ޗައިނާގެ ހަނގުރާމަތީ މަތިންދާބޯޓު (ފައިޓަރޖެޓް) ތަކުގެ އަދަދު 2027 ވަނަ އަހަރާ ހަމައަށް އެމެރިކާއަށްވުރެ 12 ގުނަ އިތުރުވާނެކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ބުނެފިއެވެ.

އެޑްވަރޑްސް އެއަރ ފޯސް ބޭސްގެ 412 ޓެސްޓް ވިންގުގެ ކޮމާންޑަރު، ބްރިގޭޑިއަރ ޖެނެރަލް ޑަގް ވިކަރޓް މި މައުލޫމާތު ހާމަކުރެއްވީ ޖެނުއަރީ 6 ވަނަ ދުވަހު ބޭއްވުނު "ބެކް-އިން-ދަ-ސެޑްލް" ހަފްލާގައެވެ.

Ad
rt

ޗައިނާއިން އަސްކަރީ ބާރު ވަރުގަދަކުރަމުންދާ ބާރުމިނަކީ "މިހާތަނަށް ދުނިޔެ ދެކެފައިނުވާ" ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އެމެރިކާއަށްވުރެ ޗައިނާ "މާ ކުރިއަށް" ދާކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި އިންޒާރު އައިސްފައިވަނީ ޑިސެމްބަރު 26 ވަނަ ދުވަހު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބާނީ މައޯ ޒެޑޮންގްގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ޗައިނާއިން 6 ވަނަ ޖީލުގެ ހަނގުރާމަމަތީ ދެ މަތިންދާބޯޓު ތައާރަފުކުރުމަށްފަހުގައެވެ.

މި އައު މަތިންދާބޯޓުތައް ތައާރަފުކުރުމާ ގުޅިގެން، ޖީލުގެ ހަނގުރާމަވެރި މަތިންދާބޯޓު ތަރައްޤީކުރުމުގެ ވާދަވެރިކަމުގައި އެމެރިކާ ފަހަތަށް ޖެހިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެވެމުންދެއެވެ. މިކަމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

ކުރިން ކަނޑުގެ ބާރުގެ ގޮތުން ޗައިނާއިން އެމެރިކާ ފަހަނައަޅާ ގޮސްފައިވާއިރު، މިހާރު ވައިގެ ބާރުގެ ގޮތުންވެސް އެމެރިކާއަށްވުރެ ކުރިއަށްދާނެކަމުގެ އިންޒާރު މި އިސް އަސްކަރީ އޮފިޝަލު ދެއްވާފައިވެއެވެ.