނާއަށް އިތުރަށް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ނަދީމްގެ މޫނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ.
" އަސްލު އަހަރެން ބޭނުންވަނީ ވަރަށް ބައިވަރު ފައިސާ އެއްކޮށްގެން އަހަރެން ވެސް އަމިއްލަ ފައިމައްޗަށް ތެދުވަން. އަމިއްލައަށް ވިޔަފާރިއެއް ފަށަން." ނަދީމް ބުންޏެވެ.
މަހުދީކައިރީގައި މަސައްކަތް ކުރަން ހުރެގެން ނަދީމްގެ ހުވަފެންތައް ދުވަހަކު ވެސް ހަގީގަތަކަށް ނުވާނެކަން ޒައިނާއަށް މިހާރު އެނގެއެވެ. ނަދީމް މަހުދީއަށް ކުރާ އިތުބާރު އެނގުމުން، ޒައިނާ އިތުރަށް ބައްޕަދެކެ ރުޅި އަތުވެއްޖެއެވެ. ނަމަވެސް މަހުދީގެ ރޭވުން ނަދީމްއަށް ކިޔައިދޭކަށް އޭނާއަކަށް ނުކެރުނެވެ.
ކުއްޔަށް ހިފާފައި ހުރި ކޮޓަރިއަށް ދާއިންއާއެކު އަރޫޝާ އައިސް ވަނެވެ. އޭރު ވެސް ދާއިން އަރޫޝާގެ އަތަކުން ދުލެއް ނުކުރެއެވެ.
" ދާއިން. ދެން އަހަންނާ ބައްދަލް ވާނީ ކޮން އިރަކުން؟" އަރޫޝާ ސުވާލު ކުރިއެވެ.
އޭރު ދެ މީހުން ތިބީ ކޮޓަރީގެ މެދުގައެވެ.
" ރަށުން. އިރާދަކުރެއްވިއްޔާ އަހަރެން ދެން ރަށަށް ގޮސް އަރޫއާ ކައިވެނި ކުރާނަން." ދާއިން ބުންޏެވެ.
އެއާއެކު އަރޫޝާ ހިނިތުންވެލިއެވެ.
" ދާއިން! އަހަރެން ދާއިން ގާތު އިތުރު އެއް ވާހަކަ އަހާލަންތަ؟" އަރޫޝާ ބުންޏެވެ.
ބިރުގެންފައި އޮތް ދާއިންގެ ހިތް ތަންކޮޅެއް ބާރަށް ތެޅެން ފެށިކަން އެ ވަގުތު ދާއިންއަށް އިހްސާސް ކުރެވުނެވެ.
" ދާއިން އަހަރެންދެކެ ވަރަށް ލޯބިވެއެއްނު ދޯ؟" އަރޫޝާ ބުންޏެވެ. އެއްބަސްވުމުގެ ގޮތުން ދާއިން ބޯ ޖަހާލިއެވެ.
" ނަދީމްއާ އަހަންނާ ގުޅުމެއް ހިނގިކަން އެނގި ހުރެ ވެސް، ދާއިން އަހަންނާ ކައިވެނިކުރަން ތި ބޭނުންވަނީ ކޮން ސަބަބަކަށްޓަކައި؟" އަރޫޝާ ބުންޏެވެ.
އެއާއެކު ދާއިން އަރޫޝާގެ ދެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލިއެވެ.
" އަހަރެން އަރޫދެކެ ލޯބިވާތީ. އަރޫ ބޭނުންވާތީ. އަރޫ ވެސް އަހަރެން ދެކެ ލޯބިވާތީ. ތި ބުނާ ގުޅުމަކީ އަރޫ ބޭނުންވެގެން ވީ ކަމެއް ނޫނެއްނު. އަހަރެން އަރޫއަށް އިތުބާރު ކުރަމޭ. ބޭކާރު ކަންކަމާ ދެން ނުވިސްނާ." ދާއިން ބުނެލިއެވެ.
އަނެއްކާ ވެސް އަރޫޝާ ދުރަށް ޖެހިލިއެވެ. ދާއިން ހައިރާންވީ، ދާއިންގެ ލޯބިވެތި ބަސްތަކުން އަރޫޝާގެ މޫނަށް ހިނިތުންވުން ގެނެސް ނުދެވުނީތީއެވެ.
" އެ ދަރިފުޅު ހެޔޮހާލުގައި ބަނޑުގައި އޮތް ނަމަ؟ ދާއިން އަހަރެން އެ ގޮތުގައި ގަބޫލު ކުރީމުސްތަ؟" އަރޫޝާ ސުވާލު ކުރިއެވެ.
" ދެން އަރޫ؟ ތިއީ ނިމިފައި އޮތް ކަމެއްނު. ދެން އެ ވާހަކަ ނުދައްކަބަލަ! ކުއްލިކުއްލިއަށް ހޫނު ސުވާލު އަންނާތީ އަހަރެން މިހާރު އެބަ ބިރު ގަނެޔޭ." ދާއިން ބުންޏެވެ.
" ދާއިން. އަހަރެން... ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން. ދާއިން އަހަންނަށް އިތުބާރުކޮށް، އަހަރެންގެ ކުށެއްނެތްކަން ގަބޫލު ކުރީތީ އަހަރެން ވަރަށް އުފާވެއްޖެ. އެއީ އަހަރެން ތަކުރާރުކޮށް ކުރި ދުޢާއެއްވެސްމެ. ދެން އަހަރެން ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެއް. މާތްﷲގެ ނިންމެވުމާމެދު ދާއިން ދެކޮޅު ނުވައްޗޭ. ތަޤްދީރާމެދު ތި ހިތުގައި ސުވާލު ނުއުފައްދައްޗޭ. އަހަރެމެންނަށް މާތްﷲ ކުރިމަތިކުރުވާ އިމްތިޙާނުތަކަށް ކެތްތެރިވައްޗޭ. " އަރޫޝާ ދައްކަމުންދާ ވާހަކަތަކުން ދާއިންއަށް ސިހުން ލިބެމުން ދިޔައެވެ.
" ތިހާ ފުންކޮށް ވާހަކަ ދެއްކީމަ އަހަންނަކަށް ނުވިސްނޭނެކަން އެނގެއެއްނު. ބުނެބަލަ! ތަންކޮޅެއް ތިލަކޮށް ކިޔާބަލަ." ދާއިން ބުންޏެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތް އަވަސް ވެފައެވެ.
އެއާއެކު އަރޫޝާ ދާއިންގެ އަތުގައި ހިފާލިއެވެ.
" އަޑުއަހަން އުނދަގޫވާނެކަން ވެސް އެނގޭ. އެކަަމަކު މިއީ އަހަންނަށް ބާރުފޯރުވޭނެ ކަމެއް ނޫން." ދާއިންގެ އަތްތިލައިގައި ދެ އަތުން ހިފާ، ބާރުކޮށްލަމުން އަރޫޝާ ބުންޏެވެ.
" ދެން ބުނެބަލަ! އަރޫއަށް ކަމެއް ވީތަ؟" ދާއިން އެހިއެވެ.
ކަންބޮޑުވެފައި ހުރެ ދާއިން ސުވާލު ކުރި އިރު އަރޫޝާ ހުރީ ފެންކަޅިވެފައެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!