ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ހއ.ބާރަށު ރީނާ ހައުސް، ރާސިހް މުހައްމަދަށް އެހީ ހޯދުމަށް ބޭއްވި އިވެންޓުތަކުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ބާރަށާއި މާލޭގައި ކުރިޔަށް ގެންދިޔަ މި އިވެންޓުތަކުގައި ޖުމްލަ 66,400 ރުފިޔާ ލިބިފައިވާކަމަށް އެލަޔަންސް ސްޕޯޓްސް ކްލަބުން ވަނީ މަޢުލޫމާތު ދީފައެވެ. ރާސިހްގެ އާއިލާގެ ފަރާތުން ފައިސާއާއި ހަވާލުވެފައިވަނީ އޭނާގެ ބޭބެ، ހަސަން ރަޝީދެވެ.
މި އިވެންޓުގެ ތެރޭގައި ސައިކަލު ފުހުން ފަދަ ކުދި މަސައްކަތް ކޮށްދީގެން، އަދި އެކު ބާވަތްތަކުގެ ކާބޯތަކެތި ވިއްކައިގެން ވަނީ ރާސިހް އަށް އެހީވުމަށް ފަންޑް ހޯދާފައެވެ. މީގެ އިތުރުން މި އިވެންޓު މާލޭގައި ކުރިޔަށް ދިޔައިރު، މަންދީރާ ބޮޑުބެރު ގުރޫޕާއި، 1438 ބޮޑުބެރު ގުރޫޕާއި އަދި ދަންމާނު ބޮޑުބެރު ގުރޫޕުގެ ޝޯތަކެއްވެސް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ހެލްޕް ރާސިހް އިވެންޓުން ލިބުނު ފައިސާ މިހާރު ވަނީ އާއިލާއާއި ހަވާލުކޮށްފައެވެ. ރާސިހް މިހާރު ގެންދަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!