މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ "ޕޯޓް ރެސިޑަންސް"ގެ 3 ޓަވަރުގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސީ.އީ.އޯ އަލީ ހާޝިމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ޝަހީދު އިބްރާހިމެވެ.
ވެމްކޯއިން ފޯރުކޮށްދޭ ސާފުކުރުމުގެ ޚިދުމަތް "ހޮބާ"ގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދާނެއެވެ. "ހޮބާ" އަކީ ސަރުކާރުގެ ކުންފުނިތަކާއި، އޮފީސްތަކާއި އިދާރާތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ތަންތަނަށް އަމާޒުކޮށްގެން ދޭން ފެށި ޚިދުމަތެކެވެ. މި ޚިދުމަތުގެ ބޭނުމަކީ ވެމްކޯގެ ޚިދުމަތްތައް ފުޅާކޮށް، ކުންފުނި ފައިދާވާ ކުންފުންޏަކަށް ހެދުމެވެ.
ވެމްކޯއިން މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފެށުނީއްސުރެ، ހ. މުރައިދޫގެ، ހައްޖު ކޯޕަރޭޝަން، އަދި ބަންޑާރަ ނައިބުގެ އޮފީސް ފަދަ މުހިންމު މުއައްސަސާތަކަށް މި ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އަދި މިއަދު އެމް.ޕީ.އެލް އާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން، މިހާރު ޖުމްލަ 4 ތަނަކަށް މި ޚިދުމަތް ދެވޭނެ ކަމަށް ވެމްކޯއިން މަޢުލޫމާތު ދެއެވެ.
ވެމްކޯގެ މައިގަނޑު އަމާޒަކީ މި ޚިދުމަތް ވީހާވެސް ގިނަ އިދާރާތަކަށް ފުޅާކުރުމެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މިހާރުވެސް އިތުރު 7 މުއައްސަސާއަކާއެކު ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށް ވެމްކޯއިން ހާމަކުރެއެވެ. އަދި މި ޚިދުމަތް ތަޢާރަފުކުރުމުގެ ކުރިން ކުރެވުނު ފުޅާ ދާއިރާގެ މަޝްވަރާތަކުގައި، ކުނި އުކާލުމަށް މިހާރު ހޭދަކުރާ މިންވަރާ އަޅާބަލާއިރު މި ޚިދުމަތުގެ އަގު ވަރަށް އެކަށީގެންވާ ކަމަށް ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވާކަން ވެމްކޯއިން ފާހަގަކުރެއެވެ.
ވެމްކޯއިން މި ޚިދުމަތް ފޯރުކޮށްދެނީ، މި ދާއިރާއިން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަންނީ މުވައްޒަފުންގެ އެހީގައެވެ. އަދި ޚިދުމަތް ދެވޭ ދުވަސްތަކާއި އަގު ކަނޑައެޅުމުގައި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކުރެވޭ ކަމަށްވެސް ވެމްކޯއިން އިތުރަށް މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!