މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް މިއަދު އިފުތިތާހުކޮށްފިއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފައިވަނީ މިއީ ތަމްރީނުވެފައި ތިބި، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުން ބިނާ ކުރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގައި މިއަހަރު ބައިވެރިވި 135 ބައިވެރިންނަށް ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަނީ
ދިވެހި ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާން ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަމަހު ފަށަނީ
މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައި ވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެންކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ 12 ސެޕްޓެމްބަރު 2024 ގައި ބޭއްވި، މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކާގައި ވިދާޅުވެފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ ސްޓައިޕެންޑެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު ތަޢުލީމީ ވުޒާރާގައި ގާއިމުކޮށްފައިވާ "ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)" މަޝްރޫޢުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!