ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި 3-1 ގެ ނަތީޖާއިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބާސާއިންނެވެ. މި ލަނޑު ގުންޑޮގާން އަލަވޭސްގެ އޭރިއާތެރެއަށް ތިރިން ކުޅުނު ބޯޅަ ލެވަންޑޯސްކީ ވަނީ ކޮންޓްރޯލް ކުރުމަށްފަހު އަލަވޭސްގެ ކީޕަރ އެންޓޯނިއޯ ސިވޭރާގެ ބޯމަތިން ގޯލުގެތެރެއަށް ޗިޕް ކޮށްލާފައެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހަށް ފަހު އޭނާ ލީގުގައި ބާސާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ބާސާގެ ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގުންޑޮގާންއެވެ. ބާސާއިން ދެވަނަ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން އަލަވޭސްގެ ސަމިއުލް އޮމޮރޮޑިއޮން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ.
ބާސާގެ ތިންވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ޒުވާން ފޯވާޑް ވިކްޓޯ ރޮކޫއެވެ. އޭނާ ކުޅެން ނުމުތީ އޭގެ ހަތަރު މިނެޓް ކުރިން ގުންޑޮގާންގެ ބަދަލުގައެވެ. ބާސާ އެންމެ ފަހުން އޮސަސޫނާއާ އަތުން މޮޅުވި މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ރޮކޫ ވަނީ ލަނޑުޖަހައި ބާސާ މޮޅު ކޮށްދީފައެވެ. ނަމަވެސް ރޭ މެޗުގެ 72 ވަނަ މިނެޓުގައި ރޮކޫއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ.
މި މޮޅާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް 23 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ޖިރޯނާ އޮތީ 23 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށް 22 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ. މިރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން އެތުލެޓިކޯ މޮޅުވެއްޖެނަމަ އެތުލެޓިކޯއަށް ތާވަލުގެ ތިންވަނައަށް ޖެހިލެވޭނެއެވެ. ރޭ ދެވަނާގައި އޮތް ޖިރޯނާއާއި ރިއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ނިމިފައި ވަނީ ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!