އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމަށް ކުރީގެ ސަރުކާރުން ގަތަރުގެ ކުންފުންޏަކާ އެކުގައި ހެދި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ހުއްޓާ ނުލި ނަމަވެސް އެއްބަސްވުން ރިވިއު ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންއާއެވެ. މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެ އެއްބަސްވުމުގައި ސޮއިކުރީ އާބަކޮން އާއި ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯއާ ދެމެދުގައެވެ. މިއީ އިހަވަންދިއްޕޮޅުގައި ޕްލޭން ކުރެވިފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އޭރު ގާއިމު ކުރަން ނިންމި ފެސިލިޓީއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކާ ގުޅިގެން ސައީދު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ އިކޮނޮމިކް މިނިސްޓްރީން ނޫން ކަން އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ހަމަ މައުލޫމާތަށްޓަކައި މި ދަންނަވަނީ އެސްޓީއޯއާ އެކީގައި ސޮއިކޮށްފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އަޅުގަނޑު ޗެކްކޮށްލިން އެސްޓީއޯ އިން އެ އެމްއޯޔޫ އެކްޓިވްތޯ. ވިދާޅުވީ އެކްޓިވްކޮށޭ އޮތީ." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެ ޕްރޮޖެކްޓް ކުރިއަށްދާނެ ގޮތެއް ބަލަން އެމްއޯޔޫ ރިވިއު ކުރަމުން އަންނަ ކަމަށެވެ.
"އެ އެމްއޯޔޫއަކީ ދެ ކުންފުންޏެއް ދެމެދުގައި ވެފައިވާ އެއްބަސްވުމެއް. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުންފުނިން އެކަމުގައި ގޮތެއް ނިންމާނީ،" ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުން އެތައް ކާގޯ ބޯޓު ފަހަރެއް ކޮންމެ ދުވަހަކު ވެސް ރާއްޖެ ހުރަސްކޮށް ދަތުރު ކުރެއެވެ. ރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!