" އަހަރެން ހިއެއް ނުކުރަން ޒާ ތިހާ ރަހުމު ކުޑަވާނެކަމަކަށް! ޒާގެ ކިބައިގައިވާ މައުސޫމުކަމާ ނިޔަނެތިކަމުގެ ފަހަތުގައިވަނީ އަނިޔާވެރިކަން ކަމެއްވެސް ކުރިން އަހަންނަކަށް ނޭނގެ! އަހަރެންދެކެ ކިތަންމެ ރުޅި އަޔަސް އަހަރެމެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އަހަރެން ދެން ކިހިނެއް ޒާ ބަލައިގަންނާނީ؟"
އަސަރާއެކު މުއާޒް ދައްކަމުންދާ ވާހަކަތަކުން ޒާރާއަށް ދެލޯ ކުޑަށްކޮށްލެވުނެވެ. އަދި ދެބުމަ ކައިރިކޮށްލަމުން ސުވާލުގެ ނަޒަރަކުން މުއާޒަށް ބަލަން ފެށުނެވެ. މަންޒަރު ބަލަން ދުރުގައި ހުރި ޖުމާ އަވަސް އަވަހަށް ދޮރު ލެއްޕުމަށްފަހު އައިސް ޒާރާ ގާތު އިށީނެވެ. އަދި ދޮންތަގެ ގައިގައި އަތް ޖައްސާލުމަށްފަހު ބުރަކަށީގައި ފިރުމާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެއާއެކު މުއާޒަށްވެސް ޖުމާގެ މޫނަށް ބަލައިލެވުނެވެ.
" މުއާބެ ކީއްވެ ތިހެން ތި ވާހަކަ ދައްކަނީ؟ "
އެހިނދު އެއްޗެއް ނުބުނެ ޖުމާއަކަށް ނީނދެވުނެވެ.
" ކީއްވެ މިހެން ވާހަކަ ނުދެއްކެންވީ؟ އަހަރެން ހިއެއް ނުކުރަން ޒާ އަކީ ތިކަހަލަ މީހެއް ކަމަކަށް! އަހަރެންދެކެ ރުޅި އަޔަސް އަހަރެންގެ ފުރާނަފަދަ ލޯބިވާ ދަރިފުޅުގެ ފުރާނަ ދުއްވާލައިގެން ނުވާނެއެއްނު"
ފުންމައިގެން ޖުމާއަށް ކޮޅަށް ތެދުވެވުނީ މުއާޒް ދައްކަމުންދާ ވާހަކަތައް އިތުރަށް އަޑުއަހަން ބޭނުން ނުވެގެންނެވެ. އޭރު މުއާޒްގެ ދެލޮލުންވެސް ކަރުނައިގެ އަސަރުތައް ފާޅުވަމުން ދެއެވެ. އިސްޖަހައިގެން އިނދެ ގިސްލަގިސްލާފައި ޒާރާއަށް ރޮވެމުން ދެއެވެ.
" ތިއީ ކާކު ބުނި ވާހަކައެއް؟ "
ޖުމާ ގޮސް މުއާޒްގެ ކުރިމަތީގައި ހުއްޓުމަށްފަހު ދެރަވެލާފައި ސުވާލު ކުރިއެވެ. މުއާޒަށް ޙަޤީޤަތް ނޭނގޭކަން އެނގި ހުރެ ޖުމާ ބޭނުންވީ ރަނގަޅަށް އޮޅުން ފިލުވާށެވެ.
" ދެން މިވާހަކަ އާ ކުރުމެއް ނެތެއްނު! ކަންތައް ވެ ނިމުނީމަ މިވާހަކަތައް ދެއްކިޔަސް ވާނެ ކަމެއް ނޯންނާނެ"
އެނދުމަތީގައި އިނދެ ރޮމުންދާ ޒާރާއަށް ބަލައިލަމުން މުއާޒް ބުންޏެވެ. އެއާއެކު ފައިމަތީގައި އަޅާފައި އޮތް ބެޑްޝީޓް ނަގައި ހޫރާލުމަށްފަހު ޒާރާ ތެދުވިއެވެ. އަދި ވަރުދެރަވެފައިވާ ޙާލު، އޭނާ އައިސް މުއާޒްގެ ކުރިމަތީގައި ހުއްޓުނެވެ. ދުޅަވެފައިވާ އޭނާގެ މޫނާއި ދެލޮލުން އެ ހަށިގަނޑުގައި އަޅާ ވޭން މުއާޒަށްވެސް އިޙްސާސް ކުރެވުނު ކަހަލައެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އިސްޖަހާލީ އިތުރަށް ޒާރާގެ މޫނަށް ބަލަން ބޭނުން ނުވާފަދަ ގޮތަކަށެވެ.
" މުއާ ހަމަ ޤަބޫލު ކުރަންތަ ތިކަން؟ އަހަރެން އެހާ ރަޙުމު ކުޑަވެދާނެތަ؟ ބުނެބަލަ! އަދި އެއްފަހަރު އަހަރެންގެ މޫނަށް ބަލައިލާފަ ބުނެބަލަ! އަހަރެމެން ދެމީހުންގެ ދަރިފުޅު... އަހަރެން މަރާލާނެތަ؟ "
އެޖުމްލަ އާއެކު ދެއަތުން މޫނުގައި އަތް އަޅަމުން ޒާރާ، މުއާޒްގެ މޭގައި ބޯ ޖައްސާލިއެވެ. އަދި ކުރިއަށް ވުރެ ބާރަށް އޭނާ ރޯން ފެށިއެވެ.
" ދޮންތަގެ ބޮލުގައި އެހާބޮޑު އިލްޒާމެއް އެޅުވީ ކާކު؟ "
އެއްޗެއް ނުބުނެ ހުރެވޭތޯ ކިތަންމެ މަސައްކަތް ކުރި ނަމަވެސް ޖުމާއަކަށް މަޑަކުން ނުހުރެވުނެވެ. ދެއަތުން ޒާރާގެ ގައިގައި ހިފަހައްޓާލުމަށްފަހު މުއާޒް ޖުމާއަށް ބަލައިލިއެވެ.
" ބައްޕަ ނިޔާވި ޚަބަރު ލިބުނީމަ އަހަރެން މިއަދު އެ ރަށަށް ދިޔައިން! ތިގެއަށް ދިޔައީމަ ޒާގެ ދޮންމަންމަ ބުނީ ބޭސްތަކެއް ކައިގެން ދަރި ވައްޓާލައިގެން ދިއްދޫއަށް ގޮއްސިޔޯ! އެހެންވެ އަހަރެން މިއައީ ހޯދަން.. އަހަރެން ބޭނުންވީ ޒާ މިތަނަށް އައިތޯ ޔަޤީންކުރަން"
މުއާޒް އެހެން ބުނުމާއެކު މަލާމާތުގެ ގޮތަކަށް ޖުމާ ހީލިއެވެ.
" އަހަރެމެން ހޮސްޕިޓަލްގައި ތިބިކަން އެކަނިތަ މުއާބެ ޔަޤީންކުރަން ބޭނުންވީ؟ އަހަރެމެން މިތާ މި ކުރަނީ ކީއްތޯ އަހައި، އޮޅުން ފިލުވާލާކަށް ބޭނުމެއް ނުވިތަ؟ އަބަދުވެސް އަހަރެމެން ދެކެ އިންތިހާއަށް ރުޅިއަރާ ދޮންމަންމަގެ ވާހަކަ މުއާބެ ޤަބޫލު ކުރީތީ އަހަރެން ވަރަށް ދެރަވެއްޖެ! އަދި ލަދުވެސް ގަނެއްޖެ! "
ޖުމާގެ ރާގު ބަދަލުވާން ފެށުމުން ޒާރާ މަޑުމަޑުން މުއާޒާ ދުރަށް ޖެހިލިއެވެ. އަދި މުއާޒްގެ މޫނަށް ބަލައިލުމެއްނެތި އައިސް ޖުމާގާތު ހުއްޓުނެވެ.
" އެދުވަހު އަހަރެން، މުއާ ދޫކޮށް މި ކޮއްކޮއާއެކު އަންނަން ޖެހުނީ ކީއްވެކަން މިހާރު މުއާއަށް ފެންނާނެ! ކޮންމެ ކަމެއްގައިވެސް ކޮއްކޮ އަހަންނަށް އިތުބާރުކޮށް، އަހަރެންގެ އަގު ހިފަހައްޓާނެ! އެކަމަކު މުއާ؟ މުއާ ކީއްވެ އަހަރެންގާތު ތެދު ދޮގުވެސް އަހައި ނުލާ ހިތު ހުރިހާ އެއްޗެއް ތި ގޮވާލީ؟ މުއާއަށް ކީއްވެ އެވަރު ނުވިސްނެންވީ؟ ކީއްވެ ؟ "
ނޭފަތް އެތެރެއަށް ދަމާލުމަށްފަހު ޒާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭރު ކުށްވެރިއަކު ފަދައިން މުއާޒަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" ބައްޕަ ނިޔާވެގެން ދޮންމަންމަ އަހަރެމެން ގެއިން ނެރެލީ! ދާނެ ތަނެއް ނެތިފައި މަގުމަތިވެފައި ބަނދަރުމަތީ ތިއްބާ ހަމަ ކުއްލިއަކަށް ދޮންތަ ބަނޑުގައި ރިއްސަން ފެށީ! އެރަށު ޞިއްޙީމަރުކަޒުންވެސް ފަރުވާ ހޯދިން.. އެމީހުން ބުނެގެން އިތުރު ސްކޭންތަކެއް ހަދަން މިތަނަށް މިއައީ! ޑީއެންސީވެސް މިތަނުން ހެދި! ޤަބޫލު ނުކުރެވެންޏާ ޑޮކްޓަރ އައީމަ އަހާ އޮޅުންފިލުވާ! މިއީ ބޭސްތަކެއް ކައިގެން ވީ ކަމެއް ނޫން"
ހަރުކަށި ގޮތަކަށް ޖުމާ ވާހަކަ ދެއްކި އިރު މުއާޒަށް ހުރެވުނީ ދެރަވެފައި ޒާރާގެ މޫނަށް ބަލާށެވެ. އޭރުވެސް އިސްޖަހައިގެން ހުރެ ޒާރާ މަޑުމަޑުން ގިސްލަމުން ދެއެވެ.
" ޒާ! "
ބެދިފައިވާ އަޑަކުން މުއާޒް ގޮވާލުމާއެކު ޒާރާ ދެފަރާތަށް ބޯ ހޫރާލިއެވެ.
" މުއާ ބޭނުމިއްޔާ އަހަރެން ދޫކޮށްލާ! އަހަރެން މުއާގެ ޙަޔާތުގައި ހުންނަން ޖެހޭނެ އެއްވެސް ސަބަބެއް މިހާރަކު ނެތް! "
ޒާރާ އެހެން ބުނުމާއެކު ޖުމާވެސް ކަންބޮޑު ވިއެވެ.
" ދޮންތާ! ތިހާ ހިސާބަށް ނުދޭ! ތިހެން ނުވާނެ ބުނާކަށް"
" އަހަންނަށް މަޢާފްކުރޭ ޒާ! އަހަންނަށް މަޢާފްކުރޭ... "
އަވަސް އަވަހަށް އެހެން ބުނެ މުއާޒް ޒާރާއާ ދިމާލަށް އައެވެ.
" އަހަރެން މިއައީ ޒާ ބަލައޭ! ޒާ ދިޔައިއްސުރެ އަހަރެންގެ ދިރިއުޅުން އެކަނިވެރިވި.. ޕްލީޒް.. އަހަންނާއެކު ހިނގާ! "
އެފަދަ ގޮތަކަށް މުއާޒް ވާހަކަ ދައްކަން ފެށުމުން ޒާރާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ.
" މުއާބެ ދޮންތަ ގެންދޭ! އަހަރެންގެ ސަބަބުން ތިދެމީހުން ދުރުވާކަށް ނުޖެހޭނެ.. އަހަރެންގެ ޙާލަށް އަހަރެން އުޅެދާނަން"
ޖުމާ އެހެން ބުނުމާއެކު ޒާރާއަށް ޖުމާއާ ދިމާލަށް ބަލައިލެވުނެވެ.
" މުއާވެސް އަދި ތިގޭ އެހެން މީހުންވެސް ތިބޭނީ ޖުމާދެކެ ރުޅި އައިސްފައެއްނު.. މާހިލްގެ ވާހަކަ ޤަބޫލުކޮށް ޖުމާއާމެދު ކުށްހީކޮށްފައި! އެހެންވީމަ އަހަރެން ކިހިނެއް ތިގޭގައި ގޮސް ދިރިއުޅެނީ؟ އަހަރެންގެ ކޮއްކޮއަށް އެހާލު ޖައްސާފައި ހުރި މީހަކާ ދިމާލަށް އަހަރެން ކިހިނެއް ބަލައިލާނީވެސް؟ "
ދެލޮލުން ކަރުނަ ފުހެލަމުން ޒާރާ ބުންޏެވެ. އެއާއެކު މުއާޒަށް ބަލައިލެވުނީ އިސްޖަހާލައިގެން ހުރި ޖުމާއާ ދިމާލަށެވެ.
" ޒާ ބޭނުންވަންޏާ އަހަރެމެން ރަށުގައި ވަކިން ތި ދެމީހުންނަށް ތިބެވޭ ގޮތް ހަމަޖައްސައިދީފާނަން! ވަކިން ގެއެއް ގަނެދީފާނަން"
އަވަސް އަވަހަށް މުއާޒް ބުނެލިއެވެ. އެއާއެކު ޒާރާއަށް އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" އަހަންނާއެކު ތިބުނާ ގެއެއްގައި ދިރިއުޅެން މުއާ އަންނާނަންތަ؟ "
ޒާރާގެ ސުވާލަށް އާނއެކޭ ބުނަން ބޭނުންވި ނަމަވެސް މުއާޒްގެ ސިކުނޑީގައި މަންމަގެ ނަން އެވަގުތު ފަވާލެވުނެވެ. އެހެންކަމުން އޭނާއަށް ދޭނެ ޖަވާބެއް ނޭނގި އިރުކޮޅަކު ހުރެވުނީ ޒާރާއަށް ބަލަހައްޓައިގެންނެވެ.
" ނާދެވޭނެތަ؟ މުއާއަށް އަހަންނާއެކު ދެން ކިހިނެއް ދިރިއުޅުން ކުރިއަށް ގެންދާނީ؟ ކޮބާ އަހަރެން ތިރަށަށް ދިޔުމުގެ ބޭނުމަކީ؟ ދެމީހުން އެކުގައި ކިހިނެއް ދެން އުޅޭނީ؟ "
ޒާރާގެ ވާހަކަ އެހިސާބަށް ދިޔުމާއެކު މުއާޒް އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ދާނަމޭ! އަހަރެން އުޅޭނީ ޒާ އާއެކު.. "
ވަރަށް އުނދަގުލުން މުއާޒް އެހެން ބުނުމާއެކު ޖުމާއަށް ހިނިތުންވެލެވުނެވެ.
" ދެން އަހަރެންގެ ސަބަބުން މުއާބެމެން ލަދެއް ނުގަންނާނެތަ؟ ތިރަށަށް އަހަރެން ބަދުނާމެއް ނުވާނެތަ؟ "
ޖުމާގެ ސުވާލުތަކުން އެންމެ އަސަރު ކުރުވީ ޒާރާއަށެވެ. ޖުމާގެ އިޙްސާސްތައް އޭނާއަށް އިޙްސާސް ކުރެވުނު ފަދައެވެ. އެހެންކަމުން ޒާރާ މަޑުމަޑުން ޖުމާގެ އަތުގައި ހިފާލުމަށްފަހު ފިތާލިއެވެ.
" މުއާ! އަހަރެން ކަމަކު އެދެންތަ؟ "
ވަރަށް ލަދުން ހުރެ ޒާރާ އެހެން ބުނުމާއެކު މުއާޒް އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
" ކޮއްކޮ ވިހާ ގަދަވަންދެން އަހަރެމެން ދެމީހުން މާލޭގައި ތިބެވޭނެ ގޮތެއް ހަދައިދެވިދާނެތަ؟ "
ޒާރާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. އެއާއެކު މުއާޒަށް ބަލައިލެވުނީ ޖުމާގެ މޫނަށެވެ. މުއާޒް ޖުމާއަށް ބަލަމުންދާ ގޮތުން ޖުމާއަށް އިސްޖަހާލެވުނެވެ. އެއާއެކު ޒާރާ ލުއި ގޮތަކަށް ހީލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" އަހަންނަށް އެނގޭ މުއާގެ ކޮއްކޮގެ ބޮލުގައި އެ ބަދުނާމު އެޅުވީމަ މުއާ އަދިވެސް ޖުމާދެކެ ހިތްހަމަ ނުޖެހޭކަން! އެކަމަކުވެސް... މުއާއަށް އަހަރެން މުޙިއްމުވަންޏާ އަހަންނަށް މިކަމުގައި އެހީތެރިވެދީ! ޕްލީޒް... މުއާއަށް މިކަން ކޮށް ނުދެވެންޏާ އަހަރެން ދޫކޮށްލާ! އަހަންނަށް ޖުމާ ދުލެއް ނުކުރެވޭނެ"
ޒާރާގެ ޖުމްލަ އަޑުއަހާފައި ޖުމާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. އެއާއެކު އޭނާއަށް ޒާރާގެ ގައިގައި ބައްދައިގަނެވުނެވެ.
" އޯކޭ! ޒާ ތި އެދުނު ކަންތައް އަހަރެން ކޮށްދީފާނަން! އެކަމަކު... ޖުމާއަށް ރަނގަޅު ގޮތެއް ފެނުނު ދުވަހަކުން އަހަރެންގެ ގެއަށް ޒާ އަންނާނަންތަ؟ "
މުއާޒް ވާހަކަ ދައްކަން ފެށުމާއެކު ޖުމާ ޒާރާއާ ދުރަށް ޖެހިލިއެވެ. އެއާއެކު މުއާޒްގެ އުއްމީދީ ޖުމްލަތަކުން ޒާރާގެ ހިތް އުފާވި ކަހަލައެވެ. އޭނާ އަވަސް އަވަހަށް މުއާޒްގެ އެދުމަށް އެއްބަސްވިއެވެ.
***
" ބައްޕާ! ދޮންބެ އަދިވެސް ނާދޭތަ؟ "
ކާން އިށީންނަމުން މާހިލް ސުވާލު ކުރިއެވެ. އެއާއެކު ނަޖީބު ބޯ ޖަހާލަމުން ފެންތަށި ނެގިއެވެ.
" ދެން ނޭނގެ އަންނާނެ ކަމެއްވެސް! އޭރުވެސް މަންމަ ބުނިން ބައްޕަގާތު ދޮންބެއާއެކު ދާށޭ.. އޭރުން ގައިމު މަޑުކުރާކަށް ނުކެރޭނެއެއްނު.. މިހާރު އެހެރަ އިރު އޮއްސެނީ! އަންނާނެ ނަމަ މިހާރު އަތުވެއްޖައީސް"
ކަފީލާގެ ރުންކުރު ވާހަކަތައް އަޑުއެހުމަށްފަހު ނަޖީބު ފެންފޮދެއް ބޯލިއެވެ.
" މުއާޒްގެ ޒާތީ ކަންކަމަށް ބެހެން ބޭނުން ނުވާތީ އަހަރެން ނުދިޔައީ! ހުރިހާ ކަމަކަށް މައިންބަފައިން ވަންނާކަށް ނުޖެހޭނެޔޭ! ބައެއް ކަންކަމަކީ އެކުދިން އަމިއްލައަށް ގޮތް ނިންމަން ބޭނުންވާ ކަންތައްތައް! ޒާރާ ގާތު ދެތިންދުވަހު މަޑުކޮށްފައިވެސް އަތުވެދާނެއެއްނު.. އަހަރެން ނުގުޅަން މިހުންނަނީވެސް އުނދަގޫ ނުކުރަންވެގެން. މުއާޒް ގުޅަން ބޭނުންވީމަ ގުޅާނެ.."
ނަޖީބުގެ ރާގުގައި ހުރި ހަރުކަށިކަމެއްގެ ސަބަބުން މިފަހަރު ކަފީލާއަކަށް ރައްދެއް ދޭކަށް ނުކެރުނެވެ. އެހެންކަމުން މޫނަށް ފޫހިކަން ވެރިކުރުމަށްފަހު އޭނާ މާހިލަށް ބަލައިލިއެވެ.
" އެ ރީނާގެ ޚަބަރެއް ނުވޭތަ؟ "
ރީނާގެ ނަން އިވުމާއެކު މާހިލްގެ މޫޑު ގޯސް ވެގެން ދިޔައެވެ.
" ހާނިމް ބުނި އޭނަ މަންމަ އެހިޔޯ ރީނާއާ ކައިވެނިކުރަން އުޅެފައި އެއީ ބަލި ކުއްޖެއްކަން އެނގުނީމަ އަހަރެން ކައިވެނި ކެންސަލް ކުރި ވާހަކަ އަޑުއެހީމޭ.. އަހަންނަށް ހީވަނީ އެއީ ރުޝްދީ ފަތުރައިގެން އުޅޭ އަޑެއްހެން.. އެހެންވެ ދެން މިހާރު މިރަށުގައި އުޅޭހިތެއް ނުވެސް ވޭ! "
މާހިލްގެ ވާހަކަ އެހުމަށްފަހު ނަޖީބުގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ފެށިއެވެ. އެއާއެކު ކަފީލާގެ ރުޅިވެސް އިންތިހާއަށް އިތުރު ވެގެން ދިޔައެވެ.
" ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ ދޯ! އެކަހަލަ ވާހަކަ ދައްކާކަށް ނުވާނެ އެއްނު..ތިކަމުގައި ދެން އަހަރެމެންދޯ ލަދުގަންނަން ޖެހޭނީ! "
ކަފީލާގެ ޖުމްލަ ނިމުމާއެކު މާހިލް ފުންމައިގެން ތެދުވެއްޖެއެވެ. އެއާއެކު ނަޖީބަށްވެސް އިސް އުފުލައި މާހިލަށް ބަލައިލެވުނެވެ.
" އަހަރެން ބޭނުމެއް ނޫން މިތާ އުޅޭކަށް! އަހަރެން މާލެ ދާން ބޭނުމީ.. މިރަށުގައި އުޅެންޏާ އަހަރެންގެ ރުޅި ދުވަހަކުވެސް މައިތިރިއެއް ނުވާނެ!"
ކަފީލާއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލުމަށްފަހު މާހިލް ނިކުމެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!