މަސްވެރިކަމުގެ ބިލު ޤާނޫނަކަށް ވެގެން އައުމުން ޒަމާނީ މަސްވެރިކަމަށް ޤާނޫނީ ހިޔާވަހިކަމެއް ލިބިގެންދާނެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ވިދާޅުވީ މި ބިލް ޤާނޫނަކަށް ވެގެން އައުމުން ދިވެހިރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަށް ޤާނޫނީ ހިޔާވަހިކަމެއް ލިބި ފުރިހަމައަށް ބެލެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ރެގިއުލޭޓް ކުރެވި ގެންދާނެ ކަމަށެވެ.
މެމްބަރު ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ މަސްވެރިކަމުގެ ޤާނޫނު އުފެދުނިއްސުރެ މިހާތަނަށް އެ ޤާނޫނަށް އެއްވެސް އިސްލާހެއް ގެނެވިފައިނެތްކަމަށާއި މިހާރު އެ ޤާނޫނަކީ ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީ ވެފައިވާ މިންވަރަށް ބަލާއިރު އެއްވެސް ވަރަކަށް ދިވެހިރާއްޖޭގެ މަސްވެރިކަން ރެގިއުލޭޓުކޮށް ކުރިޔަށް ގެންދިއުމަށް އެކަށޭނަ ޤާނޫނެއް ނޫން ކަމަށެވެ.
"މި ބިލަކީ ބާރަ ބާބެއްގެ މައްޗަށް 80 މާއްދާއަށް އެކުލެވިގެންވާ ވަރަށް ބޮޑު ފްރޭމްވޯކް ޤާނޫނެއް. މި ބިލް ޤާނޫނަކަށް ވުމުން ސަރުކާރުގެ ވުޒާރާތަކުން ހަދަން ޖެހޭ ވަރަށް ގިނަ ޤަވައިދުތަކެއް ހިމެނިގެން ދާނެ" ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މަސްވެރިކަމުގެ ބިލް ޤާނޫނަކަށް ވެގެން އައުމުން މިހާރު ޢަމަލު ކުރަމުން އަންނަ މަސްވެރިކަމުގެ ޤާނޫނު އުވިގެންދާނެކަމަށާއި އެހެން ނަމަވެސް އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެއްބަސްވުންތަކާއި މިހާރު ހިންގެމުންދާ ހަރަކާތްތައް ކުރިޔަށް ދާނެ ކަމަށެވެ.
ހަޤީގަތުގައި މަސްވެރިކަމުގެ ސިނާޢަތަށް އެންމެ ފުރިހަމަ ޤާނޫނީ ކަވަރޭޖެއް ފޯރުކޮށްދެވޭނީ މި ޤާނޫނު ފުރިހަމަ ކުރެވޭނީ ބިލުގައި ބުނެފައިވާ ގަވައިދުތަކެއްވެސް އެކުލެވިގެން މަސްވެރިންނަށް އޭގެ މަންފާ ލިބެން ފެށީމަކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިބިލަކީ ވަރަށް ފުޅާ ދާއިރާއެއްގައި ފަންނީ އެކި ބޭފުޅުންގެ ލަފައާއި އިރުޝާދާއި އެކު އެކުލަވާލެވިފައިއޮތް ބިލެއްކަމަށެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ މިއަދު ފަށާފައިވާއިރު ބިލު ފުރިހަމަ ނުވާކަން ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޖިލީހުގައި މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރުގައި ހިމެނުނު ކަންކަން ބިލުގައި ނުހިމެނޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!