ހއ.ދިއްދޫ އިރަމާގޭ އަލްމަރްޙޫމު އިބްރާހީމް ޤާސިމް (އިބްރާހިމްބެ) އަކީ ނަމޫނާ ޝަޚްޞިއްޔަތެކެވެ. މަދުން ނޫނީ ނުފެންނަފަދަ ލީޑަރެކެވެ. ކަންކަމުގައި " ނޫން" " ނުވާނެ" "ނުކުރެވޭނެ" ފަދަ ބަސްބަހަކީ "އިބްރާހީމްބެގެ ބަސްކޮށާރު"ގައި ހުންނަ ބަސްބަހެއް ނޫނެވެ.
"އެވޭލާ ދިއްދޫ"ގައި އިބްރާހީމްބެއާ ބެހޭގޮތުން ޖެހި ޕޯސްޓަކާ ގުޅިގެން ކޮމެންޓު ކުރެއްވި ދިއްދޫގެ އެކިއެކި ޢިއްޒަތްތެރިން ކުރައްވާފައިވާ ކޮމެންޓުތަކުން ވެސް އިބްރާހިމްބޭގެ ލީޑަރޝިޕްގެ ކޮލިިޓީ ހާމަވެގެން ދެއެވެ.
"ރަށް ކުރިއަރުވާ ކޮމިޓީގެ ދުވަސްވަރު ވަރަށް ގިނަ ކަންކަން ނިންމުމުގައި އިބްރާހީމްބޭގެ "ފަހުބަސް" އެއީ އެންމެން ޤަބޫލުކުރާގޮތް ކަމަށްވެ ނިމިގެން ދިޔަކަން އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އިބްރާހިމްބެއަކީ ދިއްދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ހަރުދަނާ މުރުޝިދެކެވެ."
ދިއްދޫ ބޮޑުކަތީބުކަން ކުރެއްވި އާދަމް ސަޢީދު ވިދާޅުވެފައިވެއެވެ.
އިބްރާހިމްބެއާ ބެހޭގޮތުން، ކުރީގެ އަތޮޅުވެރިޔާގެ މުޢާވިން މުޙައްމަދު ނަޞީރު ވިދާޅުވަނީ " ރަށަށް ޚިދްމަތްކުރުމަށް އެވަރެއް ނެތް" ކަމަށެވެ.
ކުރިން ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރުގެ މަޤާމުގައި މަސައްކަތް ކުރެއްވި މުޙައްމަދު ޢަތީޤް ވިދާޅުވީ "މަރުޙޫމް އިބްރާހިމް ޤާސިމްބެއާ އެކު ދެގަޑިއެއް ހާއިރު ވާހަކަދައްކާލުމުގެ ފުރުސަތު ލިބުނެވެ. އެއީ 2000 ވަނައަހަރުއެވެ. ކުރީގެ ރަށުގެ ކަންތައް ހިންގުމަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ލިބުނެވެ. އަޅުގަނޑަށް ފާހަގަކުރެވުނީ ލީޑަޝިޕް ކޮލެޓީ ހުރި ބޭފުޅެއްގެ ގޮތުގައެވެ. މެނޭޖުކުރުމުގައި މިހާރު ކިޔަވައިދޭ ތިޔަރީތައް އޭރުވެސް ބޭނުން ހިފާފައިވާކަމެވެ."
އިބްރާހިމްބެ ނިސްބަތްވަނީ މަޝްހޫރު ހއ.ދިއްދޫ ދާންނާ ޢާއިލާއަށެވެ. ދާންނާކަލޭފާނަކީ އިބްރާހިމްބޭގެ ކާފައެވެ. އެއީ މުއްސަނދި ޢާއިލާއެކެވެ. އިބްރާހިމްބެއަކީ ތަނަވަސް ބޭކަލެކެވެ. އެދުވަސްވަރު އިބްރާހީމްބޭ ގޭގެ ޙަރަކާތްތައް ހުރިގޮތުގެ އެއްދުވަހަކަށް ބަލާނަމަ ސިފަވެގެންދާނީ މިފަދަ ގޮތަކަށެވެ.

އިބްރާހިމްގެ ބައްތެލި ވަނީ މުދާބަލާ މާލެ ގޮސްފައެވެ. މިހާރު މަހުން އެ ލަފަނީ އިބްރާހީމްބޭގެ ދެ މަސްދޯންޏެވެ. އެ ދޯނިފަހަރު ކުޑަވީމާ އެއަށްވުރެ ބޮޑު ދޯންޏެއް ބަނުމުގެ މަސައްކަތް އިބްރާހިމްބެގެ ހަރުގޭގައި އެބަ ކުރިއަށްދެއެވެ. ގެއާދިމާ އަތިރިމަތީގައި ހުރި ހަރުގޭގައި ކުރިއަށްދަނީ އިބްރާހީމްބެ ލިޔެގެންއުޅޭ ދައްޕަރުން ގެނެސްހުރި ކާށިތައް މާލެ ފޮނުވުމަށްޓަކައި ކާށި ހެހުމުގެ މަސައްކަތެވެ. އިބްރާހީމްގެ ކުޑަބޮއްކުރާގައި ދެމީިހަކުވީ އިބްރާހިމްބެ ލިޔެގެންއުޅޭ ނަރިދުއަށް ހެލެނބެލި ބަލާގޮސްފައެވެ. ކުޑަކުދިން އެ ތިބެނީ އެ ބޮއްކުރާ އަންނާނެ ވަގުތަކަށް ބަލަބަލައެވެ. ގޭތެރޭގައި މެންދުރު ކޭންބައްލަވަން އެ ތިއްބެވީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ވެރިންނާއި އަދި މިނޫންވެސް ރަށްރަށުން ޒިޔާކުރެއްވި ރައްޓެހިންނެވެ. ބަދިގޭގައި ކައްކަމުން އެ ދަނީ ވަޑިންނަށާއި، އެކި މަސައްކަތްތަކުގައި އުޅޭ މީހުންނަށެވެ. މިކަންކަމުގައި އެހީތެރިވުމުގައި އުޅެނީ އަވަށްޓެރިންނާއި ތިމާގެ މީހުންނެވެ. އިބްރާހިމްބޭގެ އަނބިކަނބަލުން ޙަލީމަދައްތަ އަވަދިނެތި އުޅުއްވަނީ މެހްމާނުންނަށް ދުފަން ތައްޔާރުކުރެއްވުމުގައެވެ.
އިބްރާހީމްބެއާއި އޭނާގެ ޢާއިލާއަކީ މީހުންނަށް ހެޔޮފޯރުވައި އުޅުނު ދީލަތި ޢާއިލާއެކެވެ. އެކަން އެންމެން ވެސް ފާހަގަކުރެއެވެ. އިބްރާހީމްބެއަކީ އުތުރު އަވަށުގެ ލީޑަރެކެވެ. އަވަށު އެންމެން ބޯލަނބާ އަދި އިޙްތިރާމްކުރާ އަވަށުވެރިޔާއެވެ. އަވަށު އެންމެން ގުޅިގެން މަސައްކަތެއް ކުރަންޖެހުނަސް ނުވަތަ އަވަށުގެ ފަރާތުން ކަމެއްގައި ބަހެއް ބުނަންޖެހުނަސް ކުރިއަށްޖެހިލައި ބަސްކިޔާނީ އިބްރާހީމްބެއެވެ.
އިބްރާހިމްބެ ވަނީ އުތުރު އަވަށުގެ ލީޑަރެއްގެ ގޮތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ޒަމާނާ ވަރަށް ތަފާތު، ވަޞީލަތްތައް މަދު، އެ ދުވަސްވަރު މިގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ރަށުން ލިބެންތިބި ރަނގަޅު ޓީޗަރުން ލައްވައިގެން އުތުރު އަވަށުގައި "މަކްތަބުއްނަޖާޙު" ގެ ނަމުގައި މަކްތަބެއް ހިންގެވުން ހިމެނެއެވެ. ހއ.އަތޮޅު ތަޢުލީމީ މަރުކަޒު ދިއްދޫގައި ފެށެންދެން މިތަން ހިންގެވިއެވެ. އަޚްލާޤު ރަނގަޅު ދަރިންތަކެއް މަކްތަބުއްނަޖާހުން ދަރިވަރުވެގެން މުޖްތަމަޢަށް ނުކުތެވެ. މި މަކްތަބުގެ ނާޡިރަކީ ޝަބްނަމްގޭ އަލްމަރްޙޫމް އަޙްމަދު މަނިކު (މަނިކުބެ)އެވެ. މަނިކުބޭ ނިޔާވުމުން އަވަށުގެ އެންމެ އިސްމީހެއްގެ ގޮތުން މިތަނުގެ ނާޒިރުކަން ކުރެއްވީ އިބްރާހީމްބެއެވެ.
އިބްރާހީމްބޭގެ ލީޑަރުކަމުގައި ކުރެވުނު އަނެއް ކަމަކީ އުތުރު އަވަށުގައި ރަނގަޅު ފެންވަރުގެ މިސްކިތެއް ބިނާކުރުމެވެ. އޭރުގެ ޙާލަތަށް ބަލާއިރު މަދު ރަށެއްގައި ނޫނީ ނެތްފަދަ ރީތި މިސްކިތެކެވެ. އެކި ފަރާތްތަކުގެ އެހީ ހޯއްދަވައިގެން އަދި އަވަށުގައި ތިބި ފަންނުވެރިންނާއި ޒުވާނުންގެ މެދުގައި ޖޯޝް އުފައްދަވައިގެން ފޯރީގައި ކުރެވުނު މި މަސައްކަތުގެ އިސް މޭސްތިރިއަކީ އިބްރާހީމްބެއެވެ. ދިއްދޫގައި މިހާރު ހުކުރުކުރާ ތިން މިސްކިތުގެ ތެރެއިން ރަށުގެ އުތުރުކޮޅުގައި ހުންނަ "މަސްޖިދުުއްނޫރު" އަކީ އަޅުގަނޑު މިދަންނަވާ މިސްކިތެވެ.
އިބްރާހިމްބެ އިސްވެ ހުންނަވައިގެން ކުރެވުނު އަނެއް މަސައްކަތަކީ އުތުރުއަވަށުގައި ބޯޅަދަނޑެއް ހެދުމެވެ. އެ މަސައްކަތް ކުރެވުނު ދުވަސްވަރަކީ ހއ.އަތޮޅު ޞިއްޙީ މަރުކަޒު ( މިހާރު ހއ.އަތޮޅު ހޮސްޕިޓަލް) އަށް 25 އަހަރު ފުރޭ ރިހިޔޫބީލަށް މުޅި ރަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. ރަސްމިއްޔާތަށް ސަރުކާރުގެ ޢިއްޒަތްތެރިން ވަޑައިގަންނަވާއިރު އެބޭފުޅުންލައްވާ ބޯޅަދަނޑު ހުޅުވުމަކީ އޭރު އަވަށު މީހުން ކުރަމުންދިޔަ އުއްމީދެކެވެ. އެހެންކަމުން އެ ދުވަހަށް ބޯޅަދަނޑު ނިންމުމަށް މަސައްކަތްކުރަމުން ދިޔައީ އަވަށުގެ ކުދިބޮޑު އެންމެން ގުޅިގެން ރެޔާއި ދުވާލު ވަރަށް ފޯރީގައެވެ.
ގޭގެއިން ކެއުމާ ސައި، ނޫނީ ފަރިވަޅެއް ގެންނާނެއެވެ. މަސައްކަތް ހިނގަމުންދާ ވަގުތު ލައުޑްސްޕީކަރުން ފޮނުވާ ޤައުމީ ލަވަތަކުގެ އަޑުން މުޅި ރަށްވަނީ ގުގުމާލާފައެވެ. ބޯޅަދަނޑު ހެދުމުގެ މަސައްކަތް ދެ އަވަށުގައި ކުރެވެމުން ދިޔައީ މިގޮތަށް ހަމަ އެ ދުވަސްވަރުއެވެ. ދެ ދަނޑުވެސް މުއްދަތަށް ނިންމިއެވެ. ޞިއްޙީ މަރަކަޒުގެ ރިހިޔޫބީލް ރަސްމިއްޔާތަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރެއިން، އުތުރު އަވަށު ބޯޅަދަނޑު ހުޅުއްވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބްލް ޢަބްދު ﷲ ޖަމީލެވެ. ދެކުނުއަވަށު ބޯޅަދަނޑު ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އޮނަރަބްލް އިލްޔާސް އިބްރާހީމެވެ.

އިބްރާހިމްބެއަކީ ރަށުގެ ވެރިންނާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ހަރުދަނާ ބޭކަލެކެވެ. އެއިރެއްގައި ހުންނަވާ އަތޮޅުވެރިޔަކާ ވެސް އިބްރާހީމްބެއާ ދެމެދު ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އޮވެއެވެ. އަދި މީގެ އިތުރަށް އަތޮޅުތެރޭގެ ރަށްރަށުގެ ވެރިންނާ ވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ. މިގޮތުން ކޮންމެ މަހަކު އޮންނަ ރިޕޯޓު ދަތުރުގައި ރަށްރަށުން ދިއްދުއަށް ވަޑައިގަންނަވާ ބައެއް ރަށްރަށުގެ ވެރިން ތިއްބަވާނީ ވެސް އިބްރާހީމްބެގެ ގޭގައެވެ. ޚާއްޞަކޮށް ގައްލަންދޫ އެތެރެވަރީގެ ރަށްރަށުގެ ބައެއް ބޭފުޅުންނެވެ.
އިބްރާހީމްބެއަށް ބޮޑުބޭބެކިޔާ ނަޞްރު ﷲ ޙަސަނަށް، އިބްރާހީމްބެ ކިޔައިދެއްވި ވާހަކައެއް، ނަޞްރު ﷲ އަޅުގަނޑާ ހިއްސާ ކުރެއްވިއެވެ. މިވާހަކައިން ވެސް އިބްރާހީމްބެއާ އަތޮޅުވެރިޔާއާއި އަދި ރަށުގެވެރިންނާ އޮތް ގުޅުމާއި، ރަށުގައި އެދުވަސްވަރު އިބްރާހީމްބެ އަދާކުރައްވަމުން ގެންދެވި މުހިއްމު ރޯލު ހާމަވެގެންދާ ވާހަކައަކަށްވާތީ މިތަނުގައި ހިމަނައިލަމެވެ.
" ދުވަހަކީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތްކުރުމަށްޓަކައި ތިންއަވަށު މީހުން ގައު ނަގަމުން ގެންދިޔަ ދުވަހެވެ. ވަރަށް ފޯރީގައި ކުރެވެމުން ދިޔަ މަސައްކަތުގެތެރެއިން އަވަށް އަވަށުގެ މީހުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފިއެވެ. ގޯހުންގޯހަށް ގޮސް ތަޅާފޮޅުމެއް ހިނގާ ހިސާބަށް ކަންކަން ހިގައްޖެއެވެ. ހަމަ އެވަގުތު އަތޮޅުވެރިޔާއާއި ކަތީބާ ދެބޭފުޅުން އިބްރާހީމްބެއާ ބައްދަލުކުރެއްވުމަށްޓަކައި އިބްރާހިމްގެއަށް ވަޑައިގެންފިއެވެ. މި ދެބޭފުޅުން ވިދާޅުވިއެވެ.
"އިބްރާހިމްބޭގެ އަވަށުމީހުން ކޮންޓްރޯލްވާނީ އިބްރާހީމްބެއަށެވެ. އެމީހުން އަހާނީ އިބްރާހިމްބޭގެ ބަހެވެ. އެހެންވީމާ މިކަން އަވަހަށް ޙައްލުކޮށްދެއްވާށެވެ."
އޭރު އެއްބަޔަކު ތިބީ ތޮށިމަތީގައެވެ. އަނެއްބަޔަކު ތިބީ ގޮނޑުދޮށުގައެވެ. ދެން އިބްރާހީމްބެ އަތޮޅުވެރިޔާއަށާއި ކަތީބަށް ދެންނެވިއެވެ.
" ގޮނޑުދޮށުގައި ތިބި މީހުންގެ މައްސަލަ އަޅުގަނޑު ޙައްލުކުރާނަމެވެ. ތޮށިމަތީގައި ތިބި މީހުން އަޅުގަނޑާ ހަމައަށް ގެނެސްދެއްވަން ވާނީ ތިޔަ ބޭފުޅުންނެވެ."
ދެން އަތޮޅުދޯނި ފޮނުވައިގެން އިބްރާހިމްބެއާ ހަމައަށް އެ އެންމެން ގެނެސްދެއްވައިފިއެވެ. ދެން އިބްރާހިމްބޭ އެމީހުންނާ ވާހަކަދައްކަވައިގެން ޞުލްޙަވެރި ޙައްލެއް ހޯއްދަވައި މަސައްކަތް އަލުން ކުރިއަށްދާނެގޮތް ހައްދަވައި ދެއްވައިފިއެވެ. އަތޮޅުވެރިޔާއާއި ކަތީބު ވިދާޅުވިހެން " އިބްރާހިމްބޭގެ އަވަށު މީހުން ކޮންޓްރޯލްވާނީ ހަމަ އިބްރާހިމްބެއަށެވެ." އިބްރާހިމްބެ ބޭނުންކުރައްވާ ލީޑަރޝިޕް އުކުޅުތައް ހަމަ މޮޅީއެވެ.

ރަށްކުރިއަރުވާ ކޮމިޓީ ރަށްރަށުގައި ހިނގަމުން އައި ދުވަސްވަރުގައި އެކޮމިޓީގެ ރައީސަކީ ރަށުގެ އިސްވެރިޔާއެވެ. ނުވަތަ އެވަގުތު ރަށުއޮފީސް ހިންގަވާ ވެރިއެކެވެ. ގިނަ އަހަރުތަކުގައި ކަން ހިނގަމުން ދިޔައީ މިގޮތަށެވެ. (ބައެއް ފަހަރު މިނޫން އުޞޫލުތައް ވެސް ގާއިމުކުރެވުނެވެ.) ނައިބު ރައީސަކު ހޮވަނީ ކޮމިޓީގެ މެންބަރުންގެ ވޯޓުންނެވެ. އިބްރާހިމްބެވަނީ ކޮމިޓީގެ މެންބަރުންގެ ވޯޓުން ހޮވިގެން ދިއްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.
އިބްރާހީމްބެ އުފަންވީ 17 ޖޫން 1935 ގައެވެ. 76 އަހަރުގެ ޙަޔާތަކަށްފަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 26 މާރޗް 2011 ގައެވެ. އިބްރާހީމްބެއަށް ތިން ފިރިހެންދަރިން ލިބި އެދަރިންގެ ފަރާތުން ކާފަދަރިންނާއި މުނިިކާފަދަރިން އިބްރާހިމްބެއަށް ލިބިފައިވެއެވެ.
ކީރިތި ﷲ އިބްރާހީމްބެގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!