ދިވެހި އަންހެނުން މަސްވެރިކަމަށް ނެރުމަށްޓަކައި ހިތްވަރުދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އެބަ ހުންނަން ޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ސިނާޢަތެއްގެ ގޮތުގައި މަސްވެރިކަން ބަލަމުން ގެންދާއިރުގައި މަސްވެރިކަމަށް އަންހެނުން ނެރުމަށް ޓަކައި ހިތްވަރުދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އެބަ ހުންނަން ޖެހޭކަމަށެވެ. އަދި މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތެއްކަމަށް ކަނޑައަޅަން ޖެހޭކަމަށެވެ.

Ad
rt

މަސްވެރިކަމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޖިންސީ ހަމަހަމަ ކަމުގެ އުސޫލުތައް ނެގެހެއްޓެން ވާނެއެވެ. އެގޮތުން "މިނިސްޓްރީން އަދި މި ޤާނޫނުގެ ދަށުން ބާރު ލިބިދޭ އެހެން ފަރާތްތަކުން އަޅ ފިޔަވަޅުތައް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ކަމާގުޅޭ ޖިންސީ ހަމަހަމަ ކަމުގެ ސިޔާސަތުތަކާ އެއްގޮތް ވާންވާނެއެވެ."

ސަލީމް ވިދާޅުވީ މިބިލުން މަސްވެރިންނަށް ދިމާވާ ވަރަށް ގިނަ މައްސަލަތަކަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ދެން ކުރިޔަށް އޮތީ މިބިލް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ސަލީމްވަނީ ބިލު ފުރިހަމަ ކުރުމަށްޓަކައި ބިލުގެ މަޤްޞަދަކަށް ނުވަ ކަމެއް އިތުރުކުރަން ޖެހޭކަމަށް ވާހަކަދައްކާފައެވެ.

މިހާތަނަށް މަސްވެރިންނާއި އޮޑިވެރިންގެ ޙައްޤުތަކަކީ ކޮބައިކަން އޮންނަނީ ނޭނގުމެއްގެ ތެރޭގައިކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ، މަސްވެރިންނަކީ ވަޒީފާއެއް އަދާކުރާ ބައެއްކަން ރަސްމީ ސިފައެއްގައި އެނގެން ޖެހޭ ކަމަށާއި މިބިލުގެ މަޤްޞަދު ތެރޭގައި މަސްވެރިންނާއި އޮޑިވެރިންގެ ހައްޤުތައް ހޯދައިދިިނުން ކަނޑައެޅި ބަޔާންވެ ލިޔަން ޖެހޭނެކަމަށެވެ.

"މިބިލާ އެކުގައި އެންމެ ބޮޑަށް އުންމީދު ކުރާ ކަމަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމަކީ ރަސްމީ ސިފައެއްގައި ބަލައިގަނެވޭނެ ވަޒީފާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުން"

ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލެވެން އެބަޖެހޭކަމަށާއި އަދި މިބިލްގައި އެކަން ސާފުކޮށް އެނގެން އޮންނަން އެބަޖެހޭކަމަށެވެ. އަދި މީގެ އިތުރުން މަސްވެރިޔާގެ ސަލާމަތާއި ރައްކާތެރިކަން އޮޑިދޯނިފަހުގައި ހުންނަން ޖެހޭނެ ގޮތް މިބިލުގައި ބަޔާންވާން ޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަސްވެރިނަށް ޚާއްޞަ ފެންޝަން ސްކީމެއް އެކުލަވާލެވެން ޖެހޭކަމަށާއި މަސްވެރިކަމުން ރިޓަޔަރ ކުރުމުން ލިބޭނެ މަންފާތައް މި ބިލުގައި ލިޔެވެން ޖެހޭކަމަށެވެ. އަދި މީގެ އިތުރުން މަސްވެރިންގެ އަގުވަޒަން ކުރެވެން ޖެހޭކަމަށާއި މަސްވެރިކަން ކުރާ ފަރާތްތަކަށް ހައުސިން ސްކީމްތަކާއި ލޯނުތަކުގައި ބައިވެރިވެވޭނެ ގޮތް ކަނޑައެޅެން ޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ 1987 އަހަރުން ފެށިގެން އަމަލު ކުރަމުންދާ މަސްވެރިކަމާއި ބެހޭ ޤާނޫނަށް ބައްތިރީސް އަހަރު ފަހުން މި ހުށަހެޅުނު ބިލަކީ ވަރަށް މުހިންމު ބަދަލު ތަކަކާއެކު ހުށަހެޅުނު ބިލެއް ކަމަށެވެ.

މަސްވެރިކަމުގެ ރޮނގުން ފެނުނު ހަނަފަސް ހަތް އަހަރަަށް ފަހު ތިޔާގެ ކުރިމަގެ ފެނިގެންދާނެ ކަމުގެ އުންމީދު މިއަދު އާވެގެން މިދަނީ

ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުންވެސް މަސްވެރިނަށް ވަރަށް ބޮޑެތި ވަޢުދުތަކެއްވިކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ހާސިލް ނުވާކަމަށް ދިވެހި މަސްވެރިން ހެކިވާނެކަމަށެެވެ. އަދި އެމްޑީޕީގެ މި ސަރުކާރަކީ އެގޮތަށް ކަންކުރާބައެއް ނޫން ކަމަށާއި މިއީ ވަޢުދެއް ވުމަށް ފަހު އެވަޢުދު ފުއްދޭނެ ހުރިހާ މަގުތަކެއް ހޯދާ އަދި ވަކިން ޚާއްސަކޮށް ޤާނޫނީ ކުލަ އެ ވައުދުތަކުގައި ޖައްސައިގެން މަސައްކަތް ކުރިޔަށް ގެންދާނެ ބައެއް ކަމަށެވެ. އެހެން ކަމުން މަސްވެރިކަމުގެ ވަޢުދު ފުއްދުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ބަހުސް ކުރެވެމުންދާ ބިލް ވެގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ބެހޭ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ މިއަދު ފަށާފައިވާއިރު ބިލު ފުރިހަމަ ނުވާކަން ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޖިލީހުގައި މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރުގައި ހިމެނުނު ކަންކަން ބިލުގައި ނުހިމެނޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.