މިއަދަކީ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ސަލާ ''ތިލަދުން'' އަށް ވާހަކަ ލިޔަންފެށިތާ އެއް އަހަރުފުރޭ ދުވަހެވެ. މި މުނާސަބާގައި ސަލާއަށް މަރުޙަބާ ކިޔަމެވެ. މިދިޔަ އެއް އަހަރުގެ ތެރޭގައި ސަލާ ވަނީ ނުހަނު ރީތި، ހިތްގައިމު ވާހަކަތަކެއް މި ނޫސް މެދުވެރިކޮށް ގެނެސްދީފައެވެ. ސަލާގެ ''ތިލަދުން''އާއިއެކު މިވީ އެއް އަހަރު ނިންމައި، އައު އަހަރަކަށް މި ފަށަނީ ކިޔުންތެރިންނަށް ސަލާގެ ހަދިޔާއަކުންނެވެ. އައު ވާހަކައެއް ކިޔުންތެރިންނަށް އަރިސް ކުރަމުންނެވެ. މި ވާހަކައިގެ ފުރަތަމަބައި މިއަދު ގެނެސްދިން ނަމަވެސް މިއަންނަ އާދީއްތަ ދުވަހުން ފެށިގެން މިވާހަކަ ޝާއިއުކުރަމުން ގެންދާނީ ހަފުތާގެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގައެވެ.

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

Ad
rt

ފާރުގައި ހަރުކޮށްފައި ހުރި ހުދު ކުލައިގެ ބޮޑު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ހިނގަމުންދާ ގަޑިއަށް ބަލަހައްޓައިގެން ހުރި މުއާޒަށް ސިޓިންގރޫމްގައި އިނދެވެނީ ހަމަ ކިރިޔާއެވެ. ސޯފާއިން ތެދުވުމުގެ ހުއްދަ ނުލިބިގެން މޭގައި އޮތް ހިތް ތެޅި ފޮޅެނީއެވެ. އިރުއިރުކޮޅުން ކޮޓަރީގެ ދޮރަށް ބަލައިލެވެނީ އިޝާރާތެއް ވޭތޯއެވެ. އުފާވެރި އިންތިޒާރެއްގައި، ކެތްތެރިކަމެއްނެތި އިންދާ ޖީބުގައި އޮތް ފޯނު ހިރިލިއެވެ. އަވަަސް އަވަހަށް ފޯނު ނަގުމަށްފަހު ލިބުނު މެސެޖަށް ބަލައިލެވުނެވެ.

" ދެން އާދޭ! "

މެސެޖް ކިޔާލުމައިއެކު ފުންމައިގެން ތެދުވެ ކޮޓަރިއާއި ދިމާއަށް މުއާޒަށް ހިނގައިގަނެވުނީ ފުޅާ ހިނިތުންވުމެއްގައި ހުރެއެވެ. ދޮރުފަތުގެ ތަޅު އަނބުރާލުމަށްފަހު ދޮރުން އެތެރެއަށް އޭނާ ބޯ ދިއްކޮށްލިއެވެ. އެއާއިއެކު ލިބުނު ހައިރާންކަމާއިއެކު އެތެރެއަށް ދެމިގަނެވުނީ އާޝޯޚް ވެގެންނެވެ. އަލަތު ކައިވެނީގެ ފުރަތަމަ ރޭ، ލޯބިވާ އަނބިމީހާގެ ފަރާތުން އެވަރުގެ ބޮޑު ސަޕްރައިޒެއް ލިބޭނެ ކަމަށް އޭނާ އުއްމީދެއްވެސް ނުކުރެއެވެ. ކޮޓަރީގެ އެތަންމިތަނުގައި އުއްބައްތި ބަހައްޓާފައި ހުއްޓެވެ. އެހެންކަމުން މުޅި ތަނަށް ވެރިވެފައިވަނީ އަލިފާނުގެ އޮރެންޖު އަލިކަމެވެ. ކިންގް ސައިޒްގެ އެނދުމަތީގައި އަޅާފައި އޮތް ހުދުކުލައިގެ ބެޑްޝީޓްމަތީގައި އަތުރާފައިވާ ރަތްކުލައިގެ ފިނިފެންމާ ފިޔަތައް ފެނިފައި މުއާޒްއަށް ބޮލުގެ ފުއްކިބައިގައި ޖަހާލެވުނެވެ. ހަމައެއާއިއެކު އެނދު ކޮޅުގައި ހުރި ކުޑަ މޭޒު މަތީގައި އޮތް ކޭކު އޭނާއަށް ފެނުނީ ތަންކޮޅަކަށް ހިނގާލުމުންނެވެ.

" ލަވް ޔޫ ސޯ މަޗް.."

ކޭކުގައި ލިޔެފައިވާ ޢިބާރާތްކޮޅު ކިޔާލުމަށްފަހު މުއާޒް އިތުރަށް ޝައުޤުވެރިވިއެވެ. ދެން އޭނާއަށް ބަލައިލެވުނީ ފާޚާނާއާ ދިމާލަށެވެ.

" ޕަރީ!.... ދެން ނިކުންނަން އުޅޭ.. ސަޕްރައިޒް ވެއްޖެޔޭ.."

ނުހަނު ލޯތްބާއިއެކު މުއާޒް ގޮވާލިއެވެ.

އެއާއިއެކު މަޑުމަޑުން ފާޚާނާގެ ދޮރު ހުޅުވާލުމަށްފަހު ޒާރާ ނިކުތެވެ. ދޮރުކަނީގައި އަތް ޖައްސާލައިގެން އޭނާ ހުރީ ސީދާ މުއާޒަށް ބަލަހައްޓައިގެންނެވެ.

" އޯހް..މާތްﷲގެ ކުޅަދުންވަންތަކަން...ތިއީ ހަމަ ޕަރީއެއް.. އަހަރެންގެ ޕަރީ!"

އަތުގައި އޮތް ފޯނު ޑްރެސިންގް ޓޭބަލް މަތީގައި ބާއްވަމުން މުއާޒް، ޒާރާ އާއި ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ މަސްތީ ހިނިތުން ވުމެކެވެ. ޒާރާގެ ފައިން ފެށިގެން ބޮލަށް މުއާޒް ބަލައިލީ މަސްތީ ނަޒަރަކުންނެވެ.

ޒާރާ ލައިފައި ހުރީ ރަތްކުލައިގެ ތުނި ނައިޓީއެކެވެ. ފަލަމަސްގަނޑުން ބޮޑުބައެއް ހާމަވާން އޮތް އިރު އޭނާގެ ހަށިގަނޑުގެ ވަނާތައްވެސް ރީތިކޮށް ފާޅުވެއެވެ. މަޑުމަޑުން ގޮސް، ޒާރާގެ ކުރިމަތީގައި ހުއްޓުނު މުއާޒަށް ފުރަތަމަވެސް ހިފާލެވުނީ ޒާރާގެ މެދުހަށީގައެވެ. އެހިނދު ކަނދުރާއާއި ހަމައަށް ކޮށާލާފައި އޮތް ޒާރާގެ ބާނި، ފަން އިސްތަށިގަނޑުން ދުވި މީރު ވަހުން މުއާޒަށް އިތުރަށް އޭނާއާއި ގާތްވެލެވުނެވެ. އެއަށްފަހު އޭނާއަށް މަޑުމަޑުން ޒާރާގެ ބުރަކަށީގައި އަތް ހިންގާލެވުނެވެ. އެއާއިއެކު ޒާރާ، އޭނާގެ ހަށިގަނޑުގައި ބަނޑިބަނޑި ލައްވާލިއެވެ. ޒާރާ މައިތިރިކޮށްލުމަށްޓަކައި މުއާޒް އޭނާގެ ހަށިގަނޑާލައި ޒާރާ ފިއްތާލިއެވެ.

" ތިއީ ކޮންކަހަލަ ޖާދުވީ ރީތިކަމެއް؟ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި.."

ޒާރާގެ ކަންފަތުގައި ދައިގަންނަމުން ވައި އަޑުން މުއާޒް ބުނެލިއެވެ. އެހިނދު ޒާރާ އިސްއުފުލާ މައްޗަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިމަދިގު ދޮން ކަނދުރާގައި މުއާޒް މޫނު ޖައްސާލިއެވެ. އަދި މަޑުމަޑުން ޒާރާ އަތްދަނޑިމައްޗަށް ނަގާ އުފުލާލިއެވެ. އެއާއިއެކު މަޑުމަޑުން ޒާރާ ހީލި އަޑު މުއާޒްއަށް އިވުނެވެ.

" އަހަރެން ހިއެއް ނުކުރަން ތިހާ ރޮމް ވާނެ ކަމަކަށް"

މުއާޒް، ޒާރާ އެނދުމަތީގައި ބާއްވާލަމުން ބުންޏެވެ.

" ފިރިމީހާ ލަންބުވާލުމަށްޓަކައި ނިކަން ގިނަ އުކުޅު ބޭނުން ކުރަން ޖެހޭނެ.."

ޒާރާ އެހެން ބުނެ މުއާޒްގެ ގަމީހުގައި ހިފަމުން އެނދުމައްޗަށް ވައްޓާލި އިރު އޭނާގެ ތުންފަތްމަތީގައިވަނީ އާދަޔާ ޚިލާފް ހިނިތުންވުމެކެވެ.

" އޯހް.. އިންޓްރެސްޓިން..."

ޒާރާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން މުއާޒަށް ބުނެވުނީ ވައިއަޑަކުންނެވެ. އެއާއިއެކު ޒާރާ، ތުންފަތް އޫކޮށްލިއެވެ.

****

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ނާސްތާކޮށް ނިމިގެން އެންމެން ތިބީ ގޭގެ ސިޓިންގރޫމްގައެވެ. ދުވަހަކީ ޒާރާ އެގޭގައި ހޭދަކުރާ ފުރަތަމަ ދުވަސްކަމުން، ގޭގެ އެންމެންނާއި ޒާރާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ މުއާޒް އެންމެ ބޭނުންވާ ގޮތެވެ.

" މިއަދުގެ ނާސްތާ ވަރަށް ފުރިހަމަ! އުޅެއުޅެފައި ދޮންބެ ގެއަށް މި ގެނައީ ވަރަށް މޮޅު ޝެފެއް"

އަބަދުވެސް ސަމާސާ ކުރާހިތްވާ މާހިލް ލާނެތް ގޮތަކަށް ބުނެލިއެވެ. އޭނާ އަނގައިން ބުންޏަސް އެންމެންގެ މޫނުމަތިން ހިނިތުންވުން ފާޅުވެއެވެ. މާހިލަކީ މުއާޒްގެ ކޮއްކޮއެވެ. މިޒާޖުގެ ގޮތުން ދެމީހުން އެހާމެ ތަފާތެވެ. އޭނާއަކީ ހަރުދަނާ ޝަޙްޞިއްޔަތެއްގެ ވެރިއެކެވެ. ޒިންމާދާރު ކަމާއިއެކު ބައްޕަގެ ވިޔަފާރި ކުރިއަށް ގެންދަނީވެސް މުއާޒް އެކަނިމާއެކަންޏެވެ. މުއާޒަކީ މަޑުމައިތިރި، އެހާމެ ބަސްމަދު މީހެކެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ފިޔަވައި އިތުރު ވާހަކަތަކެއް އޭނާ އާއްމުގޮތެއްގައި ބޭކާރު ވާހަކަތަކެއްނުދައްކައެވެ. ނަމަވެސް މާހިލްއަކީ އަނގަ ގަދަވެފައި އަބަދުވެސް ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަކުރަން ބޭނުންވާ މީހެކެވެ. ރައްޓެހިންނާއެކު ގިނަ ވަގުތު ބޭރުގައި އުޅުމަކީ މާހިލްގެ އާދައެކެވެ. އޭލެވެލް ހަދައި، މޮޅު ނަތީޖާއެއް ލިބުނު ނަމަވެސް އަދިވެސް ވަޒީފާއަކަށް ދާކަށް އޭނާ ޚިޔާލެއް ނުކުރެއެވެ. މައިންބަފައިންނަކީ ރަށުގެ އެންމެ ފޯރާ މީހުންނަށް ވެފައި ބޭނުންވާ ކޮންމެ އެއްޗެއް އެމީހުން މާހިލަށް ހޯދައިދެއެވެ. އެހެންކަމުން އޭނާގެ ކިބައިގައި އަދިވެސް އެއްވެސް ހަރުދަނާ ކަމެއް ނުހުރެއެވެ.

" އާނ ދެން މިހާރު ދަރިފުޅަށްވެސް މަންމަ ކައްކާ އެއްޗެހި ނުބައިވެދާނެ! "

ހިނިތުންވެލަމުން ކަފީލާ ބުންޏެވެ. އޭނާގެ މޫނުމަތިން ހިނިތުންވުން ފެނުނު ނަމަވެސް އަޑާއި ރާގުގައި ހުރި ނުތަނަވަސްކަން ޒާރާގެ ހިތުގައި ކުޅެލިއެވެ. އެހެނަސް ކަފީލާގެ ޖުމްލައާއި ވިއްދައި ނަޖީބު ވާހަކަ ފެށުމުން ޒާރާ އިތުރަކަށް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.

" މިގޭ އެންމެންވެސް ތިބޭނީ މަންމަގެ ރަހަތަކަށް އާދަވެފައި! ނަސީބެއްނު މަންމައަށް ދޫނުކުރާވަރުގެ ކުއްޖަކު ދޮންބެ ގެނައިކަން"

ނަޖީބު އެހެން ބުނި އިރުގައިވެސް މާހިލް ދިޔައީ ހެމުންނެވެ. އިރުއިރުކޮޅުން ޒާރާ މުއާޒަށް ބަލައިލަނީ މުއާޒްގެ ތަޢުރީފްގެ ބަހެއް އޭނާއަށް ލިބޭތޯއެވެ. ނަމަވެސް ސާދާ ގޮތަކަށް ހީލަ ހީލަ މުއާޒް ހަމަ އިނީއެވެ.

" ދަރިފުޅު ދެން މިއަދު ފިހާރައަށް ނުގޮސް މަޑުކޮށްލާ! ބައްޕަ މިއަދު ދާނަން.. ޒާރާ ގޮވައިގެން މާމަ މެންގެއަށްވެސް ދާން ޖެހޭނެއެއްނު! އެގެއަށް ނުގޮސްގެން މާމަ ޝަކުވާ ކުރަން ވާއިރަށް ދަރިފުޅު ވާނެ ދާން.."

ގަޑި ބަލައިލަމުން ނަޖީބު ތެދުވިއެވެ. އެއާއިއެކު ބައްޕައަށް އިޙްތިރާމް ކުރުމުގެ ގޮތުން މުއާޒްވެސް ތެދުވިއެވެ. ނަމަވެސް މާހިލް އިނީ އޭނާގެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ.

" ލައްބަ! އަޅުގަނޑު މިއަދު ހަވީރު މާމަގެއަށް ދާނަން.."

މުއާޒް އެހެން ބުނުމާއެކު ބޯ ޖަހާލަމުން ނަޖީބު ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. އިސްޖަހާލަމުން މުއާޒް ޒާރާއަށް ބަލައިލި އިރު ޒާރާވެސް އިނީ މުއާޒަށް ބަލަހައްޓައިގެންނެވެ. އެހިނދު ކޮޓަރިއަށް އައުމަށް، ޒާރާއަށް އޭނާ އިޝާރާތް ކޮށްލިއެވެ.

" މަންމާ! އަޅުގަނޑު ގޮސްލަނީމި... "

މުއާޒްގެ ޖުމްލަ ނުނިމެނީސް އަވަސް އަވަހަށް ޒާރާ ތެދުވެ ކަފީލާއަށް ހިނިތުންވުން ރައްދު ކުރިއެވެ. ހެވިފައި އިން ކަފީލާ ބޯ ޖަހާލުމާއެކު މުއާޒާއި ޒާރާ ހިނގައިގަތެވެ.

***

" އަޅެ މުއާ ހީވަނީ މުޅިން އެހެން މީހެއް ހެން.. މަޑުމައިތިރި މީހަކަސް އަހަރެން ހިއެއް ނުކުރަން ތިހާ މަޑުމައިތިރި ވާނެ ކަމަކަށް..އަޅެ މަންމަމެންގެ ކުރިމަތީގައި އަހަރެން ކެއްކި އެއްޗެހި މީރޭ ބުނެލި ނަމަ އަހަރެން ކިހާ އުފާވީސްތަ؟"

ކޮޓަރީގެ ކަނެއްގައި ހުރި ސޯފާގައި އިށީންދެލަމުން ޒާރާ ބުނެލިއެވެ. އެއާއިއެކު މުއާޒްގޮސް ސޯފާގައި އޮށޯވެލުމަށްފަހު ޒާރާގެ އުނގުގައި ބޯ އަޅާލިއެވެ.

" ޒާއަށް އެނގެއެއްނު އަހަރެން މައިންބަފައިންނަށް ވަރަށް އިޙްތިރާމް ކުރާކަން.. އެމީހުންގެ ކުރިމަތީގައި މާ ބޭކާރު ވާހަކަތައް ދެއްކުމަކީ އަހަރެން އެއް އިރެއްގައިވެސް ކުރާހިތްވާކަމެއް ނޫން. އެހެން ނޫނަސް ޒާ ފިޔަވައި އިތުރު މީހަކާ އަހަރެން މިހާ ގިނައިން ވާހަކަ ދައްކައެއް ނޫޅެން! "

މުއާޒް ޒާރާގެ ދަތްދޮޅީގައި ހިފާލުމާއެކު ޒާރާ މުއާޒްގެ ބޮލުގައި ފިރުމާލިއެވެ.

" މާހިލް އާއި މުއާ ހާސްބައި ތަފާތު! އުޑާ ބިމާހާ ތަފާތު.. އެއީ ކީއްވެތަ؟ "

ޒާރާގެ ސުވާލުން މުއާޒްއަށް ޖަހާލެވުނީ ކުރު ހިނިގަނޑެކެވެ.

" ތިއީ އެންމެވެސް ދައްކާ ވާހަކަ! މަންމަމެން އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވާނެ.. އަހަންނަކީ ދޮށީ ދަރިފުޅު.. ހަމަ އެގޮތަށް މާހިލް ކޮއްކޮ ދެކެވެސް އެހާ ލޯބިވާނެ. އެއީ ހަގު ދަރިފުޅު! ކޮއްކޮ ކުޑަވީމަ ކޮއްކޮ ވަރަށް ޅަކޮށްގެން އަހަރެމެން އެންމެންވެސް މި ގެންގުޅުނީ.. އެހެންވެ އަދިވެސް އަހަރެމެންނަށް އޭނަ ބޮޑެއް ނުވެ! ވަޒީފާއަކަށް ދާން އެއްވެސް މީހަކު އޭނައަށް ބާރެއް ނާޅާނެ. ކޮއްކޮ ބޭނުންވީމަ ހަމަ ދާންވީ! "

މުއާޒްގެ ވާހަކަތަކަށް ޒާރާގެ ހިތް ދެކޮޅު ހަދަމުން ދިޔައެވެ. ނަމަވެސް މާހިލްދެކެ މުއާޒް ލޯބިވާވަރު އޭނާއަށް އެނގެއެވެ. އެދެބެންގެ ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް ޒާރާ ބޭނުމެއް ނޫނެވެ. އެހެނަސް ހިތަށް ކުޅަދާނަ ނުވެގެން އޭނާގެ ދޫ ހިމޭނުން އޮންނަ ގޮތެއް ނުވިއެވެ.

" އެކަމަކު މުއާ! މާހިލަކީ މުއާ ފަދަ ހަރުދަނާ މީހަކަށްވާނީ އަމިއްލަ ފައިމައްޗަށް ތެދުވެގެންނު! "

ޒާރާގެ ޖުމްލައިން މިފަހަރުވެސް މުއާޒް ހީލިއެވެ.

" އަދި އަމިއްލަ ފައި މައްޗަށް ތެދު ނުވެވޭހާ ބޮޑެއްވެސް ނުވެއެއްނު.. މިއަހަރު އޭލެވެލް ނިންމީ! މިއީ ރައްޓެހިންނާއެކު ސަރަކާތްޖަހާލާ މަޖާކޮށްލާ އުމުރެއްނު! އަދި ވިސްނޭނެ.."

ހިނިތުންވެ އޮވެ މުއާޒް ތެދުވެ، ސޯފާގައި ލެނގިލީ ހަށިގަނޑި ދަމާލުމަށެވެ. އެއާއިއެކު އަނެއްކާވެސް ޒާރާގެ ސުވާލެއް އޭނާއަށް އަމާޒުވިއެވެ.

" މުއާ! އަހަރެން ހިތަށް އަރަނީ މުއާގެ ގާތް ރަޙްމަތްތެރިން ނުތިބެނީބާވައޭ! ކޯޓުގައިވެސް ތިބީ މުޅިންވެސް މުއާގެ ބައްޕަގެ ރައްޓެހިންނެއްނު"

ޒާރާގެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައިވާކަން މުއާޒަށް ފާހަގަ ކުރެވުމުން އޭނާ އެއްއަތުން ޒާރާގެ ކޮނޑުގައި ހިފައި ތަންކޮޅެއް ގާތްކޮށްލިއެވެ. އަދި އަނެއް އަތުން، ޒާރާގެ އުނގުމަތީގައި އޮތް އަތުގައި ހިފާލަމުން ޒާރާގެ މޫނަށް ބަލައިލިއެވެ.

" ޒާ! އަސްލު ޒާއަކަށް އަދިވެސް އަހަންނަކީ ކާކުކަން ނޭނގޭދޯ! "

މުއާޒްގެ ކަތި ސުވާލުން ޒާރާއަށް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ނުން! ނޫން.. އަަހަންނަށް މުއާ އެނގެޔޭ! އެކަމަކު ރައްޓެހިވެފައި އެހާ ގިނަ ދުވަސް ނުވާތީ މުއާގެ ގިނަ ކަންތައްތައް އަހަންނަކަށް އަދި ނޭނގެ! މުއާގެ އާއިލާގެ މީހުންވެސް ނޭނގެ! އެކުވެރިންނަކީ ކޮބައިކަމެއްވެސް ނޭނގެ! އަހަރެން ބޭނުން އަހަރެންގެ ފިރިމީހާއާ ގުޅުން ހުރި އެންމެންވެސް އެނގެން.. އަދި އެމީހުންނަށް ހެޔޮކޮށް ހިތަންވެސް އަހަރެން ބޭނުން"

ޒާރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

" އަދި އެނގޭނެޔޭ މަގޭ ދޫންޏާ! މިއަދަކީ އަހަރެންގެ ޙަޔާތުގައި ޒާ، ޝާމިލް ވާ ފުރަތަމަ ދުވަސް.. އެހެންވީމަ އަދި އިރާދަކުރެއްވިއްޔާ ދުވަސްތައް އޮތީ ކުރިއަށްތާ! އަސްލު އަހަރެންގެ މާގިނަ ރައްޓެހިންތަކެއް ނުތިބޭނެ! މަންމައާއި ބައްޕަގެ ގާތްތިމާގެ މީހުން ތިބޭނީ! ދެން އަހަރެންގެ މިޒާޖުގެ ގޮތުން ކަންނޭނގެ އަހަރެން ފެނިގެން އެހާ އޮލަކޮށް ވާހަކަ ދައްކާ މީހުންނެއް ނޫޅޭ! ފިހާރައިގެ އޮފީސްބައިގައި މަސައްކަތް ކުރާތީ، ކަސްޓަމަރުންނާވެސް ދިމާވާނީ މަދު ފަހަރަކު! ޒާއަށް އެނގެއެއްނު އަހަރެން އޮފީހުން ނިކުންނާނީ ވަރަށް ބޮޑު ކަމެއް ދިމާވިއްޔާކަން.."

ލާނެގޮތް ގޮތަކަށް މުއާޒް އެހެން ބުނުމާއެކު ޒާރާ މުއާޒްގެ މޭގައި މޫނު ޖައްސާލިއެވެ.

" އަނެއްކާ އެގޮތަށް އޮފީހުން ނިކުންނަ ކޮންމެ ފަހަރަކު ކައިވެންޏެއް ކުރަން ނަހަދައްޗޭ! "

ބާރުބާރަށް ހީގަންނަމުން ޒާރާ ބުނެލިއެވެ. އެއާއިއެކު މުއާޒަށްވެސް ހޭންފެށުނީ ތަންކޮޅެއް ބާރަށެވެ.

" ތިއީ އަހަރެންގެ އެންމެ ފުރަތަމަ... އަދި އެންމެ ފަހުގެ އަނބިމީހާ! "

ޔަޤީންކަމާއެކު މުއާޒް އެހެން ބުނެލުމާއިއެކު ދެމީހުންގެ ސިކުނޑި ދަތުރު ކުރީ މީގެ ހައެއްކަ މަސްކުރިން ދެމީހުން ބައްދަލްވީ ދުވަހާއި ދިމާލަށެވެ.

މުއާޒްގެ އުފަން ރަށް، ށ. ފުނަދޫއަކީ ޒާރާގެވެސް އުފަން ރަށެވެ. ނަމަވެސް ދިރިއުޅުމުގެ ޙާލަތު ނިޔާ ކުރިގޮތުން ޒާރާއާއި އޭނާގެ ކޮއްކޮ ޖުމާއަށް އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނީއެވެ. އެތައް އަހަރު ތަކަކަށްފަހު ޒާރާ އާއި އޭނާގެ ކޮއްކޮ ޖުމާ އެރަށަށް ދަތުރު ކުރީ ބައްޕަގެ ތިމާގެ މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށް، ބައްޕައާއި އެކުގައެވެ.

ފުނަދޫއިން ފުރުމުގެ ކުރިން ވިޔަފާރި ކޮށްލަން ބޭނުންވާތީވެ ޒާރާއާއި ޖުމާ، އެރަށުގެ ފިހާރަތަކަށް ހިނގަމުން ދިޔައެވެ. އެންމެ ފަހުން ޖުމާ ކިޔެވުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ކަލްކިޔުލައިޓަރެއް އެމީހުންނަށް ފެނުނީ މުއާޒްގެ ފިހާރައިންނެވެ.

" ބޮސް! ކަލްކިޔުލެއިޓަރ ސްޓޮކް އެބަހުރިތަ؟ ފިހާރައިގައި އޮތީ އެންމެ އެއްޗެއް! އެކަމަކު އޭގައި އެބައުޅޭ ކުޑަ މައްސަލައެއް.."

ވާހަކަ ދައްކާފައި، ސޭޓު ފޯނު ބޭއްވުމުން ޒާރާގެ އިތުރުން ޖުމާއަށްވެސް ހުރެވުނީ ސޭޓުގެ ބަހެއްގެ އިންތިޒާރުގައެވެ.

" އަޅުގަނޑުމެން ރަށުން މިކަހަލަ އެއްޗެއްސެއް ނުލިބޭނެ.. ފެށޭ ހަފުތާ އަޅުގަނޑުގެ ޓެސްޓް އޮވޭ! އެހެންވީމަ ކިރިޔާވެސް ގޮތެއް އޮތިއްޔާ އަޅުގަނޑުމެންނަށް މީގެ އެއްޗެއް ލިބޭނެ ގޮތެއް ހަދައިދީ! "

ސޭޓު ވާހަކަ ދެއްކުމުގެ ކުރިން ޖުމާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށީ ގޮތް ހުސްވެފައި ވާ ކަހަލަ ގޮތަކަށެވެ.

" މަޑުކޮށްލާ! އަޅުގަނޑުގެ ބޮސް އެބަ ނިކުމޭ އޮފީހުން.."

ބަންގްލަދޭޝްއަށް ނިސްބަތްވާ، އެމީހާ ވާހަކަ ދެއްކީ ނުހަނު އޯގާތެރި ކަމާއެކުއެވެ. އަނެއްކާވެސް އިތުރު އިންތިޒާރެއް ކުރަން ޖެހޭތީވެ ޒާރާ ދިޔައީ އަތުކުރީގައި އޮތް ގަޑިއަށް ބަލަމުންނެވެ. ބައްޕަ ފޯނު ކުރުމުގެ ކުރިން ވިޔަފާރިކޮށް ނިންމަން އޭނާ ބޭނުންވިއެވެ. ސޭޓު އިޝާރާތްކުރި ދޮރާއި ދިމާލަށް ކެތްތެރިކަމެއްނެތި ޒާރާ އިނީ ބަލަހައްޓައިގެންނެވެ. ޒާރާގެ ލޮލުގައި އަޅައިގަތީ ފޯނާ ކުޅެމުން ނިކުތް ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. ދިގު އިސްކޮޅަކާއި ފުޅާ ބައިމައްޗެއް ލިބިފައިވާ ޒުވާނާގެ ވަރުގަދަ ފަން އިސްތަށިގަނޑު ކަންފަތާއި ހަމައަށް ހުރީ ފައިބާފައެވެ. ތުނިތުނިކޮށް ކޮށާފައި ހުރި ތުނބުޅިއާއިއެކު މަތިމަސް ބަހައްޓާފައި ހުރުމުން އޭނާގެ ހަށިގަނޑާއި އެ ސިފަ ވަރަށްވެސް ގުޅެއެވެ. މުއާޒްގެ ރީތިކަން ފެނި، ވާހަކަދައްކަން ޒާރާ ހުރީ ލަދުގަނެ، ޖެހިލުންވެފައެވެ. ނަމަވެސް ޖުމާއަކަށް މަޑަކުން ނުހުރެވުނެވެ.

" އަޅެ ޕްލީޒް.. މީގެ އެއްޗެއް ލިބޭނެތޯ؟ "

އިޙްތިރާމާއެކު ޖުމާ އަހާލިއެވެ. އެއާއިއެކު އިސް އުފުލާލުމަށްފަހު މުއާޒް ޖުމާއަށް ބަލައިލިއެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ ޖުމާގެ ފަހަތުގައި ހުރި ޒާރާގެ ނުތަނަވަސްވެފައިވާ މޫނަށެވެ. އެއާއިއެކު މުއާޒްގެ ހިތަށް ފިނިކަން ލިބިގެން ދިޔަކަން އޭނާއަށް އެނގުނެވެ. ޚާއްސަ ގޮތަކަށް ހިތް ތެޅިލިކަންވެސް މުއާޒަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް އޭނާ ލަދުގަންނަ ގޮތް ވިއެވެ.

" މީ... އޫމް.. މާދަމާ މިކޮޅަށް އަންނާނެ ސްޓޭޝަނަރީޒްގެ އާ ސްޓޮކެއް! "

ލަދުން ގޮސް ވާހަކަ ދައްކަން އާގަންނަ ގޮތް ވީ ނަމަވެސް މުއާޒް އެމީހުންނާ ކުރިމަތި ލިއެވެ.

" އެކަމަކު އަޅުގަނޑުމެން މިއަދު ފުރަމޭ! "

މިފަަހަރު ވާހަކަ ދެއްކީ ޒާރާއެވެ. ކޮއްކޮގެ އެދުން ހާސިލް ނުވެދާނެތީ އޭނާ ޖެހިލުންވީއެވެ. ޒާރާގެ ރީތި، ޅަ އަޑުން އަނެއްކާވެސް މުއާޒްގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ. މީގެ ކުރިން އަންހެން ކުއްޖަކު ފެނިގެން ދުވަހަކުވެސް އޭނާއަކަށް އެފަދަ ގޮތްތަކެއް ނުވެއެވެ. އެހެންކަމުން އެވަގުތުން ފެށިގެން އޭނާއަށް ޒާރާ ޚާއްސަ ވެއްޖެއެވެ.

" ކޮން ރަށެއް؟ އަހަރެމެންނަށް އޭތި ފޮނުވާލަ ދެވިދާނެ! "

ޖުމާއަށް ބަލައިލަމުން މުއާޒް ބުންޏެވެ. އެއާއިއެކު ސޭޓްގެ މޫނުމަތިން ހައިރާންކަމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. ޒަމާންވީ އެ ވިޔަފާރީގައި އެ ފިހާރައިން ރަށްރަށަށް މުދާ ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތް މީގެ ކުރިން ދުވަހަކުވެސް ނުދެއެވެ. އެހެންކަމުން ޤަބޫލު ކުރަން ދަތިވެ ހުރެ، ސޭޓް މުއާޒަށް ބަލަމުން ދިޔައެވެ.

" ހއ އުލިގަމުގައި އަޅުގަނޑުމެން ދިރިއުޅެނީ.."

ޖުމާގެ ޖުމްލަ އިވިފައި މުއާޒް ބޯ ޖަހާލިއެވެ.

" ފޯނު ނަންބަރު ދީ! މާދަމާ އަޅުގަނޑުމެން ފޮނުވާލަ ދޭނަން.."

މުއާޒް ޖެހިލުންވެ ހުރެ އެހެން ބުނެލުމާއެކު، އާދޭހުގެ ގޮތަކަށް ޖުމާއަށް ބަލައިލެވުނީ ޒާރާގެ މޫނަށެވެ. ނަމަވެސް ޒާރާ ހުރީ ނަންބަރު ދޭން ނުކެރިފައި ކަހަލަ ގޮތަކަށެވެ.

" ދޮންތާ! "

ދަތްވިކާލުމަށްފަހު ޖުމާ ޒާރާއަށް ގޮވާލުމުން އޭނާ ނަންބަރު ކިޔާލިއެވެ. އެއާއިއެކު މުއާޒް އެ ނަންބަރު ފޯނުގައި ސޭވްކޮށްލީ " ޕަރީ " ގެ ނަމުންނެވެ.

( ނުނިމޭ)

(ނިމުނީ)