" އޯހް. އެހެންވިއްޔާ ނަންބަރ ދީފަ ދޭބަލަ." ނީޒާ އަނެއްކާ ވެސް ބުންޏެވެ.

ނީޒާގެ ކިބައިން ސަލާމަތްވެވެން ނެތިގެން އަރޫޝާ އޮފީހުން ނިކުތީ ނަންބަރު ނެތްކަމަށް ބުނެފައެވެ. ފަހުން ވާނެ ގޮތަކާއިމެދު ވިސްނަން ވެސް އޭނާ ހުރީ ބޭނުން ނުވެފައެވެ.

Ad
rt

ގެއަށް ގޮސް ވަނުމާއެކު ފުރަތަމަ ވެސް އަރޫޝާއާ ބައްދަލް ވީ ދާއިންއެވެ. ދާއިން ފެނުމާއެކު އަރޫޝާއަށް ހުއްޓެވުނީ އޭރު ވެސް ނީޒާގެ ވާހަކަތައް އޭނާގެ ސިކުނޑިތެރޭ އެނބުރެމުން ދާތީއެވެ. އަރޫޝާ ބަލަމުން ދާ ގޮތުން އޭނާ ކޮންމެވެސް ކަމަކާ ކަންބޮޑުވެފައި ހުރިކަން ދާއިންއަށް އެނގުނެވެ. އެހެންވެ، އަރޫޝާ ނުތަނަވަސްވާން ޖެހުނު ސަބަބެއް އޮޅުންފިލުވާހިތުން ދާއިން ހުރީ ކެތްމަދުވެފައެވެ.

" ކިހިނެއްވެފައި ތި ހުންނަނީ؟ އަހަރެން ފެނުނީމަ ހިނގައިގަންނަން ވެސް ނޭނގިފަ ދޮރާށި ބުޑުގައި ގަނޑުވެފައި ތި ހުރީ ކީއްވެ؟" ދާއިން ސުވާލު ކުރީ ސަމާސާ ރާގަކަށެވެ.

" ގައިމުވެސް ހުއްޓުން އަރާފަ ތިހުރީ އަހަރެން ފެނިގެން އުފަލުން ނޫންކަން އަހަންނަށް އެނގޭ." އަނެއްކާ ވެސް ދާއިން އިތުރު ކޮށްލިއެވެ.

" ބައްޕަ އުޅޭތަ؟" އަރޫޝާ އެހިއެވެ.

އެއާއެކު ދާއިންއަށް ފަސްއެނބުރި ގެއާ ދިމާލަށް ބަަލައިލެވުނެވެ. އަރޫޝާ ކުރި ސުވާލުން، ކޮންމެވެސް ކަމެއް ގޯސް ވެއްޖެހެން ވެސް އޭނާއަށް ހީވިއެވެ. ހަމަ އެ ހިނދު ދާއިންގެ ހިތް އަވަސްވެ، ކޮންމެވެސް ވަރަކަށް ހިތްބިރުގަތެވެ.

" ނޫޅޭ ކަންނޭނގެ. ކި...ކިހިނެއްވީ؟" ދާއިން އެހިއެވެ.

" އާދެބަލަ ޖޯލީގައި އިށީނދެލަން. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި." އަރޫޝާ ބުންޏެވެ.

އަރޫޝާގެ ފަހަތުން ދާއިން ގޮސް ޖޯލިފަތީގައި އިށީނދެލީ، އަރޫޝާ ދައްކަން އުޅޭ ވާހަކައެއް އަޑުއަހާ ހިތުން ކެތްމަދުވެފައި ހުރި ހާލުގައެވެ.

" މާ ބޮޑު ކަމެއްވީތަ؟" ދާއިން އެހިއެވެ.

" އަހަންނަށް ވަރަށް ބޮޑު ކަމެއް! އެކަމަކު... އެއީ ދާއިންއަށް އެހާ ބޮޑު ކަމަކަށް ނުވެދާނެ ކަންނޭނގެ. " އަރޫޝާ އެހެން ބުނެ، ދާއިންގެ މޫނަށް ބަލައިލިއެވެ. އޭރު ދާއިން އިނީ ކަޅިޖަހައިނުލާ އަރޫޝާއަށް ބަލަހައްޓައިގެންނެވެ.

" އަސްލު ވީގޮތަކީ... އަހަރެންގެ އޮފީހުގައި މިހާރު އަހަންނާއެކު މަސައްކަތް ކުރާ ކުއްޖާ... އޭނަ.. އޫމް.. އޭނަ ވަރަށް ދާއިންގެ ވާހަކަ އަހަރެންގާތު އަހާ." އަރޫޝާއަށް އެ ވާހަކަ ބުނަން އުނދަގޫ ވެއްޖެއެވެ. އަދި އޭނާގެ ދޫ އޮޅޭ ގޮތްވެ، ބުނަން އުޅޭ އެތި ހަނދާންނެތޭ ކަހަލަ ގޮތެއްވެސް ވީ ކަހަލައެވެ.

" އަހަރެންގެ ވާހަކަ؟ ކާކު އެއީ؟ ބުނެބަލަ އަހަރެން ރަނގަޅޭ." ދާއިން ވާހަކަ ދެއްކީ އަނެއްކާ ވެސް ސަމާސާ ގޮތަކަށެވެ.

" ދާއިންގެ ހާލެއް ނޫނޭ އަހަނީ. " ނުރުހުންވެފައި އަރޫޝާ ބުނެލިއެވެ.

އެއާއެކު ދާއިން ހައިރާންކަމާއެކު ބުމަ އުފުލައިލިއެވެ.

" ނީޒާ ދާއިންއާ ލައިކްވާ ވާހަކަ ބުނީ. އަދި ބުނި ދާއިން ސެޓުކޮށްދޭށޯ." އަރޫޝާ ބުންޏެވެ.

" ވަޓް؟ ނީޒާ، އަރޫ ކައިރީތަ ބުނީ ސެޓްކޮށްދޭށޭ؟" ދާއިންއަށް ޖަހާލެވުނީ ވަރުގަދަ ހިނިގަނޑެކެވެ.

" ދެން އަރޫ ކީކޭ ބުނީ؟ ނުބުނަންތަ އަހަރެމެން ދެ މީހުން އިންނަން އުޅޭ ވާހަކައެއް؟" ދާއިން ބުންޏެވެ.

އެއާއެކު ހައިރާންކަމާއެކު އަރޫޝާއަށް ދާއިންގެ މޫނަށް ބަލައިލެވުނެވެ.

" ދާއިން މޮޔަވީތަ؟ އަހަންނަށް ކެރޭނެތަ ތިހެން ބުނަން؟ އަހަރެން ބުނިން އަހަންނަކަށް އެކަހަލަ ވާހަކަ ދައްކާކަށް ނުކެރޭނެޔޭ. އަޅެ ހަމަ ދާއިން ހެނިއްޔޭ. އަސްލުވެސް އޭނަ ވަރަށް ސީރިއަސް. އަހަރެން މި ހުންނަނީ އެކަމާ ވަރަށް ކަންތައް ބޮޑުވެފައި." އަރޫޝާ ބުންޏެވެ.

" އަރޫ ކީއްވެ ތިހާ ކަންބޮޑުވާން ވީ؟" ދާއިން އެހިއެވެ.

" އަޅެ! ދާއިންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ކަންބޮޑުވާނެކަން. ފަހުން އަހަންނާ ދާއިން ގުޅޭ ހިސާބުން އޭނަ ކީކޭ އަހަންނާމެދު ދެކޭނީ؟ އޭނަ ވަރަށް ގިނައިން އެބަ ކިޔާ ދާއިންގެ ނަންބަރު ހޯދަައިދޭށޭ ވެސް. އަހަރެން މިހާރު އެކަމާހެދި އޮފީހަށް ވަންނަ ހިތްވެސް ނުވޭ." އަރޫޝާ ވާހަކަ ދެއްކީ ފޫހިކަމާއެކުއެވެ.

" ބުނޭ އަހަރެން ސިންގަލްއެއް ނޫނޭ.. މިއަދު ވާނެ އެހެން ބުނަން. އޭރުން ދޯ އިތުރަށް އޭނަ އަހަންނާމެދު އުއްމީދު ނުކުރާނީ. އެހެން ނޫނަސް އަހަރެން ބޭނުމެއްނޫން އެކަމާ އަރޫ ތިހާ މޫޑު ގޯސްވާކަށް. " އޯގާތެރިކަމާއެކު ދާއިން ބުންޏެވެ.

ފުންވިސްނުމެއްގައި އިނދެ އަރޫޝާ މަޑުމަޑުން ބޯ ޖަހާލުމާއެކު ދާއިން ހިނިތުންވެލިއެވެ.

" އަހަރެން މިހާރު ރިސޯޓަށް ދާހިތެއް ވެސް ނުވެ. ކުޑަ ދުވަސްކޮޅެއް އިތުރުވެސް ކޮށްފިން." ދާއިން ބުންޏެވެ.

" ކޮންކަމަކާތަ ތި ވިސްނަނީ؟ އަހަންނަށް މިހާރު އަބަދުވެސް އަރޫ ފެންނަ އިރު ހުންނަނީ ވަރަށް ފިކުރު ބޮޑުވެފަ. ވަރަށް ހާސްވެފަ ހުންނަހެން ހީވަނީ." ދާއިން އެހިއެވެ.

ދާއިންގެ އެ ސުވާލު އަޑު އިވުނު ނަމަވެސް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. ނަދީމްއާއެކު ހޭދަކުރި އެންމެ ފަހުރޭ ހިނގާދިޔަ ކަންތައް ދާއިންއަށް ކިޔައިދޭނެ ހިތްވަރެއް ވެސް އޭނާގެ ކިބަޔަކު ނެތެވެ.ބުނަން ކިތަންމެ ބޭނުންވިޔަސް އޭނާއަށް ހީވަނީ ދުލުގައި ތަޅު އެޅުވިފައި އޮތް ހެންނެވެ.

" އަސްލު ނަދީމްބެ ކިޔާފާނެ އެއްޗަކަށް ބިރުގަންނަނީ ދޯ؟ އަހަންނަށް އެނގެޔޭ ތިހެން ވެދާނެކަން. އަރޫ ނުޖެހޭނެ ނަދީމްބެއަށް ޖަވާބުދާރީ ވާކަށް. ތި ދެ މީހުންނަކީ އަދިވެސް ދެ ބީރައްޓެހިންފަދަ ބައެއްނު. ހުދު އަހަރެން ނަދީމްބެއާ އެކަމާ ގުޅިގެން ވާހަކަ ދައްކާނަން. އަރޫ އަހަންނާ ގުޅެން ބޭނުން ވަންޏާ، ނަދީމްބެ އަރޫ ދެކެ ލޯބި ވިޔަސް ޖެހޭނީ ދުރަށް ދާން. " ދާއިން ބުނެލިއެވެ.

" މިސާލަކަށް އޭނަ ބުނެދާނެ އަހަރެން ވަރިއެއް ނުކުރާނަމޭ. ދެން؟" އަރޫޝާ އެހިއެވެ.

އެ ސުވާލު އިވި، ދާއިން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އެއީ ފަހަރެއްގައި ވެސް އޭނާ ވިސްނާފައި އޮތް ގޮތެއް ނޫނެވެ. ނަމަވެސް އަރޫޝާގެ ކަންބޮޑުވުމަކީ އެއީއޭ ހިތާ ދާއިން ބޭނުންވީ، އަރޫޝާގެ ހިތަށް ފިނިކަމެއް ގެނެސްދެވޭތޯ ބަލާށެވެ.

" އެހެންނެއް ނުބުނާނެ. އެކަމާ ނުވިސްނާ. އަރޫ އޭނައާއެކު އުޅެން ބޭނުން ނުވާކަން އެނގެންޏާ ނަދީމްބެ ނޫޅޭނެ ހުއްޓުވާކަށް. އޭނަ ވަރަށް ގޮތްދޫކުރާނެ." ހިނިތުންވެލަމުން ދާއިން ބުންޏެވެ.

މި ފަހަރު އަރޫޝާ އިތުރަށް އެކަމާ ގުޅިގެން އެއްވެސް ބަހެއް ނުބުންޏެވެ. ސަބަބަކީ ދާއިން ކިތަންމެ ފޮނި ހުވަފެންތަކެއް ދުށް ކަމުގައި ވީ ނަމަވެސް ނަދީމް، އަރޫޝާ ދޫކޮށްނުލާނެކަން ޔަގީނުން ވެސް އޭނާއަށް އެނގޭތީއެވެ. އެހެނަސް އެއީ ފަހަރެއްގައިވެސް އަރޫޝާ ބޭނުންވާ ގޮތެއް ނޫނެވެ.

ހިނިތުންވުމުން ފުރިގެންވާ މޫނަކައިގެން ޒުހުދާ ދޮރު ހުޅުވާލިއެވެ. އެއާއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޒައިނާ އަވަސް އަވަހަށް މަންމަގެ ގައިގައި އޮޅުލައިގަތެވެ.

" ޒުހުދާ! ފުރަތަމަ އެ ކުދިން އެތެރެއަށް ވަންނަން ޖާގަ ދީބަލަ. ނަދީމް އެ ހުރީ އެތެރެއަށް ނުވަދެވިފައެއްނު." ފަހަތުން އައިސް މަހުދީ ބުންޏެވެ.

އެއާއެކު ޒައިނާއާއި ޒުހުދާ އަވަސް އަވަހަށް އެތެރެއަށް ވަދެއްޖެއެވެ.

" ލަގެޖް ގެނެސްދޭނެ ޑްރައިވަރ. ދަރިފުޅުމެން އާދޭ.." މަހުދީ އެހެން ބުނުމާއެކު ނަދީމް އެތެރެއަށް ވަނެވެ.

ސިކުންތެއްގެ ތެރޭގައި އޭނާއަށް މުޅި ގެއަށް ނަޒަރު ހިންގައިލެވުނެވެ. ބޭރަށް ވުރެ، އެތެރެ އަދި މާ ފުރިހަމައޭ އޭނާގެ ހިތަށް އެރިއެވެ. ރާއްޖެއިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ރީތި ގެއެކެވެ. ސިޓިންރޫމްގައި އަތުރާލައިފައި ހުރި ފަރުނީޗަރުން ފެށިގެން ބޮކިތަކާއި ފަންކާ ވެސް އެހާ ރީތި ވެފައި ޝާހީއެވެ. މުޅި ގެ ޒީނަތްތެރިކޮށްފައި ހުރީ ހުދުކުލައާއި ރަން ކުލައިންނެވެ.

" މިއީ ހަމަ ބައްޕަގެ އަމިއްލަ ގެއެއްތޯ؟" ވަށައިގެން ބަލަމުން ދިޔަ ޒައިނާގެ އަޑަށް ނަދީމްއަށް ބަލައިލެވުނެވެ.

" ދަރިފުޅަށް ޝައްކުވަނީތަ؟ މިއީ ހަމަ ބައްޕަގެ އަމިއްލަ މަސައްކަތުން އެއްކުރި ލާރިން ގަނެފައި ހުރި ގެއެއް. މިއީ ހަމައެކަނި ބައްޕަގެ ގެއެއް ނޫން. މިއީ އަހަރެމެން ހަތަރު މީހުންގެ ވެސް ގެ. " މަހުދީ އެހެން ބުނި އިރު ޒައިނާ ގޮސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައި، ކޮނޑުގައި ބޯ ޖައްސާލައިފިއެވެ.

" އަޅުގަނޑު ދުވަހަކުވެސް ބައްޕައަކަށް ޝައްކެއް ނުކުރަން. އަޅުގަނޑަށް އެނގޭ ބައްޕަ ކޮންމެ ކަމެއް ވެސް ކުރައްވާނީ ހަމަ އަޅުގަނޑުގެ އުފަލަށްކަން." ޒައިނާ އެހެން ބުނުމާއެކު މަހުދީ ހީލިއެވެ.

ގޭތެރޭގައި ހަރަކާތްތެރިވަމުން ދާ ދެބައި އުމުރުގެ ދެ ފިރެހެނުން ފެނި، ނަދީމްއަށް އެ މީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަދީމް ހުރި ގޮތް ފެނި ޒުހުދާއަށް ހެވުނެވެ.

" އެއީ މި ގޭ ބޭރުގައި އޮތް ބަގީޗާ ބަލަހައްޓާ ދެ މުވައްޒަފުން. އޭގެ އިތުރުން މި ގެ ސާފުކޮށް ބެލެހެއްޓުމާ، ކައްކާ، ދޮވެ އިސްތިރިކުރަން ވެސް މުވައްޒަފުން ތިބޭނެ. ދަރިފުޅުމެން ކަމަކަށް ބޭނުން ވެއްޖެނަމަ އެ މީހުން ގާތު ބުނެލާ. " ޒުހުދާ ބުންޏެވެ.

ޒައިނާގެ އާއިލާ އެމެރިކާގައި ހޭދަކުރަމުންދާ މުއްސަނދި ދިރިއުޅުން ފެނި، ނަދީމް އާޝޯހް ވެއްޖެއެވެ. އެތެރެއަށް ވަތް ފިޔަވަޅުމަތީ އޭނާއަށް ހުރެވުނީއެވެ.

" މަތީގައި ހުންނާނެ ދަރިފުޅުގެ ހާއްސަ ކޮޓަރި. ދާންވީ އެއްނު. ފްރެޝް ވެލައިގެން ކާން ނިކުމޭ." ޒުހުދާ ބުނެލީ ޒައިނާއަށް ބަލައިލަމުންނެވެ.

އެ ވަގުތު ކުރިމަތިން ފެންނަން އޮތް ފުޅާ، ދިގު ސިޑިއަށް ނަދީމްއަށް ނަޒަރު ހިންގާލެވުނެވެ.

" ނަދީމް. ހިނގާ ދާން. ފެންވަރާލައިގެން ކާން އަންނަން. މިހާ ދިގު ދަތުރެއް ކުރިޔަސް، މަންމަމެން ފެނުނީމަ ވަރުބަލިކަން ވެސް ފިލައިގެން ގޮއްސިހެން ހީވަނީ." ހެވިފައި ހުރެ ޒައިނާ ބުންޏެވެ.

ޒައިނާގެ ފަހަތުން ނަދީމް ކޮޓަރިއަށް ދިޔައެވެ.

" ވާއޯ...." އެތެރެއަށް ވަތް ގޮތަށް ޒައިނާ ބުނެލީ ތުންފަތުގައި އަތް ޖައްސާލަމުންނެވެ.

އޭނާއަށްޓަކައި ކޮޓަރި ތައްޔާރުކޮށްފައި ހުރީ ހަނީމޫން ތީމަށެވެ. ރަތްކުލައާއި ހުދު ކުލައިގެ ފިނިފެންމަލުން އެނދުމަތި ޒީނަތްތެރިކޮށްފައި ވާއިރު އެނދު ކައިރީގައި ހުރި ކުޑަ ކަބަޑު މަތީ ބޮޑު ޕާރްސަލްއެއް އޮތެވެ. ޒައިނާ ދުއްވައިގަތީ އެ ޕާރްސަލާ ދިމާލަށެވެ. އެއާމެދު ޝައުގުވެރިކަމެއް ނެތް ނަމަވެސް ނަދީމްގެ ނަޒަރު ހުއްޓިފައި ހުރީ ކޮޓަރީގައި ހުރި އަގުބޮޑެތި އެއްޗެއްސަށެވެ. ރާއްޖޭގެ ފައިވް ސްޓާ ރިސޯޓެއްގެ ކޮޓަރިއަކަށް ވުރެ ވެސް ޒައިނާގެ ކޮޓަރި މާ ފުރިހަމައެވެ.

" ނަދީމް؟ ކީއްވެތަ ތި ހުރީ؟ އާދެބަލަ މި ކަނޑާލަން. މިއީ އަހަރެމެންގެ ވެޑިން ގިފްޓަށް ބައްޕަ ދެއްވި ހަދިޔާއެއްނު. އެކަމަކު މި ވަރަށް ލުއި. ވެދާނެ ދޯ ޑޮލަރު ކަމަށް ވެސް.." ފޮނި ގޮތަކަށް ހެވިފައި ހުރެ ޒައިނާ ބުންޏެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ ނަދީމް ޒައިނާއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނުމާއެކު އެ ފޮށިގަނޑުގެ ތެރެއިން ޒައިނާ ނެގީ ދެ ސިޓީއުރައެވެ.

" މި އޮތީ އަހަރެމެން ދެ މީހުންގެ ނަމުގައި އޮތް ސިޓީ އުރައެއް. އެކަމަކު މީގަ އޮތީ ހަމައެކަނި ނަދީމްގެ ނަން." ޒައިނާ ބުންޏެވެ.

ހައިރާންވެފައި އިނދެ އެއް ސިޓީއުރަ ނަދީމްއަށް އޭނާ ދިއްކޮށްލިއެވެ. އެއާއެކު ދެ ލޯ ކުޑަކޮށްލަމުން ނަދީމް އެ ސިޓީ އުރަ ކަނޑާލުމަށްފަހު އޭގައި އޮތް ކަރުދާސް ނެގިއެވެ. އަވަސް އަވަހަށް ކަޅި ހިންގަމުން އޭނާ އެ ކަރުދާހަށް ބަލަމުން ދިޔަ އިރު ޒައިނާ އިނީ ކެތްމަދުވެފައި ލޮލަކުން ނަދީމްއަށް ބަލާށެވެ.

" ކޯއްޗެއްތަ؟" ޒައިނާ އެހިއެވެ.

" ޖޮބް އޮފާ އެއް. " ނަދީމް ބުންޏެވެ.

" ވަޓް؟ ޖޮބް އޮފާއެކޭ؟ ކޮންކަހަލަ؟" ޒައިނާ ބުނެލީ ދެ ކޮނޑު ހިއްލާލަމުންނެވެ.

" ޒައިއަކަށް ހަމަ ނޭނގޭތަ؟ " ތޫނު ނަޒަރަކުން ޒައިނާއަށް ބަލައިލަމުން ނަދީމް އެހިއެވެ. އެއާއެކު ޒައިނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

" ޓްރަސްޓް މީ ނަދީމް. އަހަންނަށް ނޭނގޭތީއޭ މި އަހަނީ. ބައްޕަ އަހަރެމެންނަށް ދިން ސަޕްރައިޒެއް ވަކި އަހަރެން ކައިރިއަކު ވެސް ނުބުނާނެއެއްނު. " ޒައިނާ ބުނެލީ ނަދީމްގެ މޫނުގައި އަތް ޖައްސާލަމުންނެވެ.

" ބަލާބަ! މިއޮތީ ހަނީމޫން ޓްރިޕްގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފަ. އެނގޭތަ ކޮން ގައުމަކަށްކަން؟ ބާލީއަށް. ބައްޕައަށް އެނގިލައްވާނެ އަހަރެން އަބަދުވެސް ބާލީއަށް ވަރަށް ދާހިތްވާކަން." ޒައިނާ އުފަލުން އިނދެ ބުންޏެވެ.

ނަދީމްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

" އަސްލުވެސް އަހަރެން މި ތަނަށް އައި އިރު އަހަންނަކަށް ނޭނގެ ބައްޕަ މިހާ ބޮޑަށް ކުރިއަރައިގެން ދިޔަކަމެއް. މި ބުނީ މިހާ ރިޗް ލައިފްއެއް އުޅޭކަމެއް ނޭނގެޔޭ. އެކަމަކު ނަދީމް... މި ހުރިހާ އުފަލަކާއި އަރާމެއް ދޫކޮށް އަހަރެން ނަދީމްއާއެކު ނަދީމްގެ ރަށުގައި އުޅެން ބޭނުމީ. އަހަންނަށް މުހިއްމީ ހަމައެކަނި ނަދީމް." ޒައިނާ ނަދީމްގެ އުނގުތެރެއަށް ވަންނަމުން ބުންޏެވެ.

" ބައްޕަ އެ ދެއްވި ޖޮބްއަށް ހަދަން ވީ ގޮތެއް އަހަންނެއް ނުބުނާނަން. އެކަމާ ވިސްނާނީ ނަދީމް. ނަދީމްގެ ކޮންމެ ނިންމުމަކަށް އަހަރެން އިހްތިރާމް ކުރާނަން." ޒައިނާ އެހެން ބުނެ، އޭނާ މަޑުމަޑުން ނަދީމްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ނަދީމް ބޭރަށް ނިކުތް އިރު އޭނާގެ އިންތިޒާރުގައި މަހުދީ އިނެވެ. ނަދީމް ފެނުމާއެކު އައުމަށް އިޝާރާތް ކުރިއެވެ. ނަދީމް އައިސް އިށީނީ މަހުދީގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އޭރު ނަދީމް އިނީ ވަރަށް ބޮޑަށް ޖެހިލުން ވެފައެވެ.

" ރޭގަނޑު ކައިގެން ގްރީން ޓީއެއް ބޯލަން އާދަ ކުރަންވާނެ. އޭރުން ބޭކާރު ވިސްނުންތަކުން ދުރުވެ، ރަނގަޅަށް ނިދި ލިބި، ސިކުނޑިއަށް ވެސް ލުއި ލިބޭނެ. " މަހުދީ ބުންޏެވެ.

ކުރިމަތީގައި ހުރި ހުދުކުލައިގެ މުށިޖަގުން ގްރީން ޓީ ތައްޓެއް އެޅުމަށްފަހު މަހުދީ ނަދީމްއަށް ދިއްކޮށްލިއެވެ. ނަދީމް އެ ޖޯޑުގައި ހިފީ ހީލަމުންނެވެ.

" ހޫމް... ބައްޕަގެ ހަދިޔާ ކިހިނެއް؟" އަމާޒަށް ވާސިލްވެވޭތޯ މަހުދީ ފެށީ ދުރުދުރުންނެވެ.

އެއްޗެއް ބުނަން ނުކެރި އިނދެ ނަދީމް ހިނިތުންވުމަކުން ފުއްދާލިއެވެ.

" މަހަކު 6000 ޑޮލަރު މަދުވާނެތަ؟" މަހުދީ ސުވާލު ކޮށްލީ ދުރަށް ބަލައިލަމުންނެވެ.

މަހުދީގެ މޫނަށް ބަލަހައްޓައިގެން އިން ނަދީމްއަށް ހިންދިރުވާލެވުނެވެ. އެ ޖުމްލަ ތަކުރާރުކޮށް އަޑުއަހާ ހިތްވިއެވެ.

" ގަބޫލު ނުކުރެވިފައިތަ ތި އިންނަނީ؟" މި ފަހަރު މަހުދީ ނަދީމްގެ މޫނަށް ބަލައިލިއެވެ. އެއާއެކު ވަރަށް އުނދަގުލުން ނަދީމް ހީލިއެވެ. ހަގީގަތުގައި އޭނާ އިނީ ހީލަން ވެސް ނޭނގިފައެވެ.

" އަހަންނަކީ ޒައިނާގެ ބައްޕަކަން ކުޑަ ވަގުތު ކޮޅަކަށް ހަނދާން ނައްތާލަބަލަ! މީޓް ދަ ސީ.އީ.އޯ އޮފް ޒައި އާކިޓެކްޗަރ ފާމް." ސަލާމަށް އަތް ދިއްކޮށްލަމުން މަހުދީ ބުންޏެވެ.

ޖެހިލުންވެ އިނދެ ނަދީމްއަށް ކުޑަކޮށް ހަށިގަނޑު ތެދުކޮށްލެވުނެވެ. އަދި ތުރުތުރުއަޅާ ފަދަ ހާލެއްގައި އިނދެ އޭނާ މަހުދީއާ ސަލާމްކޮށްލިއެވެ. ނަދީމްގެ އަތަށް މަހުދީ ފިތާލުމާއެކު ނަދީމްއަށް އަނެއްކާ ވެސް ހިންދިރުވާލެވުނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)