ޕީޕީއެމް/ޕީއެންސީގެ އަސާސީ ގަވައިދާ ހިލާފަށް ޕީޕީއެމް ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރުމުގެ މަސައްކަތް ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެ ޕާޓީގެ ހަރަކާތްތަކުން އޭނާ މިއަދު ސަސްޕެންޑްކޮށްފިއެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއި ކުރައްވައި މަލީހަށް ފޮނުއްވި ސިޓީގައި ވަނީ ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް މަލީހް އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ޕާޓީގެ ލީޑަޝިޕް އަދި ސެނެޓަށް އެނގުމެއް ނެތި އަމިއްލަ އަށް ކޮމިޓީތައް އުފައްދަވައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ލީޑަޝިޕް ނުވަތަ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑް ކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމްކޮށް ބައިބައި ކުރުމުގެ މަސައްކަތެއް މަލީޙް ކުރައްވާފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންވެ، އެ ސަބަބުތަކާ ގުޅިގެން ޕާޓީގެ އަސާސީ ގަވައިދުގެ އަށް ވަނަ މާއްދާ އިން ލީޑަޝިޕަށް ލިބިގެންވާ ބާރުގެ ދަށުން އޭނާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށް ސިޓީގައިވެއެވެ.

އެ ސިޓީގައި ވަނީ މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަން ދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަލީހް ބައިވެރިވެގެން ނުވާނެ ކަން ވެސް އަންގައިފައެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް އިއުލާން ކުރެއްވީ ޕާޓީ ބާރަށް ހިނގައިގަތުމަށް 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލި ކަމެވެ. އަސާސީ ގަވައިދުގައި ޕާޓީގެ ރައީސް ޔާމީނަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމާއި ޕާޓީ ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން ދެން ގުޅަން ޖެހޭނީ ކޮމިޓީގެ ފޯކަލް ޕޮއިންޓްތަކަށް ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

ޕީޕީއެމް ހިންގުމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ނުލައި އަދި ސެނެޓްގެ ބަހެއް ނެތި ރައީސް ޔާމީން ސްޓިއަރިން ކޮމިޓީއެއް އުފެއްދެވި މައްސަލަ ވަނީ ހޫނުވެފައެވެ. އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލް އާއި ތަރުޖަމާނު ހީނާ ވަލީދަށް ނޭނގި މަލީހް އިސްކޮށް ހުންނަވައިގެން ސްޓިއަރިން ކޮމިޓީއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެ މައްސަލަ ޕީޕީއެމް/ޕީއެންސީ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގެ ތެރޭގައި ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.