ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި ދާއިން ފެނުމާއެކު އަރުޝާއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ގެއަށް ވަންނަން ދުއްވައިގަންނާނީތޯ ނުވަތަަ ހުރިތާ ހުންނަންވީތޯ އަމިއްލަ ހިތާ އޭނާއަށް ސުވާލު ކުރެވުނެވެ. މާ ލަސްތަކެއް ނުވެ ދާއިން އޭނާއާ ދިމާލަށް އަންނަން ފެށިތަން ފެނި، ނޭވާ ހިފަހައްޓާލެވުނެވެ.
ދާއިން އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމާއެކު އަރޫޝާ މަޑުމަޑުން އަނެއްކާ ވެސް ޖޯލިފަތީގައި އިށީނެވެ. އަރޫޝާ އިން ގޮތުން ހީވަނީ އޭނާ އެ އިނީ ދާއިންއާ ހަތަރުކަޅި ހަމަ ކުރަންވެސް ބޭނުން ނުވެފައި ހެންނެވެ. ކޮނޑުގައި އޮތް ދަބަސް ޖޯއްޔަކަށް ވައްޓާލުމަށްފަހު ދާއިން އިށީނީ، އަރޫޝާ އާ އެއް ޖޯލި ދޫކޮށްފައެވެ. އޭރު ވެސް އަރޫޝާގެ ނަޒަރު ހުއްޓިފައި ހުރީ މާ ދުރަށެވެ.
" އަހަރެން ގުޅީމަ ފޯނެއް ނުނަގަ. މެސެޖަކަށް ޖަވާބެއް ނުދެ. ކިހިނެއް ވީ؟" ދާއިން ސުވާލު ކުރީ ލަސްލަހުންނެވެ. ނަމަވެސް އޭނާގެ ރާގުގައި ހުރީ ލޯބިވެތިކަމާއި މަޑުމައިތިރި ކަމެވެ.
" އޫމް؟" އަރޫޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ދާއިން އޭނާ އެތާ އިންކަން ހަނދާން ކޮށްދިނެވެ.
" ކަމެއް ނުވެ. " އަރޫޝާ ޖަވާބު ދިނީ އާދައިގެ ގޮތަކަށެވެ.
" ނަދީމްބެ އެމެރިކާއަށް ދާ ވާހަކަ ވެސް އަރޫ އަހަރެން ކައިރިއަކު ނުބުނަމެއްނު. " ދާއިން ބުނެލިއެވެ.
މި ފަހަރު ވެސް އަރޫޝާގެ އެއްވެސް ބަހެއް ދާއިންއަކަށް ނުލިބުނެވެ. އަރޫޝާގެ އެ ހަމަހިމޭންކަމުގެ ފަހަތުގައި ކޮންމެވެސް ކަންތައްތަކެއް އުޅޭހެން ދާއިންއަށް އިހްސާސް ކުރެވުނެވެ. މީގެ ކުރިން ދާއިން އާ ބައްދަލްވުމުން އަރޫޝާ ބިރުގަންނަނީ ނަދީމްއަށް ޝައްކު ވެދާނެތީއެވެ. އެކަމަކު ނަދީމް ރަށުގައި ނެތްއިރު ވެސް އަރޫޝާގެ މޫނުމަތިން ދާއިން ބޭނުންވި ކަހަލަ އުފާވެރިކަމެއް މިއަދަކު ނުފެނުނެވެ.
ދާއިން ހީކުރީ އޭނާ ފެނުމުން އަރޫޝާ އުފަލުން ފުންމައިގަންނާނެ ކަމަށެވެ. އަރޫޝާގެ ފަރާތުން ދާއިން އަޑުއަހަން ބޭނުންވާ ފަދަ ލޯބިލޯބި ޖުމްލަތަކުން އޭނާގެ ހިތް ފުރައިދޭނެ ކަމަށެވެ. ނަމަވެސް އަރޫޝާގެ ފަރާތުން އޭނާއަށް ފެނުނީ މުޅިން ތަފާތުކަމެވެ.
" އަރޫ. ރޭގަ އަހަންނަށް ނަދީމްބެ ގުޅި. އޭނަ ދެއްކި ވާހަކަތަކުން އަހަރެން މި ހުރީ ވަރަށް ބޮޑަށް ކަންބޮޑު ވެފައި." ދާއިންގެ ޖުމްލައިން އަރޫޝާގެ މޭ ކަރާލިއެވެ. ހިންދިރުވާލަމުން އަރޫޝާ ދާއިންއަށް ބަލައިލިއެވެ. އޭރު އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއްވަނީ ވެރިވެފައެވެ. ޖެހިލުންވި ވަރުން ވާހަކަ ދައްކަން ވެސް އުނދަގޫވި ކަހަލައެވެ.
" ކީ...ކީކޭ... ބުނީ.... ނަދީމް؟" ބިރުން އިނދެ އަރޫޝާ އަހައިލި އިރު އޭނާ ދާހިއްލަން ފަށައިފިއެވެ.
" ޒައިނާ ވަރިކުރާ ވާހަކަ. އެމެރިކާއަށް ގޮސް ޒައިނާ ވަރިކޮށްފައި ވަރަށް އަވަހަށް ރަށަށް އަންނާނެ ވާހަކަ. އަދި އަރޫއާ އެއްކޮށް އުޅެން ބޭނުންވެފައި ހުރިކަން އެނގޭ އޭނަގެ ވާހަކައިން." ދާއިން ބުނެލީ އަރޫޝާއާ ހަތަރުކަޅި ހަމަކޮށްގެން އިނދެއެވެ.
" މި ކަހަލަ އެއްވެސް ވާހަކައެއް އަރޫ ކައިރިއަކު ނުދައްކާތަ؟ " ލަސްނުކޮށް ދާއިން އެހިއެވެ.
ޖަވާބު ދޭން އުނދަގޫވަމުން ދިޔަ ވަރަކަށް އަރޫޝާއަށް ރޮވޭ ގޮތް ވެއްޖެއެވެ. ރޯން ބޭނުން ނުވިޔަސް، އޭނާގެ ދެ ލޯ ކަރުނައިން ތެންމާލާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. ކޯތާ ފަތްމައްޗަށް ކަރުނަތައް އޮހިގެން ދާއިރު ވެސް އޭނާއަށް އިނދެވުނީ، ކަންބޮޑުވެފައި އިން ދާއިންގެ މޫނަށް ބަލާށެވެ.
" އަރޫ؟ ކިހިނެއްވީ؟ ހުއްޓާލަބަލަ! ފުރަތަމަ ހުއްޓާލާ!" ދާއިން ވަށައިގެން ނަޒަރު ހިންގާލަމުން ބުނެލިއެވެ.
އަރޫޝާ އަވަހަށް ދެ އަތުން ކަރުނަތައް ފުހެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ނަމަވެސް އޭނާއަކަށް އޭރުވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ.
" އަހަރެން ކައިރީ އެ ހުރިހާ ވާހަކަތަކެއް އޭނަ ދެއްކިއޭ. އޭނަ ބޭނުންވަނީ އަހަންނާއެކު އުޅެން. އަހަންނަށް މިހާރު ނަދީމްދެކެ....ލޯބި ނުވާ ވާހަކަ ވެސް ބުނެވިއްޖެ. އެކަމަކު އޭނައަކަށް އެކަމެއް ގަބޫލެއް ނުކުރެވޭ. ނަދީމް ހުރީ އެއަށް ވުރެ މާ ބޮޑަށް އަހަރެން ބޭނުންވެފައި. އަހަރެން ލޯބި ނުވިޔަސް އޭނައަށް އޯކޭ. އޭނަ އަހަރެންދެކެ އިންތިހާއަށް ލޯބިވަމޭ ބުނަނީ. އަދި އަހަންނަށް ވެސް އޭނަދެކެ ލޯބި ވެވޭނެޔޯ ބުނީ. އެއްގޮތަކަށް ވެސް އޭނަ އަހަރެން ދުލެއް ނުކުރި. ނުވެސް ކުރާނެ. " ރޮވިފައި އިނދެ އަރޫޝާ ވާހަކަ ދެއްކިއެވެ.
ދެ ފަރާތަށް ބޯ ހޫރާލަމުން ދާއިންއަށް ދުރަށް ބަލައިލެވުނީ ރުޅިވެރި ލޮލަކުންނެވެ. އަރޫޝާގެ ވާހަކަތަކުން އޭނާއަށް ނަދީމްދެކެ ރުޅި އާދެވުނެވެ.
" ދެން އޮތީ އަހަންނާ އަރޫގެ ގުޅުމުގެ ވާހަކަ ނަދީމްބެ ގާތު ރީތިކޮށް ބުނުން. އެހެން ނޫނީ ޒައިނާ ވަރިކޮށްފައި އައިސް، އޭނަ އަރޫގެ ލޯބި ހޯދަން މަސައްކަތް ކުރާނެ. އަހަންނަށް އެކަން ޔަގީން.... އޭރުން އޭނަ އައިސް ނިދާނީ ވެސް އަރޫގެ ކޮޓަރީގައެއްނު. މިހާރު ވެސް ސަލާމަތުން ތި އިނދެވުނީ ޒައިނާ މިގޭގައި އުޅުނީމަ.އެހެން ނޫންނަމަ މިހާރު ވެސް އޭނަ އެ ފުރުސަތު ހޯދީސް ކަންނޭނގެ." ދާއިންގެ ވާހަކަތަކުން އަރޫޝާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ހާސްވެ، ނޭވާލާން ވެސް އުނދަގޫވާހެން އޭނާއަށް ހީވެއެވެ.
" އަރޫއަކީ ހަމައެކަނި އަހަރެންގެ މީހެއް. އެހެން އެއްވެސް މީހަކަށް އަރޫގެ ފަރާތުން އުފަލެއް، ލޯތްބެއް އަދި އަރާމެއް ވެސް ނުލިބޭނެ. އެ ހުރިހާކަމެއްގެ ހައްގުވެރިޔަކީ ހަމައެކަނި އަހަރެން. އަރޫ ފިޔަވައި އިތުރު އެއްވެސް މީހަކު އަހަރެން ބޭނުމެއް ނޫން." ކަޅި ޖަހައިނުލާ އަރޫޝާގެ މޫނަށް ބަލަން އިނދެ ދާއިން ވާހަކަ ދެއްކިއެވެ.
އަރޫޝާ އިނީ ހުއްޓުން އަރާފައެވެ. ދާއިންގެ ވާހަކަތަކުން އޭނާއަށް އިތުރު ހިތްދަތިކަމެއް ލިބިއްޖެއެވެ. ނަދީމްއާ ދެމެދު ގުޅުމެއް ހިނގިކަން ދާއިން ގާތު ބުނާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އަމުދުން މިހާރު އެ ވާހަކަތައް ކިޔައިދޭން އޭނާ އިނީ ޖެހިލުން ވެފައެވެ. އެކަން ދާއިންއަށް އެނގުމުން ދާއިންގެ ހުވަފެންތަކާއި އުއްމީދުތައް ވިއްސިވިހާލި ވާނެކަން އަރޫޝާއަށް އެނގެއެވެ. ފަހަރެއްގައި ދާއިން ދެން އޭނާ ބޭނުން ވެސް ނުވެދާނެޔޭ ހިތަަށް އެރުމާއެކު އަރޫޝާ އަނެއްކާ ވެސް ފެންކަޅި ވިއެވެ.
" އޭނަ އެކޮޅުން އައުމުގެ ކުރިން އޭނަ ކައިރީ އެ ވާހަކަ ބުނަން އުޅޭ! އޭރުން ވެސް ޒައިނާ ކައިރީ އެތާ މައިތިރި ވެދާނެ." ދާއިންއަށް ބުނެވުނެވެ.
" އަރޫ ކީއްވެތަ ތިހާ މަޑުން ތި އިންނަނީ؟ އަހަރެން މި ދައްކާ ވާހަކަތަކަށް ހިޔާލެއް ދީބަލަ." އަރޫޝާއަށް ބަލައިލަމުން އަނެއްކާ ވެސް ދާއިން ވާހަކަ ދެއްކިއެވެ.
އަރޫޝާއަކަށް ދޭނެ ހިޔާލެއް ވެސް ނޭނގުނެއެވެ. ވަރުދެރަވެފައި އިންނަ ފަދަ ގޮތަކަށް އޭނާއަށް އިނދެވެނީއެވެ.
" އެހެންވިއްޔާ އަހަރެން ބުނަންވީތަ ނަދީމްގެ ގާތު، އަރޫއާ އަހަންނާ އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ. އަރޫ ވަރިކުރާށޭ ބުނަންވީތަ؟" ދާއިންއަށް ބުނެވުނީ ނުހަނު ބާރަށެވެ.
ވަގުތަކީ މިސްކިތަށް ދާން، ރިޒާ ނިކުތް ވަގުތެވެ. ރިޒާ ފެނުމާއެކު ދާއިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަރޫޝާ ވެސް އިނީ ޖެހިލުންވެފައެވެ. ރިޒާއަށް އަޑު އިވުނުކަމެއް ނުވަތަ ނީވޭ ކަމެއް ވެސް އެ ދެމީހުންނަކަށް ނޭނގެއެވެ. ބޮލުގައި ތާކިހާ އަޅައިލުމަށްފަހު ރިޒާ އައިސް ހުއްޓުނީ ދެ މީހުންގެ ކުރިމަތީގައެވެ.
" ބައްޕައަށް އެނގޭ ތި ދެ ކުދިން އެކަކު އަނެކަކު ދެކެ ލޯބިވާކަން. އެކަމަކު އަރޫޝާއަކީ މިހާރު ނަދީމްގެ އަނބިމީހާ. އެއީ ދަރިފުޅުގެ އެއްބަނޑު އެއްބަފާ ބޭބެ. ދަރިފުޅު ތި ވާހަކަ ދައްކައިގެން ނަދީމް އަރޫޝާ ވަރިކޮށްފާނެ. އެކަމަކު ސުވާލަކީ ބޭބެ ވަރިކުރީމަ ކޮއްކޮ އިނުމަކީ ރީތި ގޮތެއްތޯ؟" ރިޒާ އެހެން ބުނުމުން ދާއިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ބައްޕަ އެ މައުޟޫއަށް ވާހަކަ ދައްކަން ފެށުމުން، ވަގުތުގެ ބޭނުން ހިފަން ދާއިން ހުރީ އިންތިހާއަށް ބޭނުން ވެފައެވެ.
" ބައްޕަމެން އަދިވެސް ވިސްނަނީ މީހުންނާމެދު. މީހުން ކިޔާފާނެ އެއްޗަކާމެދު. އެއްފަހަރު ވެސް އަހަރެންގެ އިހުސާސްތަކާމެދަކު ނުވިސްނަ. މަންމައާއި ބައްޕައަށް އަހަންނާ އަރޫގެ ގުޅުން އެނގި ހުރެ، ގަސްތުގައި އަރޫ ނަދީމްބެއާ ދެވީ. އަހަންނަކީ ހަރުދަނާ މީހަކަށް ވިޔަސް، ނުވިޔަސް ބައްޕަމެންގެ ސަބަބުން އަރޫގެ މުޅި ދިރިއުޅުން ބަރުބާދުވީ. އަދި އަހަރެންގެ ވެސް." ދާއިންގެ ޖަޒްބާތުތައް ކެކި އުތުރެން ފެށި ކަހަލައެވެ.
" ދާއިން! އިތުރަށް ބައްޕައަށް އެއްވެސް އެއްޗެއް ނުކިޔައްޗޭ. އަހަރެން ނުކުރާ ޝަކުވާއެއް ދާއިން ކުރަނީ ކީއްކުރަން؟" އިސް އުފުލައިލުމަށްފަހު އަރޫޝާ ބުނެލިއެވެ.
އިންތިހާއަށް ދެރަވެފައި ހުރި ރިޒާ، މަޑުމަޑުން ދާއިންއާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އޭރު މަޣްރިބް ނަމާދު ބަންގި އިޢުލާން ކުރަން ފަށައިފިއެވެ.
" ބައްޕަ ގަބޫލުކުރަން އެ ދުވަހު އެ ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން. ބައްޕަ ތި ދެ ކުދިންގެ ފަރާތުން މަޢާފަށް އެދެން. އަދި ދާއިން ގާތު ވަރަށް މުހިއްމު ވާހަކައެއް ބުނެލަން ބޭނުން. ވަރަށް ބޮޑު ކަމަކު އެދެން ބޭނުން." ރިޒާ ބުންޏެވެ.
އެއާއެކު ދާއިންގެ އިތުރުން އަރޫޝާއަށް ވެސް ރިޒާގެ މޫނަށް ބަލައިލެވުނީ ކެތްމަދުވެފައި ވާ ހާލުގައެވެ.
" އަރޫޝާދެކެ ތި ދެބެއިން ވެސް ވަރަށް ލޯބިވާކަން ބައްޕައަށް އެނގޭ. ނަދީމް ވެސް ދެން އެނބުރި އަންނާނީ ޒައިނާ ވަރިކޮށްފައި. އޭނަ ގަސްތުކުރަނީ އަރޫޝާއާއެކު ރަނގަޅު ދިރިއުޅުމެއް އުޅެން. އެކަމަކު މިއަދު ބައްޕައަށް އެނގިއްޖެ، ދަރިފުޅު އަދިވެސް އަރޫޝާ ބޭނުންވާކަން. ބޭބެ ކައިރިން ދުރުކޮށްގެން ވެސް ދަރިފުޅު ބޭނުންވަނީ އަރޫޝާ ހާސިލްކުރަންކަން." ރިޒާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. އޭރުވެސް އަރޫޝާއާއި ދާއިން ތިބީ ރިޒާގެ މޫނަށް ބަލަހައްޓައިގެންނެވެ.
" ދަރިފުޅު ފަށަން ތި އުޅެނީ ވަރަށް ބޮޑު ހަނގުރާމައެއް. ކުރަން ތި އުޅެނީ ބޭބެގެ ހައްގަކަށް އަރައިގަތުންކަހަލަ ކަމެއް. ރަހިމުގެ ގުޅުމަކީ ވަރަށް މާތް ގުޅުމެއްކަން ހަނދާނުގައި ބަހައްޓާތި. އަންހެންކުއްޖަކަށްޓަކައި އެ ގުޅުން ކަނޑައިގެން ނުވާނެ. މިހާރު ބައްޕަގެ ތިބީ ހަމައެކަނި ތި ތިން ކުދިން. ތި ތިން ދަރިންގެ މެދުގައި ހަމަނުޖެހުން ފެށުމުން، މި އުމުރުގައި ބައްޕަ ކުރާނެ ހިތާމަ އަންދާޒާ ކުރެވޭނެތަ؟ ވެވިފައި އޮތް ކައިވެންޏެއް ރޫޅާލަން މަސައްކަތް ނުކުރޭ ދާއިން. މިއީ ބައްޕަ ދޭނެ ނަސޭހަަތަކީ." ރިޒާ ބުންޏެވެ.
ރިޒާގެ ވާހަކަ ނިމުމާއެކު ދާއިންއަށް ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ. އަރޫޝާއަށް އަވަސް އަވަހަށް އިސްޖަހާލެވުނެވެ. ނަމަވެސް ހިނދުކޮޅަކަށް ދާއިން އަރޫޝާއަށް ބަލަން އިނެވެ. އެއަށްފަހު އޭނާ ރިޒާއާ ދިމާލަށް މޫނު އަނބުރާލިއެވެ.
" ބައްޕަ ގޮތް ތި ނިންމީ ހަމައެކަނި ނަދީމްބެއާމެދު ވިސްނާފަ. ބައްޕަ އަޅެ އަރޫ ގާތު ހަމަ އެންމެ ފަހަރަކު ވެސް އަހާލަބަލަ އަރޫ ބޭނުންވަނީ ކޮން ގޮތެއްތޯ؟ އަރޫ ނަދީމްބެއާއެކު އުޅެނީ އުފަލުގައިތޯ؟ ނޫނީ އަރޫ ބޭނުންވަނީ ކާކުތޯ؟ ބައްޕަ އަހާބަލަ. އަރޫ ބައްޕައަކަށް ދޮގެއް ނަހަދާނެ." ދާއިން ހުރީ އަރޫޝާގެ ޖަވާބު އިންތިހާއަށް ބޭނުންވެފައެވެ. ބައްޕަގެ ވާހަކަތަކުން އަރޫޝާ މަސްލަހަތަށް ވިސްނާނެކަން ދާއިންއަށް ޔަގީން ކުރެވެއެވެ.
" އަރޫޝާ ޖަވާބު ދޭ ގޮތަކުން އަހަރެން މިރަށުން ފުރައިގެން ހިނގައިދާނަން. އަހަރެން އަރޫއަކަށް އިންތިޒާރެއް ނުކުރާނަން. އަދި ނަދީމްބެއާ އަރޫގެ ދިރިއުޅުމުގެ ތެރެއަކަށް ނުވަންނާނަން. " ދާއިންގެ ވާހަކަ އަޑުއަހަން އިން އަރޫޝާއަށް ދެ ލޯ މަރާ ފިއްތައިލެވުނެވެ.
ހަދާނެ ގޮތް ހުސްވެފައި އޭނާއަށް އިނދެވުނީ ރިޒާގެ އަޑު ކަންފަތުގައި ޖެހެން ދެންނެވެ.
" ތެދެއް ދަރިފުޅު ބޭނުންވަނީ ކޮން ގޮތެއް؟" ރިޒާ ބުންޏެވެ.
އަރޫޝާއަށް ފުންނޭވާއެއް ދޫކޮށްލެވުނީ ހަށިގަނޑުތެރޭގައި ހިނގަމުންދާ ހައިޖާނުގަނޑު މައިތިރި ކުރެވޭތޯއެވެ. ނަމަވެސް ހިތުގެ ހިނގުމާއި މޭގެ ތެޅުން މަތައެއް ނުވިއެވެ. ނޭވާ އަވަސްވެ، ހަށިގަނޑު ރޫރޫ އަޅާ ކަހަލައެވެ.
" ރަހިމުގެ ގުޅުމެއް ކެނޑި، މަސްލަހަތު ގެއްލި، އާއިލާ ހަމަނުޖެހުމުގެ ތެރެއަށް ގަންބާލާކަށް އަހަރެން ބޭނުމެއް ނޫން. ދާއިން! މިކަން ދެން މި އޮތް ގޮތަށް ބާއްވާ. އަހަރެންގެ ހަޔާތުން ދާއިން ދުރަށް ދޭ. އަހަންނާ ދާއިންއާ މެދު އެއްވެސް ގުޅުމެއް އޮތިއްޔާ، އެ ގުޅުން މިހާރުން މިހާރަށް ހަނދާންނައްތާލާ. ބައްޕަ އެ ބުނީ ތެދެއް! އަހަންނަކީ މީހެއްގެ ހައްގެއް. އަހަންނަކީ ދާއިންގެ ބޭބެގެ ހައްގެއް. އަހަންނަށްޓަކައި ދާއިންގެ ދިރިއުޅުން ބަރުބާދު ނުކުރޭ." އަރޫޝާ ބުންޏެވެ.
އޭނާ ހަރަކާތެއް ނެތި ގަބުވެފަައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މާ ދުރަށެވެ. ހިކިވެ ކުރަކި ވެފައިވާ ދެ ތުންފަތް ދުލުން ތެންމާލުމަށްފަހު އޭނާ މަޑުމަޑުން ތެދުވެ ގެއާ ދިމާލަށް ހިނގައިގަތީ އެއްވެސް ފަރުވާލެއް ނެތިއެވެ.
އަރޫޝާގެ ވާހަކަ އިވި، ދާއިންއަށްވެސް ވީ އެ ފަދަ ގޮތެކެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ދާއިންއަށް ވެސް އިނދެވުނީއެވެ.
" އިރާދަކުރެއްވިއްޔާ ދަރިފުޅަށް ރަނގަޅުގޮތެއް ވާނެ. ދިރިއުޅުމާމެދު އުއްމީދު ކުޑަ ނުކުރޭ. " ރިޒާ ބުންޏެވެ.
އޭނަ ތެދުވެ، ދާއިންގެ ބުރަކަށީގައި ފިރުމާލުމަށްފަހު ދޮރާއްޓާ ދިމާލަށް ހިނގައިގަތެވެ. އޭރު ވެސް ދާއިން ހަމަ އިނީއެވެ.
ޖޯލީގައި އިރުކޮޅަކު އިނދެލުމަށްފަހު ދަބަސް ހިފައިގެން ދާއިން ވަނީ ގެއަށެވެ. އެއާއެކު އޭނާގެ ހިތަށް މަންމަގެ ހަނދާންތައް ވެރިވެއްޖެއެވެ. ގޭތެރޭގައި މަންމަ އުޅޭހެން ހީވާން ފެށިއެވެ. މަންމަގެ ހަނދާން އާ ކުރުމަކީ ދާއިން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެއީ އިތުރަށް އޭނާ ދެރަވެ، މާޔޫސްވާތީއެވެ. މަންމަގެ ހަނދާނެއް އަޔަސް އެންމެ ފުރަތަމަވެސް އަންނަނީ މަންމައާ ޒުވާބު ކުރާ ހަނދާނެވެ. މަންމައާ ދެބަސްވެ، އަރައިރުންވާ ހަނދާނެވެ. އެހެންވެ، އެކަމާ އޭނާ އިތުރަށް ހިތާމަ ކުރަން ޖެހެއެވެ.
އެމެރިކާއަށް ދިޔުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ކަމެއް ޒައިނާ، ނިންމައިފިއެވެ. ޖެހިގެން އަންނަ ދުވަހަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވާނެ ދުވަހެކޭ ހިތް އޮތީ ބުނެބުނެއެވެ. ނަދީމްގެ މޫނުމަތިން ފެންނަ އުފާވެރިކަމުގެ ސިއްރެއް ޒައިނާއަކަށް ނޭނގެއެވެ. ނަދީމް އެމެރިކާއަށް ގޮސް ޒައިނާ އުމުރަށް ދޫކޮށްލާނެ ކަމެއް ޒައިނާއަކަށް ނޭނގެއެވެ. އޭނާގެ އުއްމީދުތައް ހާސިލް ނުވާނެކަމެއް ވެސް ޒައިނާއަކަށް ނޭނގެއެވެ.
ޒައިނާ ފާހާނާއިން ނިކުތް އިރު ނަދީމް އޮތީ އެނދު ހުރަހަށް އޮށޯވެލައިގެންނެވެ. ގައިގައި ތުވާލި އޮޅާލައިގެން ހުރެ، ޒައިނާ ގޮސް އެނދަށް އެރުމާއެކު ނަދީމް ފުންމައިގެން ތެދުވިއެވެ.
" ކިހިނެއްވީ؟ ހާދަ ހާސްވީ؟" ޒައިނާ އަހާލިއެވެ.
" ފެ...ފެންވެރީތަ؟" ނަދީމް އެހިއެވެ.
އެއާއެކު ޒައިނާ ހެވިފައި އިނދެ، ނަދީމްގެ ގާތަށް ޖެހިލިއެވެ.
" ނުފެނޭތަ؟ ފެން ވަރައިގެންނެއްނު އަހަރެން މި އައީ." ޒައިނާ ބުނެލީ މަޖާ ރާގަކަށެވެ.
" އެނގެޔޭ ފެންވަރައިގެންކަން. އަހަރެން މި އެހީ...އަނެއް ފެންވެރީހޭ؟ ރަނގަޅު... ރަނގަޅުވީތަ؟" ނަދީމް އާގަންނަ ގޮތް ވިއެވެ.
" އާނއެކޭ! ދެން ނަދީމް ވެސް ދޯ!" ޒައިނާ ނަދީމްގެ ގައިގައި ޖަހާލީ އުފާވެރި ގޮތަކަށެވެ.
ޒައިނާގެ ގައިގައި އިނގިލިކުރި ޖައްސާލަން ވެސް ނަދީމް ބޭނުމެއް ނުވެއެވެ. އޭނާ ހުންނަނީ ޒައިނާ އޭނާ ކައިރިއަށް އަތުވެދާނެތީ ބިރުންނެވެ. ފޫހިވެފައެވެ.
" ކިހިނެއްވެފަ ތި އިނީ؟ ހިތާ ނުވާ މީހަކާ އިނދެވިގެން އުޅޭކަހަލަ ގޮތަކަށް ތި އިންނަނީ. ތި އޮތީ އަރޫޝާ ކައިރިއަކު ނޫނޭ ފާޑަކަށް މޫނު ހަދައިގެން ތި އިންނަނީ." ހެމުން ހެމުން ޒައިނާ ބުންޏެވެ.
" ދެން.. އަހަރެން ވަރަށް ބޮލުގައި ރިއްސާތީ މި އޮތީ. އެހެންވެ ނެތް މޫޑެއް." ނަދީމް ބުނެލިއެވެ.
" މޫޑު ގެންނަން އަހަންނަށް އެނގެޔޭ." ނަދީމްގެ މޫނުގައި އަތް ޖައްސާލަމުން ޒައިނާ ބުނެލިއެވެ.
ނަމަވެސް ނަދީމް އަނެއް ފަރާތަށް މޫނު އަނބުރާލަމުން ޗޮކެއް ކަނޑައިިލިއެވެ.
" މި ވަގުތަކު ނޫން. އަހަރެން ބޭނުންވަނީ އަވަހަށް ނިދަން. މާދަމާ އެހާ ހެނދުނާ ފުރަން ޖެހޭ! އަނެއްކާ އެހާ ދިގު ދަތުރެއްގައި އުޅޭއިރު ބޮލުގައި ރިއްސަންޏާ ވަރަށް އުނދަގޫވާނެއެއްނު. ޕްލީޒް ޒައި އަންޑަސްޓޭންޑް ވެބަލަ." ނަދީމް އާދޭހުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. އެއާއެކު ޒައިނާ ދެ ކޮނޑު ހިއްލާލުމަށްފަހު އޯކޭ އޭ ބުނެ އަވަސް އަވަހަށް އެނދުން ފައިބައިފިއެވެ. ނަދީމްގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.
އަރޫޝާއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ކުޑަކޮށް ދެ ލޯ ހުޅުވާލުމަށްފަހު ބާލީސް ކައިރީ އޮތް ފޯނު ނެގިއެވެ. ދާއިންގެ ނަން ފެނުމާއެކު ބޭއިހްތިޔާރުގައި އޭނާ އެ ފޯނަށް ޖަވާބު ދިނެވެ.
" ހުޅުވާލަބަލަ.މި ހުރީ ދޮރުމަތީ" މަޑުމަަޑުން ދާއިން ބުންޏެވެ.
އެއާއެކު ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު އަރޫޝާ ފޯނުން ގަޑި ބަލައިލިއެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ.
" ދާއިން؟ މި ގަޑީގައި؟" އަރޫޝާއަށް ބުނެވުނީ ހާސްކަމާއެކުއެވެ.
" ޕްލީޒް އަރޫ. ޕްލީޒް. އަަހަރެން ދެން ދުވަހަކުވެސް ކަމަކު ނުކިޔާނަން. ޕްލީޒް. އަހަރެން މާދަމާ ފުރަން ވެގެންނޭ. ފުރުމުގެ ކުރިން ހަމަ އެންމެ ފަހަރަކު އަރޫއާ ބައްދަލްކޮށްލަން ބޭނުން. ޕްލީޒް އަރޫ ޕްލީޒް." ދާއިން އާދޭސް ކުރަން ފެށިއެވެ.
އެއާއެކު އަރޫޝާ ސިހުނީ އޭނާގެ ކޮޓަރީގައި ދާއިން ޓަކި ޖަހަން ފެށުމުންނެވެ.
" ބައްޕަ ނިކުމެދާނެ. ޓަކި ނުޖަހަބަލަ. އަހަރެން މި ހުޅުވަނިއްޔޭ." އަރޫޝާ އަވަސް އަވަހަށް ބުނެލިއެވެ.
އަރޫޝާ އެނދުން ތެދުވެގެން ގޮސް އެއްޗެހި ބަދަލު ކޮށްލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވީ ޖެހިލުންވެ ހުރެއެވެ. ދާއިން އެތެރެއަށް ދެމިގަތުމާއެކު އަރޫޝާ ދޮރު ތަޅުލުމަށްފަހު ދާއިންއަށް ބަލައިލިއެވެ. އެއާއެކު ދާއިން އަރޫޝާއާ ދާދި ގާތަށް ޖެހިލިއެވެ.
" މުޅި އުމުރަށް އަހަންނާ ދުރަށް ދަނީތަ؟ ބުނެބަލަ! އެއީ ހަމަ އަރޫގެ ނިންމުންތަ؟" ދާއިން ސުވާލު ކުރިއެވެ.
" ދާއިންއަށް އެނގެއެއްނު. އެ ނޫން ގޮތެއް އެބައޮތްތަ؟ ބައްޕަ ދޯ ބައްޕަގެ ދެ ދަރިންނާމެދު ވިސްނާނީ. " އަރޫޝާ އެހެން ބުނުމާއެކު ދާއިން ރުޅި ގަދަވެގެން ގޮށްމުށުން ވަރަށް ބާރަސް ފާރުގައި ޖެހިއެވެ. އެއާއެކު އަރޫޝާއަށް ބިރުން އަނގަމަތީގައި އަތް އެޅުނެވެ.
" ދާއިން؟ ހެޔޮނުވާނެ! ތިއީ ކޮންކަމެއް؟" ބޭއިހްތިޔާރުގައި އަރޫޝާއަށް ރުޅިވެސް ގަދަވެވުނެވެ.
" މަންމަ ދުނިޔޭގައި ހުރި އިރު އަބަދާއަބަދު މަންމައަށްޓަކައޭ ބުނީ. މިހާރު ތި ބުނަނީ ބައްޕައޭ. ދެން ރީތިކޮށް ބުނަންވީއެއްނު ތިމަންނައަށް ނަދީމްދެކެ ލޯބި ވެވިއްޖެޔޭ." ދާއިންއަށް ވެސް ރުޅި އާދެވުނެވެ.
" ދާއިން! މަންމަ ނިޔާވީ ވެސް އެކަހަލަ ހިތާމަތަކުގައެއް ނޫންތަ؟ އަހަރެން ބޭނުމެއް ނޫން ދެން ބައްޕަ މި ކަންތައްގަނޑަށް ވައްދާކަށް. އަހަންނަށް މިހާރު ހީވަނީ އަހަންނާހެދި މި އާއިލާއަށް ލިބެނީ މުޅިންވެސް ހިތާމަހެން." އަރޫޝާ ބުންޏެވެ.
" އެއީ އަރޫ އަމިއްލައަށް ލިބިގަތް އެއްޗެއް. މިރޭ ބައްޕަ ކައިރީ ނުބުނީ ކީއްވެ؟ އަހަންނާއެކު އުޅެން ބޭނުމޭ ބުނިނަމަ." ދާއިން އެހެން ބުނުމުން އަރޫޝާ ހިތްހަމަ ނުޖެހުނެވެ.
" ދާއިންއަށް ހަމަ ރަނގަޅަށް އެނގޭނެ އޭގެ ކުރިން ބައްޕަ ދެއްކި ވާހަކަތައް ވެސް. އަހަރެން މިހުރީ އަހަރެން ބޭނުންވާ ގޮތް ބައްޕަގެ ހާޟިރުގައި ދާއިން ގާތު ބުނެގެން. އެހެންވީމަ ދެން އަހަންނަށް އުނދަގޫ ނުކުރޭ. " އަރޫޝާއަށް އެހެން ބުނެވުނީ ނުހަނު އުނދަގުލުންނެވެ.
އެ ވަގުތު ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. ދެ މީހުންގެ ލޮލުން ވެސް ފެންނަމުން ދަނީ އެކަކު އަނެކަކު ދެކެ ވާ ލޯތްބެވެ. ލޯތްބަށް އެދި ކުރާ އާދޭހެވެ. އަރޫޝާ ދާއިން ބޭނުންވާ މިންވަރު ދާއިންއަށް އެ ދެ ލޮލުން ސާފުކޮށް ފެނުނެވެ. އަރޫޝާގެ މޫނުމަތީގައިވާ ޝުއޫރުތަކުން އޭނާ އަދިވެސް ދާއިންއަށް އެދޭކަން ދާއިންއަށް އެނގުނެވެ. މަޑުމަޑުން ދާއިންގެ ހިތް އޮޔާލާން ފެށިކަހަލައެވެ. އޭނާއަށް އަރޫޝާއާ ދިމާލަށް ހިނގައިގަނެވުނެވެ. ފަހަތަށް ޖެހިލި ވަގުތު އަރޫޝާ ތަތްވީ ކޮޓަރި ދޮރުގައެވެ. އޭރު ދާއިން އައިސް ހުރީ، ނޭވާގެ ހޫނުކަން އިހްސާސް ކުރެވޭހާ ގާތުގައެވެ.
" ދާންވީތަ ދުރަށް؟ ބުނެބަލަ!" އަރޫޝާގެ މޫނާ ދިމާލަށް ބޯ ތިރިކޮށްލަމުން ދާއިން ސުވާލު ކުރިއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!