ކުރީގެ އަދަދާއިގުޅޭ،

" މީހަކަށް ކުރެވުނު އިތުބާރަކަށް އަހަންނަށް ހެދުނު ގޯހެއް"

Ad
rt

ޖުމާގެ އަޑު އިވުމާއެކު ޝާހުއަށްވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު ޖުމާގެ މޫނުމަތިން ފެންނަމުންދަނީ ކަންބޮޑު ވުމުގެ އަސަރުތަކެވެ. ޖުމާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި ޝާހުއަށް އިސްޖަހާލެވުނީ ގަދަކަމުން ހިނިތުންވަމުންނެވެ. ޝާހު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ޖުމާ ހުރީ ހިތުގައި އަތް އަޅައިގެންނެވެ. އޭރުވެސް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދެއެވެ.

" މިއީ ޙަޤީޤަތެއް! "

ޖުމާގެ އަސަރުގަދަ އަޑު އިވުމުން އިސްޖަހައިގެން ހުރި ޝާހަށް ޖުމާގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް އެ ރީތި މޫނުވަނީ ލަދުރަކިކަމާއި ހިތާމައިން ބަނަވެފައެވެ. އެމަންޒަރު ބަލަން ޝާހުގެ ހިތަށް އުނދަގޫވާކަން ޝާހުއަށް އިނގުނެވެ. ނަމަވެސް އަދިވެސް ބުނާނެ އެއްޗެއް އޭނާގެ ދުލަކަށް ނައެވެ.

" އަހަންނަށް އޭނަދެކެ ލޯބި ވެވުނީ އޭނަ އަހަންނާމެދު މާ ގާތްކޮށް ދެކެން ފެށީމަ! ތާއަބަދު ތަޢުރީފުކޮށް އަހަރެންދެކެ ލޯބިވާކަމަށް ބުނަން ފެށީމަ! އަދި އޭނަ އަހަރެންދެކެ ވާ ލޯބި ހިތުގެ އެންމެ ފުންމިނުން އިޙްސާސް ކުރެވުނީމަ! އަހަރެމެން ބައްދަލްކުރީ ހަމަ އެންމެ ރެޔަކު.. އެރެޔަކީ އަހަރެންގެ މުޅި ދިރިއުޅުމަށް އިންޤިލާބެއް ގެނުވި ރެޔެއް! މާތްﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަނެވުނީ އެރޭ! "

އެހިސާބަށް ވާހަކަ ދިޔައިރު ޖުމާއަށް ރޮވިއްޖެއެވެ. ނަމަވެސް އޭނާ ހުރީ ވާހަކަ ހުއްޓާލާ ގޮތަކަށް ނޫނެވެ. ހިތުގައިވާ އުދާސްތައް ބާރުމިނުގައި ބޭރަށް ނެރެލަން ބޭނުންވެފައި ހުރެ އޭނާ އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" އޭގެ ފަހުންވެސް އަހަރެމެން ސިއްރުން ވާހަކަ ދައްކާ ހެދިން! އަހަރެން ބަނޑުބޮޑުވުމުން އަހަރެން ހީކުރީ އޭނަ އަހަންނަށް ހިމާޔަތް ދޭނެކަމަށް! އަހަރެން އެންމެންގާތުވެސް ބުނިން މިދަރިފުޅުގެ ބައްޕައަކީ އޭނައޭ! އެކަމަކު... އެކަމަކު އޭނަ އިންކާރުކުރީ! އޭނަ އެއްބަހެއް ނުވި.. އަހަރެން ހީކުރީ އަހަރެންދެކެ އޭނަ ވާ ލޯބިން، އެދުވަހު އަހަރެން އެކަނިކޮށް ނުލާނެ ކަމަށް.. އަހަރެން ވާ ޙާލެއްގައިވާން އަހަންނާއެކު އޭނަ ހުންނާނެކަމަށް! އެކަމަކު އޭނަ އަހަރެން މި ދުނިޔެއަށް ގިނަކޮށްލީ! ބޭޒާރުވީ ޚުދު އަހަރެން. ފަޟީޙަތްވީވެސް އަހަރެން. އަދި ބަދުނާމުވީވެސް އަހަރެން އެކަނި.. ބައްޕަ ނިޔާވީވެސް މިކަމުގައި"

މަޑުމަޑުން ޖުމާ ބުންޏެވެ.

" އެއީ ކާކު؟ "

ފަސްޖެހުމެއް ނެތި ޝާހު އަހާލިއެވެ. އެއާއެކު ދެއަތުން މޫނު ފުހެލުމަށްފަހު ޖުމާ ދެފަރާތަށް ބޯ ހޫރާލިއެވެ.

" އަހަންނަށް އެއީ އެއްވެސް މީހެއް ނޫން! އޭނަގެ ނަންވެސް އަހަރެންގެ ދުލުން ކިޔާކަށް ބޭނުމެއް ނޫން! ހަނދާންކުރާކަށްވެސް ބޭނުމެއް ނޫން.. މިހާރު އަހަރެން ޤަބޫލުކުރާގޮތުގައި މި ދަރިފުޅަކީ ހަމައެކަނި އަހަރެންގެ ދަރިއެއް! އަހަންނަށް ރަނގަޅީ ޝާހުވެސް އިތުރަށް އޭނަގެ މައުލޫމާތު ހޯދަން ނޫޅުނިއްޔާ! އަހަރެން މިހުރީ އޭނަ މަތިން ހަނދާން ނައްތާލައިގެން"

ޖުމާގެ ވާހަކަތައް ނިމުމާއެކު ޝާހުއަށް ބޯ ޖަހާލެވުނެވެ.

" އަހަންނަށް އަހާލެވިދާނެތަ ޖުމާ އަހަންނާ ގުޅެން ބޭނުންވެގެން ތިއައީ ކީއްވެތޯ؟ އެއީ.. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން ހިތްހަމަނުޖެހިގެން ގޮސް، އެނބުރި އަނެއްކާ އައީމަ.."

ޖުމާ ދެއްކި ވާހަކަތަކަށް، ޝާހުގެ މާބޮޑު ސަމާލުކަމެއް ނުލިބުމުން ޖުމާ ހައިރާންވިއެވެ. ނަމަވެސް ފުރަތަމަ ޖުމާ ބޭނުންވީ ޝާހުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.

" އަހަރެން މިހާރު ފިރެހެނުންދެކެ ބިރުގަނޭ.. ރުޅިވެސް އާދޭ.. ލޯތްބަކީ މިހާރު އަހަރެން ދަންނަ އެއްޗެއް ނޫން! ޝާހުގެ ދެލޮލުން އަހަންނަށް ލޯބި ފެނުނު.. ޝާހު އަހަރެން ބޭނުންވާވަރު އެނގުނު! އެހެންވެ.. އެހެންވެ އެގޮތް ބޭނުން ނުވާތީ އަހަރެން ރުޅި އައީ! އަދި އަހަރެންގެ ޙަޤީޤަތް ޝާހުއަށް އެނގުނީމަ ޝާހު އަހަރެން ޤަބޫލު ނުކުރާނެކަންވެސް އަހަންނަށް އެނގޭ.. އެހެންވެ އަހަރެން ދުރަށް ދާން ބޭނުންވީ"

ޝާހުގެ މޫނަށް ބަލަން ހުރެ އެހިސާބަށް ވާހަކަ ގެންދިޔުމަށްފަހު ޖުމާ ފުރަގަސްދިނެވެ. އަދި ކުރިއަށް ހިނގައިގަތުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" ގެއަށް ގޮސް ދޮންތަ ގާތު އެވާހަކަތައް ދެއްކީމަ ދޮންތަ ހިތްހަމަ ނުޖެހުނު.. އަހަންނަށް ޖެހިފައި މިހުރި ޙާލަށް ނުވިސްނާ އަނެއްކާވެސް ފިރެހެނުންނަށް އިތުބާރުކޮށް އަހަރެން ހެއްލިދާނެތީ ދޮންތަވެސް ރުޅި އައީ! ދެން... އެންމެ ފަހުން ދޮންތަ ބުނީ އަހަރެން ދޮންތައާމެދުގައިވެސް ނުވިސްނާ ވާހަކަ. އަހަރެން އެކަނިވިޔަ ނުދޭން ދޮންތަ ފިރިމީހާއާ ދުރަށް އައިސް އެ ހުންނަނީ މިތާ! އެކަމުގެ ސަބަބުން އެދެމީހުންގެ ގުޅުންވެސް ހީނަރުވަނީހެން އަހަންނަށް އިޙްސާސް ކުރެވިއްޖެ! "

ޖުމާ އަނެއްކާވެސް ޝާހުއާ ދިމާއަށް އެނބުރިލިއެވެ. އަދި ޝާހުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ހުރެ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ދޮގެއް ނަހަދާނަން! އޮޅުވައެއްވެސް ނުލާނަން! އަހަރެން ބުނާނީ ތެދަށް! ސީދާ ސާފު ބަހުން.."

މަޑުމައިތިރިކަމާއެކު ޖުމާ ދޫކޮށްލި ޖުމްލަތަކުން ޝާހުއަށް ދެލޯ ކުޑަކޮށްލެވުނެވެ. ޖުމާ ބުނަން އުޅޭ އެއްޗެއް އަޑުއަހާ ހިތުން އޭނާގެ ދެކަންފަތްވެސް ތޮޅިލި ކަހަލައެވެ.

" ގެއަށް ގޮސް އެނބުރި މިއައީ ޝާހު ކައިރިން ހިމާޔަތް ބޭނުން ވާތީ! ޝާހު އަހަރެންދެކެ ލޯބިވާހެން އަހަންނަށް ހީވާތީ! އަދި އަހަރެންގެ ސަބަބުން ދޮންތަގެ ދިރިއުޅުން ހަލާކުވެދާން ބޭނުން ނުވާތީ! ސާފުކޮށް އަހަރެން މި ކިޔައިދިނީ އަހަރެންގެ ވާހަކަތައް! އަހަރެން މިޙާލުގައިވެސް ބަލައިގަންނަން ބޭނުންތަ؟ އަހަރެންދެކެ ލޯބި ވާނަންތަ؟ އަހަންނާ ކައިވެނި ކުރަން ބޭނުންތަ؟ "

ތުރުތުރުއަޅާ އަޑަކުން ޖުމާ ސުވާލަކަށްފަހު ސުވާލެއް ބޭރު ކުރަމުން ދިޔައެވެ. އޭރުވެސް ޝާހު ދިޔައީ ޖުމާގެ މޫނަށް ބަލަމުންނެވެ.

" ޖަވާބެއް ނުދެވުނު ދޯ! އަހަންނަށް އެނގެޔޭ އަސްލު މިހެންކަން މިކަން ވާނީ! އިޓްސް އޯކޭ.. މިއީ އަަހަރެންގެ މައްސަލަ.. ޝާހުއަށް ދެން އެނގޭނެއެއްނު އިތުރަށް އަހަރެންދެކެ ލޯބި ނުވާން.. އަހަންނާމެދު އިތުރަށް އުއްމީދު ނުކުރަން ދެން އެނގޭނެއެއްނު.. އަދި އަހަންނަކީ ކުލަޖެހޭނެ ހުވަފެނެއް ނޫންކަންވެސް މިހާރު ޔަޤީން ކުރެވިއްޖެއެއްނު.. "

އޭރު ޖުމާގެ އެއްލޮލުން ފެން ރޮނގެއް ފައިބައިގަތްތައް ޝާހުއަށް ފެނުނެވެ. ޖުމާ ގަދަކަމުން ހިނިތުންވެލުމަށްފަހު ޝާހުއަށް ފުރަގަސްދިނީ ގެއަށް ދާށެވެ. ޝާހު ބުނާނެ އެއްޗަކަށް އިންތިޒާރު ކުރުމެއްނެތި ޖުމާ ހިނގައިގަތުމާއެކު ޝާހުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

" އަމިއްލައަށް ގޮތް ނިންމުމުގެ އިޙްތިޔާރު ޖުމާއަށް ދިނީ ކާކު؟"

ޝާހުގެ އަސަރުގަދަ އަޑުން ދޫކޮށްލި ޖުމްލައިން ޖުމާގެ ކަންފަތަށް ބަރުވި ކަހަލައެވެ. ހުރި ފިޔަަވަޅުމަތީގައި ހުއްޓި ހުރެ ޖުމާ އެނބުރި ޝާހުއަށް ބަލައިލިއެވެ.

" ޖުމާގެ ހަށިގަނޑުތެރޭގައި އިތުރު ފުރާނައެއް އޮތުމަކީ އަހަރެން ޖުމާދެކެ ވާ ލޯތްބަށް ބަދަލު އަންނާނެކަމެކޭ ކާކު ބުނީ؟ ޖުމާގެ މާޒީ އެނގުމުން އަހަރެންގެ ޚިޔާލު ބަދަލުވާނެޔޭ ހީކުރަން ޖުމާއަށް އޮތީ ކޮން ޙައްޤެއް؟ ފުރަތަމަ ނަޒަރުން ވެވޭ ލޯތްބަކީ މިހާ ބާރުގަދަ އެއްޗެއްކަން އަހަންނަށްވެސް މި އެނގުނީ އަދި ކިރިޔާ! ޖުމާ ތި ކިޔައިދިން އެއްވެސް ވާހަކައަކުން އަހަރެންގެ ދެރައެއް ނުވޭ! ރުޅިއެއްވެސް ނާދެ.. ޖުމާއަކީ އެއްވެސް މީހެއްގެ ޙައްޤަކަށް ނުވީމަ އަހަރެން އުފާކުރީ! ހިތްހަމަ ޖެހުނީ! "

ޝާހު ދައްކަމުންދާ ވާހަކަތައް އަޑުއަހަން ޖުމާ ހުރީ ހައިރާންވެފައެވެ. ޤަބޫލުކުރަން ދަތި ގޮތަކަށް ހުރެ ޖުމާ ޝާހުއަށް ބަލަން ފެށުމުން، ޖުމާއާ ދިމާލަށް ޝާހު ހިނގައިގަތެވެ.

" ޤަބޫލެއް ނުކުރެވޭތަ؟ އަހަރެންވެސް ދޮގެއް ނަހަދަމޭ! އޮޅުވައެއްވެސް ނުލަން..."

ޝާހު ސަމާސާ ގޮތަކަށް ބުނެލިއެވެ. އެއާއެކު ޖުމާގެ ތުންފަތަށް ހިނިތުންވުން ވެރިކުރުވިއެވެ.

" ޖުމާގެ މާޒީއާ ބެހޭގޮތުން އަހަރެން ދެން އިތުރަށް އެއްވެސް އެއްޗެއް ނާހާނަން.. ޖުމާ ބުނީމެއްނު ތި ދަރިފުޅަކީ ހަމައެކަނި ޖުމާގެ ކުއްޖެކޭ! އެކަމަކު... ދެން އެހެން ހީނުކުރައްޗޭ... ތި ދަރިފުޅަކީ މިހާރު އަހަރެންގެވެސް ދަރިއެއް..."

ޝާހުގެ ވާހަކައިން ޖުމާގެ ދެތުންފަތް ފިތެމުން ގޮސް އޭނާއަށް ރޯން ފެށުނެވެ. އެއާއެކު ޝާހު މަޑުމަޑުން ޖުމާގެ ބޮލުގައި އަތް ޖައްސާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" ދެން ތިހެން ނުރޮއިބަލަ! ޖުމާ ރޯނެކަން އެނގޭނަމަ އަހަރެން މިހެން ވާހަކައެއް ނުދެއްކީމުސް.. ހިތުގައި އޮތް ލޯބި ހާމަ ކުރީމަ މުޅިން ގޯސްވީނު"

" ދެން ޝާހު! "

ޝާހު ސަމާސާ ކޮށްލުމުން ޖުމާއަށް ހެވުނެވެ. އެއާއެކު ޝާހުވެސް ތަންކޮޅެއް ބާރަށް ހޭންފަށަމުން ޖުމާގެ މޫނުގައި ހުރި ކަރުނަތައް އޭނާގެ ދެއަތުން ފުހެލަދިނެވެ.

***

ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން ޒޯޔާ ނިކުތް ވަގުތަކީ މުއާޒްވެސް ކޮޓަރިން ނިކުތް ވަގުތެވެ. އެއާއެކު ޒޯޔާއަށް މުއާޒަށް ބަލައިލެވުނެވެ.

" ވަރަށް ފޫހި މިރަށް! "

ތަންކޮޅެއް ބާރަށް ޒޯޔާ އެހެން ބުނި އިރު ބޭރުން އައިސް ކަފީލާ ގޭ ދޮރުން އެތެރެ ވެއްޖެއެވެ. ޒޯޔާގެ އަޑު ރީތިކޮށް އޭނާއަށްވެސް އިވުނެވެ. އެހެންކަމުން އާދޭހުގެ ބެލުމަކުން އޭނާ މުއާޒަށް ބަލައިލީ އެއްޗެއް ވިސްނައިދިނުމުގެ ނިޔަތުގައެވެ. ނަމަވެސް އަތުގައި އޮތް އަވި އައިނު ލޮލުގައި އަޅާލުމަށްފަހު މުއާޒް ހިނގައިގަތީ ބޭރު ދޮރާ ދިމާލަށެވެ. މަންޒަރު ބަލަން ހުރެ ޒޯޔާ އަނެއްކާވެސް ކޮޓަރިއަށް ވަދެ ތަންކޮޅެއް ބާރަށް ދޮރު ޖެހިއެވެ. އެކަން ވެގެން ދިޔައީ ކަފީލާގެ ހިތަށް ކުޅަދާނަވީ ކަމަކަށް ނޫނެވެ. އެހެންކަމުން އޭނާގެ ހިތުގައި މުއާޒާމެދު ޝަކުވާތައް ފުނިޖެހެން ފެށިއެވެ.

" މުއާޒް! "

ކޮންމެވެސް ވަރަކަށް ހަރުކަށިކަން އެކުލެވޭފަދަ ގޮތަކަށް ކަފީލާ މުއާޒަށް ގޮވާލިއެވެ. އެއާއެކު ދެޖީބަށް އަތް ޖަހާލަމުން އޭނާ ހުއްޓި މަންމައަށް ބަލައިލިއެވެ.

" މަންމަމެންގެ ރައްޓެއްސެއްގެ ދަރިއެކޭ އެއީ! ކީއްވެތަ އޭނައާ ވާހަކަ ނުދައްކަނީ؟ އޭނައާ އަދި އަނގައިން ބުނެލިޔަސް އެ އަންހެންމީހާ ވަރިއެއް ނުވާނެޔޭ!"

މަޑުން ނަމަވެސް ކަފީލާ ވާހަކަ ދެއްކީ ހިތްހަމަނުޖެހޭ ރާގެއްގައެވެ. ޒާރާއާ ބެހޭގޮތުން އެފަދަ ގޮތަަކަށް މަންމަ މުހާތަބް ކުރުމުން މުއާޒް އިތުރަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ކެތްތެރިވެގެން އޭނާ ހުރީ މަންމައާ ދަޖަލު ކުރަން ބޭނުން ނުވާތީއެވެ.

" މިގޭގަ ދެން އިތުރު މީހަކު ނޫޅެޔޭ! އޭނަ ގޮވައިގެން ދުއްވާލަންގޮސް، ތަންތަނަށް ކާލަންގޮސް ހެދިއްޔާ ކަމެއް ވޭތަ؟ "

އަތުގައި އޮތް ކޮތަޅު ފައިބުޑުގައި ބެހެއްޓުމަށްފަހު ކަފީލާ ރުޅިވެރިކަމާއެކު ބުންޏެވެ. މިފަހަރު އޭނާ ދެއްކި ވާހަކަތަކުން މުއާޒަށް ވަރަށް ބޮޑަށް އުނދަގޫވިއެވެ. އެހެންކަމުން އެއްޗެއް ނުބުނެ ހުންނާކަށްވެސް ބޭނުމެއް ނުވިއެވެ.

" މަންމާ! އަޅުގަނޑަކީ އެއް އިރެއްގައިވެސް ތިބުނާ ގޮތަށް އުޅުނު މީހެއް ނޫނެއްނު! ޒާރާ ގޮވައިގެންވެސް އަޅުގަނޑު ތިބުނާ ތަންތަނަކަށް ނުދަން.. ދެން ކިހިނެއް؟"

މުއާޒްގެ ވާހަކަ އަޑުއަހަން ހުރި ކަފީލާ ދެފަރާތަށް ބޯ ހޫރަން ފެށިއެވެ.

" މަންމަދެން ޒޯޔާގެ މައިންބަފައިންނަށް ދައްކާނީ ކޮން މޫނެއް؟ އެމީހުން ޒޯޔާ އެ ފޮނުވީވެސް ހިތްހަމަ ޖައްސާލަން.. އޭނަ މިހާރު އެމީހުންގާތު ނޭނގެ ޝަކުވާ ނުކުރާ ކަމެއްވެސް! މުއާޒަށް ނޭނގުނަސް އެމީހުންނަކީ މަންމަމެންނަށް ހާދަ ހެޔޮ ބައެކޭ! ކިތައް ފަހަރު މިހެންވެސް ބުނަންވީ؟"

" މަންމަ ކީއްވެތޯ އޭނަ ގޮވައިގެން ބޭރަށް ނުދުރުވަނީ؟ "

ބޭއިޙްތިޔާރުގައި މުއާޒަށް ބުނެވުނެވެ. އެއާއެކު ކަފީލާ ހައިރާންކަމާއެކު މުއާޒްގެ މޫނަށް ބަލަން ފެށިއެވެ.

" ދަރިފުޅު މިހާރު މަންމައާ ޒުވާބުވެސް ކުރަން ފެށީތަ؟ މަންމައަށް އެއްޗެހި ކިޔަން ޖެހޭވަރުގެ އެއްޗެއް މަންމަ ބުނިންތަ؟ ތިހެން ބުނާއިރުގައިވެސް މުއާޒަށް އެނގޭނެ މިހާރު އުޅޭ ކުދިން ފައިމަގުގައި ނޫޅޭނެކަން! ސައިކަލް ބުރު ޖަހާލަން ދާށޭ ދޯ މި ބުނަނީ!"

ކަފީލާގެ ވާހަކަ ނުހުއްޓޭނެކަން އެނގޭތީ މުއާޒް އެންމެ ފަހުން އޭނާގެ އެދުމަށް އެއްބަސްވިއެވެ.

" އަޅުގަނޑު މަންމައާ ޒުވާބެއް ނުކުރަން! އަޅުގަނޑަށް ހީވަނީ އަންހެން ކުދިން ގުޅޭނީ އަންހެނުންނާހެން.. އޭނައަށްވެސް އަޅުގަނޑާއެކު ދާން ނުކެރިދާނެތީ އެހެން މި ބުނީ! އެކަމަކު އޭނަ ދާން ބޭނުން ވަންޏާ އަޅުގަނޑު ހިނގައިދާނަން... މިއަދަކު ނޫން.. މިރޭ ދެވޭނީ.. "

މުއާޒް އެހެން ބުނުމުން ކަފީލާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.

" މާދަމާ ދަތުރު ދާން އުޅޭ! މަސްދަތުރުވެސް ދެވޭނެއެއްނު"

ކަފީލާ ބޭނުންވާ ގޮތްގޮތް އޭނާ ހާމަ ކުރަން ފެށުމާއެކު މުއާޒްގެ މޫނުމަތި އަނެއްކާވެސް ނުތަނަވަސް ވެއްޖެއެވެ.

މާދަމާ މާލެދާން އެބަ ވިސްނަން! ދެން އަންނާނީ ދިހަ ވަރަކަށް ދުވަސް ފަހުން"

މުއާޒް އެހެން ބުނުމާއެކު ކަފީލާ ހިތްހަމަ ނުޖެހުނެވެ. އަދި ރުޅިވެރިކަމާއެކު މުއާޒްގެ މޫނަށް ބަލަން ފެށިއެވެ.

" ޒާރާ ކައިރިއަށް ދާކަށް ނުޖެހޭނެ! ގޮތް ދޫ ކޮށްފައި އަންނާށޭ ކިޔާކިޔާ ނައިސް އެ ހުންނަނީ! ދެން ކިހިނެއް ފިހާރައިގެ މަސްއޫލިއްޔަތުތައް ދޫކޮށްފައި ދަރިފުޅު އަބަދު މާލެ ދާނީ؟ ނުދެވޭނެ!"

ކަފީލާގެ އަޑުން މުއާޒަށް ހިންދިރުވާލެވުނެވެ.

" ދަރިފުޅު ދިޔައީމަ ޒޯޔާވެސް ކިހާ ފޫހިވާނެ! އަދި އޭނަ ގޮވައިގެން އެއްވެސް ކަމެއް ނުކުރެވޭ! ދަތުރެއް އެއްޗެއްވެސް ނުދެވޭނެ ދެން "

އަނެއްކާވެސް ކަފީލާ ބުންޏެވެ. ރުންކުރު ގޮތަކަށެވެ. މަންމަގެ އަޑުގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތަކުން މުއާޒް ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.

" އެކަމަކު....މަންމާ! ޒާރާމެން ގާތަށް ނުދާތާ ވަރަށް ދުވަސް ވެއްޖެއެއްނު.."

" ޒާރާ...މެންނޭ؟ ޒާރާ ފިޔަވައި އިތުރު މީހަކު މުއާޒް ބަލަހައްޓަންޖެހޭކަމެއް އަހަރެން ނުދެނަހުރިން"

ލޮލަށް ރުޅިވެރިކަން އިތުރުކޮށްލަމުން ކަފީލާ ބުންޏެވެ. އެހިނދު ހިންދިރުވާލުމަށްފަހު މުއާޒް މަންމައަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ.

" މާދަމާ ފުރަން ބޭނުން..."

ދެރަވެފައި ހުރެ މުއާޒް އެހެން ބުނުމާއެކު ކަފީލާގެ ރުޅިގަނޑު އިންތިހާއަށް ގަދަވެގެން ދިޔައެވެ.

" ތިޔަ އަންހެން ކުއްޖަކާ ޖެހުނު ފަހުން މުއާޒް އަހަންނާ ދެބަސްވާންވެސް ފަށައިފި! ދޭ! މުއާޒް ބޭނުން ގޮތެއް މުއާޒް ހަދާ! މީގެ ފަހުން އަހަންނަށް މަންމަ ކިޔާނެ ކަމެއް ނެތް... އަހަރެން މުއާޒް ގާތު މި އެދުނީ ހަމަ އެންމެ ކަމަކު! އެއީ އަހަރެންގެ ރަޙްމަތްތެރިޔާގެ ދަރިފުޅު ޗުއްޓީ ހޭދަކޮށްލަން މިރަށަށް ފޮނުވާފައި ހުރީމަ އޭނައަށް ރަނގަޅަށް ކަންކަން ކޮށްދިނުމަށް.. މިއަދު އަހަރެން ބުނާ ކަންކަންވެސް މުއާޒަށްވަނީ ބޮޑު ކަމަކަށް.. މީގެ ކުރިން ތިއީ މައިންބަފައިންގެ ކުރިމަތީގައި އަޑެއްވެސް ލައްވާލަން ނުކެރޭ، ކިޔަމަންތެރި ކުއްޖެއް! އެކަމަކު މިހާރު މުއާޒަށް ދަރިފުޅު ކިޔަންވެސް އަހަރެން އުޒުރުވެރިވަން"

ކުއްލި ކުއްލިއަށް އަޑު ގަދަކުރަމުން ކަފީލާ އެއްފައްޗަކަށް ވާހަކަތައް އަމުނާލުމަށްފަހު ދިޔައެވެ. އޭރު މުއާޒަށް ހުރެވުނީ ހިމޭން ވެފައެވެ.

***

ދޮރު ހުޅުވާލުމަށްފަހު ޖުމާ އެތެރެއަށް ވަތް އިރު ޒާރާ ހުރީ ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޖުމާ ފެނުމާއެކު ޒާރާ ވަގުތުން ހުއްޓުނެވެ. އަދި ދެއަތް އުރާލުމަށްފަހު ނުުރުހުމުގެ ނަޒަރަކުން ޖުމާއަށް ބަލަން ފެށިއެވެ.

" ޖުމާ! ދޮންތަ އެވަރުން މަނާ ކުރީމަވެސް އެބަޔަށް ދިޔައީތަ؟ ފިރެހެނުންގެ ގޮތެއް ޖުމާއަކަށް ނޭނގޭތަ އަދިވެސް؟ މީހަކު ދައްކާހާ ދަޅައަކަށް ނުހެއްލި ބަލަ!"

ޒާރާ ބާރުބާރަށް ބުނެލިއެވެ. އެއާއެކު ޖުމާގެ މޫނުމަތިވެސް ފުސްވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ޒާރާއަށް ފުރަގަސް ދިނުމަށްފަހު ކަންތައްތައް ވީ ގޮތް ކިޔައިދޭން ފެށިއެވެ.

" ދޮންތާ! ޝާހުއަކީ ދޮންތަ ހީކުރާ ކަހަލަ މީހެއް ނޫނޭ! އަހަރެންގެ ހުރިހާ ޙަޤީޤަތެއް ކިޔައިދީފީމޭ! އެކަމަކުވެސް އޭނަ ހުރީ އަހަރެން ވިހެއީމަ އަހަންނާ ކައިވެނިކުރަންވެސް ބޭނުންވެފައޭ! "

ޖުމާގެ ވާހަކަ އަޑު އިވުމާއެކު ޒާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބާރުބާރަށް އައިސް އޭނާ ޖުމާގެ ކުރިމަތީ ހުއްޓި ޖުމާގެ ދެކޮނޑުގައި ހިފައި ބާރުކޮށްލިއެވެ.

" ހުރިހާ ޙަޤީޤަތެއް ކިޔައިދިން އިރު މިއީ މާހިލްގެ ދަރިއެކޭ ބުނިންތަ؟ މާހިލަކީ މުއާޒްގެ ކޮއްކޮކަން އެނގޭނެތަ؟ "

އިންތިހާއަށް ކަންބޮޑުވެފައި ހުރެ ޒާރާ ސުވާލުކުރީ ސިއްރު އަޑަކުންނެވެ. ޒާރާގެ މޫނުމަތިން ފެންނަމުންދާ ކަންބޮޑުވުން ފެނި ޖުމާ ހައިރާނެއް ނުވިއެވެ. ލުއި ގޮތަކަށް ހިނިތުން ވެލުމަށްފަހު ޖުމާ ވާހަކަ ދައްކަން ފެށިއެވެ.

" ދޮންތަގެ ފިރިމީހާގެ ކޮއްކޮވީމަ އަހަރެން މާހިލް ބޭޒާރެއް ނުކުރަން! އެއީ ހަމައެކަނި މުއާބެއަށްޓަކައި! މުއާބެގެ އާއިލާގެ ޤަދަރަށް ޓަކައި! އެހެން ނޫން ނަމަ އަހަރެން މުޅި ދުނިޔެއަށް އޭނަ ހާމަކުރީމުސް.. ދޮންތަ ކަންބޮޑު ނުވޭ! ދެން އިރާދަ ކުރެއްވިއްޔާ އަހަރެންގެ ސަބަބުން ދޮންތަގެ ދިރިއުޅުމަށް އެއްވެސް އުނިކަމެއް ނާންނާނެ"

ޖުމާގެ ފަހު ޖުމްލަ އަޑު އިވިފައި އަނެއްކާވެސް ޒާރާގެ ހިތުގައި ސުވާލު އުފެދުނެވެ. ޖުމާގެ ގައިން ދޫކޮށްލުމަށްފަހު ފަރުވާތެރިކަމާއެކު އޭނާ ޖުމާގެ މޫނަށް ބަލައިލިއެވެ.

" ކީއްވެ ތިހެން ތިބުނީ؟ "

ޒާރާ ސުވާލު ކުރިއެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)