ހއ. ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯސް – 2 ކުރިއަށް ގެންގޮސްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 27 އަށެވެ.

Ad
rt

މި ކޯހަކީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ކައުންސިލާއި، ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

މެރިޓައިމް އިންސްޓިޓިއުޓްގެ މުދައްރިބުން ކިޔަވައިދެއްވި މި ކޯހުގައި، ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ސިއްހީ ފުރަތަމައެހީ، ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް އަދި ޗާޓު ވޯކްސްގެ ބައިތައް އުނގަންނައިދީފައިވެއެވެ.

މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ކަނޑު އުޅަނދު ދުއްވާ މީހުންނަކީ ލައިސަންސް އޮވެގެން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރާ ބަޔަކަށް ހެދުމެވެ. އަދި ރަށުގައި ތިބެގެން މި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ނިޔަމި ކަމުގެ ކޯހަކީ ކަނޑު އުޅަނދުގެ ލައިސަންސް ނެގުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ކޯސް ފުރިހަމަ ކުރުމުން ލައިސަންސް ނެގުމުގެ މަގު ފަހިވެގެން ދާނެއެވެ. މިފަދަ ކޯސްތައް ރަށްރަށުގައި ހިންގުމަކީ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.