ރަށު އަދި ސިޓީ ކައުންސިލުތަކުގެ އިންތިހާބުގައި އަންހެނުންގެ ހިއްސާ %33 އަށް ހަދަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"އެމް.ޑީ.ޕީ ކައުންސިލަރުންގެ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރުވަނީ ޑްރާފްޓް ކުރެވިފައި ކަމަށާއި އެ ބިލް ހުށައެޅިގެންދާނީ މިއަދުގެ މިބައްދަލުވުމުގައި ކައުންސިލަރުން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާ ކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމައުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުން ކަންކަމުގައި ބައިވެރިކުރުވުމަކީ ލާމަރުކަޒީ ނިޒާމުގެ މުހިއްމު އެއްބައި ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައި ކަމަށް ވީއިރު އަންނަން އޮތް ޖީލުތަކަށް ކުރިއެރުމާއި ތަރައްގީ ލިބެން އޮތީ އަންހެނުންގެ ހިޔާލާއި އިލްމާއި ލަފާގެ ބޭނުން ރަނގަޅުގޮތުގައި ހިފިގެންކަމަށް ރައީސް ވިދާޅުވިއެވެ.

" އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ %33 އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމާފައިވެސް އަޅުގަނޑުމެން ވާނެ."

ރައީސް ވިދާޅުވިއެވެ.

ކައިންސިލުތަކުން އަންހެނުންނަށް 33 ޕަސެންޓު ހާއްސަކޮށްފި ނަމަ، އެއީ ގާނޫނަކުން ލާޒިމުކޮށްގެން ވަކި އަދަދެއްގެ ކޯޓާ އަންހެނުންނަށް ދެވޭ ފުރަތަމަ އިންތިޚާބަށް ވެގެން ދާނެ އެވެ.

ހއ. އަތޮޅުގެ ކައުންސިލް މެމްބަރުން ތެރޭގައި ހިމެނެނީ 5 އަންހެން މެމްބަރުންނެވެ. އަދި ހދ. އަތޮޅު ގެ ކައުންސިލް މެމްބަރުންގެ ތެރޭގައި ހިމެނެނީ އެންމެ 2 އަންހެން ކައުންސިލް މެމްބަރުންނެެވެ. މުޅި ތިލަދުންމަތީގައި ކައުންސިލްގެ އާބާދީގައި އަންހެނުން ހިއްސާކުރަނީ 6% އެވެ.