ހއ. ތުރާކުނާ ދިމާލު ހަ މޭލު ބޭރުގައި މަސްވެރިކަން ކުރަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބަންގްލަދޭޝް މީހަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އއ. ތޮއްޑޫ، ނަސްރު 2 ދޯނިން މަހަށް ނިކުމެ އުޅެނިކޮށް ކުއްލިގޮތަކަށް މަރުވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ.
އޭނާ މަރުވީ ހއ. ތުރާކުނާދިމާލު ހަ މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް ވެއެވެ. މަރުވި މީހާގެ އިތުރުން ނުވަ މީހުން އެ ދޯނީގައި ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ.
ހއ. ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ތޯހާ އަލީ އޮންލައިން ނޫސް ސީއެންއެމް އަށް ވިދާޅުވީ ބަންގްލަދޭޝް މީހާ އެ ރަށު ސިއްހީމަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އެ އޮޑީގައި ތިބި މީހުންނާ ހަވާލާދީ ތޯހާ ވިދާޅުވީ އޭނާ މަރުވީ، މެޔަށް ތަދެއް އަރައިގެން ދޯނި ތެރެއަށް ވެއްޓުމަށް ފަހު ކަމަށެވެ.
މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފާހަގަ ނުވާ ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ. އަދި އޭނާ ޕާސްޕޯޓާއި އެހެނިހެން އެއްވެސް ލިޔުމެއް ދޯނީގައި ނެތުމުން މިހާރު އެ އެއްޗެހި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!