ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ފޯމު ހުށަހަޅުއްވައިފިއެވެ.
މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ.
ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަށް ވަން ފޯމު ހުށަހެޅުއްވިކަން މީސްމީޑިއާ މެދުވެރިކޮށް ހާމަކުރައްވާ މުހައްމާ ވިދާޅުވީ ރައްޔިތުންނާއި ޤައުމީ ޚިދުމަތުގައި އޭނާ ދެމި ހުންނަވާނެ ކަމަށެވެ.
''ދިވެހި ޤައުމާ ރައްޔިތުންނަށްޓަކައި، އިހަވަންދޫ ދާއިރާގެ ރައްޔިތު އެންމެނަށްޓަކައި ޤައުމީ ޚިދުމަތުގައި މި އަޅާ ދެމިހުންނާނަން! ހޭލުންތެރިކަމާއި ފުދުންތެރިކަމާއެކު އުއްމީދީ ޖީލަކުން އުފަންވާ ލަފާހަ ދަރީންތަކެއް ދިރިއުޅޭ ދާއިރާއަކަށް އިހަވަންދޫ ދާއިރާ ހަދާނަން'' ޕީޕީއެމްގެ ސެނެޓާއެއްގެ ގޮތުގައި ހުންނެވި މުހައްމާ ވިދާޅުވެފަވެއެވެ.
ފިލްމީ ދާއިރާއިން ބޮޑު މަޝްހޫރުކަމެއް ހޯދި މުހައްމާ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވީ 18 ވަނަ މަޖިލީހުގައެވެ. 17 އަދި 18 ވަނަ މަޖިލީހަށް ވެސް އޭނާ ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. 18 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ހުވާކުރެއްވިތާ މަހެއްހާ ދުވަހުގެ ތެެރޭގައި މުހައްމާ ވަނީ އޭރުގެ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. ފަހުން ވެރިކަމުގެ ހަތަރު ވަނަ އަހަރު އޭނާ ވަނީ އޭރު މަޝްހޫރުވި 12 މެންބަރުންގެ ތެރޭގައި ހިމެނި، އޭރުގެ މަޖިލީހުގެ ރައީސް މަސީހް ވަކިކުރުމަށް ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުންނަވާފައެވެ.
ފަހުން މުހައްމާ ހުންނެވީ އެމްޑީޕީގައެވެ. އަދި 19 ވަނަ މަޖިލިސް އަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ވާދަވެސް ކުރެއްވިއެވެ. ފަހުން މުހައްމާ ވަނީ ''ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ'' 29 ޖުލައި 2021 އެނބުރި ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
މުހައްމާ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް އިސްވެ މަސައްކަތް ކުރެއްވި ބޭފުޅުންތެރޭ ހިމެނޭ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!