"ދާންވީތަ ދުރަށް؟ ބުނެބަލަ!" އަރޫޝާގެ މޫނާ ދިމާލަށް ބޯ ތިރިކޮށްލަމުން ދާއިން ސުވާލު ކުރިއެވެ.
އަރޫޝާގެ ނޭވާގެ ހިނގުން އޭރު ވަނީ ނުހަނު އަވަސް ވެފައެވެ. ހިތް އެދެނީ ދާއިންގެ މޭމަތީ ބޯ އަޅާލުމަށެވެ. ނަމަވެސް އޭނާގެ ޟަމީރު ހަމަ ހިލާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ސިކުނޑި އިންޒާރު ދެމުން ދަނީ ދާއިންއާ ދުރަށް ދިޔުމަށެވެ. ނަމަވެސް ދާއިންގެ ލޮލުގެ ތެރެއިން ފެންނަ ވިދުވަރުން، އަރޫޝާގެ ކިލަނބު ވެފައިވާ ހިތަށް އަލިކަން ވެރިވެއްޖެއެވެ. އެއާއެކު އެ ހިތުގެ އެންމެ ފުނުގައި ދާއިންއަށްޓަކައި ރައްކާކޮށްފައި އޮތް ލޯބި ފާޅުވާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ.
" އަހަރެން އަދިވެސް ދާއިންދެކެ އިންތިހާއަށް ލޯބިވަން. ވަރަށް ލޯބިވަން. ވަރަށް ބޮޑަށް ލޯބިވަން. ދާއިންއާއެކު ނޫނީ އަހަންނަށް އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެ. އަހަރެންގެ ޙަޔާތް މުޅިން ބަރުބާދުވެއްޖެ ދާއިން. " އަރޫޝާ އެހެން ބުނުމާއެކު ދާއިން އޭނާގެ އަތުގައި ހިފީ ނުހަނު ބާރަށެވެ. ތަދުވާވަރަށެވެ.
" އާހް.." ވޭނީ ގޮތަކަށް އަރޫޝާއަށް ބުނެވުނެވެ. އަތަށް ބަލައިލުމަށްފަހު ހައިރާންކަމާއެކު އޭނާއަށް ދާއިންގެ މޫނަށް ބަލައިލެވުނެވެ. އެ ވަގުތު އެ މޫނުމަތީގެ ކުލަވަރު ވަނީ މުޅިން ބަދަލު ވެފައެވެ. މީގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން އެ ދެ ލޮލުން އަރޫޝާއަށް ފެނުނު ލޯބީގެ ބަދަލުގައި މިހާރު ފެންނަނީ ރުޅިވެރިކަމެވެ.
" އައްދޯތް. ދާއިން! އަހަންނަށް ތަދުވެޔޭ." އަރޫޝާއަށް ބުނެވުނެވެ.
ދާއިން އަރޫޝާގެ އަތުގައި ހިފައިގެން ހުރެ، އޭނާ ދޮރު ކައިރިން ދުރަށް ޖައްސާލިއެވެ.
" ކޮންތާކަށް އަހަރެން ތި ގެންދަނީ؟ ދާއިން؟" އަރޫޝާ ބުންޏެވެ.
ގަދަކަމުން ކަހަލަ ގޮތަކަށް ދާއިން އަރޫޝާ ގޮވައިގެން ކޮޓަރިން ނިކުމެއްޖެއެވެ. ދާއިންގެ އަމަލުތައް ހުރި ގޮތުން އަރޫޝާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަތް ފޮޅުވާލަން އުޅުނު ނަމަވެސް، ދާއިންގެ ބާރުގަދަ ކަމުން އެކަން ވެސް އޭނާއަށް ވީ ނާކާމިޔާބެވެ.
އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދާއިން ހުއްޓުނީ ރިޒާގެ ކޮޓަރި ދޮރުމަތީގައެވެ. އެއާއެކު އަރޫޝާގެ ދެ ލޯ ބޮޑުވެއްޖެއެވެ. ހާސްވީ ވަރުން އަނގައިން ބުނެވޭ ގޮތް ނުވެގެން އޭނާ، ދެ ފަރާތަށް ބޯ ހޫރަން ފެށިއެވެ. އަރޫޝާގެ ކަންބޮޑުވުމާމެދު ދާއިންގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.
" ބައްޕާ." ދޮރުގައި ތަންކޮޅެއް ބާރަށް ޖަހާލަމުން ދާއިން ގޮވިއެވެ.
" ދާއިން؟ ކީއްކުރަންތަ އަޅެ؟ ކިހިނެއްވެގެންތަ ތި އުޅެނީ؟" އަރޫޝާއަށް ބުނެވުނީ ވަރަށް އުނދަގުލުންނެވެ. އެއާއެކު އޭނާއަށް ރޮވެންވެސް ރޮވިއްޖެއެވެ. ބިރުން ގޮސް ނޭވާ ލާން ވެސް އުނދަގޫވާ ކަހަަލައެވެ. ބައްޕަގެ ކުރިމަތީގައި ބޭޒާރުވާކަށް ފަހަރެއްގައި ވެސް އޭނާގެ ހިތެއް ނޭދެއެވެ.
ދެ ވަނަ ފަހަރަށް ދާއިން ގޮވާލުމާއެކު ރިޒާ ދޮރު ހުޅުވިއެވެ. އެއާއެކު ދާއިންއާ އަރޫޝާ ފެނި، ރިޒާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.
އޭރު ވެސް އަރޫޝާގެ އަތުން ދާއިން ދުލެއް ނުކުރެއެވެ. ދާއިންގެ އަތް ނެއްޓުވޭތޯ އަރޫޝާ މަސައްކަތް ކުރަމުންދެއެވެ.
" ބުނެބަލަ! ދެންމެ އަހަރެން ގާތު ބުނި ގޮތަށް ބުނެބަލަ ބައްޕަ ކައިރީ! " ދާއިން ވާހަކަ ދެއްކީ ބާރަށެވެ. އެ އަޑުގައި ކޮންމެވެސް ވަރަކަށް ރުޅިވެރިކަން އެކުލެވިގެންވާކަން ރިޒާއަށް ވެސް ފާހަގަ ކުރެވުނެވެ.
" ދާއިން، އަރޫޝާގެ އަތުން ދޫކޮށްލަބަލަ!" ރިޒާ ބުނެލީ ހަރުކަށި ކަމާއެކުއެވެ.
" ދޫކުރާނީ، ދެންމެ އަހަރެންގާތު އަރޫ ދެއްކި ވާހަކަ ހަމަ އެ ގޮތަށް ބައްޕަ ކައިރީ ބުނީމަ. އެހެން ނޫނީ އަހަރެން އަރޫޝާގެ އަތުން ދުލެއް ނުކުރާނަން." ދާއިން ބުންޏެވެ. އޭނާ މިހާރު ހުރީ ކުރިއަށް ވުރެ ބޮޑަށް ރުޅި އައިސްފައެވެ.
ދެ ފަރާތަށް ބޯ ހޫރުވަމުން އަރޫޝާ ރޮމުން ދިޔައެވެ.
" އެ މަންޖެ އަތުން ދޫކޮށްލަބަލަ. އަނިޔާއެއް ވެދާނެޔޭ!" ދާއިންގެ އަތުގައި ހިފަމުން ރިޒާ އަނެއްކާ ވެސް ބުންޏެވެ. ވަރަށް ބާރަށެވެ.
އެއާއެކު ކުއްލިއަކަށް ދާއިން އަރޫޝާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު ގިސްލަމުން އަރޫޝާ، އެ އަތުގައި ފިރުމާލީ، ވަރަށް ބޮޑަށް ތަދުވެގެންނެވެ.
" އަރޫ. ބުނޭ ބައްޕަ ކައިރީ. " އަނެއްކާ ވެސް ދާއިން އެދުނެވެ. ނަމަވެސް އަރޫޝާ ނުބުނާނެކަން ދާއިންއަށް ޔަގީން ކުރެވެއެވެ. އަރޫޝާއަކަށް އެ ވާހަކަތައް ބައްޕަ ކައިރީ ދައްކަން ނުކެރޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ދާއިން ބޭނުންވީ އަރޫޝާ ބޭނުންވާ ގޮތް ރިޒާއަށް އަންގައިދޭށެވެ.
" ބައްޕާ. އަރޫ ބޭނުންވަނީ އަހަންނާއެކު އުޅެން. ނަދީމްބެއާއެކު ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް އަރޫއަކަށް ނުލިބޭނެޔޭ އަރޫ ބުނީ. ބައްޕަ ކައިރީ ބުނަން ނުކެރުނަސް އަހަރެން ކައިރީ އެހެން ބުނީމަ އަހަރެން މި އައީ. މުޅި ދުނިޔެ އަހަރެމެންނަށް މަލާމާތް ކުރިޔަސް ހެޔޮ. އަހަރެމެން ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާ އިރު، ނަދީމްބެއާއެކު އަރޫ އުޅެންޖެހޭނެ އެއްވެސް ސަބަބެއް ނެތް. " ދާއިން ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ.
" ބައްޕަ ލަދުގަނެފާނެތީ، މީހުން ކިޔާފާނެ އެއްޗެއްސަށް ވިސްނާފަ އަރޫ އެގޮތަށް އެ ނިންމީ. އެކަމަކު އެއީ އެއްވެސް އިންސާފެއް ނޫނެއްނު. ބައްޕަ ބުނެބަލަ! އަހަރެމެން މިހެން ތާ އަބަދު ހިތާމަ ކުރަންވީތަ؟ ބައްޕަގެ ތިން ދަރިން މިހެން ތެޅެން ވީތަ؟ ނަދީމްބެއަށް ވަކި ކޮން އުފަލެއް ލިބޭނީ؟" ދާއިންގެ އަޑު މަޑުވިއެވެ.
ރިޒާ އޭރުވެސް ހުރީ ފުން ވިސްނުމެއްގައެވެ. އިސްޖަހާލައިގެން ހުރި އަރޫޝާއާ ދިމާލަށް ފަރުވާތެރިކަމާއެކު ރިޒާއަށް ބަލައިލެވުނެވެ.
" ދާއިން އެ ދައްކަނީ ތެދު ވާހަކަތަކެއްތަ؟ ދަރިފުޅު ބޭނުންތަ ނަދީމްއާއެކު ފެށިފައި ތި އޮތް ޖަވާޒީ ހަޔާތް ނިމުމަކަށް ގެންނަން؟ " ރިޒާ ސުވާލު ކުރީ އަރޫޝާއާއެވެ.
" އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާފަ، ދަރިފުޅު މިހާރު އެންމެ ބޭނުންވާ ގޮތް ބުނެބަލަ!" ރިޒާ އެހިއެވެ.
ނަމަވެސް އަރޫޝާ އެއްވެސް ޖަވާބެއް ނުދިނެވެ. ދާއިން ވެސް އޭނާ ބޭނުންވާ ފަދަ ޖަވާބެއް އަރޫޝާ ދޭނެ ކަމުގެ އުއްމީދުގައެވެ. އިސްޖަހައިގެން ހުރި ބުދެއް ފަދައިން އޭނާ ހަމަ ހުރީއެވެ. އަނގައިން ބަހެއް ނުބުނިތާ، އޭނާގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ.
" ކަންބޮޑުނުވޭ. ދަރިފުޅު މި ފަހަރު ނިންމާނީ ހުދު ދަރިފުޅު ބޭނުންވާ ގޮތަށް. ދަރިފުޅުގެ ނިންމުމަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނުފޯރުވޭނެ. ތިއީ މި ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ ހުރި ހަމައެކަނި ފުރާނަ. ތިހެން ކަރުނަ އަޅައި މުޅި އުމުރު ރޮއްވަން ދަރިފުޅު ދޫކޮށްލަން މި ބައްޕައަށް އޮތީ ކޮން ހައްގެއް؟ ދަރިފުޅަށްޓަކައި ބައްޕަ ކުރި ކޮންމެ ކަމެއް ވެސް ކުރީ ދަރިފުޅު އުފާވާނެކަމަށް. ދަރިފުޅަށް ރަނގަޅު ގޮތެއް ވާނެ ކަމަށް. އެކަމަކު މިއަދު ވަރަށް ހިތުގައި ޖެހިއްޖެ. ވަރަށް ދެރަވެއްޖެ. އަހަރެން ދަރަނިވެރިވެއްޖެ. އެކުވެރިޔާގެ އަމާނާތަށް ހިޔާނާތްތެރި ވެވިއްޖެ. ދަރިފުޅާ އަރޫޝާ! ބައްޕައަށް މަޢާފްކުރޭ." އަސަރާއެކު ރިޒާ އެހެން ބުނުމާއެކު އަރޫޝާއަށް ބޭއިހްތިޔާރުގައި ރިޒާއަށް ބަލައިލެވުނެވެ.
" ދަރިފުޅު ބޭނުންވާ ކޮންމެ ކަމެއް ބައްޕަ ކޮށްދޭނަން. " ރިޒާ އަރޫޝާގެ ބޮލުގައި ފިރުމާލުމާއެކު އަރޫޝާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.
" ދާއިންއާ ގުޅެން ބޭނުންތަ؟" ރިޒާ އަނެއްކާ ވެސް އެހިއެވެ.
އިސްޖަހާލަމުން އަރޫޝާ ބޯ ޖަހާލިއެވެ. އެއާއެކު ނޭވާ ހިފަހައްޓާލައިގެން ހުރި، ދާއިންއަށް ވަރުބަލިކަމާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ރިޒާއަށް ބޭއިހްތިޔާރުގައި ދާއިންއަށް ބަލައިލެވުނެވެ. އެއާއެކު ދާއިންގެ މޫނުމަތީގައިވާ އާދޭހުގެ އަސަރުތަކުން ރިޒާގެ ހިތް މަޑުވެގެން ދިޔައެވެ.
" ބައްޕަ މާދަމާ ނަދީމްއަށް ގުޅާފަ، ކިޔައިދޭނަން. ޒައިނާ ވަރިކުރުމުގެ ކުރިން ތި ވާހަކަތައް ބައްޕައަށް އެނގުނީތީ ބައްޕަ އުފާކުރަން. އެހެން ނޫންނަމަ ނަދީމްގެ ދިރިއުޅުމަށް ވެސް ވަރަށް އަސަރުކުރާނެ. ދެން... ނިދާލަން ދޭ. މާ ބޮޑަށް ފިކުރު ނުކުރޭ." ރިޒާ އެހެން ބުނީ ދެ މީހުންނާ ދިމާލަށް ވަކިވަކިން ބަލައިލަމުންނެވެ.
އިތުރަށް ރިޒާ އެއްޗެއް ބުނެފާނެތީ، އަރޫޝާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ލަދުގަނެފައެވެ.
ހެނދުނު ހެނދުނާ އެއާޕޯޓަށް ދާން ޖެހޭތީ ނަދީމް ފެންވަރަން ވަނެވެ. އޭރު ވެސް ޒައިނާ އޮތީ އެނދުމަތީގައެވެ. ކުއްލިއަކަށް ނަދީމްގެ ފޯނު ރިންގްވާން ފެށުމުން ޒައިނާ ބޯ ހިއްލާލައި، ބަލައިލިއެވެ. ރިޒާގެ ނަންބަރުން ގުޅާތީ، ޒައިނާ މޫޑު ގޯސްވެއްޖެއެވެ.
" ކޮންމެވެސް އެއްޗެއް ކިޔައިގެން ނަދީމް ހުއްޓުވަން ވެސް ގުޅާފާނެ. އަނެއްކާ އަރޫޝާއަށް ހާޓްއެޓޭކެއް ޖެހުނިއްޔޭ ކިޔައިގެން ގެންދަން ވެގެން ތޯއްޗެ!" ޒައިނާ ބުނެލިއެވެ.
އޭނާ އެ ފޯނު ބިޒީ ކޮށްލުމަށްފަހު އެ ނަންބަރު ބްލޮކް ކޮށްލިއެވެ. އަދި ކުރިން ވެސް އޮތްތާ، އެ ފޯނު ބޭއްވުމަށްފަހު ހަމަޖެހިލިއެވެ.
ނަދީމް ފާހާނައިން ނިކުމެ ޒައިނާއަށް ގޮވަން ފެށީ ރުންކުރު ގޮތަކަށެވެ.
" އަދިވެސް އޮތީތަ؟ އަވަސް ކުރޭ!" ނަދީމް ބުންޏެވެ.
" އަރޫޝާއާ ކައިވެނި ކުރިފަހުން ނަދީމް ހާދަ ތަފާތު ވެއްޖެޔޭ. އަހަރެން މިހެން ބުނަން އުޅޭތާ ލައްކަ ދުވަސް ވެއްޖެ. ނަދީމްއަކީ ކުރިން އަހަންނާ ދިމާލަށް ބާރަށް އެއްޗެއް ވެސް ބުނާ މީހެއް ނޫން. އެހާ މަޑުމަޑުން ހުންނާނީ. އަހަރެންގެ މަންމަ ވެސް ބުނާނެ ނަދީމް ލަދުރަކި ކަމުން އަނގައިން ބުނަން ބިރުވެސް ގަނެޔޭ. އެކަމަކު އަހަރެން ބުނަންތަ؟ މިހާރު ނަދީމްގެ އެ ސިފަ ނުވެސް ނެތީއޭ." ޒައިނާ ބުންޏެވެ.
ބޮލުގައި ޖެލް ހާކަން ހުރި ނަދީމް، އެ ވާހަކަތައް އަޑު އިވުމާއެކު ހޭން ފެށިއެވެ.
" އަހަންނާ ދިމާލަށް ތިހެން ކިޔަން ޒައި މާ ރަނގަޅެއް ނޫނޭ އިނގޭ! ޒައި އަހަންނާ ވާހަކަ ދައްކާ ސްޓައިލުން މަ ވެސް ލަދުގަނޭ." ނަދީމް ބުންޏެވެ.
" ދިރިއުޅުމަށް އައި ބަދަލްތަކުން އަހަންނަށް އެ ގޮތަށް ވާހަކަ ދައްކަން މަޖުބޫރުވީ. ދެން ނުބުނާތި ނަދީމްއަށް ވެސް ވީ އެހެންނޭ." ޒައިނާ ތެދުވަމުން ބުނެލިއެވެ.
ޒައިނާ ދައްކާ ވާހަކައަކަށް ނަދީމް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.
ދާއިން ކާގެއަށް ދިޔައިރު ރިޒާ އިނީ ސައިބޯށެވެ. އޭރު ގަޑިން 10 ޖަހަނީއެވެ. ރޭގައި ކަންތައް ކުރެވުނު ގޮތުން މިހާރު ދާއިން ހުރީ ވަރަށް ބޮޑަށް ލަދުގަނެފައެވެ. އެހެންކަމުން ބައްޕަޔާ އިސްވެ، އަނގައިން ބުނަން ވެސް ދާއިންއަށް ހުރީ ނުކެރިފައެވެ.
" ބައްޕަ ވަރަށް ނަދީމްއަށް ގުޅަން މަސައްކަތް ކޮށްފިން. އެކަމަކު އެ ފޯނަކަށް ނުގުޅޭ. ބައްޕަ މި ހިތަށް އަރަނީ ބައްޕައަށް ގުޅައިވެސް ނުލާ، ނަދީމް ފުރައިގެން ދިޔައީބާވައޭ." ރިޒާ ބުނެލިއެވެ.
ގޮނޑިއެއް ދަމާލުމަށްފަހު ދާއިން އިށީނެވެ. ރިޒާ އެހެން ބުނުމުން ދާއިން އޭނާގެ ފޯނު ނެގުމަށްފަހު ރިޒާއަށް ބަލައިލިއެވެ.
" އެހެންތަ؟ ވެދާނެ ފުރީކަމަށް ވެސް. އަހަރެން ބަލައިލަންތަ ގުޅޭތޯ؟" ދާއިން ބުންޏެވެ.
ރިޒާ ބޯ ޖަހާލުމާއެކު ދާއިން ނަދީމްއަށް ގުޅިއެވެ. ދެ ފަހަރަކު ރިންގް ވުމާއެކު ނަދީމް ފޯނަށް ޖަވާބު ދިނެވެ.
" ނަދީމްބެ ފުރީ ކަމަށް ހީކުރީ. ބައްޕަ ބުނި ތި ފޯނަކަށް ނުގުޅެޔޭ." ދާއިން އަވަސް އަވަހަށް ބުނެލިއެވެ.
" އިރުކޮޅަކުން ފްލައިޓަށް އަރަން ޖެހޭނެ. ބައްޕައެއް ނެތް ގުޅާފައެއް. އަހަންނަށް ވެސް އަދި ގުޅައިނުލެވިގެން މި އުޅެނީ." ނަދީމް އަވަސް އަވަހަށް ބުނެލިއެވެ.
ރިޒާގެ އިޝާރާތަށް ދާއިން، ރިޒާގެ އަތަށް ފޯނު ދިއްކޮށްލިއެވެ.
" ނަދީމް.. ކޮބާ ޒައިނާ؟ރަނގަޅުތަ؟" ރިޒާ އެހިއެވެ.
" ޒައިނާ ވެސް އެބައިން މިތާ. ރަނގަޅު. " ޒައިނާގެ މޫނަށް ބަލައިލަމުން ނަދީމް ބުނެލިއެވެ.
" އެމެރިކާއަށް ދެވުނުހާ އަވަހަކަށް ބައްޕައަށް ގުޅާތި. ކިތައް ގަޑި އިރުން ދެވޭނެ؟" ރިޒާ އެހިއެވެ.
" 22 ގަޑިއިރުން ދެވެނީ." ނަދީމް ބުންޏެވެ.
" ސުބްޙާނަﷲ. 22 ގަޑިއިރޭ؟ އެހާ ގިނައިރު މަތީގައި؟ " ރިޒާ ހައިރާންވެފައި ސުވާލު ކުރިއެވެ.
ރިޒާއަށް ލިބުނު ހައިރާންކަމުގެ ސަބަބުން ދާއިން ގާތަށް ވެސް ހިނި އައެވެ. ފޯނު ބޭއްވުމަށްފަހު، ދާއިންގެ އަތަށް ދިއްކޮށްލި އިރު ވެސް ރިޒާ އިނީ ކަންބޮޑުވެފައެވެ.
" ނަދީމް ހަމަޖެހިފައި ހުންނަ އިރަކަށް އެ ވާހަކަ ދެއްކޭނީ. ބައްޕަގެ ހިތަށް ވެސް ހަމަޖެހުމެއް ލިބޭނީ އެ ވާހަކަ ދެއްކުނީމަ. " ރިޒާ ބުނެލިއެވެ. ދާއިން ބޯ ޖަހާލީ ބައްޕައާ ބައިވެރި ވުމުގެ ގޮތުންނެވެ.
އޮފީހުގައި އިން އިރު ވެސް އަރޫޝާއަށް ވިސްނެނީ ރޭގައި ކަންތައް ހިނގާދިޔަ ގޮތާ މެދުގައެވެ. ކޮމްޕިޔުޓަރ ކައިރީގައި އިން އިރު ވެސް އޭނާގެ ސިކުނޑީގައި ކުރެހެމުންދަނީ ދާއިންއާއެކު އޭނާގެ މުސްތަގްބަލް ރާވާނެ ގޮތެވެ.
" އޭ! އޭ! އަރޫ" ކުއްލިއަކަށް އަރޫޝާ ސިހުނީ ނީޒާ އައިސް އޭނާއާ ޖެހިގެން އިން ގޮނޑިއަށް ޖެހިގަތުމުންނެވެ.
" އަހަރެން... އަހަރެން... މިހުރީ ވަރަށް ހިތް އަވަސްވެފަ." ނީޒާ ބުންޏެވެ.
އޭރު އޭނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފިޔަވައި އިތުރު އެއްވެސް އަސަރެއް އަރޫޝާއަކަށް ނުފެނެއެވެ. ނީޒާއަށް ވެފައި ހުރި ގޮތުން އަރޫޝާއަށް ވެސް ހެވުނެވެ.
" ޔޫ ނުވެސް ބުނަމެއްނު." އަނެއްކާ ވެސް ވާހަކަ ދެއްކީ ނީޒާއެވެ.
" ތި ތަންކޮޅެއް ހަމަޖެހިފަ ވާހަކަ ދައްކަބަލަ. ކިހިނެއްތަ ވީ؟ މާވަހަރެއް ފެނިގެން ވެސް މީހަކު ތިޔަހާ އުފަލެއް ނުވާނެ ކަންނޭނގެ. ވީ ގޮތެއް ބުނީމައެއްނު މަށަށް އެނގޭނީ." ހެވިފައި އިނދެ އަރޫޝާ ބުންޏެވެ.
" ދާއިން އައިސް އުޅޭ ވާހަކަ ނުބުނީ ކީއްވެ؟ އަހަރެން ދެންމެ ބްރޭކުން އަންނަނިކޮށް އޭނަ ފެނިގެން ކިރިޔާ ސައިކް ގޮސް މަގު މެދުގައި ހުރި ގަހަށް ނޭރީ." ނީޒާ ބުންޏެވެ.
އެއާއެކު އަރޫޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ދާއިންއާ ބެހޭ ގޮތުން މީގެ ދުވަސްކޮޅެއް ކުރިން ނީޒާ ދެއްކި ވާހަކަތައް ވެސް ހަނދާނަށް އަތުވެއްޖެއެވެ. އެއާއެކު އޭނާ ވަރަށް ބޮޑަށް ޖެހިލުންވިއެވެ.
" އަހަރެން ބުނީމެއްނު ސެޓުކޮށްދޭށޭ." ނީޒާ ބުންޏެވެ.
" އެއީ ނީޒް ސީރިއަަސްކޮށް ދެއްކި ވާހަކައެއްތަ؟ " އަރޫޝާ އަހާލީ މަޑުމަޑުންނެވެ.
" އަޅެ އަހަރެން ހަމަ ސީރިއަސްކޮށެއް ނޫންތަ އެ ވާހަކަތައް ދެއްކީ؟ ހަމަ އަސްލުވެސް އަހަންނަށް އަބަދުވެސް އޭނަ ވަރަށް ކަމުދޭ." ނީޒާ ހެވިފައި އިނދެ ބުންޏެވެ.
އަރޫޝާއަށް ހިންދިރުވާލެވުނެވެ. ދާއިންއާ އަރޫޝާގެ ގުޅުމުގެ ވާހަކަ ނީޒާ ގާތު ބުނާނެ ގޮތެއް ވެސް އޭނާއަކަށް ނުވިސްނުނެވެ. އިތުރު ރިހުމެއް ބޮލަށް ލާން ޖެހުމުން އަރޫޝާއަށް ވަރަށް ބޮޑަށް އުނދަގޫ ވެއްޖެއެވެ.
" ތިއީ އޭނަ ފަހަރިއެއްނު. އަރޫ ބުނީމަ ގަބޫލު ކުރާނެ. ބުނެބަލަ އަހަންނަކީ ރަނގަޅު ކުއްޖެކޭ." ނީޒާ ހިޔާލު ދޭން ފެށިއެވެ.
ގަދަކަމުން ހީލަމުން އަރޫޝާ ބޯ ޖަހާލިއެވެ. އަދި ނީޒާއާ އެ ވާހަކަތައް ހިއްސާކުރަން މާ އަވަހޭ ހީވުމާއެކު އަރޫޝާ ވާހަކަ ދައްކަން ފެށިއެވެ.
" އޭނަ އައިފަހުން އަދި މާ ގިނަ ދުވަހެއް ނުވެޔޭ. އެހެން ނޫނަސް އަހަރެން ހީކުރީ އެއީ ނީޒް މަޖަލަށް ކީ އެއްޗެއް ކަމަށް. ދެން ހިއެއް ނުވެ ތި ކަހަލަ ވާހަކައެއް ދައްކަން ކެރިދާނެހެންނެއް އަހަންނަކަށް ވެސް..." އަރޫޝާ ބުންޏެވެ.
އަރޫޝާ އަވަސް އަވަަހަށް ތެދުވީ ބްރޭކަށް ދާން ވެގެންނެވެ. ނީޒާއާއެކު ދާއިންއާ ބެހޭގޮތުން ވާހަކަ ދައްކަން އަރޫޝާއަށް އުނދަގޫވެއްޖެއެވެ.
" އޯހް. އެހެންވިއްޔާ ނަންބަރ ދީފަ ދޭބަލަ." ނީޒާ އަނެއްކާ ވެސް ބުންޏެވެ.
ނީޒާގެ ކިބައިން ސަލާމަތްވެވެން ނެތިގެން އަރޫޝާ އޮފީހުން ނިކުތީ ނަންބަރު ނެތްކަމަށް ބުނެފައެވެ. ފަހުން ވާނެ ގޮތަކާއިމެދު ވިސްނަން ވެސް އޭނާ ހުރީ ބޭނުން ނުވެފައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!